އެއީ ކޮން އެއްޗެއް؟


ޗާޓު ފޮތެކެވެ. ހިތްތަކުގެ ޗާޓުތައް ވެއެވެ.
އުފާފާގަތިކަމުގެ މަންޒިލްތައް ވަނީ ފަވާފައެވެ.

ބޯދާ ވާހަކަ ފޮތެކެވެ. ގިނަގުނަ ވާހަކަތައް ވެއެވެ.
އެއް ޖީލުން އަނެއް ޖީލަށް ނަގުލުކުރީ ހިތްތަކެވެ.

މޮޅު ސެންޓެކެވެ. ހާދަހާ މީރުވަހެއް ދުވައެވެ.
އުތުރެނީ މާތައް ފަރިވެ ފޮޅެމުންދާ ހިތްތަކުންނެވެ.

ކުރިތައް ފަޅާނެ އޮށެކެވެ. ޢިނާޔަތްތެރިކަން މުހުތާދެވެ.
ހެދިބޮޑުވުމުގެ ކާނާއާއި ފެނަކީ އަޅާލުމާއި އޯގާތެރިކަމެވެ.

ރީތި ހިނިތުންވުމެކެވެ. ރޫތަކަށް މޮޅު ފަރުވާއެކެވެ.
އެކަނިވެރިކަން ބަރުދާސްތުކުރާ ހިތްތަކުގެ ރޫތަކެވެ.

މިޞްރާބު ދައްކާ ސަމުގާއެކެވެ. ބަހައްޓާފައިވަނީ ހިތުގައެވެ.
ޢިޝްޤުގެ މަންޒިލްތަކަށް ކަށި ހުއްޓެއެވެ.

ރީތި ޢިބާރާތެކެވެ. އުފަލާއި ހިތާމަ ބުނެދެ އެވެ.
ހިތުގެ ޢުމުޤުން ލިޔެވޭނެ އެންމެ ރީތި ޢިބާރާތެވެ.

ގަދަ އޮއިވަރެކެވެ. ބާރުފޯރުވޭ ވަރަށްވުރެ މާގަދައެވެ.
ހިތްތައް އެއާއެކު ބެހިގެންދެއެވެ.

މަޑުމައިތިރި ތަވާޟުޢުވެރިކަމެކެވެ. ކޮންމެ މީހަކަށް ނުލިބޭނެއެވެ.
ކިބުރުވެރިންނަށް ލިބޭނީ، އެމީހުންގެ އަމިއްލަ ނަފުސަށްޓަކައެވެ.

ވަރުގަދަ އިންޤިލާބެކެވެ. ޤާއިދަކީ ހިތެވެ.
ޝުޢޫރުތަކުގެ ޙައްޤުގައި ގެންނަ ރިވޮލިއުޝަނެކެވެ.

ފޮނި ފޮނި މޭވާއެކެވެ. ހެދި ބޮޑުވަނީ ހިތުގައެވެ.
ދޮންވެ ފައްކާވުމުން ޙަޔާތަށް މީރު ރަހަ ލިއްބައިދެއެވެ.

ބުރަދަންހުރި ބަރެކެވެ. ޝުޢޫރުތަކުގެ އެންމެ ފުނަށް ގަންބާލައެވެ.
ބަނިޔާދަންކަމުގެ ރަންމުތްތައް ދެއްކުމަށްޓަކައެވެ.

ޝިކާރަކުރާ ބާޒެކެވެ. ހިތް ޖަހައިގަނެގެން ދެއެވެ.
ޙަޔާތުގެ ދަތުރުނާމާ ފުރިހަމަކުރުމަށްޓަކައެވެ.

އަގުބޮޑު ޖަވާހިރެކެވެ. ދަގުއި މަދުވިވަރަކަށް އަގު ބޮޑުވެދެއެވެ.
ދޮގާއި މަކަރާއި ޙީލަތް ފަދަ ދަގުޔެވެ.

ބިޔަ ފަރުބަދަ އެކެވެ. ބިންހެލުމެއް އަޔަސް ގުޑުމެއް ނާރައެވެ.
ތެދުވެރިކަމާއި އިޚުލާޞްތެރިކަމުގައި ދެމިހުރިހައި ހިނދަކުމެއެވެ.

