ނުކުތާތަކެއް



މުއްސަނދިކަމުގެ ދަޅައިގައި ނުޖެހޭށެވެ!
ޤާރޫނު އަވަދިކޮށްލީ އޭނާގެ މުއްސަނދިކަމެވެ.
ޙާލަތާމެދު ބޮޑާ ނުވާށެވެ!
ޙައްލާޖު ޤަތުލުކޮށްލީ އޭނާގެ ޙާލަތެވެ.
މަޤާމާއި ޤަދަރަށް ބަރޯސާ ނުވާށެވެ!
ފިރުޢައުނު ތިރިކޮށްލީ އޭނާގެ މަޤާމެވެ.
އަބޫ ޖަހުލު ނަރަކައަށް ވައްޓާލީ އޭނާގެ ޤަދަރެވެ.
އަބޫ ލަހަބު އަންދާލީ އޭނާގެ ޒަޢީމުކަމުގެ އަލިފާނެވެ.

ހަށިކޮޅުގެ ކަޅުކުލަ، ބިލާލުގެފާނަށް ގެއްލުމެއް ނުދިނެވެ. އެކަލޭގެފާނުގެ ހިތްޕުޅު ސާފެވެ. ޢަޖަމީ ނަސަބު، ސަލްމާނުލް ފާރިސީގެފާނު ފަހެއް ނުކުރި އެވެ. ޢަރަބި ނަބިއްޔާއާ އެކަލޭގެފާނު ތަބާވެވަޑައިގެންނެވިއެވެ. ފަޤީރުކަން، އިބްނު މަސްޢޫދުގެފާނު ކަސްތޮޅެއް ނޭޅި އެވެ. އެކަލޭގެފާނުގެ ހިތްޕުޅު ތަނަވަހެވެ. ހެޔޮކަމުން ޒައްރެއް ވެސް އަބޫ ޒައްރުގެފާނަށް އުންޏެއް ނުވި އެވެ. ޔަޤީންކަމުގެ ފަރުބަދަތައް އެކަލޭގެފާނުގެ މޭފުޅުގައިވިއެވެ.

އަރަހުށި މާތް ﷲ ގެ ހުސްޠާހިރުވަންތަކަމުގެ ބޮޑުކަމާއެވެ!
ތިބާ އެކަލާނގެ ހަނދުމަކޮށް ޒިކުރުކޮށްފިނަމަ، މަތިވެރިކުރައްވައެވެ.
ތިބާ އެކަލާނގެ ޙަޟުރަތަށް ޝުކުރުކޮށްފިނަމަ، އިތުރުކުރައްވައެވެ.
ތިބާ އެކަލާނގެ ޙަޟުރަތަށް ވަކީލުކޮށްފިނަމަ، ފުއްދަވައިދެއްވައެވެ.
ތިބާ އެކަލާނގެ ޙަޟުރަތަށް ދަންނަވައިފިނަމަ، ހިންމަވައިދެއްވައެވެ.
ތިބާ އެކަލާނގެ ޙިމާޔަތަށް އުންމީދުކޮށްފިނަމަ، ރައްކާތެރިކުރައްވައެވެ.

މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވެ ތަވާޟުޢުވެރިވުން، ކިސްރާގެ ރަސްކަމަށްވުރެ މާމޮޅެވެ.
އެކަލާނގެ ޙަޟުރަތަށް ތިރިވެ ސަޖިދަކުރުން، ޤައިޞަރުގެ ޢިއްޒަތަށްވުރެ މާމަތިވެރިއެވެ.

އީމާންކަމުން ހިތް ބިނާކުރާށެވެ!
ޔަޤީންކަމުން ހިތް އާރާސްތުކުރާށެވެ!
އޭރުން ރަސްރަސްކަލުންގެ ގަނޑުވަރުތަކަށް ހިތެއް ނުކިޔާނެއެވެ!!!

މާތް ﷲ ހިންޏެއް ހަލާކުރައްވަން އެދިވޮޑިގެންފިނަމަ، އޭގައި ފިޔަ ލައްވައެވެ.
ފަންޏެއް ނެއްތަވައިލައްވަން އެދިވޮޑިގެންފިނަމަ، އެއަށް އުފާފާގަތިކަން ދެއްވައެވެ.

