ސުއާލު



1.
މިކުރާ ދަތުރު ނިމިދާހުށީ ފަހެ، ކޮން އިރަކު؟
މާޒީވެދިޔަތަން ގޮސް ވަނީ ފަހެ، ކޮން ތަނަކު؟
ހުނުމުގެ އަޑާއި ޅަޢުމުރު ދިޔައިވެސް ކޮން މަގަކު؟
ގިރިގެންދިޔައިހޭ ވީނުވީއެއް ނޭގުމަކު؟؟؟

2.
ފެންގަނޑުމަތީ އެޅުމުން ރޮނގެއް ފޮހެވޭ ފަދައިން،
ކުރެހޭ ނަޤުޝު ވެލިގަނޑު މަތިން ނެތިދާފަދައިން،
ދުވަހަކު އެޔެއް މި ވުޖޫދުގައި ނުމެވާ ފަދައިން،
ފެނިފައި އެސާހިތު ގެއްލިދިޔަ ވަހުމެއް ފަދައިން.

3.
ފަހެ، މީސްތަކުން ހޭބުއްދިއެއް ނެތް ޙާލުގައި-
ތޯއޭ ދަނީ ހަނގުރާމަކޮށް ލޭ އޮހޮރުވައި؟
ނިމިގެން ފަނާވާން ދާ މަގެއްގެ މަތީ ހިނގައި،
ތަކުރާރުވާއިރު، ރޭދުވާ އިސްޓޭޖުގައި،
ވަހުމުގެ ޚިޔާލީ އިސްކްރީނުގެ ސަޠުޙުގައި.
4.
ނެތުމުގެ ތެރޭން ހެއްދެވި އިލާހޭ ކައުނުތައް!
މި އަޅާއަކީ އަދި މީސްތަކުންނީ ކޮން ބަޔެއް؟
ލޯތައް މަތީ މިހިނގައިދަނީ ކޮން ކަންތަކެއް؟
ވަގުތާއި ޒަމާނުގެ ސިއްރަކީ ކޮން ކަންކަމެއް؟
ނެތުމާއި ވުޖޫދުގެ އަޞްލަކީ ކޮން ކުލަތަކެއް؟

5.
ޢާލަމްތަކާ ޚަލްޤުންތަކާ އަދި ކައުނުތައް،
އައިނައިތަނެއް އެނގުމަށް އަދައި ކުރުމުން ސުއާލު،
މި ހިސާބުގައި ހުއްޓިއްޖެޔޭ ފިކުރާއި ޚިޔާލު!
އަދި ނޭގުނޭ ހޯދައި ބަލައި ކަންދިން މަޖާލު!!
ތަޢުބީރު ވެސް ނުވިޔޭ ދުލާއި ޤަލަމުން މަޤާލު!!!