ޗޭނަކުން ބޮޅެކެވެ. ގެތެމުންދާ ޗޭނެކެވެ.
ހުއްޓުމެއް ނެތި ކުރިޔަށްދާ ޙަޔާތުގެ ސިލްސިލާގައެވެ.

ފުން ވަޅެކެވެ. ވެއްޓޭއިރު އެންމެން ހަމަހަމައެވެ.
ލޮލަށް ފެނުމުން މަޙުރޫމުވެފައިވާ މީހުންނާއި އެނޫން މީހުންނެވެ.

ފާޅުކަން ބޮޑު ޙަޤީޤަތެކެވެ. ހިތްތަކަށް އެކަން އެނގެއެވެ.
ޙަޤީޤަތް ސިއްރުކުރުމަކީ އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

އާރާސްތުވާ ބިނާއެކެވެ. ތަނބުތަކަކީ ތެދުވެރިކަމެވެ.
ބިންގަލަކީ އިޚުލާޞްތެރިކަމާއި އެކުވެރިކަމާއި ވަފާތެރިކަމެވެ.

ތޫނު ޚަންޖަރެކެވެ. ހިތުގެ މެދަށް ހަރާލައެވެ.
ދިރުމާއި އާރޯކަން ފޯރުކޮށްދިނުމަށްޓަކައެވެ.

ހައިބަތުހުރި ޚުޝޫޢަތްތެރިކަމެކެވެ. ކުއްތަންވުމަށްޓަކައެވެ.
އަހަރެމެންނަށް ދިރުން ދެއްވި ފަރާތަށެވެ.

އަސަރުގަދަ ކަރުނަ ތިއްކެކެވެ. ފައިބަނީ ހިތުންނެވެ.
އުފާވެރިކަމުގެ ކުންނަށް ވާޞިލުވާ ހިނދުގައެވެ.

އުންމީދީ ނިދާއެކެވެ. މުލުހާލެއްގެ ގޮވާލުން ފަދައެވެ.
ނިދާފައިވާ ހިތްތައް ހޭލައްވާލައެވެ.

އަގުހުރި ފިލާވަޅުތަކެކެވެ. އުނގެނި ދަސްކުރުން މޮޅެވެ.
ފުރަތަމަ ފިލާވަޅު ލިބެނީ އުފަންވާއިރުގައެވެ.

ކުޑަކުޑަ ޒައްރެކެވެ. ލޮލަކަށް ނުފެނެ އެވެ.
ވެރިވެއްޖެނަމަ މުޅި ހިތަށް ރަސްކަންކުރެއެވެ.

ޚާލިޞް ރަނެވެ. އަގުބޮޑު މަޢުދަނެކެވެ.
އަނާނިއްޔަކަން ވެރިވެއްޖެނަމަ ގަޑުބަޑުވެދެއެވެ.

ދެމިހުންނަނިވި ޒިކުރާއެކެވެ. ވަކި ބާވަތެއްގެ ހިތްތަކަށެވެ.
ޒަމާނުގެ ދިގު މަގުގައި އެއާއެކު ދަތުރުކުރި ފަތުރުވެރިންގެއެވެ.

ރަނގަބީލު ޖަހާ ރާގެކެވެ. ނަލަ އަޑެކެވެ.
ޣާފިލުވެފައިވާ ހިތްތައް ހޭލައްވާލައެވެ.

ދިގު ވާހަކައެކެވެ. އެތައް ޗެޕްޓަރެއް ވެއެވެ.
ހާދިސާތައް ތަޞްވީރުވެފައިވަނީ ހިތްތަކުންނެވެ.

ބަހާރު މޫސުމެކެވެ. އަންނަނީ ހިތްތަކަށެވެ.
މާމެލާމެލިން މާތައް ފޮޅުވައި އުފާވެރިކަން ގެނެސްދެއެވެ.