ބަކަރީގެ މަރު ވަނީ އޭގެ ނިޔަފަތީގައެވެ.
ހަރުފައިގެ ދިރުން ވަނީ އޭގެ ވިހައިގައެވެ.

މިންވަރުފުޅަށް އީމާންވާށެވެ! މަނާކުރައްވާފައިވާ ކަންތައްތައް ދޫކޮށްލާށެވެ! މިންވަރުފުޅަށް އުޒުރުވެރިވާނެ ޖާގައެއް ނެތެވެ. މިންވަރުކުރައްވާފައިވަނީ، ތިމާގެ ޤަޞްދަކާ ނުލައި ކުރިމަތިވާ ކަންތަކެވެ. އަމިއްލައަށް ޤަޞްދުގައި ކުރާ ކަންތަކާމެދު ޒިންމާދާރުވާން ޖެހޭނެއެވެ.

ފާފަކުރުމުގައި ޖަބަރީއަކަށް ނުވާށެވެ!
ކިޔަމަންގަތުމުގައި ޤަދަރީއަކަށް ނުވާށެވެ!
ނުކުތުމުގައި ޚަވާރިޖީއަކަށް ނުވާށެވެ!
ނަފުސާއެކު މުރުޖިއީއަކަށް ނުވާށެވެ!
މިތުންނާއެކު ގުޅުން ކަނޑާލާ މީހަކަށް ނުވާށެވެ!

ނަމަވެސް ...
އަނެކުންގެ ޙައްޤުތައް ދިނުމުގައި އަގުހުރި މީހަކަށް ވާށެވެ!
ދުޝްމަނުކަން ދޫކޮށްލާށެވެ!
ތިމާއަށް އެހެން މީހުން މަދަޙަކިޔަ ނުދޭށެވެ! އެއީ ނަފުސަށް ދެރަ އެއްޗެކެވެ.
ޝައިޠާނާގެ ވަސްވާހުގެ މައްޗަށް ތައުޙީދުގެ އައްޑަނައިން އީމާންކަން ގަދަކޮށް ދަމަހައްޓާށެވެ!

އެދުންވެރިކަން ފުނޑުފުނޑުކޮށްލާށެވެ! ޙައްޤުގޮތުގައި މެނުވީ އޭގެ ރަހަނުބަލާށެވެ!
ހެޔޮ ޢަމަލުތައް ކުރަމުން ގޮވާލާށެވެ!
"ޤުރުބާންކުރަމާ ހިނގާށެވެ! މާތް ﷲ އެތަކެތި ޤަބޫލުކުރައްވާށިއެވެ!"

ދުންޔަވީ މުޞީބާތްތައް ކުރިމަތިވާ ހިނދު، ޙަންބަލީއަކަށް ވާށެވެ!
އަޅުކަންކުރުމުގެ މަންހަޖުގައި ސުންނީއަކަށް ވާށެވެ!
އަބޫދާވޫދުގެ ފުތުގެ ބިދުޢައަށް ދުރާއި ގާތުން ޖާގައެއް ނުދޭށެވެ!
އޭނާގެ މިތުރުންގެ މަގަކުން މަގުފުރެދިގެން ވެސް ނުދާށެވެ!

<><><>


ޤާރޫނު: މީނާއަކީ މޫސާގެފާނުގެ ޒަމާނުގައި އުޅުނު ބަނީއިސްރާއީލު ބާގައިގެ މަހުޖަނެކެވެ.

ޙައްލާޖު: މީނާއަކީ ޞޫފީންގެ އިމާމެކެވެ. މީނާ ޤަތުލުކުރަން ޖެހުނީ "ތިމަންނާގެ ޖުއްބާ ތެރޭގައި މާތް ﷲ ފިޔަވައި އެހެން ފަރާތެއް ނެތް ކަމަށް" މީނާ ދަޢުވާކުރުމުންނެވެ.

އަބޫ ޖަހުލު: މީނާއަކީ، ޢަމްރު ބިން ހިޝާމު ބިން އަލްމުޣީރާ ބިން ޢަބްދު ﷲ ބިން ޢުމަރު ބިން މަޚުޒޫމެވެ. މީނާއަކީ ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާ، ވަރަށް ބޮޑަށް ދުޝްމަނުވެގެން އުޅުނު ނުލަފާ މީހެކެވެ. މީނާއަށް "އަބޫޖަހުލު" ގެ ވަނަން ދެއްވީ އިތުރު އެކަލޭގެފާނެވެ.

