ތިބާގެ ޢުމުރު އިތުރަށް ކުރުނުކުރާށެވެ!



ބައެއް މީހުންނަށް އާދަޔާ ޚިލާފު ކުޅަދާނަކަމެއް ލިބިފައިވެއެވެ. ޚިޔާލާއި ފިކުރު ނުތަނަވަސް ކުރުމުގެ ކުޅަދާނަ ކަމެވެ. ކަންބޮޑުވުމާއި ހިތްދަތިކަން ލިބިގަތުމުގެ ކުޅަދާނަކަމެވެ. އެމީހުންނަކީ، ފާސިދު ޚިޔާލުތަކުން ވިސްނުމާއި ފިކުރު ކިލަނބުކޮށްލަން މޮޅު ބަޔެކެވެ.

އެއިން މީހަކު، މާޒީ ހަނދާންކުރާނީ، ފާއިތުވެފައިވާ ވޭނާއި ކެކުޅުމުންނެވެ.
މުސްތަޤުބަލަށް ބަލާނީ، މާކުރިން ކުރިމަތިވެފައިވާ ހިތާމަތަކުގެ ދުރުމިންނެވެ.
ޙަސަދަވެރިޔަކު ބުނެފައިވާ ބަދު ބަހެއް ހަނދާންކޮށް އެއިން ބަލިމަޑުކަން ލިބިގަނެއެވެ.
ތިމާގެ ޙައްޤުތަކަށް އަރައިގަތް އެތައްބަޔެއްގެ ވާހަކަދައްކައި އެމީހުންގެ މައްޗަށް ޙަސަދަވެރިވެއެވެ.
ތިމާގެ އަނބިމީހާ ހޭދަކޮށް އިސްރާފުކުރާތީ ރުޅިގަދަވެއެވެ.
ތިމާގެ ދަރިފުޅު ބަސްނާހާތީ ހަޅޭއްލަވައެވެ.
މާކުރިން ގެއްލިފައިވާ އެއްޗަކާމެދު ހިތާމަކުރެއެވެ.
ކޮންމެވެސް ބައްޔެއް ޖެހިދާނެތީ ކަންބޮޑުވެއެވެ.
އެއިން މީހެއްގެ ހިތާމައާއި މުޞީބާތުގެ ލިސްޓު ވަރަށް ދިގެވެ.
މިބާވަތުގެ އެތައް ކަމެއް އޭގައިވެއެވެ.

ހިތްހަމަޖެހުމާއި ބާއްޖަވެރިކަމަށް އެދޭ މީހާ އެވެ! ތިބާގެ ޢުމުރު އިތުރަށް ކުރުނުކުރާށެވެ! ޢުމުރަކީ އޭގެ އަމިއްލަ ޒާތުގައި ވެސް ނުހަނު ކުރު އެއްޗެކެވެ!!!

މިއަދުގެ އިމުގެ ތެރޭގައި ދިރިއުޅޭށެވެ!
ފާއިތުވެދިޔަ ތަނާމެދު ހިތާމަނުކުރާށެވެ!
އަންނަންދެން މުސްތަޤުބަލު ބާއްވާށެވެ!
ޙަސަދަވެރިން ދައްކާ ވާހަކަތަކާމެދު އަޅާނުލާށެވެ!
މާތް ﷲ ގެ ޙަޟުރަތަށް ވަކީލުކުރާށެވެ!
ތިބާއަށް އެކަލާނގެ ފުދެއެވެ.
ބޭކާރު ގޮތެއްގައި ހިތާމަކޮށް، ތިބާގެ ޢުމުރު އިތުރަށް ކުރުނުކުރާށެވެ!