ޢަރަބި އަތުލިއުން ހުއްޓާލި ސަބަބު


ހިތާމައިގެ ޝުޢޫރުތައް ފާޅުކުރެއްވި ޒުވާނާއެވެ! ޢަރަބި އަކުރަކީ، ދުނިޔޭގެ އެހެން އަކުރުތަކަށް ލިބިފައި ނުވާ ފަދަ ރީތި ކަމަކާއި، ޖަޒުބާތެއް ލިބިފައިވާ ފަންނީ އަކުރެކެވެ. ކުޑަކުދިންނަށް ރީތި ކޮށް ޢަރަބި ލިޔަން ދަސްކޮށްދިނުމަކީ، އިސްލާމީ މުޖުތަމަޢުތަކުގައި އޮންނަ އާދައެކެވެ. އަޅުގަނޑަށް ވެސް ޢަރަބި އަކުރު އަޅަން ދަސްވީ ދިވެހި ރާއްޖޭގައި އޮތް އެ އާދައިގެ ތެރެއިންނެވެ. އަޅުގަނޑުމެން ކުޑައިރު، ޢަރަބި ލިއުން ރީތިވެގެންދަނީ، ފިލާގައި ލިޔެގެން ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ކުރާ މަސައްކަތުގ ތެރޭގައެވެ. އެގޮތުން ދަސްވަނީ ހަމައެކަނި ނަސްޚު ލިއުމެވެ. އެހެނަސް އެ ލިޔުމުގެ ޤަވާޢިދެއް ދަހެއް ނުވެއެވެ.

ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖެއަށް ޢަރަބި ލިއުން ތަޢާރަފުވެގެންދިޔައީ މައިގަނޑު ދެ މަޝްރޫޢެއްގެ ތެރެއިންނެވެ. އެއް މަޝްރޫޢަކީ، ރައީސް މައުމޫނުގެ ޒަޢާމަތުގައި ދިވެހި ސަރުކާރުން ހިންގެވި ރީތިކޮށް ޢަރަބި ތާނަ ލިޔަން ދަސްކޮށްދިނުމުގެ މަޝްރޫޢެވެ. އަނެއް މަޝްރޫޢަކީ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އިން ހިންގެވި ޢަރަބި ލިޔަން ދަސްކޮށްދޭ މަޝްރޫޢެވެ. ކްލާސްތަކެއްގެ ސިފައިގައި ކުރިއަށްދިޔަ އެ ދެ މަޝްރޫޢުގެ ތެރެއިން އެތައް ބަޔަކަށް ރީތިކޮށް ޢަރަބި ލިޔަން ދަސްވެފައި ވެއެވެ. މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން، އެ ދެ މަޝްރޫޢުގައި ދަރިވަރެއްގެ ހައިސިއްޔަތުން ބައިވެރިވެ، ރީތިކޮށް ޢަރަބި ތާނަ ލިޔަން ދަސްކުރުމުގެ ނަޞީބު އަޅުގަނޑަށް ވަނީ ލިބިފައެވެ.

ރީތިކޮށް ޢަރަބި ތާނަ ލިޔަން ދަސްކުރުމަށްފަހު، ޢަމަލީ މައިދާނަށް ނިކުތީމެވެ. ޢަރަބި ލިއުމާއި ތާނަ ލިއުން ވަރަށް ގިނައިން ލިޔެފައި ވާނެއެވެ. ތާނައިން ބައެއް ފޮތްތައް ވެސް އަތުން ލިޔެފައި ވާނެއެވެ. ނަމަވެސް ގިނައިން ލިޔެވިފައިވާނީ، ޢަރަބި ލިއުމެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކާއި، ޙަދީޘްފުޅުތަކާއި، ޙިކުމަތްތެރި ބަސްތައް، ޢަރަބި ލިއުމުގެ ތަފާތު ވައްތަރުތަކުން ލިޔުނީމެވެ. އެއިން ބައެއް ލިއުންތައް، ދިވެހިރާއްޖޭގެ އަތްތެރި މަސައްކަތުގެ މައުރަޒުގައި ބައިވެރިކޮށް، އެއްވަނަ، ދެވަނަ، ތިންވަނަ، ލިބިފައި ވެއެވެ.

ޢަރަބި ލިއުމުގެ ދާއިރާގައި، ހަނދާނުން ފޮހެލަން ދަތި ދެތިން މަސައްކަތެއް ކުރެވިފައި ވެއެވެ. އެއް މަސައްކަތަކީ، ފޭދޫ ފިނޮޅުގެ މިސްކިތުގެ ފިލާތަކުގައި ލިއުނު ލިއުންތަކެވެ. ޘުލުޘު ލިއުމުން އެ ފިލާތައް ލިޔެ ނިންމުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑަށް ލިބުނީ އެންމެ ހަފުތާއެކެވެ. (ހަތް ދުވަހުގެ މުއްދަތެވެ.) މުއްދަތު ކުރުކަމުން، ފުރަތަމަ އަޅުގަނޑު އެ މަސައްކަތަށް ފަސްޖެހުނީމެވެ. އެކަމަކު، އެ މަސައްކަތަކީ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ވިދާޅުވެގެން ކުރެވޭ މަސައްކަތެއްކަން އެނގުމުން، ނުހަނު ޝައުޤުވެރިކަމާއެކު އެ މަސައްކަތާ ކުރިމަތިލީމެވެ. ރެއާއި ދުވާލު މަސައްކަތްކޮށްގެން ހަތް ދުވަހުގެ މުއްދަތުގައި އެ މަސައްކަތް ނިންމާލެވުނެވެ. މަސައްކަތް ނިމުމުން ލިބުނު އުފާ ބަޔާންކުރަން ދައްޗެވެ. ހަތް ދުވަހުގެ ތެރޭގައި ނިންމިދާނެ ކަމަށް ލަފާކުރެވިފައި ނުވާ މަސައްކަތެއް، އެ މުއްދަތުގައި ނިންމާލެވުނީތީއެވެ. އެއީ، މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އެކަލާނގެ ހިންމަވައިދެއްވި ކަމެއް ކަމުގައި އަބަދުވެސް ޤަބޫލުކުރަމެވެ.

