ޓީޗަރެއްގެ ބައެއް މުހިންމު ސިފަތައް


ކާމިޔާބު ޓީޗަރެއްގެ ކިބައިގައި ހުންނަން ޖެހޭ މުހިންމު ސިފަތަކެއް ވެ އެވެ. އެސިފަތަކުގެ ތެރޭގައި، ދީނީ، އަޚުލާޤީ، ޖިސްމާނީ، ނަފުސާނީ އަދި ޢަމަލީ ސިފަތަކެއް ވެ އެވެ. މިލިއުމުގައި ބަލާލާފައިވާނީ އެސިފަތަކުގެ މައްޗަށެވެ.


ދީނީ ސިފަތައް

1. ތަޤުވާވެރިކަން: އެންމެ މުހިންމު ސިފަ، ހެޔޮމަގުގައި ފައިތިލަ ސާބިތުކުރެވޭނީ ތަޤުވާވެރިވެގެން، ...

2. ބަހާއި ޢަމަލު އެއްގޮތްވުން: ޓީޗަރު ދައްކާ ވާހަކަ ދަރިވަރުން ފަސޭހައިން ޤަބޫލުކުރާނީ އޭނާގެ ބަހާއި ޢަމަލު އެއްގޮތްވާ ނަމަ، މިސިފަ ހުރިނަމަ އިތުބާރުކުރެވޭނެ، އަދި އިޙުތިރާމުކުރެވޭނެ، ...

3. އިޚުލާޞްތެރިކަން: އިޚުލާޞްތެރިކަން ނެތި ކުރާ ކަމެއް ރަނގަޅަކަށް ނުކުރެވޭނެ، ...

4. ހިނގާނުހިނގާ ގޮތް ބެލުން: ކަމެއް ރަނގަޅަށް ކުރެވޭނީ އެކަމެއް ހިނގާ ނުހިނގާ ގޮތް ބަލައިގެން، ކުރާ ކޮންމެ ހެޔޮކަމެއް ފުރިހަމަ ކުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވޭ، ފުރިހަމަ ނުވާ ކަމަކަމުން އެދެވޭ މަންފާ ޙާޞިލެއް ނުވާނެ، ...


އަޚުލާޤީ ސިފަތައް

1. ތެދުބުނުން: ތެދުވެރިކަމަކީ ޓީޗަރުންގެ ޢިއްޒަތުގެ ފޭރާން، އެއާ ނުލައި އިޙުތިރާމެއް ނުލިބޭނެ، ޤަދަރެއް ނުކުރާނެ، އަގެއް ނުހުންނާނެ، ...

2. އޯގާތެރިކަމާއި އަޅާލުން: ޓީޗަރަކީ ހަރުކަށިކަމެއް ނެތި ބަސްވިކޭ ބާރުހުރި މީހަކަށް ވާންޖެހޭ، ބަލިކަށިކަމެއް ނެތި އޯގާތެރިވާ މީހަކަށް ވާންޖެހޭ، އޭނާ ކޮންމެ ކަމެއް މިނެކިރަންވާނީ ވަކިއަތަކަށް ބުރަވުމެއް ނެތި، އޭނާއަކީ ކަންކަމުގައި ހައްދުފަހަނަޅައިދާ މީހަކަށް ވެގެން ނުވާނެ، ދަރިވަރުންނާ އަޅާލާ މެދުމިން އިޚުތިޔާރުކުރާ މީހަކަށް ވާންޖެހޭ، ...

3. ތަވާޟުޢުވެރިކަމާއި ޙިލްމުވެރިކަން: ތަވާޟުޢުވެރިކަމަކީ، ޓީޗަރުގެ ހައިބަތު އިތުރުކޮށްދޭ ސިފައެއް، ތަވާޟުޢުވެރިކަމާ ނުލައި ޙިލްމުވެރިކަމެއް ނާންނާނެ، ޙިލްމުވެރިކަން މީހާގެ ޤަދަރު މަތިވެރިކުރޭ، ...

4. ކެތްތެރިކަމާއި ރުޅިމަޑުކަން: ކެތްތެރިކަމަކީ ނަބީބޭކަލުންގެ ސިފަފުޅެއް، ރުޅިގަދަ ކަމަކީ ޝައިޠާނީ ސިފައެއް، ޓީޗަރުންނަކީ ނަބީބޭކަލުންގެ ރިސާލަތު އުފުލާ ބަޔެއް (އެއީ މީހުނަށް ތެދުމަގު ދެއްކުން)، ތަފާތު މިޒާޖުތަކުގެ ދަރިވަރުންނާ ރަނގަޅަށް މުޢާމަލާތްކުރެވޭނީ ކެތްތެރިވެ ރުޅިމަޑުކޮށްގެން، ...

5. ޢަދުލުވެރިކަމާއި ހަމަހަމަކުރުން: ޢަދުލުވެރިވާންޖެހޭ ވަރަށް ގިނަ ކަންތައްތައް ކުރިމަތިވާނެ (ހޯމްވޯރކް ދިނުން، މާކްސް ދިނުން، ނަތީޖާ ހެދުން،...)، ހުރިހާ ކަމެއްގައި ޢަދުލުވެރިކަމާ ހަމަހަމަކަން ދަރިވަރުންގެ މެދުގައި ގެންގުޅެންވާނެ، ...

