މެދުމިން އިޚުތިޔާރުކުރާށެވެ!



ރީތިކޮށް ހެދުން އެޅުމަށް މަސައްކަތްކުރާ މީހުން ދެކެމެވެ. އެކަމަށްޓަކައި އެމީހުން ގަދައަޅައި މަސައްކަތްކުރެއެވެ. އެމީހުންގެ ފޭރާމުން އެމީހުންނަށް ޚިދުމަތެއް ލިބުމުގެ ބަދަލުގައި، އެމީހުން އެ ފޭރާމަށް ޚިދުމަތްކުރެ އެވެ! އެމީހުން އެއަށް އަޅުވެތިވެއެވެ!

އަންހެނަކުހެން ޒީނަތްތެރި ނުވާށެވެ!
ރަސްކަލަކުހެން ހޭދަނުކުރާށެވެ!
އިސްރާފު ނުކޮށް މެދުމިން އިޚުތިޔާރުކުރާށެވެ!
ސާފުތާހިރުކަމާއި ވަސްމީރުކަމާ އެކުގައެވެ!!!

އެންމެ އަގުބޮޑު ފޭރާމުން ހެދުން އަޅައިގެން މީހުންގެ ތެރޭގައި އުޅޭ ޒުވާނުން ދެކެމެވެ. އެހެން މީހުންގެ ނަޒަރު އެއުރެންނަށް ހުއްޓި، ޝުހުރަތު ލިބެއެވެ. ނަމަވެސް އެއުރެންކުރެ އެކަކު ވެސް، ޢިލްމުވެރިއަކު ކަމުގައި ނުވެއެވެ. އަޅުވެރިއަކު ކަމުގައި ވެސް ނުވެއެވެ. މަތީ މަޤާމެއް ފުރާ މީހަކު ކަމުގައި ވެސް ނުވެ އެވެ. މުޖުތަމަޢުގައި އެއުރެންނަށްވުރެ މާ ޤަދަރުވެރި މީހުން އެބަތިއްބެވެ. ނަމަވެސް އެމީހުންގެ ފޭރާމަކީ، އާދައިގެ މީހުން ލައިއުޅޭ ފޭރާމެވެ.

މިދެންނެވި ޒުވާނުންނާ މުޅިން ތަފާތު އެހެން ބަޔަކު ވެސް ދުށީމެވެ. އެމީހުން ލައިގެން ތިބެނީ، ބާވެ ހަލާކުވެފައިވާ ފޭރާމެވެ. އޭގައިވަނީ ރޫޖެހިފައެވެ. މަތިމައްޗަށް މިލަޖަހައި ހަޑިވެފައެވެ. އެމީހުންނަކު ބޮލާއި ތުނބުޅީގައި ފުނަލެއް ނާޅަ އެވެ. އެމީހުންނީ ޒާހިދު ތަޤުވާވެރިންކަން އެންގުމަށްޓަކައެވެ. އެމީހުން ވަނީ، ބަރަކާތްތެރި އަޅުވެރިންގެ މަގުގައިކަން ދެއްކުމަށްޓަކައެވެ.

މިތުރުންނޭވެ! އެންމެ ހެޔޮކަން ބޮޑީ މެދުމިނުގައެވެ. ޢާއްމުންގެ ތެރެއިން ގިނަބަޔަކު ހެދުންއަޅާ ގޮތުގައެވެ. ޝުހުރަތަކީ ނޭދެވޭ ކަމެކެވެ. ގޮތްބޮޑުކުރުމަކީ ނަފުރަތުލިބޭ ކަމެކެވެ. ހެދުން އެޅުމާއި އެނޫން ކަންތައްތަކުގައި ވެސް ކަން އޮތް މަގީ މިއެވެ.

