ބޮޑުތަކުރުފާނުގެ ޒިޔާރަތުގައިވާ ލިއުން


މާލޭ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭގައިވާ ބޮޑުތަކުރުފާނު ޒިޔާރަތުގެ މައިދޮރުގެ ދެފަރާތުގައި ދެ ލިއުމެއް ލިޔެވިފައި ވެއެވެ. އެ ދޮރަކީ، ޒިޔާރަތުގެ ދެކުނުފަރާތު ބިތުގައިވާ ދޮރެވެ. ދޮރުގެ އިރުމަތީ ފަރާތުގައި ލިޔެވިފައިވަނީ، ޒިޔާރަތުގައި ފަސްދާނުލެވިފައިވަނީ ކޮން ބޭކަލެއްކަން އަންގައިދޭ ލިއުމެވެ. ދޮރުގެ ހުޅަނގު ފަރާތުގައި ލިޔެވިފައިވަނީ، ޒިޔާރަތް ބިނާކުރެވުނު ޒަމާން އަންގައިދޭ ލިއުމެކެވެ. ދެ ލިއުން ވެސް ލިޔެވިފައިވަނީ، ހިރިގަލުގައި ބިންވަޅުނަގައިގެންނެވެ. އަކުރުތައް ފޮފަކޮށް، ފަސްމަންޒަރު ތިރިކޮށް ހުންނާނެހެންނެވެ.

ތިރީގައި މިވަނީ ދެ ލިއުމާއި ދެ ލިއުމުގެ ތަރުޖަމާއެވެ. ފުރަތަމަ ގެނެސްދޭނީ، ލިއުމުގައިވާ ލަފުޒުތަކުގެ މާނައެވެ. ތަރުޖަމާ ގެނެސްދޭނީ އެއަށްފަހުގައެވެ.

ތިރީގައި މިވަނީ، ދޮރުގެ އިރުމަތީ ފަރާތުގައިވާ ލިއުމުގެ ލަފުޒުތަކާއި އޭގެ ލަފުޒީ މާނަތަކެވެ. އިސްކަން ދީފައިވާނީ، މުނާސިބުކަންބޮޑު މާނަތަކަށެވެ.

هذه: މިއީ.
تربة: ފަސްގަނޑެއް.
السلطان: ރަސްގެފާނު.
الأكرم: އެންމެ ދީލަތި.

المكرم: ތަކުރީމުކުރެވިގެންވާ. (މި ލަފުޒުގެ ދެވަނަ މީމު ލިޔެވިފައިވަނީ، ކާފުގެ މަތީގައެވެ. މި ލިއުން ނަކަލުކުރިއިރު، އެ މީމުގެ ބޮޑުބަޔެއް ވަނީ ހަލާކުވެފައެވެ. އެ އަކުރު މުޅިން ހަލާކުވެ ނެތިހިނގައްޖެނަމަ "އަލްމުކައްރަމު" ގެ ބަދަލުގައި ކިޔޭނީ "އަލްމަކްރު" އެވެ. "އަލްމަކްރު" ގެ މާނައަކީ، މަކަރާއި ޙީލަތެވެ.)

حاوى: ޖަމާކޮށްފައިވާ މީހެއް. ޙާޞިލުކޮށްފައިވާ މީހެއް. ހޯދާފައިވާ މީހެއް.
المفاخر: ފަޚުރުތައް. ފަޚުރުވެރިވުން ޙައްޤު ކަންތައްތައް.
و: އަދި.
أرقى: ދަރަޖަ އެންމެ މަތިވެރި.
الشيم: ބަނިޔާދަން ސިފަތައް.
مراقي: ދަރަޖަތައް. ސުއްލަމު. ހަރުފަތްތައް.
الفضل: މޮޅުއިތުރުކަން.
و: އަދި.
الكرم: ދީލަތިކަން.
الغازي: ހަނގުރާމަވެރި.
محمد: ފިރިހެނުންނަށް ކިޔާ ނަމެއް.

تكرفان: ފިރިހެނުންނަށް ކިޔައިއުޅޭ ނަމެއް. ތަކުރު މިބަހުގެ މާތްގޮތް. މަނިކު ކިޔާމީހަކަށް ކޮއްޔެއްލުމުން ނުވަތަ މަޖިލީހަށް އެރުވުމުން ނުވަތަ ޒިކުރަށް އެރުވުމުން ކިޔާގޮތް.

