ދޫދިނުމުގެ ސަގާފަތު ފެތުރުމުގައި މީޑިއާގެ ދައުރު



މުޖުތަމަޢުގެ އަފުރާދުންގެ ސަގާފަތު ބިނާކުރުމުގައި މީޑިއާ އަދާކުރަނީ ވަރަށްބޮޑު ދައުރެކެވެ. އެމީހުންގެ ހޭލުންތެރިކަން ބައްޓަންކުރަނީ މީޑިއާއެވެ. އެމީހުން ސަމާލުކަން ދޭންވީ މައްސަލަތައް ދައްކައިދެނީ މީޑިއާއެވެ. މީޑިއާއަކީ، މުޖުތަމަޢުގެ އަފުރާދުންގެ ބުއްދިއާއި ޝުޢޫރު ކޮންޓްރޯލްކޮށް އޭގެ މައްޗަށް ނުފޫޒު ހިންގާ ވަރުގަދަ ބާރެކެވެ.

މިހާރު މީޑިއާ އަކީ، ހަމައެކަނި ޚަބަރު ފަތުރައިދޭ ވަސީލަތެއް ނޫނެވެ. ކިއެއްތޯއެވެ. މިހާރު މީޑިއާ އަކީ، މީހުންގެ ވިސްނުމާއި ފިކުރު މިޞްރާބުކުރާ ހުންގާނެކެވެ. އަދި އެއީ، އެކިއެކި ކަންކަމަށް ހިތްވަރުދީ، އެ ކަންކަން ކުރުމަށް މަގުދައްކައިދޭ އާރުކާޓީއެކެވެ. މީޑިއާގެ ބޮޑު މަންޒަރުން މިކަންކަން ސާފުކޮށް ފެނެއެވެ. އޭގެ ތެރޭގައި ޓީވީ އާއި، ރޭޑިއޯ އާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް ހިމެނެއެވެ.

ދުނިޔޭގައި ހަރުކަށިކަމާއި ތަޢައްޞުބުގެ އޮއިވަރު، އާދަޔާ ޚިލާފަށް ގަދަވެފައިވާ އެއް ސަރަޙައްދަކީ މެދުއިރުމަތިކަން ފާހަގަކުރެވެއެވެ. އެއާއެކު، އެ ސަރަޙައްދުގައި ނަފުރަތުގެ ބަސްތަކާއި، އަނެކުންނާ ދެކޮޅުވެރިވުމުގެ ރޫޙު އެމުނިއެކުލެވިފައިވާކަން ވެސް ފާހަގަކުރެވެއެވެ. މެދުއިރުމަތީގެ ޢަރަބި ޤައުމުތަކުގައި ހިނގަމުންދާ ދެކޮޅުވެރިކަމާއި ދެބަސްވުމުގެ މައިގަނޑު ސަބަބަކީ މީޑިއާއިން އެކަމަށް ހިތްވަރުދީ ބާރުއެޅުން ކަމުގައި ނުވެދާނެއެވެ. އެހެނަސް އެކަން ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ، މީޑިއާ ކަމާމެދަކު ކުޑަވެސް ޝައްކެއް ނެތެވެ. އެހެނީ، ތަޢައްޞުބުގެ ބަސްމަގާއި، އަނެކުންނާމެދު ބިރުވެރިކަން އުފެއްދުމާއި، އަނެކުންގެ ބޮލުގައި ބަދުނާމުތައް އެޅުވުމާއި، އަނެކުންގެ އަގުވައްޓައިލުމަކީ، މީޑިއާގައި އާންމުވެފައިވާ ކަންކަމެވެ. މީޑިއާގެ ވަސީލަތްތަކުން، ކުރިން ތައްޔާރުކޮށްގެންނާއި، ވަގުތުން ގެނެސްދެމުންދާ އެއްޗެހީގައި ނަފުރަތުކުރުމާއި، ހަރުކަށިވުމާއި، ދެކޮޅުވެރިވުން ހިމެނެއެވެ. އުފައްދަންޖެހޭ މުހިންމު ސުވާލަކީ، މީޑިއާއިން ގެނެސްދެނީ، ބަޔެއްގެ މެދުގައި އުފެދިފައިވާ ނަފުރަތާއި، ހަރުކަށިކަމުގެ ވާހަކަތޯއެވެ؟ ނުވަތަ މީޑިއާ އަކީ، ނަފުރަތާއި، ހަރުކަށިކަމާއި، ދެކޮޅުވެރިކަން އުފައްދައި، އެ ފަތުރާ ކާރުޚާނާއެއްތޯއެވެ؟

އާންމު މީޑިއާގެ ތެރެއަށް، ސޯޝަލް މީޑިއާގެ ދައުރު އިތުރުކޮށްފިނަމަ، އާންމުން ދެކޭ ގޮތް ބައްޓަންކޮށް ސަގާފަތު ފަތުރާ މަސްރަޙުގެ ޙާލަތު، ގޯހުން ގޯހަށް ބަދަލުވެގެންދެއެވެ. ޗެނަލްތަކުގެ ޒަރީޢާއިން، ދެކޮޅުވެރިކަން އުފެއްދުމުގެ މަގުތައް ކޮށަމުންދަނީ، ޙީލަތްތެރި އުކުޅުތައް ބޭނުންކޮށްގެންނެވެ. އެހެނަސް، ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އެކަން ކުރަމުންދަނީ، ފާޅުކަން ބޮޑު ގޮތެއްގައި ޞަރީޙަ ބަހުންނެވެ. ބައެއް ޙާލަތުތަކުގައި އޭގެ ވިހަގަދަ ޖަޒުބާތާއި، ނޭދެވޭ އަސަރު މާ ބޮޑެވެ. އަދި މާ އަވަހަށް ފެތުރެއެވެ. އެކިއެކި ޗެނަލްތަކުން ޙީލަތްތެރިކަމާއެކު ފަތުރަމުންދާ ނުރައްކާތެރި ދަލުގައި އާންމުން ޖެހެމުންދަނީ ވާނުވާ ނޭނގޭ ޙާލަތެއްގައެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފަތުރާ ވާހަކަތައް އެއާ ޚިލާފެވެ. އެއިން މީހުންގެ ޝުޢޫރުތަކާ ކުޅެލައެވެ. މީހުންނަށް ޖަޒުބާތީ އަސަރުތައް ފޯރުވައި، މީހުން ވާވައްދާލައެވެ. އޭގެ ގިރިޓީގައި މީހުން ޖެހެމުންދަނީ، ވާނުވާ ނޭނގޭ ޙާލަތެއްގައެއް ނޫނެވެ.

