އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

ބަޙުރު އީމަޖައްލާގެ 16 ވަނަ ޢަދަދު ވެސް ވުޖޫދަށް މިއައީ، ބޭނުންތެރި މަޢުލޫމާތުތަކެއް ހިފައިގެންނެވެ. މި ޢަދަދާ ހަމައަށް ވާޞިލުވެވުނުއިރު ވެސް މި މަޖައްލާ މިވަނީ، ފުރަތަމަ ކަނޑައެޅި ޢަޒުމުގެ މަތީގައެވެ. އެއީ، ހިލޭ ދޫކުރާ އެއްޗެއްގެ ގޮތުގައި މި މަޖައްލާ ދެމެހެއްޓުމެވެ. ކިޔަވާކުދިންނާއި ޓީޗަރުންނާއި އެހެނިހެން ކިއުންތެރިންގެ އަރިއަހަށް، ދަތިކަމަކާ ނުލައި ފޯރުކޮށްދެވޭނެ އެއްޗެއްގެ ގޮތުގައި ކުރިއަށް ގެންދިއުމެވެ.

ކީރިތިވަންތަ މާތް ﷲ ގެ ވާގިފުޅާއެކު، މި ޢަދަދުގައި ވެސް، މަޒުމޫނާއި، ވާހަކައާއި، ޅެމާއި، ފޫހިފިއްލިތައް ހިމަނާލެވިފައި ވެއެވެ. އޭގެ އިތުރުން، މި ޢަދަދުގައި ވާނީ އިތުރު ބާބެއް ފަށާފައެވެ. އެއީ، ޢަރަބި ބަހުގެ ބާބެވެ. ކިއުންތެރިންގެ ތެރެއިން ގިނަ ބޭފުޅުންތަކެއް، ޢަރަބި ބަހަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމުގެ ޝުޢޫރު ފާޅުކުރައްވަމުން ގެންދަވާތީއެވެ. އިރާދަކުރެއްވިއްޔާ، ޢަރަބި ބަހުގެ ބާބަކީ، މި މަޖައްލާގެ ކުރިއަށް ހުރި ޢަދަދުތަކުގައި އިތުރަށް މުއްސަނދިކުރެވޭނެ ބާބެއް ކަމުގައި ވެގެންދާނެއެވެ.

މި މަޖައްލާގެ ހުރިހާ ޢަދަދުތަކެއް އެކަތިގަނޑެއްގެ ގޮތުގައި ތައްޔާރުކުރެވޭތޯ ކުރެވެމުންދިޔަ މަސައްކަތް، ނިމުމަކާ ހަމައަށް އައިސްފައިވާ ވާހަކަ، އުފަލާއެކު ދަންނަވަމެވެ. އެއީ، ކައިރި މުސްތަޤުބަލެއްގައި ތިޔަ ބޭފުޅުންނަށް ހަދިޔާކުރެވޭނެ އެއްޗެކެވެ. އެ ތައްޔާރުކުރެވިފައިވާނީ، އިންޓަރނެޓްގެ ވިއުގައާ ގުޅުމެއްނެތި، ކިއުންތެރިންނަށް އޭގެ ބޭނުން ހިއްޕެވޭނެހެންނެވެ.

މި ޢަދަދުގައި ގެނެސްދެވިފައިވާ މަޢުލޫމާތުތަކަކީ، ތިޔަ ޢިއްޒަތްތެރި ކިއުންތެރިންގެ އަރިހުގައި މަޤުބޫލު އެއްޗަކަށް ވާނެ ކަމަށް އުންމީދުކުރަމެވެ. އަޅުގަނޑުގެ ދުޢާއަކީ، ކީރިތިވަންތަ މާތް ﷲ، ބަޙުރު އީމަޖައްލާގެ މި ޢަދަދުން ވެސް ތިޔަ ބޭފުޅުންނަށް ލާބަ އާއި، މަންފާ މިންވަރުކުރެއްވުމެވެ. ހެޔޮ ވިސްނުމާއި، ތަނަވަސް ފިކުރު ދެއްކެވުމެވެ. އެކަލާނގެ މި ދުޢާ އިޖާބަކުރައްވާށިއެވެ! އާމީން!

1 މާރޗް 2017