ހުކުރު މިސްކިތު މިޙުރާބު ފިލާ ލިޔެވުނު ތާރީޚު


މާލޭ ހުކުރު މިސްކިތު މިޙުރާބުގޭގައިވާ ފިލާގައި، އެ ފިލާ ލިޔެވުނު ތާރީޚު ބަޔާންކޮށްފައި ވެއެވެ. އެ ފިލާގައި، އެ ވާހަކަ ގެނެސްފައިވަނީ، ތިން ފޮޅުވަތުގެ މައްޗަށް އެކުލެވޭ ލިއުންކޮޅެއްގައެވެ. އެ ތިން ފޮޅުވަތުގައި ލަފުޒުތައް ތަރުތީބުކުރެވިފައިވަނީ، ޢިބާރާތްކުރުމުގެ ތަރުތީބުންނެއް ނޫނެވެ. ތިރީގައި މިވަނީ، އެ ތިން ފޮޅުވަތުގައިވާ ލިއުމެވެ.

ފުރަތަމަ ފޮޅުވަތް: قد تم في ب من هجرة عليه السلام
ދެވަނަ ފޮޅުވަތް: سنة ستين في النبي
ތިންވަނަ ފޮޅުވަތް: هذا المحرا بلد أحمد اباد الف

މި ފޮޅުވަތްތައް ލިޔެވިފައިވަނީ، ޘުލުޘު ލިއުމުންނެވެ.
ފޮޅުވަތްތަކުގައި ލަފުޒުތައް ތަރުތީބުކުރެވިފައިވަނީ، ޢިބާރާތްކުރުމުގެ ތަރުތީބުންނެއް ނޫނެވެ.
އެއީ، ޘުލުޘު ލިއުމުގެ ހަމަތަކުން ބަލާއިރު މައްސަލައެއް ނޫނެވެ.

ތިރީގައި މިވަނީ، ޢިބާރާތްކުރުމުގެ ތަރުތީބުން ލަފުޒުތައް ތަރުތީބުކުރުމުން ޙާޞިލުވާ ޖުމުލައެވެ.

قد تم هذا المحراب سنة ألف ستين من هجرة النبي عليه السلام في بلد أحمد آباد

ތިރީގައި މިވަނީ، މި ޢިބާރާތުގައިވާ ލަފުޒުތަކާއި އޭގެ މާނައެވެ.

قد (ޤަދު): ހަމަކަށަވަރުން
تم (ތައްމަ): ނިމިއްޖެ
هذا (ހާޛާ): މި
المحراب (އަލްމިޙްރާބް): މިޙުރާބު
سنة (ސަނާ): އަހަރެއް
ألف (އަލްފު): އެއްހާސް
ستين (ސިއްތީނަ): ފަސްދޮޅަސް
من (މިން): އިން
هجرة (ހިޖުރާ): ހިޖުރަ
النبي (އައްނަބިއްޔު): ނަބިއްޔާގެ
عليه (ޢަލައިހި): އެކަލޭގެފާނުގެ މައްޗަށް
السلام (އައްސަލާމް): ސަލާމްލެއްވުނު
في (ފީ): ގައި
بلد (ބަލަދު): ސަހަރެއް
أحمد آباد (އަޙްމަދު އާބާދު): އަޙްމަދު އާބާދު

ތިރީގައި މިވަނީ، ޢިބާރާތާއި އޭގެ ތަރުޖަމާއެވެ.

قد تم هذا المحراب سنة ألف ستين من هجرة النبي عليه السلام في بلد أحمد آباد

މާނަ: މި މިޙުރާބު (ފިލާ ތައްޔާރުކޮށް) ނިމުނީ، (ޞަލަވާތާއި) ސަލާމް ލެއްވި (ކީރިތި) ނަބިއްޔާގެ ހިޖުރައިން އެއްހާސް ފަސްދޮޅަސް (1060) ވަނަ އަހަރު، އަޙްމަދު އާބާދު ސަހަރުގައިކަން ކަށަވަރެވެ.


ނޯޓް:

1. ގައުސުތަކުގެ (ނުވަތަ ބްރަކެޓްތަކުގެ) ތެރޭގައި ލިޔެފައިވާ ލަފުޒުތަކަކީ، ފިލާގައި ޢަރަބި ބަހުން ލިޔެފައިވާ ޢިބާރާތުގައި ނެތް ލަފުޒުތަކެކެވެ. ދިވެހި ތަރުޖަމާގެ ދޭހަ އިތުރުވަނީ އެ ލަފުޒުތަކާ އެކުގައި ކަމަށް ފެންނާތީ، އެ ލަފުޒުތައް އިތުރުކުރީއެވެ. އެ ލަފުޒުތަކާ ނުލައި ޢަރަބި ޖުމުލަ ދޭހަވެއެވެ.

2. މަތީގައިވާ ލިއުމުން އެނގޭ ގޮތުގައި، މިޙުރާބުގޭ ފިލާ ލިޔެވިފައި ވަނީ، ހިޖުރީ ސަނަތުން 1060 ވަނަ އަހަރުގައެވެ. މިސްކިތް ޢިމާރާތްކޮށް ނިމިފައިވަނީ، އޭގެ އެތައް އަހަރެއް ފަހުންނެވެ.

3. އިސްކަންދަރު ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތީ، 5 ޝައްވާލް 1058 ހ. (13 އޮކްޓޯބަރ 1648 މ.) ގައެވެ. އެ ރަދުން އަވަހާރަވީ، 15 ރަބީޢުލްއާޚިރު 1098 ހ. (18 ފެބްރުއަރީ 1687 މ.) ގައެވެ.

4. މާލޭ ހުކުރު މިސްކިތް އަލުން ބިނާކުރުމުގެ މަސައްކަތް ފެށުނީ، 28 ޝަޢުބާން 1066 ހ. (21 ޖޫން 1656 މ.) ގައެވެ. އެ މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިމުނީ، 10 މުޙައްރަމް 1068 ހ. (18 އޮކްޓޯބަރ 1657 މ.) ގައެވެ.

5. މި ތާރީޚުތަކަށް ބަލާއިރު، މިޙުރާބުގޭ ފިލާ ލިޔެވިފައިވަނީ، މިސްކިތް ބިނާކުރަން ފެށުމުގެ 6 އަހަރު ކުރިން، 1060 ހ. ގައި ކަން އެބަ އެނގެއެވެ. އެހެންކަމުން، އިސްކަންދަރު ރަސްގެފާނު، 1058 ހ. ވަނަ އަހަރު ރަސްކަމަށް އިސްވެވަޑައިގަތުމާއެކު، މިސްކިތް ފަރުމާކުރެއްވުމުގެ މަސައްކަތްޕުޅު ފަށްޓަވާފައިވާކަން އެބަ އެނގެއެވެ.

6. މިޙުރާބުގޭ ފިލާ ލިޔެވުނު ކަމަށް އޮތް ތާރީޚާއި، އެއާއެކު އެހެން ތާރީޚުތައް ދިރާސާކުރެއްވުމަކީ، މުޙައްޤިޤުންނަށް ކުރެއްވިދާނެ ކަމެކެވެ. މި ލިއުމަކީ، މަޢުލޫމާތެއް ފޯރުކޮށްދިނުމުގެ ގޮތުން ލިޔެފައިވާ ލިއުމެކެވެ. ގޮތެއް ކަނޑައެޅުމުގެ ގޮތުން ލިޔެފައިވާ ލިއުމެއް ނޫނެވެ.