ތިން ބައްރު ބެދޭ ސަރަޙައްދުގައިވާ މޫރިތި ނަންފުޅު


ދުނިޔޭގެ ބައްރުތަކުގެ ތެރެއިން ތިން ބައްރެއް ކަމުގައިވާ އޭޝިއާ އާއި، އެފްރިކާ އާއި، ޔޫރަޕަށް ޚާއްޞަ މީޒާތަކެއް ލިބިފައި ވެއެވެ. އެއިން އެއް މީޒާއަކީ، މި ތިން ބައްރު ގުޅިފައިވާ ކަމެވެ. މި ތިން ބައްރު ގުޅޭ ސަރަޙައްދުގެ އައްސޭރިފަށުގައިވާ މައި ކަނޑަކީ، މެޑިޓެރޭނިއަން ކަނޑެވެ. އެތެރޭގައި އެހެން ކަނޑެއް ވެއެވެ. އެއީ، އޭޝިއާގެ ބައްރާއި، ޔޫރަޕުގެ ދެމެދުގައިވާ ކަޅު ކަނޑެވެ. މި ސަރަޙައްދުގެ ޗާޓަށް ނަޒަރު ހިންގައިލާއިރު، ފާޅުކަންބޮޑު ގޮތެއްގައި، ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މޫރިތި ނަންފުޅު ފެނެއެވެ.

އާދޭހެވެ. ތުރުކީވިލާތުގެ އިސްތަންބޫލުން ފެށިގެން މަޣުރިބުކަރައިގެ އައްސޭރިއާ ގުޅިފައިވާ "ޖަބަލު ޠާރިޤު ކަނޑުއޮޅި" އާ ހަމައަށް އެ ނަންފުޅު ފެތުރިފައި ވެއެވެ. އެ ސަރަޙައްދުގައިވާ ސާދަ ޤައުމެއްގެ އައްސޭރިފަށުގައި، އެ ނަންފުޅުގެ ފަލަ ރޮނގު ހިމެނެއެވެ. އެ ޤައުމުތަކަކީ:

1. ބަލްގޭރިއާ (Bulgaria)
2. ރޯމޭނިއާ (Romania)
3. ޔުކްރެއިން (Ukraine)
4. ރަޝިޔާ (Russia)
5. ޖޯޖިޔާ (Georgia)
6. ތުރުކީވިލާތް (Turkey)
7. ސީރިޔާ (Syria)
8. ލުބްނާން (Lebanon)
9. އިސްރާއީލު (Israel)
10. މިޞްރު (Egypt)
11. ލީބިޔާ (Libya)
12. ތޫނިސް (Tunisia)
13. އަލްޖަޒާއިރު (Algeria)
14. މަޣުރިބުކަރަ (Morocco)

ނަންގަނވިދިޔަ ސަރަޙައްދުގައި، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މޫރިތި ނަންފުޅު ކަމުގައިވާ "މުޙައްމަދު" (محمد) ގެ މީމުގެ ބޯ ތަމްސީލުވެފައިވަނީ، ކަޅު ކަނޑާ ގުޅިފައިވާ ޤައުމުތަކުގެ އައްސޭރީގައެވެ. މީމާ ގުޅޭ ޙާ، ތަމްސީލުވެގެންދަނީ، ތުރުކީވިލާތުގެ ދެކުނު ފަރާތުގެ އައްސޭރިންނެވެ. އެ ޤައުމުގެ އިތުރުން ޙާގައި ޝާމިލުވާ ޤައުމުތަކަކީ (ތަރުތީބުން) ސީރިއާ އާއި، ލުބްނާނާއި، އިސްރާއީލާއި، މިޞްރާއި، ލީބިޔާގެ އައްސޭރިން ބަޔެކެވެ. ޙާ ނިމި، މުޙައްމަދުގެ ދެވަނަ މީމު ފެށެނީ، ލީބިޔާގެ އައްސޭރީގައެވެ. މުޙައްމަދުގެ ދާލާ ގުޅުމަށްޓަކައި، މީމުގެ ކޮޅު މައްޗަށް އަރަމުންދަނީ، ތޫނިސްގެ އައްސޭރީގައެވެ. އެ ޤައުމުގެ އައްސޭރިން ފެށޭ ދާލު، އަލްޖަޒާއިރުގެ އައްސޭރި ފަހަނަޅައި، މަޣުރިބުކަރައިގެ އައްސޭރިއަށް ވާޞިލުވެފައި ވެއެވެ. ދާލު ނިމެނީ، އިސްލާމީ ތާރީޚުގައި ނުހަނު މަޝްހޫރު ކަނޑުއޮޅިއެއް ކަމަށްވާ، "ޖަބަލު ޠާރިޤު ކަނޑުއޮޅި" އާ ހަމައިންނެވެ.

ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅުގެ ފަލަ ރޮނގު ހިނގާފައިވާ އައްސޭރިތަކަށް ބަލާއިރު، ފާހަގަކުރެވޭ ކަންތައްތަކެއް ވެއެވެ. އެ އައްސޭރިތައް ހިމެނޭ ޤައުމުތަކަކީ، ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅޭ ޤައުމުތަކެކެވެ. އޭގެތެރޭގައި ގިނައީ، މުސްލިމު ޤައުމުތަކެވެ. އެ ޤައުމުތަކުގެ އައްސޭރިއާ ގުޅިފައިވާ މައި ކަނޑަކީ، މެޑިޓެރޭނިއަން ކަނޑެވެ. އެއީ އެކި ޒަމާންތަކުގައި ހިނދުމަށްފަހު، އުފެދިފައިވާ ކަނޑެކެވެ. ދުނިޔޭގެ ތާރީޚުގައި އެކަނޑު ހިނދުމާއި އުފެދުން، އެއްފަހަރަށްވުރެ ގިނަ ފަހަރު ތަކުރާރުވެފައި ވެއެވެ.

ތިން ބައްރު ބެދޭ ތަނުގައިވާ މެޑިޓެރޭނިއަން ކަނޑަކީ، ސަމާވީ ދީންތައް ބާވައިލެއްވި ބަރަކާތްތެރި ބިންތަކާ ވެސް ގުޅިފައިވާ ކަނޑެކެވެ. އެއީ، ދުނިޔޭގައި އުފެދުނު ބޮޑެތި ޙަޟާރަތްތަކަކާ ވެސް ގުޅިފައިވާ ކަނޑެކެވެ. އެ ޙަޟާރަތުތަކުގެ ތެރޭގައި، ބާބިލީ ޙަޟާރަތާއި، އާޝޫރީ ޙަޟާރަތާއި، މިޞްރުގެ ބޯދާ ޙަޟާރަތާއި، ޔޫނާނީ ޙަޟާރަތާއި، ފާރިސީ ޙަޟާރަތާއި، ރޫމީ ޙަޟާރަތާއި، އިސްލާމީ ޙަޟާރަތާއި، މިޒަމާނުގެ ހުޅަނގުގެ ޙަޟާރަތު ހިމެނެއެވެ. އިންސާނީ ތާރީޚު ފެށުނީއްސުރެ މިއަދާ ހަމައަށްވެސް، އެ ކަނޑުގެ ސަރަޙައްދަށް ވަރަށް މުހިންމު މަޤާމެއް ލިބިފައިވެއެވެ. އެއީ، ހުރިހައި ޒަމާންތަކެއްގައި ވެސް އެތައް ހައިސިއްޔަތަކުން ދުނިޔޭގެ ހިތުގެ މަޤާމު ލިބިފައިވާ ވަރަށް މުހިންމު ސަރަޙައްދެކެވެ.

ލިޔެވިދިޔައީ، ދުނިޔޭގެ ހިތުގެ މަޤާމު ލިބިފައިވާ، ތިން ބައްރު ބެދޭ ސަރަޙައްދުން ބައެއްގެ ވާހަކައެވެ. މާތް ﷲ، އެ ސަރަޙައްދުގެ އައްސޭރިފަށް ބައްޓަންކުރައްވާފައި އެވަނީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މޫރިތި ނަންފުޅު ކަމުގައިވާ "މުޙައްމަދު" ތަމްސީލުވާނެހެންނެވެ. މިކަމަކީ ވެސް އިތުރުއެކަލޭގެފާނުގެ ރިސާލަތު ޤަބޫލުކޮށް، އީމާންކަމުގެ ނޫރުން ހިތްތައް އުޖާލާކުރުމަށް ގޮވާލާ ދަލީލެއް ކަމުގައި ނުވޭތޯއެވެ؟