ފޭދޫފިނޮޅުގެ މިސްކިތުގެ ފިލާތަކުގައި އަޅުގަނޑު ހަމައެކަނި ޢަރަބި ލިއުން ލިއުނީއެއް ނޫނެވެ. އެ މަސައްކަތަށްޓަކައި ބާޒާރުން ގަންނަންޖެހުނު އެއްޗެއް ގަތީ ވެސް ހަމަ އަމިއްލައަށެވެ. އަމިއްލަ ޚަރަދުގައެވެ. އަދި ލިޔަން ކަމުދާ ފެންވަރަށް ފިލާތައް އޮމާންކޮށް ތައްޔާރުކުރީ ވެސް އަމިއްލައަށެވެ. ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނުނިންމިދާނެ ކަމަށް ހީކުރެވުނީ އެފަދަ ހުރިހާ ކަމެއް ކުރަންޖެހޭތީއެވެ.

ހަނދާނުން ފޮހެލަން އުނދަގޫ ދެވަނަ މަސައްކަތަކީ، އިބްރާހީމް މިސްކިތުގެ ފިލާތަކުގައި ލިއުމަށްޓަކައި ތައްޔާރުކުރި ލިއުންތަކެވެ. އެ ލިއުންތައް ލިޔެ ތައްޔާރުކުރުމަށްފަހު، އެކަމަށް އެދުނު ފަރާތަށް ލިއުންތައް ރައްދުކުރީމެވެ. އެ ލިއުމަށް އެއްވެސް ބަދަލެއް ގެންނަނަމަ، އެކަން އަޅުގަނޑަށް އެންގުމަށާއި، ގެންނަންޖެހިއްޖެ ކޮންމެ ބަދަލެއް ގެނެސްދޭނެ ކަމަށް އެތައް ފަހަރަކު ތަކުރާރުކޮށް ބުނީމެވެ. އެފަދަ ބައެއް މަސައްކަތްތަކުން ލިބިފައިވާ ހިތި ތަޖުރިބާގެ އަލީގައެވެ.

އިބްރާހީމް މިސްކިތުގެ ލިއުންތައް ފިލާތަކަށް ނަކަލުކުރުމުގެ މަސައްކަތްކުރެވުނުއިރު، އަޅުގަނޑުގެ އެއްވެސް ދައުރެއް ނެތެވެ. އެކަން ކުރި ބަޔަކު ފިލާތަކަށް އެ ލިޔުންތައް ނަކަލުކޮށްފައި އެވަނީ ލިޔެފައިވާ ގޮތާ ޚިލާފަށެވެ. އެހެންކަމުން އެ ލިއުންތަކުގެ ރީތިކަން ވަނީ ގެއްލިފައެވެ. އެކަމާމެދު ވަރަށް ބޮޑަށް ދެރަވިއެވެ. އެންމެ ބޮޑަށް ދެރަވީ، އެ މިސްކިތުގެ މިޙުރާބުގޭގައި ބެހެއްޓުމަށްޓަކައި އަޅުގަނޑު ލިއުނު ލިއުންގަނޑުގެ ބަދަލުގައި، ވަރަށް ހުތުރުކޮށް ލިޔެފައިވާ އެހެން ލިއުންގަނޑެއް ބަހައްޓާފައި ވާތީއެވެ. އިބްރާހީމް މިސްކިތުގެ ލިއުމަށް ވެގެންދިޔަ ގޮތް ފެނުމުން، ދުވަހަކުވެސް ޢަރަބި ލިއުން ނުލިޔާނަމޭ ހިތަށްއެރިއެވެ. މިސްކިތްތަކުގެ ޙުރުމަތް ކަނޑާލުމާއި، ޢަރަބި ލިއުމުގެ އަގުވައްޓާލުމުގެ ރޫޙެއް އުފެދިއްޖެކަމުގެ ޝުޢޫރު އިޙުސާސްވުމުންނެވެ.

ދެން އަޅުގަނޑު ޤަޞްދުކުރީ، އެހެން މީހުންނަށް ޢަރަބި ލިއުން ދަސްކޮށްދިނުމުގެ މަސައްކަތް ފެށުމަށެވެ. އެކަމުގެ ތެރޭގައި އުޅުނުއިރު، ތިމަންނާ ނޫން އެހެން މީހަކަށް މި ފަންނު ދަސްކޮށްނުދޭށޭ ބުނި މީހުންނާ ވެސް ދިމާވެފައި ވެއެވެ. އެފަދަ މީހުންނާއެކު ކުރިއަކަށް ނުދެވުނެވެ. އެހެނަސް ފަންނެއްގެ ގޮތުގައި ޢަރަބި ލިއުން ދަސްކުރަން އުޅުނު ބައެއް ޒުވާނުންނަށް އެމީހަކު ބޭނުންވި މިންވަރަކަށް ބުނެދީ ދަސްކޮށްދިނީމެވެ.

