ބައިނަލްއަޤުވާމީ ރައްކާތެރިކަންބޮޑު އިންޓަރނެޓް ދުވަސް


ހިނގަމުންމިދާ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަކީ، މިއަހަރުގެ ބައިނަލްއަޤުވާމީ ރައްކާތެރިކަންބޮޑު އިންޓަރނެޓް ދުވަހެވެ. މި އަހަރު ވެސް މި ދުވަހަށް ކަނޑައެޅިފައިވާ ޝިޢާރެއް ވެއެވެ. އެއީ، (Be the change: Unite for a better internet) މިއެވެ. މިފަދަ ފުރެއްދެ ޝިޢާރުތަކުގެ ލަފުޒީ ތަރުޖަމާއަށް ބުރަވުމަކީ، އަޅުގަނޑުމެން ދަތުރުކުރާ މިޞްރާބު އަމާޒުން ނެއްޓިދާނެ ކަމެކެވެ. އެހެންކަމުން، "ތެދު މަގުގައި ސާބިތުވެ، ހެޔޮ ކަންކަމުގައި އެއްބައިވުން" ފަދަ މައްދިވެހި އިސްލާމީ ޝިޢާރަކަށް އަޅުގަނޑުމެން އިސްކަންދިނުން ހުއްޓެވެ.

ބައިނަލްއަޤުވާމީ ރައްކާތެރިކަންބޮޑު އިންޓަނެޓް ދުވަސް ފާހަގަކުރެވެނީ، ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ދުވަސް ފާހަގަކުރެވެނީ، ރައްކާތެރިކަންބޮޑު ވެށްޓަކަށް އިންޓަރނެޓްގެ ވިއުގަ ހެދުމުގެ ރޫޙު އުފެއްދުމަށްޓަކައެވެ. އިންޓަރނެޓާއި އޭގެ ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ގޮތްތައް އަމާންކޮށް އީޖާބީ ގޮތެއްގައި ދެމެހެއްޓުމަށްޓަކައެވެ. ޚާއްޞަކޮށް، ޒުވާނުންނާއި ކުޑަކުދިންގެ ހިތްތަކުގައި އެކަމުގެ ޝައުޤުވެރިކަން އުފެއްދުމުގެ މަޤުޞަދުގައެވެ. ދުނިޔޭގެ އެތައް ސަތޭކަ ޖަމްޢިއްޔާތަކަކާއި ޖަމާޢަތްތަކަކުން އަތުގުޅާލައި އެ މަސައްކަތް ކުރެއެވެ. އެ ފަރާތްތަކުގެ އަމާޒަކަށް ވެފައިވަނީ، ރައްކާތެރިކަންބޮޑު އަމާން މާޙައުލަކަށް އިންޓަރނެޓްގެ މަސްރަޙު ހެދުމުގެ ހޭލުންތެރިކަން އުފެއްދުމެވެ. ޒިންމާދާރުކަމާއެކު އެ މަސްރަޙުގައި އުޅުމުގެ ބޭނުންތެރިކަން އަންގައިދިނުމެވެ.

