ހުދު ރޭރާއި ކަޅު ރޭރު ގެ ވާހަކަ



އާދަކާދައިގެ މަތިން އެއްދުވަހަކު އަޅުގަނޑުގެ އަންހެން ދަރިފުޅު ބަލާ ސްކޫލް ދޮށަށް ދިޔައީމެވެ. އެދުވަހު އަޅުގަނޑުގެ ދަރިފުޅު ގޮވައިގެން ޓީޗަރު އަޅުގަނޑުގެ ގާތަށް ދުރުވި އެވެ. އޭނާ ދުރުވެ އަޅުގަނޑާ އަރާހަމަވި ވަގުތު އަޅުގަނޑުގެ ދަރިފުޅު އޭނާގެ އަތްތިލައަށް ބަލާލާފައި ބުންޏެވެ.

"މިސްގެ އަތްތިލަ ކަޅީ ކީއްވެ ހެއްޔެވެ؟"

އެއީ، އެފްރިކާގެ ކަޅު ނަސްލުގެ އަންހެން ޓީޗަރެކެވެ. ދަރިފުޅު ކުރި ސުވާލުގެ ސަބަބުން އޭނާގެ ހިތަށް އެއްޗެއް އަރާފާނެތީ އަޅުގަނޑު އުޒުރުވެރިވީމެވެ. ނަމަވެސް އޭނާ ބުންޏެވެ.

"އުޒުރުވެރިވާނެ ކަމެއް ނެތެވެ. ހޭނުޖެހޭ ކުޑަ ކުދިން އަބަދުވެސް އެހެން އަހައެވެ. ކުދިން އެހެން އެހިޔަސް އެކަމާމެދު ހިތްހަމަނުޖެހިގެނެއް ނޫޅެމެވެ."

ޓީޗަރު، އެއީ ހިތްހަމަނުޖެހޭ ކަމަކަށް ނެހެއްދެވިޔަސް، އަޅުގަނޑު އެކަމާމެދު ވަރަށް ބޮޑަށް ދެރަވިއެވެ. ދަރިފުޅު އެ ސުވާލުކުރުމުން އަޅުގަނޑު ވަރަށް ބޮޑަށް ލަދު ވެސް ގަތެވެ. އެދުވަހު ދަރިފުޅުގެ ގާތުގައި އަޅުގަނޑު ބުނީމެވެ.

"ދަރިފުޅާ އެވެ! މާތް ﷲ އަހަރެމެން ހައްދަވާފައިވަނީ، އެކި މީހުން އެކި ކުލައިގައެވެ. ބައެއް މީހުން ދޮން ކުލައިގަ އެވެ. ބައެއް މީހުން ކަޅު ކުލައިގައެވެ. ބައެއް މީހުންގެ ލޯ އެކަލާނގެ ހައްދަވާފައިވަނީ ފެހިކުލައިގައެވެ. ބައެއް މީހުންގެ ލޯ ކަޅުކުލައިގައެވެ...."

މި މޭރުމުން ދަރިފުޅަށް އޮޅުންފިލުވައިދެވޭތޯ ބެލީމެވެ.... އެ ދުވަހަށްފަހު، ކޮންމެ ރެއަކު ނިދާ ގަޑީގައި އަޅުގަނޑުގެ ދަރިންނަށް، "ހުދު ރޭރާއި ކަޅު ރޭރު" ގެ ވާހަކަ ކިޔައިދޭން ފެށީމެވެ. އެކަން ކުރަންފެށީ، ކުލައަށް ބަލައިގެން މީހުންގެ މެދުގައި ތަފާތު ނުކުރުމުގެ ރޫޙު އެކުދިންގެ ކިބައިގައި އަށަގެންނެވުމުގެ މަޤުޞަދުގައެވެ. އަޅުގަނޑުމެން ދިރިއުޅެނީ، އެމެރިކާގެ ޝިކާގޯ ގައެވެ. އެއީ، ތަފާތު ކުލަތަކާއި، ތަފާތު ދީންތަކުގެ މީހުން ދިރިއުޅޭ ސަހަރެކެވެ. ތަފާތު ދަރިކޮޅުތަކާއި، ތަފާތު ނަސްލުތަކަށް ނިސްބަތްވާ މީހުން ވެސް އެ ސަހަރުގައި ދިރިއުޅެއެވެ. އެމީހުން ވާހަކަދައްކާ ބަހުރުވަތައް ވެސް ތަފާތެވެ.