ނުބައި ކަންކަމަށް ވާގިވެރިވުމަށް މީޑިގެ ޒަރީޢާއިން މަގުދެއްކެއެވެ. އެއްބަޔެއްގެ ހިތުގައި އަނެއް ބަޔަކާމެދު ނަފުރަތު އުފެއްދުމަށް މީޑިއާގެ ވަސީލަތްތަކުން ގޮވާލެވެއެވެ. ސިއްރާއި ފާޅުގައި އެ ކަންކަން އެބަ ކުރެވެއެވެ. ސީދާކޮށްނާއި، ނުސީދާކޮށްނެވެ. މީޑިއާއިން ކުޅެމުންދާ ނުރައްކާތެރި އިދި ދައުރަކީ، ފަރުވާކުރަންޖެހިފައިވާ ކެންސަރެކެވެ. ސުވާލަކީ، މީޑިޔާގެ އެ އިދި ދައުރަށް ފަރުވާކުރާނީ ކިހިނަކުންތޯއެވެ؟ ތިރީގައި މިވަނީ، އެކަން ކުރެވިދާނެ ގޮތްތަކެއް ބަޔާންކޮށްދޭ ނުކުތާތަކެކެވެ.


1. ނުބައި ކަންކަމަށް ގޮވާލުމުން އެއްކިބާވުން:

ހަރުކަށިކަމާއި، ނަފުރަތުކުރުމާއި، ދެކޮޅުވެރިވުން ފަދަ ނުބައި ކަންކަމަށް މީޑިއާގެ ވަސީލަތްތަކުން ގޮވައިލެވެއެވެ. ޞުލްޙަވެރި އެއްބަސްވުމެއްގެ ދަށުން ނުވަތަ ހަރުދަނާ ޤާނޫނެއްގެ ބާރުން ވިޔަސް، އެފަދަ ގޮވާލުންތައް ހުއްޓުވަން އެބަޖެހެއެވެ. އެފަދަ ގޮވައިލުންތައް އިތުރުވަމުން ދިއުމަކީ، އުއްމަތުގެ މެޔަށް ހަރާލެވޭ ވިހަގަދަ ޚަންޖަރެއް ކަމުގައި ވާތީއެވެ. އެ ޚަންޖަރުންކުރާ ޒަޚަމުގެ އަގު ދައްކަންޖެހެނީ، ރައްޔިތުންގެ ލެޔާއި، މުދަލާއި، އުއްމަތުގެ އަމާންކަމާއި، އިސްތިޤުރާރުން ކަމުގައި ވާތީއެވެ. އަދި އެ ޒަޚަމުގެ ސަބަބުން، އުންމަތުގެ ކުރިއެރުމާއި ތަރައްޤީ ކަފުން ކުރެވޭތީއެވެ.


2. އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން:

މީހުންގެ ޝުޢޫރުތަކާ ކުޅެ، ކަންކަން އޮޅުވާލަމުންދަނީ ކިހިނަކުންކަން އާންމުންނަށް އަންގައިދޭން އެބަޖެހެއެވެ. ޖަޒުބާތުގައި ޖައްސައިގެން މީހުންގެ ވިސްނުމާއި ފިކުރު ނުބައި ފަރާތަށް އަނބުރައިލަނީ ކިހިނަކުންކަން އާންމުންނަށް ބުނެދޭން އެބަޖެހެއެވެ. އެއާއެކު ކުރަންޖެހޭ އެތައް ކަންތައްތަކެއް އެބަހުއްޓެވެ. ސޯޝަލް މީޑިއާ ނުވަތަ އިޖުތިމާޢީ މުޢާމަލާތުގެ ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ މަގުތައް ތަނަސްވަސްކޮށްދިނުމެވެ. ނަހަމަ ގޮތުގައި އޭގެ ބޭނުން ހިފުމުން ނިކުންނާނެ ނޭދެވޭ ނަތީޖާތައް ބަޔާންކޮށްދިނުމެވެ. ތަޢައްޞުބުވުމާއި، އަނެކުންނާ ދެކޮޅުވެރިވުމުގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތައް ވިސްނުވައިދިނުމެވެ.

މިފަދަ ކަންކަމުގެ ހޭލުންތެރިކަން އިތުރުވުމަކީ، ހައްދުފަހަނަޅައިދިއުން މަނާކުރާނެ ކަމެކެވެ. މުޖުތަމަޢަށާއި ޤައުމަށް ލާބައެއް ނެތް ކަންކަމުގެ ޖަޒުބާތުގައި މީހުން ޖެހެމުންދަނީ މީޑިއާގެ ސަބަބުންނެވެ. އަދި މީހުންގެ ވިސްނުން ނުބައި އަތަށް އެނބުރެމުންދަނީ ވެސް މީޑިއާގެ ސަބަބުންނެވެ. އެހެންކަމުން، އާންމު މީޑިއާ އާއި، ސޯޝަލް މީޑިއާ ހެޔޮ މަގަށް ގެނެވޭނެ ޤާނޫނީ މަގެއް އޮންނަން ޖެހެއެވެ. ނަފުރަތު އުފެއްދުމާއި، ދެކޮޅުވެރިކަން އާންމުކުރުމާއި، އާންމުންގެ ހިތްތަކުގައި ރުޅިވެރިކަން އުފެއްދުން ފަދަ ކަންކަން ހުއްޓުވާނެ ބާރެއް އުފައްދަން ޖެހެއެވެ. މުޖުތަމަޢުގެ އަމާންކަމަށް ހުރި ނުރައްކާތަކަކުން ސަލާމަތްވުމަށްޓަކައެވެ.