ބައިނަލްއަޤުވާމީ ރައްކާތެރިކަންބޮޑު އިންޓަރނެޓް ދުވަސް ފާހަގަކުރެވޭއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި، ދުވަހާގުޅޭ އެތައް ޙަރަކާތްތަކެއް ހިންގެއެވެ. ރައްކާތެރިކަންބޮޑު އިންޓެރނެޓެއް ޤާއިމުކުރުމަށްޓަކައި އެންމެންވެގެން އަދާކުރެވިދާނެ އެހީތެރިކަމުގެ ދައުރުތައް ބަޔާންކުރެވެއެވެ. ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި، ޖަމާޢަތުގެ ފެންވަރުގައި ކުރެވިދާނެ ކަންކަމެވެ. އޭގެތެރޭގައި އެތައް ބަޔަކާއި، އެތައް ފަރާތްތަކެއް ހިމެނޭނެހެންނެވެ. މަސްއޫލުވެރިންނާއި، މުރުޝިދުންނެވެ. ކުންފުނިތަކާއި، ގޮތް ކަނޑައަޅާ ފަރާތްތަކެވެ. ޤާނޫނު ހިންގާ ފަރާތްތަކާއި، ތަންފީޒީ އިދާރާތަކެވެ. އެދުރުންނާއި، މުރައްބީންނެވެ. މައިންބަފައިންނާއި ބެލެނިވެރިންނެވެ. ޒުވާނުންނާއި، ބޮޑެތިވަމުން އަންނަ ކުދިންނެވެ. އަދި މިނޫން އެތައް ފަރާތްތަކެއް ވެސް ޝާމިލުވާނެހެންނެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ބައިނަލްއަޤުވާމީ ރައްކާތެރިކަންބޮޑު އިންޓަރނެޓް ދުވަހަކީ، މީގެ އެތައް އަހަރެއް ކުރިއްސުރެ ކޮންމެ އަހަރަކު ފާހަގަކުރެވޭ ދުވަހެކެވެ. އެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރެވުނީ، 2004 ވަނަ އަހަރު، ޔޫރަޕުގެ 14 (ސާދަ) ޤައުމެއްގައެވެ. އެއީ، ޔޫރަޕުގެ އިއްތިޙާދާއި، އިންސޭފް (Insafe) ވިއުގައިން އިސްނަގައިގެން ފެށި ކަމެކެވެ. މިހާރު އެ ދުވަސް ފާހަގަކުރާ ޤައުމުތަކުގެ ޢަދަދު ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި 100 އާ ގާތްކުރާ ހިސާބުގައެވެ.

އިންޓަރނެޓްގެ ވިއުގައިގެ ތެރޭގައި ކުރިމަތިވާ ނުރައްކާތަކުން ކުޑަކުދިން ސަލާމަތްކުރުމަކީ، ނުހަނު ބޭނުންތެރިކަމެކެވެ. އެކަމަށްޓަކައި އެކިއެކި ފަރާތްތަކުން މުހިންމު ނަސޭހަތްތަކާއި އިރުޝާދުތައް ދެމުންގެންދެއެވެ. ބެލެނިވެރިންނަށް އަމާޒުކޮށްގެން ފޭސްބުކުގެ ފަރާތުން ގެނެސްދީފައިވާ އިރުޝާދުތަކަކީ، ހެޔޮ އިރުޝާދުތަކެއްގެ ގޮތުގައި އެތައް ބަޔަކު ފާހަގަކުރެއެވެ. އެ އިރުޝާދުތައް ދެއްވި މުރުޝިދާއަކީ، ފޭސްބުކުގެ ބައިނަލްއަޤުވާމީ އަމާންކަމާބެހޭ ވެރިޔާ، (Facebook's Head of Global Safety) އެވެ. އޭނާގެ ނަންފުޅަކީ، (Antigone Davis) އެވެ. ތިރީގައި މިވަނީ އެ ފަސް އިރުޝާދު ދިވެހިކުރެވޭތޯ ކޮށްފައިވާ ޢިބާރާތްތަކެކެވެ.

1. "އިބަގެ ތުއްޕުޅު ބޭފުޅުން ކުރައްވާނީ އިބަ ކުރައްވާ ކަންކަމެވެ. އިބަ އަމުކުރައްވާ ކަންކަމެއް ނޫނެވެ." މި ހަރުބަހަކީ، އިންޓަރނެޓްގެ މައިދާނާއި، އެއިން ބޭރުގައި ވެސް ޢަމަލުކުރެވިދާނެ ޙިކުމަތްތެރި ހަރުބަހެކެވެ.