الأعظم: އެންމެ ބޮޑު. އެންމެ ބާރުގަދަ. އެންމެ އާރާއި ބާރު ހުރި.
ابن: ފިރިހެންދަރި.
الخطيب: ޚަޠީބު. ކަތީބު. މުޤައްރިރު. ރައްޔިތުންގެ ކުރިމަތީގައި ތަޤުރީރުކުރާ މީހާ.
حسين: ފިރިހެނުންނަށް ކިޔާ ނަމެއް.
الأتيمي: އުތީމަށް ނިސްބަތްވާ މީހާ.
أخذ: ނަގައިފި. ހިފައިފި.
المملكة: ރަސްކަންކުރާ ޤައުމު.
من: އިން.
أيدي: އަތްތަކުން.
النصارى: ނަޞާރާއިން.
البرتكيز: ބުރުތުކީޒުން. ފުށެތިކާލުން. ބުރެތިކާލުން. ޕޯޗުގީޒުން.
و: އަދި.
جلس: އިށީނދެއްޖެ.
على: މަތި.
تخت: ތަޚުތެއް.
السلطة: ރަސްކަން.

ف: ފި. މިތާނގައި އޮންނަންވާ ރަނގަޅު ލަފުޒަކީ، في (ފީ) އެވެ. އެހެނަސް ޢިބާރާތް ކިޔާއިރު އެ ޔާ ފާޅުނުވާތީ ނުލިއުނީ ކަމަށް ބެލެވެއެވެ.

1: އެކެއް.
ربيع الأول: ހިޖުރީ ކަލަންޑަރުގެ ތިންވަނަ މަސް.
سنة: އަހަރު.
981: ނުވަސަތޭކަ އައްޑިހަ އެކެއް.
و: އަދި.
انتقل: އިންތިޤާލުވެއްޖެ. ހިނގައްޖެ. ނަގުލުވެއްޖެ.
الى: އަށް.
رحمة: ރަޙުމަތެއް.
ربه: އޭނާ ހައްދަވައިބޮޑުކުރެއްވި ރަސްކަލާނގެ.

ف: ފި. މިތާނގައި އޮންނަންވާ ރަނގަޅު ލަފުޒަކީ، في (ފީ) އެވެ. އެހެނަސް ޢިބާރާތް ކިޔާއިރު އެ ޔާ ފާޅުނުވާތީ ނުލިއުނީ ކަމަށް ބެލެވެއެވެ.

1: އެކެއް.
رمضان: ހިޖުރީ ކަލަންޑަރުގެ ނުވަވަނަ މަސް.
سنة: އަހަރު.
993: ނުވަސަތޭކަ ނުވަދިހަ ތިނެއް.
من (މިން): އިން.
هجرة: ހިޖުރައެއް.
من (މަން): މީހާ. ފަރާތް.
له: އޭނާއަށް.
كمال: ފުރިހަމަކަން.
العز: ޢިއްޒަތް. އާރާއި ބާރު.
و: އަދި.
الشرف: ޝަރަފު. ޤަދަރު. މަތިވެރިކަން.
صلى: ޞަލަވާތް ލައްވައިފި. ޞަލަވާތް ލައްވާށި.
الله: މާތް ﷲ.
عليه: އެކަލޭގެފާނުގެ މައްޗަށް.
و: އަދި.
سلم: ސަލާމާއި.

ދެން މިގެނެސްދެނީ، ދޮރުގެ އިރުމަތީ ފަރާތުގައިވާ ލިއުމާއި އޭގެ ތަރުޖަމާއެވެ.