3. އެކެއްގެ ޚިޔާލާއި، އަނެކަކުގެ ޚިޔާލު:

މީޑިއާގެ ވަސީލަތްތަކުން "އެކެއްގެ ޚިޔާލާއި، އަނެކަކުގެ ޚިޔާލު" ނުވަތަ ދެފަރާތެއްގެ ދެ ރައުޔު ގެނެސްދެވެއެވެ. އެހެނަސް އެކަން ކުރެވެމުންދަނީ، ވަރަށް ހީނަރު ގޮތެއްގައެވެ. ދެ ފަރާތެއްގެ ރައުޔު އަޑުއެހުމަކީ، އާންމުން ވަރަށް ބޮޑަށް ކުރާހިތްވާ ކަމެކެވެ. އެކަމަކު އާންމުންނާ ހަމައަށް އެ ދެ ރައުޔު ގެނެސްދެވެނީ، އެންމެ ނޭދެވޭ ގޮތުގައެވެ. ދެ ފަރާތެއްގެ ދެ ރައުޔު، އާންމުންނާ ހަމައަށް ގެނެސްދިނުމުގެ ކުރިން، ދަސްކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ދެ ފަރާތުގެ ދެ ރައުޔަށް އިޙުތިރާމުކުރުމެވެ. އެކަން ކޮށްދޭނެ ޢިބްރަތްތެރި މިސާލުތައް ގެނެސްދިނުމެވެ.

ދެ ފަރާތެއްގެ ދެ ވިސްނުން ގެނެސްދޭ ޓީވީ ޕްރޮގްރާމުތަކުން ވެސް ފެންނަމުންދަނީ ޤަބޫލުކުރަން ދަތި މަންޒަރުތަކެކެވެ. އާދޭހެވެ. އެއް ފަރާތުން އަނެއް ފަރާތުގެ ޤަދަރު ކުޑަކުރާ މަންޒަރެވެ. އެއް ފަރާތުން އަނެއް ފަރާތުގެ އަގުވައްޓައިލުމަށް މަސައްކަތްކުރާ މަންޒަރެވެ. އެއް ފަރާތުން އަނެއް ފަރާތަށް އާޑަކިޔައި ފުރައްސާރަކުރާ މަންޒަރެވެ. އެއް ފަރާތުން ހުށަހަޅާ ޚިޔާލު، އަނެއް ފަރާތުން ކަތިލާ މަންޒަރެވެ. އެކަންކަން އޭގެ ކުންނަން ވާޞިލުވެ، ތަޅާފޮޅައި މާރާމާރީ ހިންގާ ޙާލަތުތައް ވެސް އާދެއެވެ. މިއިން އާންމުންނަށް ފޯރުކޮށްދޭ ވަރަށް ނުބައި މެސެޖުތަކެއް ވެއެވެ. އެ މެސެޖުތަކަކީ ކޮބައިތޯއެވެ؟ އަނެކުންނާ ވާހަކަނުދައްކާށެވެ! އަނެކުންގެ ޚިޔާލުތަކަށް އިޙުތިރާމު ނުކުރާށެވެ! ޚިޔާލު ތަފާތުވެއްޖެނަމަ، ދެކޮޅުވެރިވެ، ތަޅާފޮޅައިގަންނާށެވެ! ދެ ފަރާތެއްގެ ދެ ފިކުރު ހާމަކުރުމުގެ ނަތީޖާއަކީ، ހަނގުރާމައެވެ!!!


4. ރަނގަޅު މެހުމާނުން އިޚުތިޔާރުކުރުން:

ނަންގަނެވިދިޔަ ނުކުތާގެ އަލީގައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، ދެ ފަރާތެއްގެ ދެ ފިކުރު ގެނެސްދޭނެ ރަނގަޅު މެހުމާނުން އިޚުތިޔާރުކުރުމެވެ. އެކިއެކި ޕްރޮގްރާމުތަކުގައި ޚިޔާލު ފާޅުކޮށް ވާހަކަދެއްކުމުގެ ދަޢުވަތު، ބަނިޔާދަން ފަރާތްތަކަށް ދިނުމަށްޓަކައެވެ. އަނެކުންނަށް ދޫދީ، އަނެކުންނަށް އިޙުތިރާމުކުރާ ޙާލު، މައުޟޫޢީ ގޮތެއްގައި ޚިޔާލާއި ފިކުރު ހުށަހަޅައިދޭ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްޓަކައެވެ. ހެޔޮ ސަގާފަތެއް އުފެއްދޭނީ، ހެޔޮ ނަމޫނާތަކެއް ދައްކައިދީގެން ކަމުގައި ވާތީއެވެ. އަނެކުންނަށް ދޫދޭ، އަނެކުންނަށް އިޙުތިރާމުކުރާ ނަމޫނާއެއް ދެއްކުން ތަކުރާރުކުރުމަކީ، އެ ސަގާފަތު އަށަގަންނާނެ ކަމެއް ކަމުގައި ވާތީއެވެ.

މަޑުމައިތިރިކަމާއި، ހަމަހިމޭންކަމާއެކު ދެ ފަރާތަކުން ދައްކާ ބިނާކުރަނިވި ރަނގަޅު ވާހަކަތަކުން ކުރާނެ ހެޔޮ އަސަރު މާބޮޑުވާނެވެ. އެ ފަދަ ވާހަތަކުން ފޯރުކޮށްދޭ މެސެޖަކީ، "އަނެކުންނަށް އިޙުތިރާމުކުރުން" އެކަނި ކަމުގައި ވިޔަސް، އޭގެ ބޭނުންތެރިކަން މާބޮޑެވެ. އެ މެސެޖު ތަކުރާރުވުމަކީ، ބިނާކުރަނިވި ގޮތެއްގައި ޚިޔާލު ފާޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހެޔޮ ބަސް ބުނުން އާންމުވެގެންދާނެ ކަމެކެވެ.