2. އިބަ އަކީ، އިބަގެ ތުއްޕުޅު ބޭފުޅުންނަށް ހެޔޮ ނަމޫނާއެއް ކަމުގައި ވެވަޑައިގަންނަވާށެވެ! ތުއްޕުޅު ބޭފުޅުން އިންޓަރނެޓް ބޭނުންކުރެއްވުމަށް، އިބަ ވަކި ގަޑިއެއް ކަނޑައަޅުއްވައިފިނަމަ، އިބަ ވެސް އެ ގަޑިއަކާ ތަބާވެވަޑައިގަންނަވާށެވެ! މިސާލަކަށް ރޭގަނޑު 10 ގެ ފަހުން އިންޓަރނެޓް ބޭނުންނުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާނަމަ، ފުރަތަމަ އިބަ އެ ނަސޭހަތަށް ޢަމަލުކުރައްވާށެވެ! އޭރުން އެކަމުގެ ހެޔޮ އަސަރު އިބަގެ ތުއްޕުޅު ބޭފުޅުންގެ ކިބައިގައި އަށަގަންނާނެކަން ކަށަވަރެވެ. އިބަގެ ތުއްޕުޅު ބޭފުޅުންނަކީ، އިންޓަރނެޓްގައި ތަހުޒީބު ރިވެތި ޢިބާރާތްތައް ބޭނުންކުރާ ބަޔަކަށް ހައްދަވަން ބޭނުންފުޅު ނަމަ، އިބަ ލިއުއްވާ ޢިބާރާތްތަކަކީ، ތަހުޒީބު، ރިވެތި، މުޙުތަރަމު ޢިބާރާތްތަކެއް ކަމުގައި ހައްދަވާށެވެ!

3. ދުރާލައި ހަރުދަނާ ފިޔަވަޅުތައް އަޅުއްވައި، ޝަރުޠުތައް ކަނޑައަޅުއްވާށެވެ! ތުއްޕުޅު ބޭފުޅުން އިންޓަރނެޓްގެ އޮންލައިން ވެށްޓަށް ގެންނެވުމާއެކު، ބެލެނިވެރިން އެ ބޭފުޅުންނާ އޮންލައިންކޮށް ވާހަކަދައްކަވަން ފެށްޓެވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. މިކަން ކުރައްވާނީ، ފޭސްބުކުން ޒަރީއާއިން ނުވަތަ އެފަދަ އެހެން ވަސީލަތެއްގެ ޒަރީޢާއިން، އެ ބޭފުޅުންނާ ގުޅުއްވައިގެންނެވެ. ކަމުގެ ކުރީކޮޅުގައި މިކަން ނުކުރައްވައިފި ނަމަ، ފަހުން މިކަން ކުރައްވަން ފަސޭހަފުޅެއް ނުވާނެއެވެ. ޢުމުރުގެ ކުރީކޮޅުގައި ތުއްޕުޅު ބޭފުޅުންނާ ވާހަކަދައްކަވައި މުޢާމަލާތުކުރައްވާނެ ގޮތްތައް ކަނޑައަޅުއްވާ ބީދައިން، އިންޓަރނެޓުގެ ވިއުގައިގެ ތެރޭގައި ވެސް އެކަން ކުރައްވާށެވެ! ތުއްޕުޅު ބޭފުޅުން އިންޓަރނެޓަށް އަހުލުވެރިކުރެއްވުމުގެ ކުރިން، އެ ބޭފުޅުންނަށް ޓެކްނޮލޮޖީއާއި އޭގެ ވަސީލަތްތައް ތަޢާރަފުކޮށްދެއްވާށެވެ! އޭގައިވާ ރަނގަޅު ކަންކަމުގައި ހިއްޕެވުމަށާއި، ނުރަނގަޅު ކަންކަމުން އެއްކިބާވެވަޑައިގެންނެވުމަށް ދަސްކޮށްދެއްވާށެވެ! މިކަމަކީ، ފަހުން ކުރިމަތިވާނެ ކަންކަމުގައި، ތުއްޕުޅު ބޭފުޅުންނާ ވާހަކަދައްކަވައި މުޢާމަލާތުކުރެއްވުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