هذه تربة السلطان الأكرم المكرم حاوى المفاخر وأرقى الشيم مراقي الفضل والكرم الغازي محمد تكرفان الأعظم ابن الخطيب حسين الأتيمي أخذ المملكة من أيدي النصارى البرتكيز وجلس على تخت السلطة ف 1 ربيع الأول سنة 981 وانتقل الى رحمة ربه ف 1 رمضان سنة 993 من هجرة من له كمال العز والشرف صلى الله عليه وسلم

"މިއީ، ތަކުރީމުކުރެވިގެންވާ ދީލަތި ރަސްގެފާނު ފަސްދާނުލެވިފައިވާ ލޮބުވެތި ޒިޔާރަތެވެ. އެ ރަދުންނަކީ، ފަޚުރާއި ޝަރަފުގެ ވެރިޔާއެވެ. އެންމެހައި ބަނިޔާދަންކަމުގެ ސާހިބާއެވެ. މޮޅުއިތުރުކަމާއި، ދީލަތިކަމުގެ ސުއްލަމެވެ. އެ ރަދުންނަކީ، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމެވެ. އުތީމު އަލްޚަޠީބު ޙުސައިންތަކުރުފާނުގެ މާތް ދަރިކަލުންނެވެ. ނަޞާރާ ދީނުގެ ބުރުތުކީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި އައުދާނަ ބަޠަލެވެ. އެ އަގުހުރި މަސައްކަތްޕުޅަށްފަހު، 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު މިރާއްޖޭގެ ރަސްކަމުގެ ތަޚުތަށް އެ ތަކުރުފާނު އިސްވެވަޑައިގަތެވެ. އެ ރަދުން، އެ ރަދުން ހައްދަވައިބޮޑުކުރެއްވި ރަސްކަލާނގެ ރަޙުމަތްފުޅަށް ދަތުރުކުރެއްވީ، 993 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުއެވެ. ތާރީޚު ޖަހާފައި މިވަނީ، އެ ބޭކަލަކަށް ޢިއްޒަތާއި ޝަރަފުގެ ފުރިހަމަކަން ލިބިވަޑައިގެންވާ ކައުސާހިބާގެ ހިޖުރައިންނެވެ. މާތް ﷲ، އިތުރުއެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ!"

ތިރީގައި މިވަނީ، ދޮރުގެ ހުޅަނގު ފަރާތުގައިވާ ލިއުމުގެ ލަފުޒުތަކާއި އޭގެ ލަފުޒީ މާނަތަކެވެ. އިސްކަން ދީފައިވާނީ، މުނާސިބުކަންބޮޑު މާނަތަކަށެވެ.

قد: ހަމަކަށަވަރުން.
بني: ބިނާކުރެވުނީ.
هذا: މި.
المزار: މަޒާރު. ޒިޔާރަތް. މަޤްބަރާ.
في: ގައި.
عصر: ޒަމާނެއް. ދުވަސްވަރެއް.
جلالة: ޖަލާލަތްތެރިކަން.
السلطان: ރަސްގެފާނު.
محمد: ފިރިހެނުންނަށް ކިޔާ ނަމެއް.
شمس: އިރެއް.
الدين: ދީން.

اسكندر: (އަލްއިސްކަންދަރު) މިއީ، Alexander އަށް ޢަރަބި ބަހުން ކިޔާ ނަމެވެ. ދިވެހިބަހުގެ ރަދީފުގައި، "އިސްކަންދަރު" ގެ ދެ މާނައެއް ވެއެވެ. އެއް މާނައިގައި އެއީ، 1058 ހ. (1648 މ.) ވަނަ އަހަރު ރާއްޖޭގެ ތަޚުތަށް އިސްވެވަޑައިގެންނެވި އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީކުލަ ރަންމީބަ ކައްތިރިބަވަނަ މަހާރަދުންނާއި އޭގެ ފަހުގައި އިސްވެވަޑައިގެންނެވި ބައެއް ރަސްކަލުންގެ ނަންފުޅުގެ ފަހަތަށް ގެންނަ ލަޤަބެކެވެ. އަނެއް މާނައިގައި އެއީ ލާރިއެވެ.