ދިމާކުރުމުގެ އުސްލޫބުން ވާހަކަދައްކައި، އަނެކުންނަށް ބޭއިޙުތިރާމުކުރުން އިސްކުރާ ފަރާތްތަކުގެ ވާހަކަތައް މީޑިއާއިން ގެނެސްދޭކަމީ ހިތާމަހުރި ކަމެކެވެ. އެފަދަ ފަރާތްތައް އިޚުތިޔާރުކޮށް، އެ ފަރާތްތަކުން ދައްކާ ބޭއަދަބީ ވާހަކަތައް ގެނެސްދިނުމަކީ، އަނދަމުންދާ އަލިފާންގަނޑަކަށް ދަރުއެޅުން ކަހަލަ ކަމެކެވެ. އެކަމުގެ ސަބަބުން، މުޖުތަމަޢުގައި އުފެދޭނީ ދެބަސްވުމާއި ދެކޮޅުވެރިކަމެވެ. އާންމުންގެ ހިތްތަކަށް ކުރާނީ ނޭދެވޭ އަސަރުތަކެވެ.


5. އާންމު މަޞްލަޙަތު އިސްކުރުން:

ނަފުރަތުކުރުމާއި، ދެކޮޅުވުމާއި، ހަރުކަށިވުމާއި، ތަޢައްޞުބުވުމަކީ، އެ ކަންކަމުގެ ޖަޒުބާތަށް އާންމުން ލަންބުވާލާނެ ކަންކަމެވެ. އަދި އެފަދަ ކަންކަމަށް ސަމާލުކަންދޭ ބެލުންތެރިންނާއި، ކިއުންތެރިންނާއި، އަޑުއަހާ މީހުންގެ ޢަދަދު ވެސް އިތުރުވެދާނެއެވެ. އެހެނަސް އެފަދަ ކަންކަމަކީ، މުޖުތަމަޢުގެ ފިކުރާއި ޚިޔާލު، އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ވިހަކޮށްލާނެ ކަންކަމެވެ. އޭގެ ސަބަބުން މުޖުތަމަޢުގައި، ބައިބައިވުމާއި ދެކޮޅުވެރިވުމުގެ ރޫޙު އުފެދެއެވެ. އެހެންކަމުން، ޝަޚުޞީ މަޞްލަޙަތަށްވުރެ، ޤައުމާއި މުޖުތަމަޢުގެ އާންމު މަޞްލަޙަތު އިސްކުރަން ޖެހެއެވެ. މަދު ބަޔަކު ވިޔަސް، އެއްބައިވަންތަކަމާއި، އެއްބަޔެއްވަންތަކަމުގެ ރޫޙު ދަމަހައްޓައިފިނަމަ، އޭގެ ފައިދާ މުޖުތަމަޢަށް މާބޮޑުވާނެއެވެ. އެކަމުގެ ސަބަބުން، މެދުމިނުގެ ފިކުރުގެ ޖަޒުބާތާއި މަޤުބޫލުކަން އިތުރުކުރެވިދާނެއެވެ. ހަރުކަށިކަމާއި، ހައްދުފަހަނަޅައިދިއުމުގެ ފިކުރު ފަހަތަށް ޖައްސައިލެވިދާނެއެވެ. އޭގެ ޙަޤީޤަތެއް ނެތް ދަޅަތައް ފަނޑުކޮށްލެވިދާނެއެވެ. އާންމުންގެ ހިތްތަކުގައި އެއަށް ފުރަގަސްދިނުމުގެ ރޫޙު އުފައްދައި، އެއާ ދުރުހެލިކުރެވިދާނެއެވެ.


6. އެއްބައިވަންތަކަމުގެ މަޞްދަރު ކަށަވަރުކުރުން:

ކޮންމެ ޤައުމެއްގެ ރައްޔިތުންގެ މެދުގައިވާ ދީނީ، ފިކުރީ، މަޒުހަބީ ތަފާތުތަކާއެކުގައި ވެސް، އެމީހުންގެ އެއްބައިވަންތަކަން ދަމަހައްޓައިދޭ މަޞްދަރެއް ވެއެވެ. އެއީ، އެ ޤައުމެއްގެ ޤާނޫނު އަސާސީއެވެ. އެއީ، ޤައުމުގެ އެހެނިހެން ޤާނޫނާއި ޤަވާޢިދުގެ މައިމުލެވެ. އެއީ، އެއްބައިވަންތަކަމާއި، ހަމަހަމަކަމުގައި ޤައުމީ ރޫޙު ދަމަހައްޓައިދޭ އަސާސީ މަޞްދަރެވެ. ޤާނޫނުގެ ކުރިމަތީގައި، ޤައުމުގެ ރައްޔިތުންނަކީ ހަމަހަމަވެގެންވާ ބަޔެއްކަން ކަށަވަރުކޮށްދޭ މަޞްދަރަށް އިޙުތިރާމުކުރަންޖެހެއެވެ.

ހަމަހަމަކަމުގެ ސަބަބުން، އެއް ބަޔަކު އަނެއް ބަޔަކަށް ދޫދިނުމާއި، އެންމެން އެއް ބަޔެއްގެ ގޮތުގައި ދިރިއުޅުމުގެ ރޫޙު ވަރުގަދަވެއެވެ. ރައްޔިތުންގެ މެދުގައި ގުޅުންބޮޑު ތަރަހައެއްގެ މަތީގައި މުޖުތަމަޢު ބިނާކުރެވިއްޖެނަމަ، އެމީހުންގެ މެދުގައި ފާޅުކުރެވޭ ޚިޔާލުތަކުން ހެޔޮ މަތިވަރު ޙާޞިލުވާނެއެވެ. އެއާ ޚިލާފަށް ބައިބައިވެފައިވާ ރައްޔިތެއްގެ މެދުގައި ފާޅުކުރެވޭ ޚިޔާލުތަކުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެއެވެ. މިހެންވެ، ދައުލަތުގެ މަފުހޫމާއި، ރަށްވެހިވުމުގެ މަފުހޫމާއި، މުޖުތަމަޢުގެ އެއްބަޔެއްވަންތަކަމުގެ މަފުހޫމު ދިރުވައި އާލާކުރަންޖެހެއެވެ. ހަމަހަމަ ގޮތެއްގައި ޤައުމުގެ އެންމެހައި ރައްޔިތުން ޤައުމަށް ނިސްބަތްކޮށްދީ، ޤައުމުގައި އެމީހުން ވަޒަންވެރިކޮށްދެނީ އެމީހުންގެ މެދުގައިވާ ބައިވެރިވާ ބަހާތަކެވެ.