އަޅުގަނޑުގެ ގާތުން އެންމެ ބޮޑަށް ދަސްކުރި އެއް ޒުވާނަކީ، އަލްއަޚު ފަރުހާދު އިބްރާހީމެވެ. އަޅުގަނޑު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގައި ކިޔަވާދޭން އުޅުނުއިރު، އޭނާ ތައްޔާރުކުރެއްވި ކަލަންޑަރެއް އަޅުގަނޑަށް ހަދިޔާކުރެއްވިއެވެ. އޭގައި އޭނާ ލިޔުއްވާފައިވާ ޢަރަބި ލިއުމަށް ކުޑަކޮށް ފާޑުކިއުމުން، އިތުރަށް ދަސްކުރަން ބޭނުންވާ ކަމުގެ ޝައުޤުވެރިކަން އޭނާ ފާޅުކުރެއްވިއެވެ. ފަރުހާދު، އަޅުގަނޑު ހުރިތަނަކުން ހޯއްދަވައިގެން އަޅުގަނޑާ ބައްދަލުކުރެއްވީ، އަޅުގަނޑަކީ ޢަރަބި އަތުލިއުން ލިޔެ، ޢަރަބި އަތުލިއުން ދަސްކޮށްދޭ މީހެއް ކަމުގައިވާތީ ކަން އޭނާގެ ވާހަކައިން މޭރުންވިއެވެ.

އޭރު އަޅުގަނޑު ތައްޔާރުކޮށްފައިވާ ޢަރަބި ލިއުންތަކެއް (ޘުލުޘު ލިއުމުން ލިޔެފައިވާ އާޔަތްތަކެއް) ގެ ސޮފްޓް ކޮޕީ އޭނާއަށް ދިނީމެވެ. އެ ލިއުންތައް އޭނާ މެދުވެރިކޮށް މިސްކިތްތަކާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤުޞަދުގައެވެ. ކަން ހިނގައިދިޔައީ އަޅުގަނޑުގެ މަޤުޞަދާ އެއްގޮތަށެވެ. މިސްކިތެއްގައި ބަހައްޓާނެ ލިއުންތަކެއް ތައްޔާރުކޮށްދިނުމަށް ކޮންމެވެސް ފަރާތަކުން އޭނާއަށް ހުށަހެޅިއެވެ. އެކަމަށް އިޖާބަދީ އޭނާ ތައްޔާރުކުރެއްވީ އަޅުގަނޑު ދީފައިވާ ލިއުންތަކެވެ. ޖަމާލުއްދީނު ސްކޫލްގެ ހޯލްގައި އެ ލިޔުންތައް ބެހެއްޓިފައި ވަނިކޮށް ފެނުނު ބައެއް ރަޙުމަތްތެރިން އަޅުގަނޑަށް ގުޅައި ޝަކުވާކުރަންފެށިއެވެ.

"މުޢީދުގެ ލިއުންތަކެއް އެހެން ފަރާތަކުން ނަހަމަ ގޮތުގައި އެބަ ބޭނުންކުރެއެވެ."

"އަޅުގަނޑު ހިތުން ރުހުމުން ދީފައިވާ އެއްޗެއް ނޫނީ މީހަކު ބޭނުންކޮށްފާނެ ކަމަކަށް ޤަބޫލުނުކުރެވޭ" ކަމަށް ދެތިން ފަރާތަކަން ޖަވާބުދީފައި ވަނިކޮށް ރަޙްމަތްތެރިއަކު އަޅުގަނޑާ ބައްދަލުކޮށް އަނެއްކާ އެވާހަކަ ދެއްކިއެވެ. އަޅުގަނޑުގެ ލިއުންތައް ނަކަލުކުރަނީ ކާކުތޯ ބަލައިދިނުމަށް އޭނާގެ ގާތުން އެދުނީމެވެ. ދެދުވަހެއް ފަހުން އޭނާ އައިސް އަޅުގަނޑުގެ ގާތުގައި ބުންޏެވެ. "އެއީ ފަރުހާދު އެވެ، ކިޔާ ކުއްޖެކެވެ."

އަޅުގަނޑު ބުނީމެވެ. "ފަރުހާދު އެ ލިއުންތައް އެ ބޭނުންކުރަނީ އަޅުގަނޑު ދީގެންނެވެ. ފަރުހާދު ނޫން އެހެން ކުދިންނަށް ވެސް އެ ލިއުންތައް ދީފައި ވާނެއެވެ. އެހެނަސް އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފަން އެނގުނީ ފަރުހާދަށް އެކަނިތާއެވެ!"

ރަޙްމަތްތެރިންގެ ޝަކުވާތައް އަޑުއިވުމުން، ފަރުހާދު އަމިއްލަ ފައިމައްޗަށް ތެދުކުރުމުގެ ޚިޔާލު އުފެދުނެވެ. އޭނާ އަށް ޢަރަބި ލިއުމުގެ ޤަވާޢިދުތައް ދަސްކޮށްދޭން ވެއްޖެނަމަ، އެކަމަށްޓަކައި ދިގު މުއްދަތެއް ހޭދަވާނެއެވެ. އެހެންކަމުން އަޅުގަނޑު އިޚުތިޔާރުކުރީ ކުރު މަގެވެ. އެއީ، ޢަރަބި އަތުލިއުން ލިޔާ ސޮފްޓްވެއަރއެއް އޭނާއަށް ދީ، އެއިން ލިޔާނެ ގޮތް އޭނާއަށް ބުނެދިނުމެވެ.

ޢަރަބި އަތުލިއުމާބެހޭ ކަންކަމުގައި ފަރުހާދަށް އެހީތެރިވެދެމުން ގެންދިޔައީމެވެ. ފަރުހާދު އަމިއްލަ ފައިމައްޗަށް ތެދުކުރުމަށްޓަކައި އަޅުގަނޑު ގެންގުޅުނު ޚިޔާލު އޭނާއާ ހަމައަށް ފޯރުކޮށްދިނީމެވެ. އެކަމަށްޓަކައި އޭނާ ވާންޖެހޭ ތައްޔާރީތައް ވެ، ކޮމްޕިއުޓަރެއް ގަތުމުން، އަޅުގަނޑުގެ ދެއަތުން އެއަށް ސޮފްޓްވެއަރ އަޅައިދިނީމެވެ. އަދި އެ ސޮފްޓްވެއަރ ބޭނުންކުރާނެ ގޮތް އޭނާއަށް ކިޔައިދިނީމެވެ. އެދުވަހުން ފެށިގެން ފަރުހާދު، އަލްޚައްޠާޠު ފަރުހާދަށް ބަދަލުވީއެވެ. އިސްލާމީ ދުނިޔޭގެ އެންމެ ފުންނާބު އުސް ޚައްޠާޠުން (ޢަރަބި އަތުލިއުންތެރިން) ގެ ލިއުމުން ލިޔެވޭނެ މަގު އޭނާއަށް ތަނަވަސްކޮށްދެވުނީއެވެ.