އަބޫ ލަހަބު: މީނާއަކީ، ޢަބްދުލްޢުއްޒާ ބިން ޢަބްދުލް މުއްޠަލިބެވެ. ނަސަބުގެ ގޮތުން މީނާއަކީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ބޮޑުބޭބޭ ފުޅެކެވެ. މީނާއަށް "އަބޫލަހަބު" ގެ ލަޤަބު ދެވިފައިވަނީ، މީނާގެ މޫނުގެ އަލިކަމާއި އުޖާލާކަމަށްޓަކައެވެ.

ސަލްމާނުލް ފާރިސީގެފާނު: މިކަލޭގެފާނަކީ، ފާރިސްކަރައިގެ ބޭކަލެކެވެ. މިކަލޭގެފާނަކީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މާތް އަޞްޙާބު ބޭކަލެކެވެ. ތެދުމަގު ހޯއްދެވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރެއްވިއެވެ. ދީންތަކުގެ ޙަޤީޤަތް ހޯއްދަވައި، އިސްލާމްދީނަކީ ޙައްޤު ދީންކަން އެނގިވަޑައިގަތުމުން، މި މާތް ދީނަށް ވެދެވަޑައިގަތެވެ.

ބިލާލުގެފާނު: މިކަލޭގެފާނަކީ، ބިލާލު ބިން ރަބާޙާއެވެ. އެފްރިކާ ނަސްލުގެ ބޭކަލެކެވެ. ހަށިކޮޅުގެ ކުލަ ކަޅެވެ. އިސްލާމްވެ ވަޑައިގެންނެވުމުގެ ކުރިން، މިކަލޭގެފާނު ޤުރައިޝު ވަންހައިގައި ދިރިއުޅުއްވީ އަޅެއްގެ ގޮތުގައެވެ. ސާހިބަކީ އުމައްޔަތު ބިން ޚަލަފެވެ. މިކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުން، ނުހަނު ގިނަ އަނިޔާ، މިކަލޭގެފާނަށް ސާހިބުމީހާގެ ފުށުން ލިބިވަޑައިގަތެވެ. އެ އަނިޔާއަށް ކެތްތެރިވެވަޑައިގެން، މާތް ﷲ ގެ އެއްކައުވަންތަކަމުގެ ޝިޢާރު މިކަލޭގެފާނު އުފުއްލެވިއެވެ. މިކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ، އަޑުފުޅު ރީތި ބޭކަލެއްގެ ގޮތުގައެވެ. ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ބަންގީގެ އަޑު އުފުއްލަވާ މުއައްޛިނުގެ މަޤާމަށް މިކަލޭގެފާނު އިސްކުރެއްވިއެވެ.

އިބްނު މަސްޢޫދުގެފާނު: މިކަލޭގެފާނަކީ، ޢަބްދު ﷲ ބިން މަސްޢޫދު ބިން ޣާފިލު ބިން ޙަބީބުލް ހުޒަލީއެވެ. މިކަލޭގެފާނަކީ، ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ މާތް އަޞްޙާބު ބޭކަލުންގެ ތެރެއިން ޢިލްމުވެރިކަމަށް އަރާހުންނެވި ބޭކަލެކެވެ. އެންމެ ފުރަތަމަ، ހަރުއަޑުން ފާޅުގައި ކީރިތި ޤުރުއާން ކިޔަވާވިދާޅުވާން ފެށްޓެވީ މިކަލޭގެފާނު ކަމަށް ރިވާވެފައިވެއެވެ.

އަބޫޒައްރުގެފާނު: މިކަލޭގެފާނަކީ، ޖުންދުބް ބިން ޖުނާދަތުލް ޣަފާރީއެވެ. ފަސްވަނައަށް އިސްލާމްދީނަށް ވެދެވަޑައިގަތީ މިކަލޭގެފާނު ކަމަށް ބުނެވެއެވެ. ޒާހިދުކަމާއި ތެދުވެރިކަމާއި ޢިލްމުވެރިކަމުގައި ފުންނާބު އުސް ބޭކަލެކެވެ. ޢިލްމާ އެއްގޮތަށް ޢަމަލުފުޅުތައް ބެހެއްޓެވީ، މީހަކު ކޮށްފާނެ މަލާމާތަކަށް ބެއްލެވުމެއް ނެތިއެވެ.