7. ތަޢައްޞުބުގެ ފިކުރަށް ފާޑުކިޔުން:

ބުއްދީގެ ހަމަތަކުންނާއި، ދީނީ ނަޒަރުން ޙަޤީޤަތް ހާމަކޮށްދީ، ތަޢައްޞުބުގެ ފިކުރުތަކަށް ފާޑުކިޔައި، އެ ފިކުރު ބާޠިލުކުރަންޖެހެއެވެ. އަނެކުން އެއްފަރާތްކޮށް، އަނެކުންގެ އަގުވައްޓައިލުމަށް މަސައްކަތްކުރާ ފިކުރާމެދު ވެސް އެފަދައިން ޢަމަލުކުރަންޖެހެއެވެ. ހައްދުފަހަނަޅައިދިއުމަށް މަގުދައްކައި، ފިތުނަ އުފައްދާ ފަރާތްތައް އުޅޭނެތީއެވެ. އެފަރާތްތަކަށް އިޖާބަދޭނެ ފަރާތްތައް ވެސް ވާނެތީއެވެ. އެ ފަރާތްތަކުން އުފުލާ އަޑުތަކަށް ރައްދުދީ، އެ ބާޠިލުކުރަންޖެހެއެވެ. އެހެނަސް އެކަން ކުރަންވާނީ، ނުހަނު ފަރުވާތެރިކަމާއި، ވިސްނުންތެރިކަމާ އެކުގައެވެ. އެ ފަރާތްތަކުން އުފުލާ އަޑުތައް އިޝްތިހާރު ނުވާނެހެންނެވެ. އަދި އެ އަޑުތަކަށް މީހުން އިޖާބަނުދޭނެހެންނެވެ. އެއާއެކު ސަމާލުވާންޖެހޭ އެހެން ކަމެއް ވެސް ވެއެވެ. އެއީ، މުޖުތަމަޢު ބައިބައިކޮށް ފިތުނަ އުފައްދަންއުޅޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ ވިހަ ފިކުރު ފަތުރާނެ ފުރުޞަތު ނުލިބޭނެހެން ކަން ކުރުމެވެ.


8. ހެޔޮލަފާ ފަރާތްތަކަށް އިނާމުދިނުން:

އަނެކުންނަށް ދޫދިނުމާއި، މެދުމިނުގެ ފިކުރު ފަތުރާ ފަރާތްތަކަކީ ކޮބައިތޯ ބަލައި، އެ ފަރާތްތަކަށް އިނާމުދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ނުވަތަ އެފަދަ ފިކުރު ފަތުރަނީ ކޮން ޗެނަލްތަކަކުން ފޮނުވާ ކޮން ޕްރޮގްރާމްތަކެއްގައިތޯ ބަލައި، އެ ޕްރޮގްރާމްތަކަށް ވެސް އިނާމުދެވިދާނެއެވެ. އެއީވެސް ގިނަ ޗެނަލްތަކުންނާއި، ގިނަ ޕްރޮގްރާމުތަކުން ހެޔޮ ފިކުރު ފެތުރުމަށް ބާރުއެޅުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. ބިނާކުރަނިވި ގޮތެއްގައި އެކަން ކުރެވިއްޖެނަމަ، ބައެއް ޗެނަލްތަކާއި، ބައެއް މީހުން ހެޔޮ ފިކުރު ފެތުރުމުގެ މަސައްކަތް ނުހަނު ޝައުޤުވެރިކަމާއެކު ކުރާނެ ކަމަށް ބެލެވެއެވެ. އެކަމުގެ ސަބަބުން، ހެޔޮ ފިކުރު ފަތުރައި، ހެޔޮ ބަސް ބުނާ މިންވަރު އިތުރުވެގެންދާނެއެވެ.


9. ދޫދިނުމުގެ ރޫޙު ފެތުރުން:

މީޑިއާގެ ވަސީލަތްތަކުން އިސްކަން ދޭންޖެހޭ ކަންތައްތައް ތަރުތީބުކުރުމުގެ ނަޒަރިއްޔާއިން ބަލާއިރު، ދޫދިނުމުގެ ފަހިކަން ބަޔާންކޮށްދީ، ދޫދިނުމުގެ މާނަ އޮޅުންފިލުވައިދޭންޖެހެއެވެ. ބައެއް މީހުން ހީކުރާ ގޮތުގައި، ދޫދިނުމަކީ އަނެކާއަށް މަޢާފުކޮށް، ތިމާގެ ޙައްޤު ދޫކޮށްލުމެވެ. އެއީ، އޭނާ އަށް ކަމޭހިތައި، ޤަދަރުކުރުމުގެ ގޮތުންނެވެ. އެހެނަސް، ޙަޤީޤަތުގައި ކަން އޮތީ އެ ގޮތަކަށް ނޫނެވެ. މި މަޤާމުގައި، ދޫދިނުމުގެ މާނަ އަށް އަލިއަޅުވައިލާނަމެވެ. އެއީ ޙައްލުގެ ފެށުން ކަމުގައި ވާތީއެވެ.