ޢަރަބި ލިއުމަށް ޝައުޤުވެރިވާނެ ޒުވާން ފަންނާނަކު އުފެއްދުނު ކަމަށްޓަކައި މާތް ﷲ ގެ ޙަޟުރަތަށް ޙަމްދުކުރީމެވެ. އޭގެ ދުވަސްކޮޅެއް ފަހުން، އަޅުގަނޑުގެ މިޞްރާބު ދާއިރާގެ އެހެން މައިދާނަކަށް ބަދަލުކުރީމެވެ. އެއީ، ޢަރަބި އަކުރާބެހޭ ދިރާސާތައް ކުރުމުގެ މައިދާނެވެ. ކުރެވުނު ދިރާސާތަކުން ލިބުނު ބައެއް މަޢުލޫމާތުތައް، މަޒުމޫނުގެ ސިފައަށް ބަދަލުކޮށް ލިޔަމުން ގެންދިޔައީމެވެ. މި މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ހިތްވަރުގަދަ އެހެން ޒުވާނަކު އަޅުގަނޑަށް ގުޅުއްވިއެވެ. އޭނާގެ ނަމަކީ، ޙާމީމް ޢަލީ އެވެ. އޭނާގެ ކިބައިން އެނގުނު ގޮތުގައި، އޭނާއަކީ، އަޅުގަނޑުގެ ދަރިވަރެކެވެ. އެހެންކަމުން އޭނާ އަޅުގަނޑަށް ވަރަށް ބޮޑަށް އިތުބާރުކުރާކަން އެނގުނެވެ.

ޢަރަބި އަކުރާ ބެހޭ ގޮތުން އަޅުގަނޑު ކޮށްފައިވާ ބައެއް ދިރާސާތަކަށް ބޮޑު އަހައްމިއްޔަތެއް ދެއްވި ޒުވާނަކީ، އަލްއަޚު ޙާމީމް ޢަލީ އެވެ. މާތް ﷲ ގެ ޙަޟުރަތަށް ޙަމްދުކޮށް، އޭނާ އަށް ޝުކުރު އަދާކުރަމެވެ. ޙާމީމް ޢަލީ އަކީ، ފުންނާބުއުސް މޮޅު ފަންނާނެކެވެ. މިޒަމާނުގެ ފަންނީ ވަސީލަތްތަކަށް މޮޅަށް އަހުލުވެރިވެފައިވާ ކުޅަދާނަ ޒުވާން މާހިރެކެވެ.

މާތް ﷲ، ފަރުހާދު އިބްރާހީމާއި، ޙާމީމް ޢަލީގެ ފަންނުގައި ބަރަކާތް ލައްވާށިއެވެ! އާމީން!

ހަނދާނުގެ ފަތްފުށުން ފޮހެވިގެން ނުދާނެ ތިންވަނަ މަސައްކަތަކީ، ފަންނު ފޮތުގެ ނަމުން މަޝްހޫރުވި، "ޢަރަބި ލިއުމުގެ ފަންނު" އެވެ، ކިޔާ ފޮތެވެ. އެ ފޮތް އެކުލަވާލުމުގެ ނަސީބު އަޅުގަނޑަށް މިންވަރުކުރެއްވި ކަމަށްޓަކައި މާތް ﷲ ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ.

ފަންނު ފޮތަކީ، ފޮތެއް ތައްޔާރުކުރުމުގެ މަޤުޞަދުގައި ކުރި މަސައްކަތެއް ނޫނެވެ. އެއީ، އަޅުގަނޑު ޢަރަބި އަތުލިއުން ކިޔަވާދިން ކްލާހެއްގެ ދަރިވަރުންނަށް ތައްޔާރުކުރި ފިލާވަޅުތަކެކެވެ. އެ ފިލާވަޅުތައް، އޭރު މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގެ މުދީރުގެ މަޤާމުގައި ހުންނެވި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އަށް ފެނިވަޑައިގަތުމުން، އެއިން ފޮތެއް ތައްޔާރުކުރުމަށް އޭނާ ވިދާޅުވިއެވެ. ދެން، އެ ފިލާވަޅުތައް ފޮތެއްގެ ސިފައިގައި ތައްޔާރުކޮށް، އަދި ފޮތުގެ ބޭރުގަނޑު ވެސް ތައްޔާރުކުރުމަށްފަހު، މަޢުހަދާ ޙަވާލުކުރީމެވެ. އެ ފޮތް ވުޖޫދަށް ގެންނެވީ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އިންނެވެ. އެ ފޮތް ހޯދަން މިހާރުވެސް އެތައް ބަޔަކު އަޅުގަނޑާ ގުޅައެވެ. އެހެންކަމުން އެއަށްވުރެ ފުރިހަމަ އެހެން ފޮތެއް ތައްޔާރުކުރުމުގެ ޚިޔާލު ވަނީ އުފެދިފައެވެ.