6. މަސައްކަތުގައި އަމާނާތްތެރިވުން: ކޮންމެ ދަރިވަރަކީ، ކޮންމެވެސް މަންމައަކާއި ބައްޕައެއްގެ ލޯބިލޯބި ދަރިފުޅެއް، އެއީ ކޮންމެވެސް ބަޔަކު އެމީހުންގެ ދެލޮލާއި ފުރާނައަށްވުރެ ވެސް ލޯބިވާ ކުދިންތަކެއް، އެކުދިން ތަރުބިއްޔަތުކުރުމުގެ މަސްއޫލިއްޔަތު ޓީޗަރުންގެ ކޮނޑުގައި އެޅިފައިވަނީ، އެހެންވީމާ މިކަމަކީ ބޮޑު އަމާނާތެއް، ކުދިންގެ ވިސްނުމާއި ފިކުރު ބައްޓަންކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެކަކީ ޓީޗަރު، އަމާނާތްތެރިކަމާއެކު ޓީޗަރު މިކަން ނުކޮށްފިނަމަ ނަތީޖާ ވަރަށް ހިތިވާނެ، އެ ހިތިނަތީޖާ އެންމެނަށް ފެންނާނެ، ...

7. ޚުލްޤުހެޔޮކަން: ޓީޗަރު ވާހަކަދައްކަން ވާނީ ރީތި ބަހުން، ހަޑިހުތުރު ބަސްތައް ބޭނުންކޮށްގެން ނުވާނެ، ދަރިވަރުންނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އަނިޔާދީގެން ނުވާނެ، ދަރިވަރުންނާ މުޢާމަލާތު ކުރަންވާނީ ރީތިކޮށް، ...


ޖިސްމާނީ ސިފަތައް

1. މަންޒަރު ރީތިވުން: ރީތިކޮށް ހެދުން އެޅުން، މީރުވަސްދުވާ ސެންޓް ޖެހުން، ...

2. ރަނގަޅު ޞިއްޙަތެއްގައި ހުރުން: ދުންފަތުގެ އިސްތިޢުމާލު ނުކުރުން، ހަށިގަނޑަށް ބޭނުންވާ ކަސްރަތު ލިބޭނެ ކުޅިވަރެއް ކުޅުން، ޞިއްޙީ ރަނގަޅު އާދަކާދަތަކާ ތަބާވުން، ...


ނަފުސާނީ ސިފަތައް

1. ބުއްދިވެރިކަން: ޙިކުމަތްތެރިކަމާއެކު އަވަހަށް ކަންތައްކުރުމަށް ބޭނުންވާ ސިފައެއް، ...

2. މަޝްވަރާކުރުން: އެންމެ ރަނގަޅު ގޮތް ހޯދުމަށް، އެންމެ މޮޅު ޚިޔާލުތައް ދެނެގަތުމަށް، ވިސްނުމާއި ފިކުރު ތަރައްޤީކުރުމަށް، ...

3. ލަސްލަހުން މަޢުލޫމާތު ދިނުން: ދަރިވަރުންނަށް ހަނދާން ބަހައްޓަން ފަސޭހަވާނެ، ޓީޗަރަށް ބުނެދޭން ފަސޭހަވާނެ، ދޭހަ އިތުރުވާނެ، ...

4. ދާއިމީ ގޮތެއްގައި އުނގެނުން: އަބަދުވެސް އާ މަޢުލޫމާތު ހޯދުން، ކޮންމެ ދުވަހަކު ފޮތްކިއުން، އިންޓަރނެޓުން މަޢުލޫމާތު ހޯދުން، ދުނިޔެއަށް އަންނަ ކުރިއެރުމާއި ތަރައްޤީއަށް އަހުލުވެރިވުން، ...

5. ޢިލްމުގެ ޠަބީޢަތް ދެނެގަތުން: މިކަން ކުރީމާ އޮޅުންބޮޅުން ކުޑަވާނެ، އެއް ޢިލްމު އަނެއް ޢިލްމާ ފުށުއަރާހެން ހިޔެއް ނުވާނެ، ތިމާއަށް ރަނގަޅަށް އެނގޭ އެއްޗަކާމެދު ނޫނީ ވާހަކަ ނުދައްކާނެ، ސައިކޮލޮޖީ އާއި އޭގެ ގޮފިތައް ދެނެގަންނަން ޖެހޭނެ (ސައިކޮލޮޖީ އެނގިގެން ދަރިވަރުންނާ ރަނގަޅަށް މުޢާމަލާތު ކުރެވޭނީ)، ކިޔަވާދޭ މުޤައްރަތުގެ ތެރެއަށް ފުންކޮށް ވަންނަން ޖެހޭނެ، އެއާ ގުޅުންހުރި އިތުރު ދާއިރާތަކުން މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭނެ، ...


ޢަމަލީ ސިފަތައް

1. ޢިލްމީ އަދި ފަންނީ މުއްސަނދިކަން: މަޢުރިފާ އިތުރުވުން، ކިޔަވާދިނުމުގެ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވުން، ކިޔަވާދިނުމުގައި ބޭނުންކުރާ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން، ...

2. މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރުން: ފެންނަ ކޮންމެ އެއްޗަކާބެހޭ މަޢުލޫމާތު ހޯދުން، ކިޔެވިފައިވާ ހިސާބުގައި ހުއްޓިގެން ނުހުރުން، ...

3. ކިޔަވާދިނުމުގެ ހުނަރު އިތުރުކުރުން: ދަރިވަރުންނަށް ބުނެދޭން ފަސޭހަވާނެ، ނަސޭހަތްތެރިވާން އެނގޭނެ، ކުދިންނާ އަޅާލާނެ ގޮތްތަކަށް އަހުލުވެރިވެވޭނެ، ތަފާތު ޙަރަކާތްތައް ހިންގުމުގެ ޤާބިލުކަން ލިބޭނެ، ދަރިވަރުންގެ އަގުވަޒަންކުރުމުގެ އާ ގޮތްތައް އީޖާދުކުރެވޭނެ، ...