ދޫދިނުމުން ޙާޞިލުކުރެވިދާނެ އެތައް ފަހި ކަންތައްތަކެއް ވެއެވެ. އެއިން ކޮންމެ ކަމެއް މެސެޖެއްގެ ސިފައިގައި ނުވަތަ ތަޞްވީރެއްގެ ސިފައިގައި އުފެއްދިދާނެއެވެ. ތިރީގައި މިވަނީ، އެއިން މުހިންމު ބައެއް ކަންކަމެވެ.


(ހ) ދުނިޔޭގައިވާ ތަފާތުތައް ޤަބޫލުކުރުން:

މާތް ﷲ ވަނީ، މި ކާއިނާތުގައި ތަފާތުތަކެއް ލައްވަވާފައެވެ. ތަފާތުތަކަކީ، އެކަލާނގެ މި ކާއިނާތުގައި ލައްވަވާފައިވާ ސުންނަތެކެވެ. އެއާއެކު ދިރިއުޅުމަކީ، މަޚުލޫޤުންގެ މައްޗަށް އޮތް ކަމެކެވެ. އެއިން ބޭރުވުމަކީ، މަޚުލޫޤުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެ ނެއްތައިލުމަކީ ވެސް މަޚުލޫޤުންނާ އަރާއަރަފޯދިގެންވާ ކަމެއް ނޫނެވެ.

އާދޭހެވެ. މީހުންގެ މެދުގައިވާ ތަފާތުތައް ނެއްތާލައި، އެންމެންނަކީ އެއްކަހަލަ ބަޔަކަށް ހެދުމަކީ ވާނެ ކަމެއް ނޫނެވެ. އެންމެންގެ ވިސްނުމާއި ފިކުރު އެއްގޮތަކަށް ބައްޓަންކުރުމަކީ ވެސް ވާނެ ކަމެއް ނޫނެވެ. އެހެންކަމުން، ރަނގަޅު ގޮތަކީ، މި ކާއިނާތުގައިވާ ތަފާތުތައް ޤަބޫލުކޮށްގެން އެއާއެކު ދިރިއުޅުމެވެ. އެކިއެކި ޤައުމުތަކުގެ މެދުގައިވާ ތަފާތުތަކެވެ. އެކިއެކި ސަގާފަތުތަކުގެ މެދުގައިވާ ތަފާތުތަކެވެ. އެކިއެކި މުޖުތަމަޢުތަކުގެ މެދުގައިވާ ތަފާތެވެ. އެ މުޖުތަމަޢުތަކުގެ އަހުލުވެރިންގެ މެދުގައިވާ ތަފާތުތަކެވެ. އެ މީހުންގެ ވިސްނުމާއި ފިކުރުގައިވާ ތަފާތުތަކެވެ. މިފަދަ ހުރިހާ ތަފާތުތަކެއް ބަލައިގަތުމަކީ، ދޫދިނުމުގެ ތެރެއިންވާ ކަމެކެވެ.

ދޫދިނުމަކީ ކޮބައިތޯއެވެ؟

ދޫދިނުމަކީ، ސަގާފީ ތަފާތުތަކަށް އިޙުތިރާމުކުރުމެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި އެއްބަސްވެވިފައިވާ އަނެކުންގެ އަސާސީ މިނިވަންކަމާއި، އެމީހުންގެ ޙައްޤުތައް ޤަބޫލުކުރުމެވެ. ތިމަންމެން ނޫން އެހެން މީހުން ވެސް މި ދުނިޔޭގައި އުޅޭކަން ޤަބޫލުކުރުމެވެ. އެ މީހުންގެ ސަގާފަތާއި، ފިކުރާއި، ޚިޔާލާއި، ޙައްޤާއި، ޒިންމާ ވެސް ވާނެކަން ޤަބޫލުކުރުމެވެ. އަދި އެމީހުންގެ ޚުޞޫޞިއްޔަތު (ޕްރައިވެސީ) ވެސް ވާނެކަން ޤަބޫލުކުރުމެވެ. މިކަންކަން ބަލައިގަތުމަކީ، މާތް ﷲ، މީސްތަކުންގެ މެދުގައި ލައްވާފައިވާ ތަފާތުވުމުގެ ސުންނަތަށް އިޙުތިރާމުކުރުމުގެ ބައިތަކުގެ ތެރެއިން ބަޔެކެވެ.


(ށ) ތަޢައްޞުބުވުން:

ތަޢައްޞުބުވުމަކީ، އަނެކުން ބަލައިނުގަތުމެވެ. އަނެކުންނާ މުޅިން ދެކޮޅުވެރިވެ، އެމީހުންނަކީ ނެތް ބަޔެއް ކަމަށް ދުށުމެވެ. އެއީ، މާތް ﷲ، މި ކާއިނާތުގައި ލައްވާފައިވާ ތަފާތުވުމުގެ ސުންނަތާ ދެކޮޅަށް ކުރެވޭ ކަމެކެވެ. އެކަލާނގެ މީސްތަކުންގެ މެދުގައި ލައްވާފައިވާ ތަފާތުވުންތަކުގެ ޙިކުމަތްފުޅު އެއްފަރާތްކޮށްލުމަށް ކުރެވޭ ކަމެކެވެ. މީސްތަކުންގެ މެދުގައި، އެކުވެރިކަމާއި، އެއްބާރުލުން އުފައްދައި، މި ކާއިނާތު ބިނާކުރުމަކީ، އެ ޙިކުމަތްފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއާ ދެކޮޅަށް ކުރެވޭ ކަންކަމުން ފަހި ނަތީޖާއެއް ނުނިކުންނާނެއެވެ. ކިއެއްތޯއެވެ. އެކަންކަމުގެ ސަބަބުން، އުންމަތްތަކާއި، ޤައުމުތަކާއި، މީހުންގެ މެދުގައި ދެކޮޅުވެރިކަމުގެ ރޫޙު އުފެދި، އަރާރުންވުން ނޫން ކަމެއް ޙާޞިލުނުވާނެއެވެ.