ދިވެހި ކަލަންޑަރުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި، ޙަދީޘްފުޅުތައް ލިއުމުގެ ޚިޔާލަކީ، އަޅުގަނޑުގެ ޚިޔާލެކެވެ. އެންމެ ފުރަތަމަ އެ ޚިޔާލަށް ޢަމަލީ ސިފަ ގެނައުމުގެ ނަސީބު ލިބުނީ ވެސް އަޅުގަނޑަށެވެ. މިހާރު ފަހިވެފައިވާ ވަސީލަތްތަކެއް އޭރަކު ފަހިވެފައެއް ނުވެއެވެ. ފަންނީ ލިއުމެއް ލިއުމަކީ، އޭރު ނުހަނު ދަތި އުނދަގޫ ކަމެކެވެ. އެއީ ކިހާވަރެއްގެ މަސައްކަތެއް ކަމާއި، އެކަމަށް ހޭދަވާނެ ވަގުތުގެ މިންވަރެއް ވެސް އޭރު ގިނަ މީހުންނަކަށް ނޭނގެއެވެ. އޮފީސްތަކުގެ ބައެއް ވެރިންގެ ޙާލަތު ވެސް ހުރީ އެގޮތަށެވެ. އޭރު އެފަދަ މީހުންގެ ބެލުމުގެ ދަށުން ކުރެވޭ މަސައްކަތްތައް ރަނގަޅު ފެންވަރެއްގައި ކުރުމަކީ ދަތިކަމެކެވެ. ކޮންމެއަކަސް، ކަލަންޑަރުގައި ޢަރަބި ލިއުން ލިއުމުގެ ޚިޔާލުގެ ސަބަބުން އެތައް ބަޔަކަށް އެތައް ފައިދާތަކެއް ކޮށްފިއެވެ. އެކަމަށްޓަކައި، ކީރިތި ރައްބަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ.

އަޅުގަނޑުގެ ގާތުން ޢަރަބި އަތުލިއުން ލިޔަން ދަސްކުރި ދަރިވަރުންގެ ޢަދަދު ވަރަށް ގިނަވާނެއެވެ. އޭގެ ތެރޭގައި، ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝަހީދު ޑރ. އަފުރާޝީމު ޢަލީ ވެސް ހިމެނިވަޑައިގަންނަވައެވެ. އޭނާ ދުނިޔޭގައި ހުންނެވިއިރު، އަޅުގަނޑުގެ ގާތުގައި ޝުކުރުވެރިކަމާއެކު ވަރަށް ގިނައިން ވިދާޅުވެއުޅުއްވާ ބަސްފުޅެއް ވެއެވެ. "މުޢީދު ތިމަންނާއަށް ދަސްކޮށްދިން ޢަރަބި ލިއުމުން ތިމަންނާއަށް ވަރަށް ބޮޑަށް ފައިދާކޮށްފައިވެއެވެ. މެލޭޝިޔާގައި ތިމަންނާ ތަޢުލީމު ޙާޞިލުކުރައްވަން ހުންނެވިއިރު، އޭގެ ސަބަބުން ތިމަންނާއަށް ވަޒީފާއެއް ވެސް ލިބިވަޑައިގަތެވެ." ޑރ. އަފުރާޝީމު ވަރަށް ގިނައިން މިހެން ވިދާޅުވާތީ އަޅުގަނޑު ބުނަމެވެ. "ތިޔައީ ކުރިން ވެސް ވިދާޅުވެފައި އޮތް ވާހަކައެއް ނޫންތޯއެވެ؟" އަޅުގަނޑު މިހެން ބުނުމުން އޭނާ ވިދާޅުވެއެވެ. "ތިމަންނާއަށް ވެސް ތިކަން އެނގިވަޑައިގަނެއެވެ. އެކަމަކު، މުޢީދު ފެނުމުން މިހެން މިވިދާޅުވެވެނީ ޝުކުރުވެރިވުމުގެ ގޮތުންނެވެ."

މާތް ﷲ، ޑރ. އަފުރާޝީމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން!

ދިވެހިރާއްޖޭގައި ޢަރަބި އަތުލިއުން ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި، އެކަމާބެހޭ ސޮފްޓްވެއަރ ދިވެހިރާއްޖެއަށް ތަޢާރަފުކޮށް، އެތައް ބަޔަކަށް އެ ސޮފްޓްވެއަރ ފޯރުކޮށްދީފައި ވާނެއެވެ. އެ ސޮފްޓްވެއަރ އަޅުގަނޑު ފޯރުކޮށްދިނީ ހަމައެކަނި އަލްއަޚު ފަރުހާދަކަށް ނޫނެވެ. އެއަށް މުހުތާދުވެއްޖެ ކޮންމެ ފަރާތަކަށް މިހާރުވެސް ހިލޭ އެ ފޯރުކޮށްދީ، އޭގެ ބޭނުންކުރާނެ ގޮތް އަގަކާ ނުލައި ބުނެދެމެވެ.

ދިވެހިރާއްޖޭގައި ޢަރަބި އިސްލާމީ ފަންނު ކުރިއެރުވުމަށްޓަކައި، ބައެއް ފަރާތްތަކާ މަޝްވަރާކޮށް، މި ފަންނު ދިރުވުމުގައި އަޅުގަނޑުގެ ދައުރު އަދާކުރުމަށް ތައްޔާރަށް ހުރިކަން ވެސް ކިތަންމެ ފަހަރަކު ހާމަކޮށްފައިވާނެއެވެ. މިޖީލުގެ ދިވެހި ދަރީންގެ ތެރެއިން ޢަރަބި ލިއުމާއި އިސްލާމީ ފަންނަށް ލޯހުޅުވުމުގެ ނަސީބު އަޅުގަނޑަށް ލިބިފައިވާތީއެވެ. އެހެނަސް، އަޅުގަނޑު ދިއްކޮށްލާ ވަލުގައި ހިއްޕަވާނެ ފަރާތެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

ލިޔެވިދިޔަ ފޮޅުވަތްތަކުގެ ތެރޭގައި، އަޅުގަނޑު ޢަރަބި އަތުލިއުން ހުއްޓާލި މައިގަނޑު ސަބަބު ބަޔާންކުރެވިއްޖެ ކަމަށް ދެކެމެވެ. އެއީ، އިބްރާހީމް މިސްކިތުގައި ބެހެއްޓުމަށްޓަކައި ލިއުނު ލިއުންތައް ހަލާކުކޮށްލުމުގެ ހާދިސާއެވެ. އެއާއެކު އެއަށްވުރެ ކުޑަ އެހެން ސަބަބުންތަކެއް ވެސް ތަކުރާރުކޮށް ކުރިމަތިވެފައިވާތީއެވެ. މިތާނގައި އެއިން މިންވަރެއް ބަޔާންކުރަމުން ކުރިއަށް ދާނަމެވެ.