4. ތުއްޕުޅު ބޭފުޅުންނަށް އިރުޝާދުދެއްވުމަށް އެކަށޭނަ އެންމެ މުނާސިބު ވަގުތު އިޚުތިޔާރުކުރައްވާށެވެ! ކަމާގުޅޭ ވާހަކަތައް ތުއްޕުޅު ބޭފުޅުންނާ ޙިއްޞާކުރައްވަން އެކަށޭނަ އެތައް އިރުވަރުތަކެއް އަންނާނެކަން ކަށަވަރެވެ. އެއިން އެއް އިރުވަރަކީ، ތުއްޕުޅު ބޭފުޅަކަށް މޮބައިލް ފޯނެއް ދެއްވާ ވަގުތެވެ. ނުވަތަ ތުއްޕުޅު ބޭފުޅުންގެ ޢުމުރުގެ 13 (ތޭރަ) ވަނަ ބަހާރު މޫސުމެވެ. ފޭސްބުކު ފަދަ އިޖުތިމާޢީ އޮންލައިން ވެށިތަކަށް ވަނުމުގެ ފުރުޞަތު، ތުއްޕުޅު ބޭފުޅުންނަށް ދެއްވުމަށް އެންމެ މުނާސިބުވާނެ ކަމަށް ބެލެވޭ ޢުމުރަކީ ވެސް އެއީއެވެ. (އެހެނަސް އެކި މުޖުތަމަޢުތަކާއި، އެކި ޢާއިލާތަކުގައި މިކަން ތަފާތުވެދާނެއެވެ.) ރަނގަޅު އިރުވަރުތަކާއި، މުނާސިބު މޫސުމުތަކުގައި ދެއްވާ ހެޔޮ އިރުޝާދުތަކުން، ތުއްޕުޅު ބޭފުޅުންގެ ޅަނދޮޅު ހިތްތަކުގައި، ފަހި ވިސްނުމާއި، ފާގަތި ޚިޔާލު މުޑުވައްކުރެއްވޭނެކަން ހަނދުމަފުޅު ބަހައްޓަވާށެވެ!

5. އިބައަށް ކަންކަން ދަސްކޮށްދެއްވުމަށް، ތުއްޕުޅު ބޭފުޅުންނަށް ވިދާޅުވާށެވެ! އިބައަށް އެނގިވަޑައިނުގަންނަވާ ކަންކަން އިބަގެ ތުއްޕުޅު ބޭފުޅަކަށް އެނގިވަޑައިގަންނަވާ ނަމަ، އެކަން އޭނާގެ ކިބައިން ދަސްފުޅުކުރައްވާށެވެ! އިންޓަރނެޓްގެ ޒަރީޢާއިން އޭނާ ކީރިތި ޤުރުއާން އަޑުއައްސަވާ ކަމަށް ވަނީނަމަ، އެކަން ކުރާނެ ގޮތް އިބައަށް ދަސްކޮށްދެއްވުމަށް އޭނާގެ ކިބައިން އެދިވަޑައިގަންނަވާށެވެ! އޭނާއަކީ، އިންޓަރނެޓަށް ފާގަތި ބޭފުޅެއް ކަމުގައި ވާނަމަ، އޭނާގެ ކިބައިން އެތައް ކަމެއް، އިބައަށް ދަސްފުޅުކުރެއްވިދާނެއެވެ. އަދި އެކަމުގެ ތެރޭގައި، އޭނާގެ ހިތަށް، މުހިންމު އެތައް އިރުޝާދުތަކެއް ވެސް ފޯރުކޮށްދެވިދާނެއެވެ. އިންޓަރނެޓްގެ ޙިމާޔަތާއި، ރައްކާތެރިކަމާއި، އަމިއްލަވަންތަކަން ގެންގުޅުއްވަންވީ ގޮތުގެ ފަހި ވިސްނުން، އޭނާއަށް ދެއްވިދާނެއެވެ. މިސާލަކަށް އޭނާ ލައްވައި ފޭސްބުކުގެ ފޮތްއަރިއެއް ތައްޔާރުކުރައްވާއިރު، ރައްކާތެރިކަން ބޮޑު ގޮތްތަކަކީ ކޮބައިތޯ އޭނާއާ ސުވާލުކުރެއްވިދާނެއެވެ. އަދި އޭނާގެ ލަފާގެ މަތިން އެ ފޮތްއަރީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެއްވިދާނެއެވެ. އޭނާގެ ގާތުން އެކަންކަން ދަސްފުޅުކުރެއްވުމަކީ، އޭނާއަށް ދެއްވޭ ނުހަނު އަގުހުރި މެސެޖެކެވެ. އެހެނީ، އެގޮތުގެމަތިން އިބަ އޭނާގެ އަގު ވަޒަންކުރައްވައިފީމުއެވެ. އަދި އިބަ އޭނާއަށް ހެޔޮ ނަމޫނާ ވެސް ދައްކަވައިދެއްވައިފީމުއެވެ.