ދަންނާށެވެ! އަޞްޙާބު ބޭކަލުން، ކަންދެއްކުމާއި ގޮތްބޮޑުކުރުމުން އެއްކިބާވެވަޑައިގެންނެވިއެވެ. އެކަމުގެ ފައިދާ މާތް ﷲ އެބޭކަލުންނަށް ދެއްވިއެވެ. އެބޭކަލުންގެ ޢިލްމުން މީސްތަކުންނަށް މަންފާކުރިއެވެ. އެބޭކަލުންގެ ވައުޒުން މީސްތަކުންނަށް ތެދުމަގު ލިބުނެވެ. އެބޭކަލުން ދިރިއުޅުއްވީ ލުއިފަސޭހަކަންމަތީގައެވެ.

އަޞްޙާބު ބޭކަލުންނާ ޚިލާފަށް ބައެއް މީހުން އުޅެނީ ގިނަ ކަންތައްތަކުގައި މާބޮޑަށް ގޮތް ބޮޑުކޮށްގެންނެވެ. ވާހަކަދައްކާއިރު، ބަސްމަގު ރީތިކޮށްލާނަމޭ ހިތައި ޢާއްމުންނަށް ބީރައްޓެހި ބަސްތައް ބޭނުންކުރެއެވެ. ތަޤުވާވެރިކަން ދައްކައިލާނަމޭ ހިތައި، ތިމާގެ ހިތުގައި ނެތް ޚުޝޫޢަތްތެރިކަމެއް ފާޅުކުރެއެވެ. ތިމާއަކީ ހަމަ އަނެކުން އުޅޭ ގޮތަށް އުޅޭ މީހެއް ކަމަށްވީއިރު ވެސް، އަނެކުންގެ ކުށްތައް ދައްކަ އެވެ. ތަޤުވާވެރިކަމެއް، ވަރަޢަވެރިކަމެއް ނެތި ހިތުހުރި ގޮތަކަށް ފަތުވާދެއެވެ. އެހެން މީހުން އޭނާއަށް ފާޑުކިޔައިފާނެތީ ބިރުންނެވެ. އެހެން މީހުން އޭނާގެ ކުށެއް ދައްކައިފާނެތީ ލަދުންނެވެ.

ކައުއިތުރު ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘްފުޅެއް އިވިއްޖެ ނަމަ ފަތިވަރެއް އަމުނާލައެވެ. އެ ޙަދީޘްފުޅު ރިވާކުރައްވައި ތަޚުރީޖުކުރެއްވި ރާވީންނާއި އިމާމުންގެ ނަންތަކުންނެވެ. ތިމާގެ މޮޅުކަން ދެއްކުމަށެވެ. މީހުންގެ ގާތުގައި މަޤުބޫލުކަން ހޯދުމަށެވެ. ތިމާއަކީ ލައްކަ ގިނަ ތަކެތި ދަންނަ ބޮޑު ޢިލްމުވެރިއެއް ކަމަށް މީހުން ހީކުރޭތޯއެވެ.

އެއީ މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ކުރާ ކަންތައްތަކެއް ނޫނެވެ. އެބީދައިން ޢަމަލުކުރާ ބަޔަކު ދޭ ނަޞީޙަތާއި އިރުޝާދުން މާބޮޑު ފައިދާއެއް ނުކުރާނެއެވެ. އެމީހުން ކިޔަވާދޭ އެއްޗަކުން ދަރިވަރުންނަށް މަންފާއެއް ނުކުރާނެއެވެ. އެމީހުން ދޭ ފަތުވާތަކުގައި އެއްވެސް އަގެއް ނެތެވެ. އެހެނީ، އެމީހުންގެ ޢަމަލުތަކުގައި ރޫޙެއް ނެތެވެ!

ހިތްތަކުގެ ސިއްރުތައް ދެނެވޮޑިގެންވާ މާތް ﷲ ގެ ދީލަތިވަންތަކަމުގެ ބޮޑުކަމާއެވެ!
އެމީހެއްގެ އުޅުމާއި ގުޅުން އިޞްލާޙުކޮށް މެދުމިންކޮށްފި މީހަކަށް އެކަލާނގެ ރަޙުމަތް ލައްވައެވެ!