އަޅުގަނޑު ލައްވާ ވަރަށް ގިނަ ރަޙުމަތްތެރިން ވަރަށް ގިނައިން ޢަރަބި ލިއުންތައް ލިއުއްވާފައި ވެއެވެ. މިސްކިތްތަކުގެ ނަންބޯޑާއި، ކީރިތި ޤުރުއާނުގެ އާޔަތްތަކާއި، ޙަދީޘްފުޅުތަކާއި ފޮތްފޮތުގެ ނަން ފަދަ ލިޔުންތަކެވެ. އެކަން ކުރެވެމުންދިޔައީ، އާމުދަނީ ހޯދުމަށްޓަކައި ކުރި މަސައްކަތެއްގެ ގޮތުގައެއް ނޫނެވެ. ބައެއް ފަރާތްތަކަށް ލިޔެދޭ ލިއުންގަނޑު ތަނެއްގައި ބެހެއްޓޭއިރު، އެއީ އެހެން މީހަކު ލިޔެފައިވާ އެއްޗެއްގެ ގޮތުގައި ވެސް ފެނިފައި ވެއެވެ. މިކަމާމެދު މާކަބޮޑަކަށް ދެރައެއް ނުވެއެވެ. އެކަމަކު، ބޮޑަށް ދެރަވަނީ ލިޔެފައި ދޭ ގޮތް ނޫން އެހެން ގޮތަކަށް ލިއުން ތައްޔާރުކޮށްފައި ބަހައްޓާތީއެވެ. އެކަމުގެ ސަބަބުން ލިއުމުގެ ރީތިކަން ގެއްލިގެންދާތީއެވެ.

މިހާރުވެސް އިސްލާމީ މަރުކަޒުގެ ނަންބޯޑުގައި ޢަރަބި އަކުރުން ލިޔެވިފައި އެވާ "އަލްމަރްކަޒުލް އިސްލާމީ" އަކީ އަޅުގަނޑުގެ އަތުލިއުމުން ލިޔެދީފައިވާ ލިޔުންކޮޅެކެވެ. އެ ލިޔުންކޮޅު ތައްޔާރުކޮށްފައި އެވަނީ އަޅުގަނޑު ލިޔެދިން ގޮތަކަށް ނޫނެވެ. މިކަން އެތައް ފަހަރަކު، އިސްލާމީ މަރުކަޒުގެ އެކިއެކި ބޭފުޅުންނަށް ދަންނަވާފައިވާނެއެވެ.

އެފަދަ އަނެއް ނަންބޯޑަކީ، މަސްޖިދުއްޒިކުރާގެ ނަންބޯޑެވެ. މަސްޖިދުއްޒިކުރާގެ ނަންބޯޑުގައި މިހާރުވެސް އެވަނީ، އަޅުގަނޑުގެ އަތުލިއުމެވެ. އެހެނަސް އެ ނަންބޯޑު ތައްޔާރުކޮށް ނިމުނުއިރު، ނަން އަޅާފައި އެވަނީ އަޅުގަނޑު ލިޔެދިން ގޮތަކަށް ނޫނެވެ. ނަންބޯޑު ބެހެއްޓުމުން، އިސްލާމީ މަރުކަޒުގައި އޭރު ތިއްބެވި ކަމާބެހޭ ބޭފުޅުންގެ އަރިހުގައި މިވާހަކަ ދެންނެވީމެވެ.

ރަސްމީ ފަރާތްތަކުންނާއި، ނުރަސްމީ ފަރާތްތަކަށް އިޖާބަދީ، ޢަރަބި ލިއުންތައް ވަރަށް ގިނައިން ލިޔެދީފައިވާނެއެވެ. މަރްޙޫމް މުޙައްމަދު ޞާދިޤު ދުނިޔޭގައި ހުންނެވިއިރު، އޭނާ ވިދާޅުވެގެން (ރައީސް އޮފީހަށް ގެންދަވާފައި ޙަވާލުކުރެއްވުމުން) ވެސް ބައެއް ލިޔުންތައް ލިޔެދީފައިވާނެއެވެ.

ޢަރަބި ލިއުމުގެ އެންމެ ބޮޑު އަދި އެންމެ ބުރަ މަސައްކަތެއް އަޅުގަނޑަށް ކުރެވިފައިވަނީ، ރާއްޖެއިން ބޭރުގައެވެ. އެއީ ޤަޠަރުގައި ކިޔަވަންހުރިއިރު، ކިޔަވަން އުޅުނު މަޢުހަދުގައި ކުރެވުނު މަސައްކަތެކެވެ. ކޮންމެ ދުވަހަކު ހެނދުނު "ޙިކުމަތުލްޔައުމި" ނުވަތަ "ދުވަހުގެ ޙިކުމަތް" ލިއުން އޭރު ޙަވާލުކުރެވިފައިވަނީ އަޅުގަނޑާއެވެ. އެހެންކަމުން އެކަން ކުރިއިރު، ކޮންމެ ދުވަހަކު ހެނދުނު އެހެން ކުދިން ކިޔަވަންދިއުމުގެ ކުރިން މަޢުހަދަށް ގޮސް އެކަމަށް ޚާއްޞަކޮށްފައިވާ ބޮޑު ބޯޑެއްގައި ދުވަހުގެ ޙިކުމަތް ލިއުނީމެވެ. އެ ލިޔަނީ އެކި ދުވަހު އެކި ލިއުމުން، އެކި ކުލައިންނެވެ. ލިޔަން ބޭނުންކުރަނީ ކުލަ ޗޯކެވެ. އެއް ދުވަހު ލިޔާ ޙިކުމަތް އަނެއް ދުވަހު ފޮހެލެވެއެވެ. އެއީ، މާޒީގެ ކުލަގަދަ ހަނދާންތަކުގެ ތެރެއިން ހަނދާނެއް ކަމުގައި ނޫނީ މިހާރަކު ނުވެއެވެ.