ابن: ފިރިހެން ދަރިއެއް.
السلطان: ރަސްގެފާނު.
ابراهيم: ފިރިހެނުންނަށް ކިޔާ ނަމެއް.
نور: ނޫރެއް. އަލިކަމެއް.
الدين: ދީން.
اسكندر:
ابن: ފިރިހެން ދަރިއެއް.
السلطان: ރަސްގެފާނު.
محمد: ފިރިހެނުންނަށް ކިޔާ ނަމެއް.
عماد: ތަނބެއް.
الدين: ދީން.
اسكندر: މީގެ މާނަ އިސްވެހިނގައްޖެއެވެ.
خلد: ދަމަހައްޓަވައިފި. ދަމަހައްޓައިފި.
الله: މާތް ﷲ.
ملكه: އޭނާގެ ރަސްކަން.
و: އަދި.
قد: ހަމަކަށަވަރުން.
تم: ފުރިހަމަވެއްޖެ.
بناؤه: އެތަން ބިނާކުރުން.
في: ގައި.
غرة:
ربيع الأول: ހިޖުރީ ކަލަންޑަރުގެ ތިންވަނަ މަސް.
سنة: އަހަރު.
1338: ތޭރަސަތޭކަ އަށުތިރީސް.
ثمان: އަށެއް.
و: އަދި.
ثلثين: ތިރީސް.
و: އަދި.
ألف: އެއްހާސް.
ثلثمائة: ތިންސަތޭކަ.
بعد: ފަސް. ފަހުގައި.
هجرة: ހިޖުރަ. ހިޖުރަކުރުން.
من: މީހާ. ފަރާތް.
له: އޭނާއަށް.
كمال: ފުރިހަމަކަން.
العز: ޢިއްޒަތް. އާރާއި ބާރު.
و: އަދި.
الشرف: ޝަރަފު. ޤަދަރު. މަތިވެރިކަން.
صلى: ޞަލަވާތް ލައްވައިފި. ޞަލަވާތް ލައްވާށި.
الله: މާތް ﷲ.
عليه: އެކަލޭގެފާނުގެ މައްޗަށް.
و: އަދި.
سلم: ސަލާމާއި.

ދެން މިގެނެސްދެނީ، ދޮރުގެ ހުޅަނގު ފަރާތުގައިވާ ލިއުމާއި އޭގެ ތަރުޖަމާއެވެ.

قد بني هذا المزار في عصر جلالة السلطان محمد شمس الدين اسكندر ابن السلطان ابراهيم نور الدين اسكندر ابن السلطان محمد عماد الدين اسكندر خلد الله ملكه وقد تم بناؤه في غرة ربيع الأول سنة 1338 ثمان وثلثين وألف ثلثمائة بعد هجرة من له كمال العز والشرف صلى الله عليه وسلم

"މި ޒިޔާރަތް ބިނާކުރެވުނީ، އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނު އިސްކަންދަރުގެ ދަރިކަލުން، އައްސުލްޠާނު އިބްރާހީމް ނޫރުއްދީނު އިސްކަންދަރުގެ ދަރިކަލުން، ޖަލާލަތުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ޒަމާނުގައެވެ. މާތް ﷲ، އެ ރަދުންގެ ރަސްކަން ދަމަހައްޓަވާށިއެވެ! މި ޒިޔާރަތް ބިނާކޮށް ނިމުނީ، 1338 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ، އެބޭކަލަކަށް ޢިއްޒަތާއި ޝަރަފުގެ ފުރިހަމަކަން ލިބިވަޑައިގެންވާ ކައުސާހިބާގެ ހިޖުރައިން، ހާހާއި ތިންސަތޭކަ ތިރީސް އަށްވަނަ އަހަރެވެ. މާތް ﷲ، އިތުރުއެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ!"

ނަންގަނެވިދިޔަ ދެ ލިއުން ވަނީ ހަލާކުވުމުގެ މަގުމަތީގައިކަން ހިތާމައާއެކު ފާހަގަކުރަމެވެ. ދޮރުގެ އިރުމަތީ ފަރާތުގައިވާ ލިއުމުގެ ތިންވަނަ ފޮޅުވަތުގެ ފުރަތަމަ ލަފުޒުގެ ފަހު އަކުރު ވަނީ ހަލާކުވެފައެވެ. އެ އަކުރު ނެތިއްޖެނަމަ، "އަލްމަކްރު" (المكر) ކަމުގައި، ނުވަތަ "އަލްމުކުރި" ކަމުގައި އެ ލަފުޒު ކިއުމުގެ ފުރުޞަތު އޮންނާނެ ކަމަށް ބެލެވެއެވެ. "އަލްމަކްރު" އަކީ، މަކަރާއި ޙީލަތެވެ. "އަލްމުކުރި" އަކީ ހުވަދޫ ބަހުގެ "މުކުރި" ކަމަށް މާނަކުރެވިދާނެއެވެ. (1)

