ރުއްސުވުމުގެ ހެވިކަން


ތިމާ މުހުތާދުވާ ކަމެއް ނުވަތަ އެއްޗެއް އެހެން މީހުންގެ އަތުން ޙާޞިލުކުރަން އެދޭނަމަ، ފުރަތަމަ ކުރަންޖެހޭ ކަމަކީ، ތިމާ އަށް އެހީތެރިވެދިނުމުގެ ޝައުޤުވެރިކަން އެމީހުންގެ ހިތްތަކުގައި އުފެއްދުމެވެ. މިކަން ކުރުމަށްޓަކައި ބޭނުންކުރެވިދާނެ އެތައް ވަސީލަތްތަކެއް ވެއެވެ. އޭގެތެރޭގައި، ޤާނޫނާއި، ފިލިޖެހުމާއި، ޖަޒުބާތު އުފެއްދުމާއި، ރީތިކަމުގެ އަސަރުގައި ޖެއްސުމާއި، ރުއްސުވުން ހިމެނެއެވެ. މި ކަންތައްތަކުގެ ތެރެއިން އެންމެ މޮޅު، އެންމެ ބާރުގަދަ އަދި އެންމެ ފަސޭހަ ވަސީލަތަކީ، ރުއްސުވުމެވެ.

ރުއްސުވުމަކީ، އެހެން މީހުން ކުރުމަށް ތިމާ ބޭނުންވާ ކަންތައް ކުރުމުގެ ޝައުޤުވެރިކަން އެމީހުންގެ ކިބައިގައި އުފެއްދުން ކަމަށް ބުނެވެއެވެ. ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުވައި ރުއްސުވުމަށް ޢަރަބި ބަހުން ކިޔަނީ، އިޤުނާޢު (إقْنَاع) އެވެ.

ޔޫނާނީ ފިލޯސަފަރު އަރުސްޠޫ ވިދާޅުވެފައި ވެއެވެ.

"ރުއްސުވުން އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމަށްޓަކައި ތިން އުންސުރެއް އެއްތަންކުރަން ޖެހެއެވެ. އެ ތިން އުންސުރަކީ، އިތުބާރާއި، މަންޠިޤާއި، ޢާޠިފިއްޔަތެވެ.

އިތުބާރު: އިތުބާރުކުރުވުމަކީ، ތިބާ ބުނާ އެއްޗަކަށް އިތުބާރުކުރުމުގެ ރޫޙު، އަނެކުންގެ ހިތްތަކުގައި އަށަގެންނެވުމެވެ. މިކަމަށްޓަކައި، ހަށިބަހުރުވަ އާއި، ތިމާ އަނެކުންގެ ކުރިމައްޗަށް ނުކުމެ ހުންނަ ސިފަ އާއި، ފޭރާމުގެ ތަހުޒީބުކަމާއި، ވާހަކަދައްކާއިރު ބޭނުންކުރާ އަޑު މަޚުރަޖުގެ ރާގާއި، ތިމާގެ ކިބައިގައިވާ ކުރިމަތިލުމުގެ ޤާބިލުކަން ބޭނުންކުރެވިދާނެއެވެ.

މަންޠިޤު: މަންޠިޤަކީ، ތިމާ ހުށަހަޅާ ހުށަހެޅުމާއި، ތިމާގެ ޚިޔާލުތައް ސަލާމަތް ބުއްދި ޤަބޫލުކުރާނެހެންނާއި، އޭގައި ޝައްކެއް ނުވާނެހެން ހުށަހެޅުމެވެ.

ޢާޠިފިއްޔަތު: ޢާޠިފިއްޔަތަކީ، އަނެކުންގެ ހިތްތަކުގައި ޝުޢޫރުތައް ހިންގައިލުމެވެ. ތިމާ ޙާޞިލުކުރަން ބޭނުންވަނީ އެންމެ ލަނޑުދަނޑިއެއް ކަމާއި، އެ ލަނޑުދަނޑިއަކީ، އެމީހުންނަށް މޮޅުގޮތްތައް ހޯދައިދީ، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަން އެމީހުންގެ ހިތްތަކަށް ވެއްދުމެވެ.

އަނެކުންނާއެކު ކާމިޔާބު މުޢާމަލާތެއް ހިންގުމަށްޓަކައި ބޭނުންވާ މުހިންމު ތިން އުންސުރެއް ވެއެވެ. އެއީ، މުހުތާދު ކަނޑައެޅުމާއި، ޙާޞިލުވާ މިންވަރު ބެލުމާއި، އުސްލޫބު ބަދަލުކުރުމެވެ.