މިހާރު އަޅުގަނޑު މިވަނީ، ޢަރަބި އަތުލިއުން ލިއުމުގެ މަސައްކަތްކުރުން ޢަމަލީ ގޮތުން މުޅިން ހުއްޓާލުމަށްފަހު، ޢަރަބި ލިއުމުގެ އެހެން ދާއިރާއަކާ ކުރިމަތިލާފައެވެ. ޢަރަބި ލިއުމުގެ މަސައްކަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރުމަށްފަހުގައެވެ. ބައިވެރިވި މައުރަޒުތަކުން ވަނައާއި އިނާމު ލިބިފައި ވެއެވެ. އަދި ރާއްޖެއިން ބޭރުގައި ކުރި މަސައްކަތަށް ހަނދާނީ ލިއުން ވެސް ލިބިފައި ވެއެވެ. އެ ކާމިޔާބީތަކަށްފަހު، މިރާއްޖޭގައި ކުރި މަސައްކަތުން އަޅުގަނޑަށް ލިބުނު "އިނާމަކީ" ޖެއްސުމާއި ފުރައްސާރައެވެ! އެ "އިނާމުގެ" ކުރިމަތީގައި ހުއްޓުމަކަށް ނައިސް، އާމަގެއް ހޯދައިގެން ކުރިއަށް ފިޔަވަޅެއް އެޅޭތޯ ބެލީމެވެ. އަދި ދުވަހަކުވެސް ޢަރަބި ލިއުމާ ދުރަށް ނުދިއުމަށް ޢަޒުމު ކަނޑައެޅީމެވެ. ހިތާމައިގެ ޝުޢޫރުތައް ފާޅުކުރެއްވި ޒުވާނާގެ ހިތަށް، މި މަޒުމޫނުން ތަސައްލީއެއް ލިބިއްޖެނަމަ، އަޅުގަނޑުގެ މަޤުޞަދު ޙާޞިލުވީއެވެ.

<><><>

ތިރީގައި މިވަނީ، ޢަރަބި ލިއުމުގެ ރޮނގުން އަޅުގަނޑަށް ލިބިފައިވާ ބައެއް ލިޔެކިއުންތަކެވެ. މިތަކެތި މިތާނގައި މިހިމަނާލަނީ، ފަހަރެއްގައިވެސް ދެއްކުންތެރިކަމުގެ ގޮތަކުންނެއް ނޫނެވެ. އެކަމަކު، އެތައް ފަހަރަކު މިތަކެތި ވަގަށް ނެގިފައިވާތީ އާއި، އެފަދަ ބައެއް ހާދިސާތަކުގައި ބައެއް ތަކެތި ގެއްލިފައި ވެސް ވާތީއެވެ. މިއަދުގެ ޙާލަތަށް ބަލާއިރު، މިތަކެތީގެ ހަރުކޮޕީ ރައްކާކުރެވޭނީ ކިހާ ދުވަހަކަށް ކަމެއް ނޭނގެއެވެ. މާތް ﷲ ގެ ޙަޟްރަތަށް ވަކީލުކުރާ ޙާލު، އަތުގައި ހުރި ބައެއް މުހިންމު ލިޔެކިއުންތަކުގެ ސްކޭންކޮޕީ މިތާނގައި މި ހިމަނާލަނީ، މިގޮތުން މިތަކެތި ޒަމާންތަކަކަށް ރައްކާކުރެވިދާނެ ކަމުގެ އުންމީދުގައެވެ.

މިއީ 1987 ވަނަ އަހަރު، ދިވެހިރާއްޖޭގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މަޢުރަޟުން، އަތުލިއުމުގެ މަސައްކަތުން 1 ވަނަ އަށް އައި ލިޔުން ހަދާފައިވާތީ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އިން ދެއްވާފައިވާ ސަނަދެކެވެ.

މިއީ 1987 ވަނަ އަހަރު، ދިވެހިރާއްޖޭގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މަޢުރަޟުން، އަތުލިއުމުން 2 ވަނަ އަށް އައި ލިޔުން ލިޔެފައިވާތީ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އިން ދެއްވާފައިވާ ސަނަދެކެވެ.

މިއީ 1987 ވަނަ އަހަރު، ދިވެހިރާއްޖޭގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މަޢުރަޟުން، އަތުލިއުމުން 3 ވަނަ އަށް އައި ލިޔުން ލިޔެފައިވާތީ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އިން ދެއްވާފައިވާ ސަނަދެކެވެ.

މިއީ 1985 ވަނަ އަހަރު، ދިވެހިރާއްޖޭގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މަޢުރަޟުން، އަތުލިއުމުން 2 ވަނަ އަށް ދިޔަ ޢަރަބި ލިޔުން ލިޔެފައިވާތީ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އިން ދެއްވާފައިވާ ސަނަދެކެވެ. (1985 ވަނަ އަހަރަށްވުރެ ކުރިން ފެށި މި މަސައްކަތް ކުރުމަށް ކުރިމަތިވި ހުރަސްތަކުގެ ސަބަބުން ހުއްޓާލަންޖެހުނީ، 2010 ވަނަ އަހަރަށްފަހުގައެވެ.)