ދޮރުގެ ވާތްފަރާތުގައިވާ ލިއުމުގެ، ދިހަވަނަ ފޮޅުވަތުގެ ދެ ލަފުޒެއް ވަނީ މުޅިން ކަހަލަ ގޮތަކަށް ހަލާކުވެފައެވެ. އެ ދަ ލަފުޒަކީ، كمال العز އެވެ. كمال (ކަމާލު) ގެ ފަހު ދެ އަކުރު ވަނީ ހަލާކުވެފައެވެ. العز (އަލްޢިއްޒު) ގެ ފުރަތަމަ ތިން އަކުރު ވަނީ ހަލާކުވެފައެވެ. ޝައްކަކާނުލައި މި ދެ ލަފުޒު ފަސޭހައިން ކިޔަން އެނގުނީ، ދޮރުގެ ކަނާތްފަރާތުގައިވާ ލިއުމުގައި، މި ދެ ލަފުޒު ހިމެނޭ ޢިބާރާތް ލިޔެވިފައި ވާތީއެވެ.

މިދެންނެވީ، މާލޭ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭގައިވާ ބޮޑުތަކުރުފާނު ޒިޔާރަތުގެ މައިދޮރުގެ ދެފަރާތުގައި ލިޔެވިފައިވާ ދެ ލިއުމާއި، އެ ދެ ލިއުމާބެހޭ ގޮތުން ފާހަގަކުރެވޭ ބައެއް ނުކުތާތަކެވެ. އެ ދެ ލިއުމަކީ، ވަރަށް ރަނގަޅަށް ޙިމާޔަތްކޮށް ބަލަހައްޓަންޖެހޭ ދެ ލިއުމެއް ކަމުގައި ދެކެމެވެ. އެ ދެ ލިއުން ވީރާނާވެ އިންދިރާސް ވެއްޖެނަމަ، ދިވެހި އިސްލާމީ ޙަޟާރަތަށް ލިބިގެންދާނީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ. އެ ދެ ލިއުން ނޫން އެހެން ލިއުމެއް، ޒިޔާރަތުގެ އުތުރުފަރާތުގައިވާ ދޮރާށީގެ ފާރުގައި ވެއެވެ. ލޮއި ފިލައެއްގައި ކައްޓަކުން ކަނޑައިގެން ލިޔެފައިވާ އެ ލިއުމުގެ އަކުރުތައް މިހާރު ވަނީ ފަސޭހައިން ކިޔަން ނޭނގޭވަރުވެފައެވެ. ކަމާބެހޭ ފަރާތްތަކުގެ ސަމާލުމަކަށްޓަކައި މިވާހަކަ ދަންނަވަމުން، މިހިސާބަށް މި މަޒުމޫނު ނިންމައިލަމެވެ.

މާތް ﷲ، ބޮޑުތަކުރުފާނާއި، ޝަމްސުއްދީނު ރަދުންނާއި، ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި މުސްލިމު ރަސްރަސްކަލުންގެ ފާފަތައް ފުއްސަވައި، އެބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! އާމީން!

<><><>

(1) "މުކުރި" ގެ އަޞްލަކީ، ޢަރަބި ބަހުގެ "މުޤުރިއު" އެވެ. އިހުގެ ހުވަދޫ ސަގާފަތުގައި، މީހަކަށް މުކުރިކަމުގެ ލަޤަބު ދެވެނީ، ކީރިތި ޤުރުއާނުން ވަކި މިންވަރެއް ހިތުދަސްކޮށް، މަޖިލީހެއްގެ ކުރިމަތީގައި ނުބަލައި ކިއުމުންނެވެ. އެފަދަ މީހަކީ، "މުކުރިބެއިކަލެކެ" ކަމުގައި އެބަހުން ބުނެވެއެވެ. އަދި "މުކުރިޔެކެ" ކަމުގައި ވެސް ބުނެވެއެވެ.