މުހުތާދު ކަނޑައެޅުން: މިކަމުގައި ބޭނުންކުރަންވާނީ، އީޖާބީ ފަހި ޢިބާރާތްތަކެވެ. އެ ޢިބާރާތްތަކުގެ ބަސްމަގާއި އޭގައި ހިމެނޭ ކަމަކީ ވާކަން ކަމުގައި ވާންވާނެއެވެ.

ޙާޞިލުވާ މިންވަރު ބެލުން: އަނެކުންގެ ކިބައިން ތިމާއަށް ރައްދުވާ ކަންކަމަށް ބެލުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ތިމާއާއި އަނެކުންނާ ދެމެދުގައިވާ ހުރަސްތައް ނެއްތައިލުމަށާއި، ތިމާގެ ލަނޑުދަނޑި ޙާޞިލުކުރާނެ ގޮތްތައް ދެނެގަނެވޭނީ، އެހެން މީހުން ތިބާއަށް ރައްދުކުރާ ކަންކަމުންނެވެ. އެއީ، އެހެން މީހުންގެ ރައްދުފިޢުލެވެ. ނުވަތަ ރިއެކްޝަނެވެ.

އުސްލޫބު ބަދަލުކުރުން: މުހުތާދު ޙާޞިލުވެއްޖައުމަށް ދާންދެން، ތިމާ ކަންކުރާ ގޮތާއި، ވާހަކަދައްކާ އުސްލޫބު ބަދަލުކުރަމުން ގެންދަންވާނެއެވެ. އެއްކަމެއް އެއްގޮތަކަށް ކޮށްގެން ނަތީޖާ ބަދަލުކުރެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެކެވެ.

"ފުރަތަމަ ނަޒަރަކީ، އެންމެ ޢިޝްޤީ އަސަރު" ކަން އަބަދުވެސް ހަނދާން ބަހައްޓަންޖެހެއެވެ. ތިމާއާ ބެހޭ ގޮތުން ރަނގަޅު ތަޞައްވުރެއް އަނެކުންނަށް ދިނުމަށްޓަކައި ތަބާވާންޖެހޭ ކަންތައްތަކެއް ވެއެވެ. އެއިން ބައެއް މުހިންމު ކަންތައްތައް ތިރީގައި މިވަނީއެވެ.

1. ހަށިގަނޑުގެ ބޭރުފުށުގެ މަންޒަރު ރީތިކުރުން.
2. ހިފަހައްޓަންޖެހޭ ހަރުދަނާ ގޮތެއް ކަނޑައެޅުމާއެކު، އަނެކުންގެ މަޤުބޫލުކަން ހޯދުމަށްޓަކައި މަޖާ މިޒާޖެއްގެ ވެރިއެއް ކަމުގައި ވުން.
3. ބަސްމަގު ރީތިކުރުމާއި، ހިނިތުންވެލުމަށް ފަރިތަވުން.
4. ބައްދަލުކުރާ މީހާއާ ހަތަރުކަޅި ހަމަކުރުމާއި، އޭނާއާ ކާރިވާ ވަރަކަށް އޯގާވެރިކަމާއި ހިނިތުންވުން އިތުރުކުރާކަން އޭނާއަށް އަންގައިދިނުން.
5. ވާހަކަދައްކާއިރު ހަތަރުކަޅި ހަމަކުރުން.
6. އޭނާ އަށް މުހިންމުވާނެ ލުއިފަސޭހަ ވާހަކައަކުން ވާހަކަދައްކަން ފެށުން.
7. އޭނާއާ އެކު ރަޙުމަތްތެރިކަން އިތުރުކުރުން.
8. މުޢާމަލާތުކުރެވޭ މީހާގެ ޒާތީ އިން ފަހަނަޅައި ނުދިއުން: އޭނާއާ މާބޮޑަށް ކައިރިވާން އުޅުމަކީ، އޭނާގެ ފުށުން ނޭދެވޭ އިދިކޮޅު ބާރުގަދަ ރިއެކްޝަނެއް ކުރިމަތިވެދާނެ ކަމެކެވެ.

މީހަކާ މުޢާމަލާތުކުރާއިރު ހިފަހައްޓަންޖެހޭ މުހިންމު ކަންތައްތަކެއް ވެއެވެ. އެއިން އެއް ކަމަކީ، ތެދުވެރިކަމެވެ. އަނެއް ކަމަކީ، ބަހާއި އަޑާއި ނަޒަރު އެއްގަލަށް އެރުމެވެ.