މިއީ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ.) ގެ ޙަޔާތްޕުޅުގައި އެމަނިކުފާނުގެ އަތްޕުޅުން ލިބުނު އެންމެ އަގުބޮޑު އެއް އިނާމު ކަމުގައި ދެކެމެވެ. އެމަނިކުފާނަކީ، މަސައްކަތްތެރިންގެ މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ލާމަސީލު ނަމޫނާއެކެވެ. މާތް ﷲ އެމަނިކުފާނަށް ޖަންނަތުލްފިރުދައުސްގެ މަތިވެރި ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން!

ފޭދޫފިނޮޅުގެ މިސްކިތުގެ ލިޔުންތައް ލިއުމުގެ މަސައްކަތް ނިމުމުން އެ މަސައްކަތުގެ އަގު ވަޒަންކުރެއްވި ހަމައެކަނި ފަރާތް ކަމަށް އަޅުގަނޑަށް އިޙުސާސްވީ، މި ހަނދާނީ ލިޔުމުގައި ސޮއިކުރައްވާފައިވާ ފަރާތް އެކަންޏެވެ. އެހެން ފަރާތްތަކުން ފެނުނީ އެއީ ނުކުރާ މަސައްކަތެއް ކަމަށް ބުނުމުގެ ތަޢުބީރެވެ!

ރީތިކޮށް ތާނަ، ޢަރަބި ލިޔަން ދަސްކޮށްދޭ ކުލާހުގެ ތިންވަނަ ބުރުން ލިބުނު ވަނަ ނުވަތަ ފާސްވި ދަރަޖަ، މި ސެޓްފިކެޓްގައި ބަޔާންކޮށްފައި ނެތްކަމީ އުނި ކަމެއް ކަމުގައި ދެކެމެވެ.

މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އިން މި ފޮތް ނެރުއްވާފައިވަނީ، 1988 ވަނަ އަހަރުގެ ތެރޭގައެވެ. މި ފޮތުގައި ޢަރަބި ލިއުމުގެ ދިހަ ވައްތަރެއްގެ ޤަވާޢިދު ވެއެވެ. މި ފޮތުގެ "ތަޤްދީމް" ގައި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑުގެ ބެލުމުގެ ދަށުން މި ފޮތުގެ ހުރިހާ މަސައްކަތެއް ކޮށްދެއްވާފައިވަނީ، މަޢުހަދުގެ ދަރިވަރެއް ކަމުގައި ހުރެ، 1987 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ސްކޮލަރޝިޕެއްގައި ޤަޠަރުގައި ކިޔަވަމުންދާ މަޢުހަދުގެ މުސްކުޅި ދަރިވަރެކެވެ. އޭނާއަކީ، ޢަރަބި ލިއުމުގެ ފަންނުތައް ދަސްކޮށްދިނުމަށް މި މަޢުހަދުން ހިންގި ކޯހުން އަޅުގަނޑުމެންނަށް ލިބުނު އެންމެ އަގުހުރި އެއް މޭވާއެވެ. މި މަސައްކަތް އެހާ އަވަސް ގޮތަކަށް ކޮށްދެއްވި ކަމަށްޓަކައި އަލްފާޟިލް ޢަބްދުލްމުޢީދު ޙަސަނަށް މަޢުހަދުގެ ނަމުގައްޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދެންނެވުމަކީ ލިބޭ އުފަލެކެވެ. އަޅުގަނޑުމެންނަށް ތަފާތު މައިދާންތަކުގައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނީ، މިފަދަ އަގުހުރި ދަރީންގެ ހިތްވަރާއި ޚިދުމަތުގެ ސަބަބުންކަން މިތާނގައި ފާހަގަކުރަމެވެ."

މިއީ، އިސްލާމީ މަރުކަޒުގެ ނަންބޯޑެވެ. މިނަންބޯޑުގައި "އަލްމަރްކަޒުލް އިސްލާމީ" ޢަރަބި އަކުރުން ލިޔެފައި އެވަނީ، ލިޔެދިން އަޞްލާ ޚިލާފަށެވެ. އެހެންކަމުން، އޭގެ ރީތިކަން ވަނީ ގެއްލިފައެވެ. ކަނޑައެޅިގެން އެއީ ކޮން ބާވަތެއްގެ ލިއުމެއްކަން ބުނެދޭން ވެސް ދައްޗެވެ. އަކުރުތަކުގެ ބުރުސޫރަ ހަލާކުކޮށްލާފައި ވުމުގެ އިތުރުން، "އަލްމަރްކަޒު" ގެ މީމު ފާޅެއް ނުވެއެވެ. "އިސްލާމީ" ގެ މީމު ވެސް ނެތެވެ. ވީހާވެސް އަވަހަކަށް މި ނަންބޯޑު ބަދަލުކުރެއްވުމަށް އިލްތިމާސްކުރަމެވެ.

މިއީ، މަސްޖިދުއްޒިކުރާގެ ނަންބޯޑެވެ. މި ނަންބޯޑު ވެސް ތައްޔާރުކޮށްފައި މިވަނީ، ލިޔެދިން އަޞްލާ ޚިލާފަށެވެ. އިސްލާމީ މަރުކަޒުގެ ނަންބޯޑުގައިވާ ޢަރަބި އަކުރުތަކުގެ ޙާލަތަށްވުރެ މި ނަންބޯޑުގައިވާ އަކުރުތަކުގެ ޙާލަތު ރަނގަޅު ކަމަށް ފެނެއެވެ. އެހެނަސް އަކުރުތަކުގެ ރީތިކަން ވަނީ ގެއްލުވާލާފައެވެ. ކާފުގެ މަތީގައިވާ ބައި ކޮޕީކޮށްގެން ރާގެ މަތީގައި ޖަހާފައި އެވަނީ ކޮން ހަމައަކުން ކަމެއްވެސް ނޭނގެއެވެ! މި ނަންބޯޑު ވެސް ބަދަލުކުރެއްވުމަށް އިލްތިމާސްކުރަމެވެ.