ޙަޔާތުނާމާ ލިއުމުގެ މައްޗަށް ނަޒަރެއް


ޙަޔާތުނާމާ (Biography) އަކީ، އެންމެ ސާދާކޮށް ބުނާނަމަ، މީހެއްގެ ދިރިއުޅުމުގެ ވާހަކައެވެ. އެއީ، މަދު ޖުމުލަތަކެއްގެ މައްޗަށް އެކުލެވިފައިވާ އެއްޗެއް ކަމުގައި ވެދާނެއެވެ. އަދި އެއީ ފޮތެއް ނުވަތަ އެއް ފޮތަށްވުރެ ގިނަ ފޮތް ކަމުގައި ވެސް ވެދާނެއެވެ. ކުރު ޙަޔާތުނާމާއެއްގައި ވާނީ، ކޮންމެވެސް މީހެއްގެ ޙަޔާތުގެ އަސާސީ މަޢުލޫމާތާއި، ޙަޤީޤަތްތަކެވެ. ދިގު ޙަޔާތުނާމާއެއްގައި ވާނީ، އަސާސީ މަޢުލޫމާތާއެކު، އިތުރު ތަފުޞީލެވެ. އޭގައި އެތައް ވާހަކަތަކެއް ހިމެނިފައި ވާނެއެވެ.

ޙަޔާތުނާމާ އަކީ، މީހެއްގެ ޙަޔާތުގައި ހިނގާފައިވާ ކަންތައްތަކެއްގެ ތަޙުލީލާއި، ޝަރަޙައެވެ. އެ ލިއުމަކީ، އޭނާގެ ޙަޔާތުގައި ގުޅިލާމެހިފައިވާ ކަންތައްތަކެއް ހޯދައިގަތުމަށްޓަކައި ކުރެވޭ މަސައްކަތެކެވެ. އޭނާގެ ޙަޔާތާބެހޭ އާ ކަންތައްތަކާއި ސިއްރުތައް ހޯދައި، އެ މާނަކޮށް ތަފުސީރުކުރުން އޭގައި ހިމެނެއެވެ. އަދި ދުންޔަވީ ޙަޔާތުގައި އޭނާ ކޮށްފައިވާ ކަންކަމުގެ މުހިންމު ކަމާއި، އޭނާގެ ޙަޔާތުގައި ހިނގާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލުމާއި، އޭގެ މައްޗަށް ޙުއްޖަތް ޤާއިމުކުރުން ވެސް އޭގައި ވެއެވެ.

އާންމު ގޮތެއްގައި ޙަޔާތުނާމާ ލިޔަނީ، މަޝްހޫރު މީހަކާ ބެހޭ ގޮތުންނެވެ. އޭނާ އަށް ލިބިފައިވަނީ، ހެޔޮ ޝުހުރަތެއް ކަމުގައި ވެދާނެއެވެ. އަދި އޭނާއަށް ލިބިފައިވަނީ، ނުބައި ޝުހުރަތެއް ކަމުގައި ވެސް ވެދާނެއެވެ. މަޝްހޫރުވެފައިނުވާ އާދައިގެ މީހުންނާ ބެހޭ ގޮތުންވެސް، ބައެއް ޙާލަތުތަކުގައި ޙަޔާތުނާމާ ލިޔެވެއެވެ. އެފަދަ ޙަޔާތުނާމާތަކުން ވެސް މުހިންމު މަޢުލޫމާތު ލިބިދެއެވެ. ވަކި ޒަމާނަކާއި، ވަކި ތަނަކާ ބެހޭ ގޮތުންނެވެ. ދުންޔަވީ ޙަޔާތާ ވަކިވެފައިވާ ތާރީޚީ ޝަޚުޞިއްޔަތުންގެ ޙަޔާތުނާމާ ލިއުމަކީ، ޢާންމު ކަމެކެވެ. އެއާ ޚިލާފަށް، ދުނިޔޭގައި ދިރިތިބި ޝަޚުޞިއްޔަތުންގެ ޙަޔާތުނާމާ ލިޔެވެނީ މަދުންނެވެ.

ގިނަ ޙަޔާތުނާމާތައް ލިޔެވިފައިވަނީ، (chronological order) ކްރޮނޮލޮޖިކަލް އޯޑަރުންނެވެ. މައިގަނޑު މައުޟޫޢާ ގުޅިފައިވާ، ކަންތައްތައް ޒަމާންތަކަކަށް ބަހާލައިގެންނެވެ. މިސާލަކަށް މީހަކު ފުރަތަމަ ކުރިމަތިލާންޖެހުނު ކަންތައްތަކެވެ. ދެން އޭނާ ޙާޞިލުކުރަން ބޭނުންވި ކަންތައްތަކެވެ. ދެން އޭނާ ޙާޞިލުކުރި ކާމިޔާބީތަކެވެ.

ބައެއް ޙަޔާތުނާމާތަކުގައި އަލިއަޅުވާލާފައިވަނީ، ވަކި މައުޟޫޢުތަކެއްގެ މައްޗަށެވެ. ނުވަތަ ވަކި ކާމިޔާބީތަކެއްގެ މައްޗަށެވެ.

