މޮޔަ މީދާ


މޮޔަ މީދަލެއް ދުވާރުމަތިން ދަނިކޮށް، ބުޅަލަކަށް ފެނުނެވެ. ދެން އެ ބުޅާ، އެ މީދަލުގެ ފަހަތުން ދުއްވައިގަތެވެ. ބުޅަލުގެ ކިބައިން ސަލާމަތްވެވޭތޯ މަގު ހުރަސްކޮށް މީދާ ދުއްވައިގަތެވެ. ބުޅާ މީދާ ފަހަތުން ދިޔައެވެ. އެހިނދު، އެ މަގުން ދުއްވާފައިދިޔަ ކާރެއްގެ ފުރޮޅުދަށުވެ ބުޅާ ޗިސްޗިސްވެ މަރުވިއެވެ.

ބުޅާ ދެކެ ބިރުން މާ ބާރަށް ދުވެފައިދިޔަ މީދަލުގެ ބޯ، ދުވާރުގެ އަރިމަތީގައި ވަރަށް ބާރަށް ޖެހި މުޑިއެރިއެވެ. އެސޮރު އެވަގުތު ހޭނެތުނެވެ. އިރުގަނޑެއް ފަހުން އެސޮރު ހޭއަރައިގެން ބެލިއިރު ބުޅާ އޮތީ މަރުވެ ޗިސްޗިސްވެފައެވެ. އެ މަންޒަރު ފެނުމުން، މޮޔަ މީދާ ބުންޏެވެ.

"މި ބުޅަލަށް ތިމަންނާގެ އަތުން މަރުވީ، ތިމަންނާގެ ބާރުގަދަކަމުންތާއެވެ! ދެން ދުވަހަކުވެސް މީދަލެއް ފަހަތުން ބުޅަލެއް ނުދުވާނެއެވެ!"