ކަމާބެހޭ މުރުޝިދުން ވިދާޅުވާ ގޮތުގައި، މި އިރުޝާދުތަކަކީ، ޢާއިލީ ވެށީގައި އިންޓަރނެޓް ބޭނުންކުރުމަށް މަގުދެއްކުމުގެ ނިހާޔަތެއް ނޫނެވެ. އެކަމަކު މިއީ ހެޔޮ ފެށުމެކެވެ. ރަނގަޅު ބިންގަލެކެވެ. ހަރުދަނާ ތަރަހައެކެވެ. މީގެ މައްޗަށް ރިޢާޔަތްކުރައްވައިގެން ބެލެނިވެރިން ޢަމަލުކުރެއްވުމަކީ، ތުއްޕުޅު ބޭފުޅުންގެ ބަނިޔާދަންކަމާއި އަޚުލާޤިއްޔާތު ހަރުދަނާކުރެއްވުމަށްޓަކައި ކުރެއްވިދާނެ ކަމެކެވެ.

ފޭސްބުކުގެ ތަޖުރިބާކާރު ވެރިޔާ އިރުޝާދުދެއްވާފައިވަނީ، އެ ޢާއިލާއެއްގެ ވެށީގައި އެ ޢާއިލާއަކާ އެންމެ މުނާސިބުވެގެންވާ އިރުޝާދުތަކެއްގެ ބޭނުން ހިއްޕެވުމަށެވެ. އެ ޢާއިލާއެއްގެ ތުއްޕުޅު ބޭފުޅުން ތަރުބިއްޔަތުކުރެއްވުމަށް އޮތް އެންމެ ފަހި މަގަކީ ކޮބައިތޯ ބައްލަވައި، އެ މަގުން ކުރިއަށް ވަޑައިގެންނެވުމަށެވެ. އިންޓަރނެޓުން ބޭރުގައި ވެސް ގެންގުޅުއްވާ ތަރުބަވީ ހަރުދަނާ ހަމަތައް، އިންޓަރނެޓްގެ އިޖުތިމާޢީ ވެށިތަކުގައި ވެސް ގެންގުޅުއްވުމަށެވެ. ތުއްޕުޅު ބޭފުޅަކާ މުޢާމަލާތުކުރައްވާއިރު، އޭނާގެ ނަފުސާނީ ޙާލަތު ދެނެވަޑައިގެން، މަންޒިލްމަޤުޞޫދު ޙާޞިލުކުރެއްވޭނެހެން އަމާޒު ހިއްޕެވުމަށެވެ.

ބައިނަލްއަޤުވާމީ ރައްކާތެރިކަންބޮޑު އިންޓަރނެޓް ދުވަސް ފާހަގަކުރެވޭއިރު، މުރުޝިދުންގެ އިރުޝާދުތަކުން މަންފާ ޙާޞިލުކުރެއްވުމަށް އިލްތިމާސްކުރަމެވެ. އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ، ތިޔަބޭފުޅުންނަށާއި، ތިޔަބޭފުޅުންގެ ތުއްޕުޅު ބޭފުޅުންނަށް ރައްކާތެރި އަމާން އިންޓަރނެޓެއް މިންވަރުކުރެއްވުމެވެ. އެކަލާނގެ މި ދުޢާ އިޖާބަކުރައްވާށިއެވެ! އާމީން!