ޗާލު ކުރެހުންގަނޑެކެވެ. ފެންނަނީ ހިތުގެ ބިތުންނެވެ.
އެތައް ވާހަކައަކާއި ލަވައެއް ޖަމާވެފައިވެއެވެ.

ބާރު ގަދަ ޠޫފާނެކެވެ. ހިތްތަކުގެ ޞަޙަރާތަކަށް އަރައެވެ.
އިޙުސާސްތަކުގެ ވެލިފުނިތައް ބުރުއްސާލައެވެ.

ސާފު ޒުމުއްރަދެކެވެ. އަލިމަހެއް ފަދައެވެ.
އެކަނިވެރިކަމުގެ އަނދިރީގައި ވެސް ވިދައި ބަބުޅައެވެ.

ބާރުގަދަ މަސްތެކެވެ. ޙަޔާތުގެ އިކުސީރެކެވެ.
ހަބަރުގެ ހިތިކަން ކަނޑުވާލާ ދަވާއެކެވެ.

އެތައް ފޮޅުވަތްތަކެކެވެ. ލިޔަނީ ހިތެވެ.
ޙަޔާތުގެ ފަތްފުށްތަކުގަ އެވެ.

ވާދަވެރި މުބާރާތެކެވެ. ވާދަކުރަނީ ހިތްތަކެވެ.
ނިމޭ ހިސާބަށް ވާޞިލުވެއްޖެ ނަމަ ނާކާމިޔާބުވެއެވެ.

އަލިގަދަ ދަންމަރެކެވެ. ހިތްތަކަށް މަގުދައްކައެވެ.
އެކަނިވެރިކަމުގެ އަނދިރީގައެވެ.

ތަނަވަސް އައްސޭރިއެކެވެ. ހިތްތައް އުކާލެވިފައި ވެއެވެ.
އައްސޭރިފަށުގައިވާ މުތްތޮށިތަކެއް ފަދައިންނެވެ.

އެއީ ސުމެކެވެ. އެއާ ނުލައި ހިތަކީ ސުމެކެވެ.
ރަނގަޅު ތަނުގައި ޖަހައިފިނަމަ ހިތުގެ އަގު މަތިވެދެއެވެ.

އިތާގެ މުތެކެވެ. އޮތީ ހިތުގެ އަޑީގައެވެ.
ކުޅަދާނަ ފީނުންތެރިއަކަށް ނޫނީ ނުނެގޭނެއެވެ.

މުޖައްރިބު ބޭހެކެވެ. ފުރިހަމަ ޝިފާ ލިއްބައިދެއެވެ.
ބޭފަވާތެރިކަމުގެ ތީރުތައް ޒަޚަމްކުރި ހިތްތަކަށެވެ.

ބިކަޙާލުގައިވާ ނިކަމެއްޗެކެވެ. ބައެއް ޙާލަތްތަކުގައެވެ.
ތަޞައްރަފު ނުފުދޭ ޖާހިލުންގެ ގާތުގައެވެ.

ތެދުވެރި ޒަމީރެކެވެ. ގުޅިފައިވަނީ ހިތާއެވެ.
ޙައްޤުގެ އަޑު ތާއަބަދު އުފުލައެވެ.

އުދުހޭ ދޫންޏެކެވެ. އުންމީދުގެ ފިޔައިންނެވެ.
މާޔޫސްވެފައިވާ ހިތްތަކަށް އުންމީދުތައް ހިފައިގެންނެވެ.

ހަނޑޫ ކަނޑާ ވަނެކެވެ. ބޭނުންވަނީ ހަކަތައެވެ.
ސާދާ އިޙުސާސާއި ތާޒާ ޝުޢޫރުގެއެވެ.

މޮޑެފައިވާ ފުށްގަނޑެކެވެ. ޙަޔާތުގެ ޒަރޫރަތެކެވެ.
ބާއްޖަވެރި ކަމުގެ ކާނާ އުފައްދައެވެ.

ގަތާފައިވާ އިސްތަށިގަނޑެކެވެ. އެލިފައިވަނީ ހިތުންނެވެ.
އުފެދިފައިވަނީ ނާޒުކު ޝުޢޫރުތަކުންނެވެ.

