ލޯތްބަކީ ލޯކަނު އެއްޗެކެވެ.



ޙަދީޘްފުޅެއްގައި ވެއެވެ.

(حُبُّكَ الشَّىْءَ يُعْمِى وَيُصِمُّ)
ރިވާކުރެއްވީ: އިމާމު އަޙުމަދު.

މާނައީ، "ތިބާ އެއްޗެއް ދެކެ ލޯބިވުމަކީ، ލޯ އަނދިރިވެ، އަދި ކަންފަތް ބީރުވާ ކަމެކެވެ."

އަޅުގަނޑަށް ފެނިފައިވާ ކަންތައްތަކުގެ އަލީގައި، މިބަސްފުޅަށް ވަރަށް ބޮޑަށް އީމާންވަމެވެ. މިސާލަކަށް ވަކި ޝައިޚަކު ދެކެ ލޯބިވާ މީހެކެވެ. އެ ޝައިޚު ވިދާޅުވާ ކޮންމެ އެއްޗެއް އޭނާ ތެދުކުރެއެވެ. އެ ޝައިޚުގެ ކޮންމެ ކުށެއް އޭނާ އިޞްލާޙުކުރެ އެވެ. އެ ޝައިޚުގެ ކޮންމެ އުޒުރެއް އޭނާ ޤަބޫލުކުރެއެވެ. އޭނާގެ ނަޒަރުގައި އެ ޝައިޚަކީ، ކުށްފާފަތަކުން މަޢުޞޫމުކުރައްވާފައިވާ ވަލީވެރި ބޭކަލެކެވެ.

ވަކި ޝާޢިރަކު ދެކެ ލޯބިވާ މީހާ ވެސް ހަމަ އެފަދައެވެ. އެ ޝާޢިރުގެ ޅެންތަކަކީ ގަނޑުފެން ކަމަށް ވިޔަސް އޭނާ ދެކޭނީ، އެއީ އަލިމަސް ކަމަށެވެ. ނުވަތަ އިތާގެ ބަނޑުން ނެރޭ ރަންމުތް ކަމަށެވެ.

އަންހެނަކު ދެކެ ލޯބިވާ މީހާ ވެސް ހަމަ އެފަދަ އެވެ. ބުދަކަށް އަޅުކަން ކުރާ މީހެއް ފަދައިން އޭނާ އެއަންހެން މީހާގެ ވަށައިގެން އެނބުރެއެވެ. ޢިޝްޤީ ލޯބީގައި އެތައް ބަޔަކު އެކި ގޮތްގޮތަށް މަރުވެފައި ވެސް ވެއެވެ.

ލޯތްބަކީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކުރާ އެއްޗެއް ނޫނެވެ. ލޯބީގެ ދުނިޔޭގައި، ލޯބިވެރިޔާ ކުރާ ކޮންމެ ކުށަކީ ޞާލިޙު ޢަމަލެކެވެ! އޭނާ ކުރާ ކޮންމެ ޒަޚަމަކީ ފަރުވާއެކެވެ!

ޢާޝިޤަކު ކުރާ ކުށްތައް އެތައް ގޮތަކަށް ޝަރަޙަކޮށް ތައުވީލުކުރެވެއެވެ. އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަށްޓަކައެވެ. ޢާޝިޤާއަށް އޭނާ އިހާނެތިކޮށް ހިތުން އެހެން ގޮތަކަށް މާނަކުރެވެއެވެ. ޢާޝިޤާ ބުނެއެވެ. އޭނާގެ ކިބައިން ލިބޭ ކުޑަވަރެއްގެ އިޙުސާންތެރިކަމަކީ ވެސް ލައްކަ ގިނަ ބައިވަރެކެވެ! އޭގައި ލައްވާނެ ބަރަކާތްތައް އަދި މާއިތުރުވާނެތާއެވެ!!!

