އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

މިއީ، ބަޙުރު އީމަޖައްލާގެ ދެވަނަ ޢަދަދުގެ ދެވަނަ އިޞްދާރެވެ. މި އިޞްދާރު ނެރެފައި މިވަނީ، ފުރަތަމަ ޢަދަދުގެ ދެވަނަ އިޞްދާރެކޭ އެއްފަދައން، އިޞްލާޙުތަކަކާއެކުގައެވެ. އެއީ، ކުރެވުނު ތަޖުރިބާގެ އަލީގައި ގެންނަންޖެހުނު އިޞްލާޙުތަކެކެވެ. އެއާއެކު، މިހާރު މި މަޖައްލާ ގެންގުޅުއްވަން ފަސޭހަފުޅުވާނެއެވެ. އަދި ގިނަ ވަސީލަތްތަކަކުން ހުޅުވޭނެއެވެ.

މި މަޖައްލާގެ މި އިޞްދާރުގައި ވެސް ތަފާތު ލިޔުންތައް ހިމަނާފައިވާނެއެވެ. އެއިން އެންމެ މުހިންމު އެކައްޗަކީ، ސަޢޫދީ ޢަރަބިއްޔާގެ ފުންނާބުއުސް ޢިލްމުވެރިޔާ، ފަޟީލަތުއްޝައިޚު ޑރ. ޢާއިޟުލްޤަރްނީގެ ބައެއް ލިޔުއްވުންތަކުގެ ތަރުޖަމާއެވެ. ވާހަކައިގެ ބަޔާއި، ޅެމުގައި ބައިގައި ވެސް އަގުހުރި އަދަބީ އުފެއްދުންތަކެއްގެ ތަރުޖަމާ ހިމަނާފައި ވާނެއެވެ. އަދި "ފޫހިފިއްލި" ގައި ވެސް މުނިފޫހި ފިލުވައިދިނުމާއެކު، ޚިޔާލު ތަނަވަސްކޮށްދޭނެ ފުރޭފުތައް ނަކަލުކޮށްފައި ވާނެއެވެ.

ދިވެހި ބަހާއި ދިވެހި ބަހުގެ ލިޔުންތެރިކަން ކުރިއަރުވައި، ޒަމާނުގެ ވަސީލަތްތަކަށް ދިވެހި ލިޔުންތެރިކަން އަހުލުވެރިކުރުވޭތޯ ކުރާ މި މަސައްކަތުގެ ކާމިޔާބުކަން، ކިޔުންތެރިން ވަނީ ސާބިތުކޮށްދެއްވާފައެވެ. ބަޙުރު އީމަޖައްލާއަކީ، އެންޑްރޮއިޑް ނިޒާމު ބޭނުންކުރާ މޮބައިލް ފޯނުންނާއި، އައިޕެޑާއި، ލެޕްޓޮޕް ފަދަ ވަސީލަތްތަކަށް ހަދިޔާކުރެވޭ ދިވެހި މަޖައްލާއެކެވެ. ބޭނުމަކީ، އެ އެއްޗެހި ގެންގުޅުއްވާ ބޭފުޅުންނަށް ވެސް، ބޭނުންފުޅު ކޮންމެ ވަގުތެއްގައި ދިވެހި ބަހުން ލިޔެފައިވާ އެއްޗެއް ވިދާޅުވެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މި މަޖައްލާއަށް، ޢިއްޒަތްތެރި ކިޔުންތެރިން ދެއްވާ ތަރުޙީބަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަމެވެ. އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ބޭފުޅުންނަށް ފައިދާހުރި އެއްޗެއް ކަމުގައި، މާތް ﷲ، މި މަޖައްލާ ލެއްވުމެވެ. އެކަލާނގެ، އަޅުގަނޑުގެ މި ދުޢާ އިޖާބަކުރައްވާށިއެވެ! އާމީން!
1 ޖެނުއަރީ 2010