ދެއަތް ބަނދެގެން ހުންނާށެވެ!


ރަމަޟާންމަހުގެ ދުވަހެއްގައި ޢަޞްރު ނަމާދަށްފަހު، ފަތުވާދެއްވަން މިސްކިތުގައި އިންނެވި ފިޤުހުވެރިއެއްގެ އަރިހުގައި މީހަކު ދެންނެވިއެވެ.

"ޝައިޚާ އެވެ! މި ދިޔަ ރަމަޟާން މަހުގެ ތިމަންނާގެ ރޯދައެއް ވަނީ ގެއްލިފައެވެ!"

ފިޤުހުވެރިޔާ: އެ ދުވަހުގެ ބަދަލުގައި އެހެން ދުވަހަކު، އެ ރޯދަ ޤަޟާކުރާށެވެ!

އެމީހާ: ތިމަންނާ އެރޯދަ ޤަޟާކުރުމުގެ ނިޔަތުގައި އެއްދުވަހަކު ރޯދަހިފީމެވެ. ނަމަވެސް އެ ދުވަހު މެންދުރު ނަމާދުކޮށްގެން ގެއަށް ދިޔައިރު، ގޭގައި އުޅެނީ ބޮނޑިބަތާއި ކުޅިމަސް ކައްކައިގެންނެވެ. ދެން އެ ނުކައި ނުހުރެވިގެން ބަނޑުފުރެންދެން ކެއީމެވެ!

ފިޤުހުވެރިޔާ: އެ ދުވަހުގެ ބަދަލުގައި އެހެން ދުވަހަކު، އެ ރޯދަ ޤަޟާކުރާށެވެ!

އެމީހާ: އަނެއްކާވެސް އެހެން ދުވަހަކު އެ ރޯދަ ޤަޟާކުރަން އުޅުނީމެވެ. ނަމަވެސް އެ ދުވަހު މެންދުރު ނަމާދުކޮށްގެން ގެއަށް ދިޔައިރު، ގޭގައި ވަނީ ބިރިޔާނީ ކައްކާފައެވެ. ދެން އެ ނުކައި ނުހުރެވިގެން ބަނޑުފުރެންދެން ކެއީމެވެ!

ފިޤުހުވެރިޔާ: ދެން އެ ރޯދަ ޤަޟާކުރާ ދުވަހަކު ދެއަތް ބަނދެގެން ހުންނާށެވެ!