ޝައިޚަކު ދެކެ ލޯބިވާ ޒުވާނެކެވެ. އެ ޝައިޚު ސާޅީސް ޙަދީޘް ކިޔައިފިނަމަ، ޒުވާނާ ބުނެއެވެ. ތިމަންގެ ޝައިޚު، ޙަދީޘުގެ ހަފޮތް ހިތުދަހެވެ! އެފޮތްތަކުގައިވާ ސަނަދާއި މަތުނާ ވެސް އެކުގައެވެ!!! ސާޅީސް ޙަދީޘަށްވުރެ އިތުރު އެއްޗެއް ޝައިޚު ކިޔައިފިނަމަ، އެ ޒުވާނާ، ޗަސް ބިމަށް ޗަކަސް އިތުރުކުރެއެވެ!!! އޭނާ ބުނެއެވެ. ތިމަންގެ ޝައިޚު ހަފޮތުގެ އިތުރަށް އެވެނި މިވެނި ފޮތްތަކެއް ވެސް ހިތުދަހެވެ!.... ދެން އެޝައިޚުގެ ތޫނުފިލިކަމާއި ތަޤުވާވެރިކަމާއި ޒާހިދުކަމާއި ވަރަޢަވެރިކަން ކިޔައިދޭން ފަށައެވެ! މިބީދައިން އެ ޒުވާނާ ބަސްމޮށެނީ ކީއްވެގެންތޯއެވެ؟.... ލޯބިވެރިއެއްގެ މަޤާމުގައި ހުރެ، ލޯބިވެރިއެއްގެ ދުލުން ވާހަކަދައްކާތީއެވެ!!!

ލޯތްބާ އިދިކޮޅު އެއްޗަކީ ނަފުރަތެވެ.
ނަފުރަތަކީ، ނުބައިނުލަފާ ފަނޑިޔާރެކެވެ.
އެ ފަނޑިޔާރުގެ ނިޔާގައި ވާނީ އަނިޔާއެވެ.
އެ ފަނޑިޔާރު ނަފުރަތުކުރާ މީހާގެ ހެޔޮ ޢަމަލުތައް އަންދައި އަޅިޔަށް ހަދާލައެވެ.
އޭނާގެ ކިބައިގައިވާ ކޮންމެ ރީތިކަމަކީ، އެ ފަނޑިޔާރުގެ ކުރިމަތީގައި ހުތުރުކަމެކެވެ.
އޭނާ ހަދާ ތެދަކީ، އެ ފަނޑިޔާރުގެ ނަޒަރުގައި ދޮގާއި މަކަރެވެ.
އޭނާގެ ބަނިޔާދަންކަމަކީ، އެ ފަނޑިޔާރުގެ ރައުޔުގައި މުނާފިޤު ކަމެވެ.
އޭނާގެ ދީންވެރިކަމަކީ، އެ ފަނޑިޔާރުގެ ދެކޭ ގޮތުގައި ނިވާފަތްގަނޑެކެވެ.

މިބީދައިން، ޙައްޤަކީ ބާޠިލު ކަމަށާއި، ބާޠިލަކީ ޙައްޤު ކަމަށް ފަނޑިޔާރު ހަދައިލައެވެ.
މަސައްކަތް ކޮށްގެން ތަނަވަސްކަން ހޯދާފައިވާ މީހާއަކީ ވަގެއް ކަމަށް ޙުކުމް ކުރެއެވެ.
އޭނާއަށް ލިބިފައިވާ ތަޢުލީމާއި ހޭލުންތެރިކަމަކީ ނޭނގުމާއި ޖާހިލުކަން ކަމަށް ވެސް ނިޔާ ކަނޑައަޅައެވެ.

މި މަގަށް ޝަރިޔަތްކުރާ ކޮންމެ ފަނޑިޔާރަކީ ފިނޑިޔާރެކެވެ!
އަވާމެންދުރަށް ގެއްލިފައިވާ ޙައިވާނެކެވެ!!
ހަވާނަފުސަށް ހެއްލިފައިވާ ބަލިމާނެކެވެ!!!

ދާވޫދުގެ ފާނަށް މާތް ﷲ އެންގެވިއެވެ.

(وَلا تَتَّبِعِ الْهَوَى فَيُضِلَّكَ عَن سَبِيلِ اللَّهِ)
ޞާދު: 26

މާނައީ، "އަދި އަމިއްލަ އެދުމަށް ކަލޭގެފާނު ތަބަޢަވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު ﷲ ގެ މަގުން އެއްކިބާކޮށްފާނެތެވެ."