ފެތުރިފައިވާ ހިޔަލެކެވެ. ހިތުގެ ބައްރުގައެވެ.
ރަށްވެހިވާނީ ވަފާތެރި އިޚުލާޞްތެރިންނެވެ.

ރީތި ޙާލަތެކެވެ. ބާއްޖަވެރި ކަމުގެ އެޑްރެހެވެ.
އުންމީދުގެ ދެލިން ސޮއިކުރެއެވެ.

ރާގުފުމޭ އޮނެކެވެ. ޖަޒުބާތުގެ ރާގުތައް އިއްވައެވެ.
ދަގައްފާނަށް ދަގަނޑު ދަމާހެން، ހިތްތައް ދަމައިގަނެއެވެ.

މިނިވަން ދިދަ އެކެވެ. ހިތުގެ ކުނބަށް ނެގެއެވެ.
ނާޒުކު ޝުޢޫރުތަކުގެ ވައިން ވިހުރެއެވެ.

ބޮޑުވާ ބިއްލޫރި ގަނޑެކެވެ. ހިތްބަލާ ލެންސެކެވެ.
އަޞްލު ސައިޒަށްވުރެ މާ ބިޔަކޮށް ދައްކައިދެއެވެ.

މަންޒިލް މަޤުޞޫދެކެވެ. ހުއްދަކުރެއެވެ.
ވާޞިލްވުމަށްޓަކައި ހިތްކުރާ ކޮންމެ ކަމެކެވެ.

ހިމުން ހިރަފުހެކެވެ. ހިތުގައި ފަޝަލަތައް ލައެވެ.
މުޅިން ފިލުވާލުމަކީ މުސްތަޙީލުކަމެކެވެ.

އަރަމުންދާ ރަތްވިލާތަކެކެވެ. ހިތާމަތަކަށް އިރު އޮއްސުމުންނެވެ.
އުންމީދުގެ ހުޅުކޮޅު ދިއްލުމަށްޓަކައެވެ.

ރުއް ކަނޑާ ފުރޮއެކެވެ. ހިތާމައިގެ ހާސަރުތައް ކަތިލައެވެ.
ޙަސަދައާއި ރުޅި ވެސް ފޮތިފޮތިކުރެއެވެ.

ބާރަށް ދުވާ އަހެކެވެ. ހުއްޓުވާލާކަށް ލާހިކެއް ނޫނެވެ.
މިޞްރާބު ސީދާކުރެވޭނީ ބުއްދީގެ ލަގަނަކުންނެވެ.

ތަނަވަސް ފަޒާއެކެވެ. ހިތްތައް ފެތުރިފައިވަނީ ތަރިތައް ފަދައިންނެވެ.
ވިދައި ބަބުޅަނީ އީމާންކަމުގެ ނޫރެވެ.

ހިތްވަރު ގަދަ ލީޑަރެކެވެ. ހިތްތަކަށް މަގުދައްކައެވެ.
ސަރާސަރު ތަނަވަސް މައިދާނަކަށެވެ.

ކާފިޔާ ހަމަ ޅެމެކެވެ. ވަޒަނަށް ފެތެއެވެ.
ޞަދާ އިވެނީ ޝާޢިރީ ޙަޔާތުންނެވެ.

ޙިކުމަތްތެރި ޤަލަމެކެވެ. ކާތިބަކީ ހިތެވެ.
ޙަޔާތުނާމާގެ ރީތި ކަމާއި ޗާލޫކަން ލިޔައެވެ.

މޮޅު ލިޔުންތެރިއެކެވެ. ޝުޢޫރުތަކުން ފޮތް ހަދައެވެ.
ހުރިހައި ހިތެއްމެ ކިޔާނެ ފޮތެވެ.

އިލެކްޓްރިކް ހަކަތައެކެވެ. ހިތުގެ ބޮކި ދިއްލައެވެ.
ވިންދުތައް ބާއްޖަވެރިކުރެއެވެ.

ބޮޑު އެކުމާފާނެކެވެ. ނުލާހިކު ރީއްޗެވެ.
ޙަޔާތުގެ ކުތުބުޚާނާގައި މަޝްހޫރެވެ.