މީހުންގެ މެދުގައި އެކުވެރިކަން ޤާއިމުކުރަންޖެހެއެވެ. އެއްބަޔެއްގެ އަތުގައި ނެތް އެއްޗެއް އަނެއް ބަޔެއްގެ އަތުން ލިބިގަންނަންޖެހެއެވެ. މީހުންގެ މެދުގައިވާ ތަފާތުތައް ބަލައިގަންނަންޖެހެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް ދޫދޭންޖެހެއެވެ. މިކަންތައް ދޫކޮށްފައި ހޯދޭނެ މޮޅު ބަދީލެއް ނެތެވެ! އެއްބަޔަކު އަނެއް ބަޔަކަށް ދޫދީ، އެއްބަޔަކު އަނެއް ބަޔަކު ޤަބޫލުކޮށް ބަލައިގަތުމަކީ، ހުރިހާ އަރާރުމާއި ދެކޮޅުވެރިކަމުގެ ޙައްލެވެ. އެއީ، ހުރިހާ ހަނގުރާމަތަކާއި ލޭ އޮހޮރުވުންތަކުގެ ވެސް ޙައްލެވެ.

މިސާލެއްގެ ގޮތުން ޔޫރަޕުގެ ބައްރަށް ބައްލަވާށެވެ! އެ ބައްރުގައިވާ ޤައުމުތަކުގެ މެދުގައި ހަނގުރާމަކުރުން ފެތުރިގެންދިޔަ ހީނަރު ޒަމާނެއް ތާރީޚު ދެކެފައި ވެއެވެ. އެމީހުން ވަނީ، ދުނިޔޭގައި އެންމެ ފަހުން ކުރެވުނު ބޮޑު ދެ ހަނގުރާމައިގައި ވެސް ބައިވެރިވެފައެވެ. ހަނގުރާމަކުރުމާއި، ދެކޮޅުވެރިވުމުން އެމީހުންނަށް ލިބުނު މޮޅެއް ނެތެވެ. އެމީހުންނަށް އާރާބާރު ލިބުނީ އެކުވެރިކަމުންނެވެ. އެމީހުންގެ މެދުގައި ޤާއިމުކުރެވުނު އެއްބައިވަންތަކަމާއި، އިއްތިޙާދުންނެވެ.

ދަންނާށެވެ! ތަޢައްޞުބުވުމަކީ، މާތް ﷲ، މި ކާއިނާތުގައި ލައްވަވާފައިވާ ތަފާތުވުމުގެ ސުންނަތާ ދެކޮޅަށް ކުރެވޭ ހަނގުރާމައެކެވެ. އެއީ، އެ ހަނގުރާމަކުރާ އެއްވެސް ބަޔަކަށް މޮޅެއް ލިބޭނެ ހަނގުރާމައެއް ނޫނެވެ!


(ނ) ދޫދިނުމާއި އެއްބައިވަންތަކަން:

އެއް ބަޔަކު އަނެއް ބަޔަކަށް ދޫދީ، އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަކީ، ނުހަނު ފައިދާހުރި ކަމެކެވެ. އެކަންކުރަންވީ، މާތް ﷲ، މީސްތަކުންގެ މެދުގައި ލައްވާފައިވާ ތަނަވަސްކަންބޮޑު އިންސާނީ ބަހާތަކުގެ މެދުގައެވެ. އޭރުން އެއްބަޔެއްގެ ވާގިވެރިކަން އަނެއް ބަޔަކަށް ލިބޭނެއެވެ. އެއްބަޔެއްގެ ވިސްނުމާއި ބުއްދި އަނެއް ބަޔަކަށް ޙާޞިލުވާނެއެވެ. އެއްބަޔެއްގެ ޢިލްމާއި ހުނަރު އަނެއް ބަޔަކަށް ދަސްވާނެއެވެ. އެގޮތުގެމަތިން، އިންސާނީ އުންމަތުގެ އާރާބާރާއި ބުއްދި، ހެދިބޮޑުވެ ފުރާފުރިހަމަވަމުންދާނެއެވެ. އެއް ކަމަކަށް އަމާޒުކުރެވިގެން ކުރެވޭ މަސައްކަތްތައް އެކަތިގަނޑަކަށް ވެގެންދާނެއެވެ. ނަތީޖާއަކަށް ވާނީ، އިންސާނީ އުންމަތުގެ މާއްދީ ބާރުތަކާއި، މަޢުނަވީ ބާރުތައް ވަރުގަދަވެގެންދިއުމެވެ.

މިދެންނެވި ގޮތާ ޚިލާފަށް ޢަމަލުކުރުމަކީ، ނުހަނު ގެއްލުންހުރި ކަމެކެވެ. އަނެކުންނަށް ދޫނުދިނުމާއި، އަނެކުންނާއެކު އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުނުކުރުމަކީ، ނުހަނު ގެއްލުންހުރި ކަމެކެވެ. ކޮންމެ ބަޔަކުމެ، އެބަޔެއްގެ ޙަސަބާއި ނަސަބުގެ ނުވަތަ ޤައުމިއްޔަތުގެ ނުވަތަ ބަހުގެ ނުވަތަ ދީނުގެ ތަޢައްޞުބުގައި ދެމިތިބެއްޖެނަމަ، ދެކޮޅުވެރިކަމާއި ހަނގުރާމަކުރުން ނޫން ކަމެއް ނުއުފެދޭނެއެވެ. އެކަމުގެ ސަބަބުން، އިންސާނީ ފިކުރު، ސަލާމަތް ބުއްދީގެ މަގުން އެއްކިބާވެ، ވިއްސިވިހާލިވެގެންދާނެއެވެ. ޤައުމުތަކަށް ނިކަމެތިކަމާއި ބަލިކަށިކަން ވެރިވާނެއެވެ. ޤައުމުތަކުގެ އާރާބާރު ބޭކާރުގޮތުގައި ސުންނާފަތިވެގެންދާނެއެވެ. މިކަންކަމުގެ ނަތީޖާއަކަށް ވާނީ، ތަރައްޤީގެ މަގުން އެއްކިބާވެ، ތަހުޒީބާއި ތަމައްދުނުގެ ރޭހުގައި ގިއްގެޅުމެވެ.