ޝިކާގޯ ގެ ރައްޔިތުންގެ ތެރޭގައިވާ ތަފާތުތައް، އެ ސަހަރުގެ މަސްއޫލުވެރިން ވަނީ ދެނެގެންފައެވެ. އެ ސަހަރުގައި ޖަމާވެފައިވާ ހުރިހައި ތަފާތުތަކަކާއެކު އެއީ އެއް ހަށިގަނޑެއްގެ ގޮތުގައި ބޭއްވުމަށް އެ ސަހަރުގެ އިދާރީ މަސްއޫލުވެރިން ގަދައަޅައި މަސައްކަތްކުރެއެވެ. ކުލައާއި، ދީނާއި، ބަހާއި، ސަގާފީ އެހެނިހެން ތަފާތުތަކަށް ބެލުމެއް ނެތި، އެ ސަހަރުގައިވާ އެންމެނަށް، މަސްއޫލުވެރިން އިޙުތިރާމުކުރެއެވެ. އެ ސަހަރުގެ ރައްޔިތުންގެ މެދުގައި އެއްވެސް ބާވަތެއްގެ ފިތުނައެއް އުފައްދަން އުޅެފި މީހަކަށް ދޭނެ ބޮޑެތި އަދަބުތައް ވަނީ، ކަނޑައެޅި ބަޔާންވެފައެވެ. ނަސްލީ އިމްތިޔާޒެއް ނުވަތަ އެނޫންވެސް ހަމަނުޖެހުމެއް ހިންގަން އުޅުމަކީ އެ ސަހަރުގައި ދިރިއުޅޭ ބަޔަކަށް ކުރަން ކެރޭނެ ކަމެއް ނޫނެވެ.

ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަކީ، ކޮންފަދަ ނުރައްކާތެރި ކަމެއްކަން، ޝިކާގޯގެ މަސްއޫލުވެރިން ދަނެއެވެ. ފިތުނަ ފަސާދަ އަކީ، ގައުމުތައް އިނދަޖައްސާލާ ވަބާއެކެވެ. އޭގެ ސަބަބުން ގައުމުތަކުގައި ބޮޑެތި އިޤުތިޞާދީ މައްސަލަތައް އުފެދެއެވެ. އަދި އެއީ، ގައުމުތަކުގެ އިޖުތިމާޢީ ފޭރާން ވެސް ވީދައި ކުދިކުދިކޮށްލާ ވަބާއެކެވެ. ޝިކާގޯގެ މަސްއޫލުވެރިން ދަންނަ މި ޙަޤީޤަތް އިސްލާމީ ގައުމުތަކުގެ މީހުންނަށް ނޭނގޭ ކަހަލައެވެ. އެހެނީ، އިސްލާމީ ގައުމުތަކުގެ މީހުންގެ މެދުގައިވާ ތަފާތުތަކާއި، ފަންތިތަކަކީ، އެ ގައުމުތަކަށް ފުރިހަމަކަމާއި، ކުރިއެރުން ލިއްބައިދޭނެ ބާރެއް ކަމަކަށް ނަހަދައެވެ. އޭގެ ބަދަލުގައި އެކަންކަން ހަދާފައިވަނީ، ފިތުނައިގެ މަޞްދަރެއް ކަމަށެވެ. ކުށެއް ނެތް އެތައް ބަޔަކަށް އަނިޔާވެރިވުމަށްޓަކައި ނޫނީ އޭގެ ބޭނުމެއް ނުކުރެއެވެ.

އަޅުގަނޑުގެ ހިތަށް އަރާ ސުވާލަކީ، އިސްލާމީ ގައުމުތަކުގެ ގިންތިތަކުގެ މެދުގައިވާ އެކިއެކި ތަފާތުތައް ނެއްތައިލުމަށްޓަކައި، "ހުދު ރޭރާއި، ކަޅު ރޭރު" ގެ ވާހަކައިން ފަރުވާ ނުދެވޭނެތޯއެވެ؟ ނުވަތަ އެވާހަކަ ތަރައްގީކޮށް، އެހެން ކުލަކުލައިގެ ރޭރުގެ ވާހަކަ ދަރީންނަށް ކިޔައިނުދެވޭނެތޯއެވެ؟ މިސާލަކަށް، ރަތް ރޭރާއި، ނޫ ރޭރުގެ ވާހަކައެވެ. ނުވަތަ ފެހި ރޭރާއި، ރީނދޫ ރޭރުގެ ވާހަކައެވެ. ނުވަތަ ހުރިހާ ކުލަކުލައިގެ ރޭރުތައް ނުހަނު އެކުވެރިކަމާއެކު، އެސޮރުމެންގެ މުޖުތަމަޢު ބިނާކުރުމަށްޓަކައި މަސައްކަތްކުރާ ގޮތުގެ ޙިކުމަތްތެރި ވާހަކަތައް ކިޔައި ނުދެވޭނެތޯއެވެ؟

ނަމަވެސް، .... ކުލަކުލައިގެ ރޭރުތަކުގެ ވާހަކަތައް ޙިކުމަތްތެރިކަމާއެކު ކިޔައިދޭނީ ކޮންބަޔެއްތޯއެވެ؟ ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި ކޮންމެ ރެއަކު ދަންވަރު ސައްލާކުރުން ކުރިޔަށް ދާހައި ހިނދަކު، ރޭރުގެ އެކުވެރިކަން ބުނެދޭ ޙިކުމަތްތެރި ވާހަކަތަކަށް ޖާގައެއް ލިބިދާނެތޯއެވެ؟