ޙަޔާތުނާމާ ލިއުންތެރިން އިބްތިދާއީ މަޞްދަރުތަކާއި، ސާނަވީ މަޞްދަރުތައް ބޭނުންކުރެއެވެ. އިބްތިދާއީ މަޞްދަރުތަކުގެ ތެރޭގައި، ސިޓީ އާއި، ޔައުމިއްޔާ ފަދަ އެއްޗެހި ހިމެނެއެވެ. ސާނަވީ މަޞްދަރުތަކުގެ ތެރޭގައި، ގުޅުންހުރި އެހެން ޙަޔާތުނާމާތަކާއި، އެކިއެކި ފޮތްފޮތް ހިމެނެއެވެ.

ޙަޔާތުނާމާއެއް ލިއުމަށްޓަކައި ކުރަންޖެހޭ މުހިންމު ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.

1. ލިއުންތެރިޔާ ޝައުޤުވެރިވާ ޝަޚުޞިއްޔަތެއް އިޚުތިޔާރުކުރުން.
2. އެ ޝަޚުޞިއްޔަތާބެހޭ އަސާސީ މަޢުލޫމާތު ހޯދުން.
3. އެ ޝަޚުޞިއްޔަތާބެހޭ ގޮތުން ލިޔަން ބޭނުންވާ ކަންތައްތައް ކަނޑައެޅުމާއި، އޭނާގެ ޙަޔާތުން ލިޔަން ބޭނުންވާ ބައި ނުވަތަ ބައިތައް ކަނޑައެޅުން.
4. ޙަޔާތުނާމާއެއް ލިޔާއިރު، ޖަވާބު ހޯދަންޖެހޭ ސުވާލުތަކެއް ވެއެވެ. އެއިން ބައެއް މުހިންމު ސުވާލުތަކަކީ:

o އިޚުތިޔާރުކުރި ޝަޚުޞިއްޔަތަކީ، ޚާއްޞަ ޝަޚުޞިއްޔަތަކަށް ނުވަތަ މުހިންމު ޝަޚުޞިއްޔަތަކަށް ވަނީ ކީއްވެ؟
o އެ ޝަޚުޞިއްޔަތުގެ ސަބަބުން ދުނިޔެއަށް ނުވަތަ މީހުންނަށް ކުރީ ކޮން ބާވަތެއްގެ އަސަރުތަކެއް؟
o އެ ޝަޚުޞިއްޔަތު ސިފަކުރުމަށްޓަކައި ބޭނުންކުރުން އައުލާކަންބޮޑު ސިފަތަކަކީ ކޮބާ؟
o ޝަޚުޞިއްޔަތުގެ ޙަޔާތުގައި އެ ސިފަތައް ބަޔާންކޮށްދޭ މިސާލުތަކަކީ ކޮބާ؟
o އެ ޝަޚުޞިއްޔަތުގެ ޙަޔާތް ބައްޓަންކުރި ނުވަތަ ބަދަލުކުރި ހާދިސާތަކަކީ ކޮބާ؟
o ޙަޔާތުގައި ކުރިމަތިވި ދަތި އުނދަގޫތަކާއި ކުރިމަތިވި މައްސަލަތަކުގެ މައްޗަށް ކާމިޔާބު ޙާޞިލުކުރެވުނުތަ؟
o ރިސްކު ނެގިތަ؟
o ނަސީބުވެރިއެއްތަ؟
o އެ ޝަޚުޞިއްޔަތުގެ ސަބަބުން ދުނިޔެއަށް އައީ ހެޔޮ ބަދަލުތަ؟ ނުވަތަ ނޫންތަ؟ އެއީ، ކިހިނަކުން އަދި ކީއްވެ؟

5. ލައިބްރަރީގައިވާ ފޮތްފޮތުން ނުވަތަ އިންޓަރނެޓުގައިވާ މަޢުލޫމާތުން އިސްވެދިޔަ ސުވާލުތަކުގެ ޖަވާބު ހޯދައި، ޝައުޤުވެރިކުރުވަނިވި ވާހަކަތަކެއްގެ ސިފައިގައި ޖަމާކުރުން.
6. ޖަމާކުރި މަޢުލޫމާތާއި ވާހަކަތައް ބޭނުންކޮށްގެން، ޝަޚުޞިއްޔަތުގެ ޙަޔާތުނާމާ ލިއުން.

އާ ލިއުންތެރިން ތަޖުރިބާކާރު ލިއުންތެރިންގެ އިރުޝާދާއި ނަސޭހަތް ލިބިގަތުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. އަދި ކުރިން ލިޔެވިފައިވާ ޙަޔާތުނާމާތައް ބަލައި، ލިއުމުގެ ވައްޓަފާޅިއާއި އުސްލޫބު، އެއިން ދަސްކުރުމަކީ ވެސް ނުހަނު އެދެވިގެންވާ ކަމެކެވެ.