އަގުބޮޑު މުތީއެކެވެ. ހިތުގެ އިތާގައި އުފެދެން ފަށައެވެ.
ރަންމުތެއްވަރު ވާން ދުވަސްކޮޅެއް ނަގައެވެ.

ލޯގަނޑެއްގައިވާ ތަޞްވީރެކެވެ. ކުރެހީ ހިތެވެ.
ކުލަޖެއްސީ ޚިޔާލާއި ފިކުރުންނެވެ.

މަޑުމައިތިރި ރާގެކެވެ. ދިރުން ހުރި ލަޙުނެކެވެ.
ހިތުގެ ގިޓާގައިވާ ނަރުތަކުން ކުޅެއެވެ.

ފަލަކުގެ އޯބިޓެކެވެ. ޕްލެނެޓަކީ ހިތެވެ.
ޚިޔާލާތުގެ ފަޒާގައި ދައުރުކުރެއެވެ.

ތަނަވަސް ސްޓޭޖެކެވެ. މަންޒަރުތައް ދައްކައެވެ.
ޙަޔާތުގެ މަސްރަޙު ތަޞްވީރުކުރެއެވެ.

ދުރު ބަލާ ކިޑިކީ އެކެވެ. އުންމީދުގެ އަލިކަން ވަދެއެވެ.
ހިތްތައް އުޖާލާކުރާ ދޯދިތަކެއް ފަދައިންނެވެ.

ގެތެމުންދާ ފޭރާމެކެވެ. ނާޒުކު ޝުޢޫރުތަކުންނެވެ.
އެންމެ ބާރުގަދަ އިޙުސާސްތަކުންނެވެ.

ރީތި ނަޝީދެކެވެ. ހިތުދަސްކުރެވޭ ތަރާނާއެކެވެ.
އަބަދުމެ ކިޔޭ ލަވައެކެވެ.

އަލިގަދަ އިކުލީލެކެވެ. ހިތުގެ ވަށައިގެން ފާޅުވެއެވެ.
އީމާންކަމުގެ ނޫރު ފަތުރާލަ އެވެ.

ވައިސާފު އާބުހަވާއެކެވެ. ތަންސާފު މަންޒިލެކެވެ.
ހިތްތަކަށް ނޭވާލެވޭނެ ދެވަނަ ތަނެއް ނެތެވެ.

އައިބުކިޔާ ހަޖުލެކެވެ. އެކަނިވެރިކަމާއި އަނާނިއްޔަތަށެވެ.
ސަނާކިޔާ މަދަޙައެކެވެ. އުލްފަތާއި އެކުވެރިކަމަށެވެ.

އަވަހަށް ފެތުރޭ ވަބާއެކެވެ. ހިތްތައް ބަލިކަށިކޮށްލައެވެ.
މިންޖުވުމަށްޓަކައި ދެވޭނެ ފަރުވާއެއް ނެތެވެ.

ގިޓާގެ ނަރެކެވެ. އުފާވެރި ރާގުތައް ކުޅެއެވެ.
މުސީޤާރަކީ ހިތެވެ.

ސަރާސަރު ބިމެކެވެ. ފެހި ދަނޑެކެވެ.
ފެތުރިފައިވަނީ ހިތުން ހިތަށެވެ.

އަގު ބޮޑު ޔާޤޫތެކެވެ. ނުލާހިކު ޗާލެވެ.
އިޚުލާޞްތެރިކަމުގެ ފަރުބަދައެއްގައި ނޫނީ ނުވާނެއެވެ.

ހުދު ކޮތަރެކެވެ. ހިތުން ހިތަށް އުފުލައެވެ.
އަމާންކަމާއި އެކުވެރިކަމުގެ މެސެޖެވެ.

ފިނިފެންމަލެކެވެ. މީރު ވަސް ފަތުރައެވެ.
ގުޅިލާމެހޭ ހިތްތަކުގެ ބަގީޗާގައެވެ.


ސ. އެއީ ކޮން އެއްޗެއް؟
ޖ. އެއީ ލޯތްބެވެ.