ތެދުވެރިކަން: އަނެކުންނާ މުޢާމަލާތުކުރާއިރު ތެދުވެރިވުމަކީ، އަނެކުންގެ ގާތުގައި ތިމާގެ މަޤުބޫލުކަން އިތުރުވާނެ ކަމެކެވެ. މި ތާނގައި ތެދުވެރިކަމުގެ މާނައަކީ، ހިތުގެއަޑިން ތެދުކޮށް ޤަބޫލުކުރާ ވާހަކަ ދެއްކުމާއި، ތެދުބަހުން ވާހަކަދެއްކުމާއި، ދޮގު ނެހެދުމާއި، އިންފަހަނަޅައި ނުދިއުމެވެ. އަދި ވާހަކަދައްކާ މައުޟޫޢާއި، ތިމާގެ އަމިއްލަ ޒާތާއި، އަނެކުންނަށް އިޙްތިރާމާއި ލޯބިވެތިކަން އަދާކުރުމެވެ.

ބަހާއި އަޑާއި ނަޒަރު އެއްގަލަށް އެރުން: މިހެން ނުވެއްޖެނަމަ، އަނެކުންގެ މަޤުބޫލުކަމެއް ނުލިބޭނެއެވެ. މިއާ ޚިލާފަށް ވާހަކަދައްކައި މުޢާމަލާތުކުރާ މީހާއަކީ، ރަނގަޅު މީހެއް ކަމުގައި އަނެކުން ޤަބޫލެއް ވެސް ނުކުރާނެއެވެ. ބަހާއި، އަޑާއި، ނަޒަރު އެއްގަލަށް ނާރާނެހެން ދައްކާ ވާހަކައާއި ކުރާ މުޢާމަލާތު ގަޑުބަޑުވެފައި ވާނެތީއެވެ.

މުޢާމަލާތުކުރުމުގެ ނަޒަރުން ބަލާއިރު، މައިގަނޑު ގޮތެއްގައި މީސްތަކުން ދެބަޔަކަށް ގިންތިކުރެވިފައި ވެއެވެ.

އެއް ބަޔަކީ، ވައިއަނގަތަޅާ މީހުންނެވެ. މި ގިންތީގައި ހިމެނޭ މީހުންގެ ބޮލަކު ރަނގަޅު ވިސްނުމެއް ނުހުންނާނެއެވެ. އެހެނަސް ހުއްޓާނުލައި އެމީހުން ވާހަކަދައްކާނެއެވެ. އޭން މީހެއްގެ މިސާލަކީ، އުސް އަޑުތައް ބޭރުވާ ހުސް ބެރެއްގެ މިސާލެވެ. ނުވަތަ ހުސް ތޮށިގަނޑާއެކު ބާރަށް އުދުހިފައިދާ ރޮކެޓެއްގެ މިސާލެވެ.

އަނެއް ބަޔަކީ، ބުނެދޭން ނޭނގޭ މީހުންނެވެ. މި ގިންތީގައި ހިމެނޭ މީހުންގެ ކިބައިގައި ބުރަދަންހުރި ވިސްނުމާއި ފިކުރާއި ޚިޔާލު ވާނެއެވެ. އެހެނަސް އެމީހުން ބުނަން ބޭނުންވާ އެއްޗެއް، ކޮންމެވެސް ސަބަބަކާހެދި ނުބުނެވެއެވެ. އެފަދަ ސަބަބުތަކުގެ ތެރޭގައި، ކުރިމަތިވާ އެކިއެކި ފިއްތުންތަކާއި، ކަންބޮޑުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޢަމަލީ މައިދާނަށް ބަލާއިރު، ގިނަ މީހުންނަކީ، މުޢާމަލާތުކުރުން ގަޑުބަޑުވެފައިވާ މީހުންނެވެ. ގިނަ މީހުންގެ ކިބައިގައި، ރަނގަޅު ވިސްނުމާއި ފިކުރާއި ބުއްދި ވެއެވެ. އެހެނަސް އަނެކުންނާ ހަމައަށް ރަނގަޅަށް އެ ފޯރުކޮށްދިނުމުގެ ޤާބިލުކަމެއް އެމީހުންގެ ކިބައިގައި ނުވެއެވެ. ރުއްސުވުމުގެ ހެވިކަން އެމީހުންނަށް ލިބިފައި ނުވާތީއެވެ. އެ ހެވިކަން ލިބިފައިވާ މީހުން، އެމީހުން ބޭނުންވާ ކަންތައްކުރުމުގެ ޝައުޤުވެރިކަން، އެހެން މީހުންގެ ކިބައިގައި އުފައްދާލައެވެ.