ދަންނާށެވެ! ދޫދިނުމާއި އެއްބައިވަންތަކަމަކީ، އިންސާނީ ބަހާތަކުގެ ފުރިހަމަކަން އިތުރުވެ، އިންސާނީ އުންމަތުގެ މާއްދީ ބާރުތަކާއި، މަޢުނަވީ ބާރުތައް ވަރުގަދަވާނެ ކަމެކެވެ.


(ރ) ދޫދިނުމާއި އަރުތަލިބުން:

އިންސާނާ، އޭނާގެ އަޚު އަނެއް އިންސާނާ މި ވުޖޫދުގައި ވާކަމާއި، އޭނާގެ ކިބައިގައިވާ ތަފާތުތަކާއި، އޭނާގެ ސަގާފަތު ބަލައިގަތުމަކީ، ނުހަނު ބޭނުންތެރި ކަމެކެވެ. އެކަމުގެ ސަބަބުން، އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރެވޭނެތީއެވެ. ޚާރިޖީ އަދި ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ލިބޭނެތީއެވެ. ޤައުމާއި ރައްޔިތުންގެ މެދުގައި އަމާންކަމާއި ޞުލްޙަވެރިކަން އުފެދޭނެތީއެވެ. ހޭލުންތެރިކަމާއި، ތަރައްޤީގެ މަތިވަރު ޙާޞިލުވާނެތީއެވެ. އެންމެން ވެސް މިކަންކަން ބޭނުންވޭމެއެވެ. އެންމެން ބޭނުންވާ މި ކަންކަމަށް އަމާޒުކޮށްގެން، ދޫދިނުމުގެ ސަގާފަތު އުފައްދައިފިނަމަ، އޭގެ ލާބައާއި މަންފާއިން އަރުތަވެރިވާނީ ހަމަ އެންމެންނެވެ.

ދޫދިނުމުގެ ސަގާފަތު އުފެއްދުމުގެ ބަދަލުގައި، ތަޢައްޞުބުވުން އިސްކޮށްފިނަމަ، އިންސާނީ އުންމަތް ބައިބައިވެގެންދާނެއެވެ. އިންސާނުން ކުރާ މަސައްކަތްތަކުގެ އާރާބާރު ދެރަވެގެންދާނެއެވެ. އަދި އެ މަސައްކަތްތަކުގެ ފެންވަރާއި ފަންވަރު ވެސް ދަށްވެގެންދާނެއެވެ. މި ޙާލަތުގައި އޭގެ ގެއްލުމާއި ހަލާކާއި ސުންޕާކަމުގެ ހިތި ރަހަ ދެކެންޖެހޭނީ ހަމަ އެންމެންނެވެ.

ދަންނާށެވެ! އަނެކުންނަށް ދޫދިނުމާއި، އަނެކުންގެ ސަގާފަތު ބަލައިގަތުމަކީ، އެންމެނަށް އަރުތަލިބޭނެ ކަމެކެވެ.

އަނެކުންނަށް ދޫދިނުމުގެ ސަގާފަތު ފެތުރުމުގައި މީޑިއާއިން އަދާކުރެވިދާނެ ދައުރު ވަރަށްވެސް ބޮޑެވެ. މީހުންގެ ހޭލުންތެރިކަން ބައްޓަންކުރަނީ މީޑިއާ ކަމުގައި ވާތީއެވެ. މީހުން ސަމާލުކަން ދޭންވީ މައްސަލަތައް ދައްކައިދެނީ ވެސް މީޑިއާ ކަމުގައި ވާތީއެވެ. އަދި މީޑިއާއަކީ، މުޖުތަމަޢުގެ އަފުރާދުންގެ ބުއްދިއާއި ޝުޢޫރު ކޮންޓްރޯލްކޮށް އޭގެ މައްޗަށް ނުފޫޒު ހިންގާ ވަރުގަދަ ބާރެއް ކަމުގައި ވެސް ވާތީއެވެ. އެހެންކަމުން، މީޑިއާ ދަތުރުކުރަންވާނީ، އެންމެނަށް ލާބައާއި މަންފާ ހުރި މަގުންކަން ޤަބޫލުކުރަންޖެހެއެވެ. އަދި އެންމެނަށް އެންމެ ފައިދާހުރި ގޮތުގައި އަރުތަ ޙާޞިލުވާނެ ރާސްތާއިންކަން ކަށަވަރުކުރަންޖެހެއެވެ.

<><><>


ނޯޓް:
ދޭހަ އިތުރުކުރުމަށްޓަކައި، މި ތަރުޖަމާއަށް ވާނީ، އަޞްލު މަޒުމޫނުގައި ނެތް ބައެއް ޢިބާރާތް އިތުރުކުރެވިފައެވެ. މިކަން ކުރެވިފައިވާނީ، އަޞްލު މަޒުމޫނުގެ ރޫޙުގެ އިމުގެތެރޭގައެވެ.


މަޞްދަރު:
http://aliftaa.jo/Article.aspx?ArticleId=345#.WKOx8vKULC8

މުޞަންނިފު:
ޑރ. ޙައްސާނު އަބޫ ޢަރުޤޫބު (الدكتور حسان أبو عرقوب) އަކީ، ޖޯޑަންގެ ދާއިރަތުލް އިފުތާއިލް ޢާއްމު (دائرة الإفتاء العام) ގެ މުފުތީއެކެވެ. އޭނާއަކީ އެ އިދާރާގެ "ބައިނަލްއަޤުވާމީ ގުޅުންތަކާބެހޭ ބައި" (وحدة العلاقات العامة والتعاون الدولي) ގެ މުދީރެވެ. ފޯނު ނަންބަރަކީ، 0796985959 އެވެ.

މަޒުމޫނުގެ އަޞްލު ޝާއިޢުކުރެވުނު ތާރީޚު:
9 ނޮވެމްބަރ 2016

މަޒުމޫނުގެ އަޞްލު މައުޟޫޢު:
دور الإعلام في غرس ثقافة التسامح في المجتمع