ޖަބަރީން: މިއީ މަގުފުރެދިފައިވާ ފަލްސަފީ ޖަމާޢަތެކެވެ. މި ޖަމާޢަތުގެ އަހުލުވެރިން ބުނާ ގޮތުގައި، އަޅުތަކުން ކުރާ ޢަމަލުތައް އެއުރެން ކުރަނީ މަޖުބޫރީ ޙާލަތެއްގައެވެ.

ޤަދަރީން: މިއީ މަގުފުރެދިފައިވާ ފަލްސަފީ ޖަމާޢަތެކެވެ. މި ޖަމާޢަތުގެ އަހުލުވެރިން މިންވަރުފުޅު މާނަކުރަނީ ކުށް މަފުހޫމުތަކަކުންނެވެ. އަޅުތަކުން ކުރާ ޢަމަލުތައް އެއުރެން ކުރަނީ އެމީހުންގެ އަމިއްލަ އިޚުތިޔާރާއި ބާރުގައި ކަމަށް މިބައިމީހުން ބުނެއެވެ. އަދި އަޅުތަކުންގެ ޢަމަލުތައް މާތް ﷲ އިސްވެ ދެނެވޮޑިގެން ނުވާކަމަށް ވެސް ބުނެއެވެ.

ޚަވާރިޖީން: މިއީ މަގުފުރެދިފައިވާ ދީނީ ޖަމާޢަތެކެވެ. މިޖަމާޢަތް ފާޅުވީ ޢަލީގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައި އުފެދުނު ސިޔާސީ ބައިބައިވުންތަކުގެ ތެރޭގައެވެ. މި ޖަމާޢަތުގެ މީހުންގެ ނަޒަރުގައި ބޮޑު ފާފައެއް ކޮށްފި މީހާއަކީ ކާފިރެކެވެ. އަދި އެމީހާއަކީ، ދާއިމަށް ނަރަކައިގައި ދެމިހުންނާނޭ މީހެއް ކަމަށް ވެސް ބުނެއެވެ. މުސްލިމުންގެ ވެރިންނާ ދެކޮޅަށް ނުކުތުމަކީ މިޖަމާޢަތުގެ އަހުލުވެރިންގެ ޚާއްޞަ ސިފައެކެވެ.

މުރުޖިއީން: މިއީ، ބޮޑު ފާފަކުރާ މީހާއާމެދު ޚަވާރިޖުން ދެކޭ ގޮތާ ދެކޮޅު ހަދާ ޖަމާޢަތެކެވެ. މިމީހުންނަކީ ބަސްބުނުން ކުރިޔަށް ނެރެ، ޢަމަލުކުރުން ފަސްކުރާ ބަޔެކެވެ. މިމީހުން ބުނާގޮތުގައި، އީމާންވެގެން ހުރި މީހަކު ކުރާ ފާފައަކުން އޭނާއަކަށް ގެއްލުމެއް ނެތެވެ. މި ޖަމާޢަތުގެ ފިކުރަކީ، ފާފަކުރުމަށް ހިތްވަރުދޭ ފިކުރެކެވެ.

"މުޞީބާތްތައް ކުރިމަތިވާ ހިނދު، ޙަންބަލީއަކަށް ވާށެވެ!" މިހެން ބުނަނީ، އިމާމު އަޙުމަދަށް ކުރެވުނު ގިނަގުނަ އަނިޔާތަކަށް އެކަލޭގެފާނު ކެތްތެރިވެ ވަޑައިގެންފައި ވާތީ އެވެ. މިބަހުގެ ދޭހައަކީ، އިމާމު އަޙުމަދު ފަދައިން މުޞީބާތްތަކަށް ކެތްކުރާށެވެ!

އަބޫދާވޫދުގެ ފުތުގެ ބިދުޢަ: މީނާ އުފެއްދި ބިދުޢަ ބުނާ ގޮތުގައި، ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ކަލާމްފުޅެއް ނޫނެވެ. އެކަމަކު އެއީ އެކަލާނގެ ޚަލްޤުކުރައްވާ މަޚުލޫޤެކެވެ. މިއީ، ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ރައުޔާ ޚިލާފު ބާޠިލު ރައުޔެކެވެ.