ލަފުޡުލްޖަލާލާ


1.
ފަތަށް ބެލި އިރު ލޮލަށް ފެނުނީ، އެއިން ލަފުޡުލްޖަލާލާއޭ!!!
އަތަށް ބެލި ހިނދު ހިތަށް ނެގުނީ، އެއިން ލަފުޡުލްޖަލާލާއޭ!!!
2.
ދުލުން ކިޔަކަސް ނުވަތަ ނުކިޔަސް، ކުރާ ޙަރަކާތްތަކުން ފެވެނީ،
ދުލާއި ދެ ތުންފަތުން އަސްތާ! ޒިކުރު ލަފުޡުލްޖަލާލާއޭ!!!
3.
ހިތުން ޖަހަމުން މިދާ ވިންދާ، ލޮލަށް ވާޞިލުވެދާ އައްޔާ،
ފަތުން ކަން އެހި މި ބާނީގައި، ވަނީ ލަފުޡުލްޖަލާލާއޭ!!!
4.
ގަހެއްގައި ގޮފި ހެލޭ އިރުގައި، ވަޔާއެކު ފަތް ލިޔާ ލިއުމީ،
މަހެއްގައި ވާ އުރަހަތައް ހެން، ބުނަމެ ލަފުޡުލްޖަލާލާއޭ!!!
5.
ކަނޑާ ފަޅުގައި ނަގާ ރާޅާ، ހިނގާ ދިގު ކޯރުތަކުގެ ފެނާ،
ލަނޑާ ތަހުލީލަކަށް ކިޔަނީ، އިތުރު ލަފުޒުލްޖަލާލާއޭ!!!
6.
ވަޔާ މެހި ޖައްވުގައި އުދުހޭ، ނަޔާ ކިރުދޫނިތައް ފިޔައިން،
ކިޔާ ތަސްބީޙައީ އަބަދާ އަބަދު ލަފުޡުލްޖަލާލާއޭ!!!
7.
ފަޒާގައިވާ ފަލަކުތަކުގައި، ވަމުން ދައުރާނަ ދާ ގުރަހައިން،
ފަޒާގައި ކުރަހަމުން އެދަނީ، ތެދޭ ލަފުޡުލްޖަލާލާއޭ!!!
8.
އަރާހައި ހަނދުތަކެއް ރާސްތާ، މަތީގައި އެނބުރެމުންދާއިރު،
ބަރާބަރު އަކުރަކުން ލިޔަނީ، ޔަޤީން ލަފުޡުލްޖަލާލާއޭ!!!
9.
ތަރިރުހަނދު ކައުނުގައި ކުރަހާ، ނުހަނު މަތިވެރިވި މަންޒަރަކީ،
ސަރިންދާ އިން ފުމޭ ރާގުން، އިވޭ ލަފުޡުލްޖަލާލާއޭ!!!
10.
މިވާހައި އެއްޗަކާ މީހުން، އެއިން ޒައްރެއްގެ މިންވަރު ވެސް،
ނިވާ ނުމެކޮށް ކުރާ ޒިކުރީ، ކަލިމަ ލަފުޡުލްޖަލާލާއޭ!!!
11.
ހިނގާއިރު ފައިގެ ޙަރަކާތާ، ދެއަތް ދެއަތަށް ހެލޭ ހެލުމާ،
ނިޤާބުވެ ފާޠިމާ ހުއްޓަސް، އެޅީ ލަފުޡުލްޖަލާލާއޭ!!!
12.
ހިބާ ބަނޑި ލައްވަމުން ދާއިރު، ވަނާތައް ރަސްމުކުރަނީ ވެސް،
ތިބާ އަށް ނޭނގުނަސް މިތުރާ، އެ މާތް ލަފުޡުލްޖަލާލާއޭ!!!
13.
މިކަންކަން ދޭހުގައި ލެއްވީ، މިއާމެދުގައި ފިކުރު ހިންގަން،
އެކަން ކުރުމުން ހިތަށް ވެރިވީ، ބޮޑަށް ލަފުޡުލްޖަލާލާއޭ!!!