ބައިތުލްޙިކުމާ


ބައިތުލްޙިކުމާ އަކީ، އިސްލާމީ ޙަޟާރަތުގައި ޢިލްމާއި ފިކުރު ކުރިއަރައިގެންދިޔަ މިންވަރު ބަޔާންކޮށްދޭ މިސާލެކެވެ. އިސްލާމީ ޙަޟާރަތުގައި އެތަނަކީ، މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ބައިނަލްއަޤުވާމީ އެކެޑަމީއެކެވެ. އުމަވީ ދައުލަތުގެ ޒަމާނުގައި ޚާލިދު ބްނު ޔަޒީދުގެ އަމުރުފުޅަށް ފެށުނު ތަރުޖަމާކުރުމުގެ ޙަރަކާތް ފުޅާވެގެންދިޔައީ، ބައިތުލްޙިކުމާގައެވެ. އެތަނުން އިންސާނިއްޔަތަށް ހަދިޔާކޮށްފައިވަނީ ވަރަށްވެސް ބޮޑު ޢިލްމީ ތަރިކައެކެވެ. އެއީ، އިންސާނީ ތާރީޚުގައި އެޒަމާނާ ހަމައަށް އުފެދުނު އެންމެ ބޮޑު ޢިލްމީ މުއައްސަސާއެވެ.


އުފެދުން

ޢައްބާސީ ޚަލީފާ، އަބޫ ޖަޢުފަރުލް މަންޞޫރަކީ، ޢިލްމާއި މަޢުރިފާއަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވި ބޭކަލެކެވެ. އޭނާގެ ޚިލާފަތުގައި، މެޑިސިންއާއި، އެސްޓްރޮނޮމީއާއި، އިންޖިނިއަރިންގއާއި، އަދަބިއްޔާތުގެ ފޮތްތައް ތަރުޖަމާކުރައްވައި، ގަނޑުވަރުތެރޭގައި ޚަޒާނާކުރެއްވިއެވެ.

އެއަށްފަހު، ޚަލީފާ ހާރޫނުއްރަޝީދު "ޙިކުމަތުގެ ޚަޒާނާ" (خَزَانَةُ اْلحِكْمَةِ) އުފައްދަވައި، އެތަނަށް އެ ފޮތްތައް ލެއްވިއެވެ. އެމަނިކުފާނަކީ، ޢިލްމާއި މަޢުރިފާއަށް ވަރަށް ބޮޑަށް ލޯބިފުޅުކުރެއްވި ބޭކަލެކެވެ. އެމަނިކުފާނުގެ ޒަމާނުގައި، ޚަޒާނަތުލްޙިކުމާގެ ކުތުބުޚާނާގައިވާ ހަންޖެހި ބޮޑެތި ފޮތްތަކުގެ ޢަދަދު، އެއްމިލިޔަނަށް އެރިއެވެ.


ތަރައްޤީވުން

ޚަލީފާ މައުމޫނުގެ ޒަމާނުގައި، ޚަޒާނަތުލްޙިކުމާ ތަރައްޤީވެ، އެތަނުގެ ނަން "ބައިތުލްޙިކުމާ" ގެ ނަމަށް ބަދަލުވިއެވެ. އޭރު އެތަން ވަނީ ފުރިހަމަ އެކެޑަމީއަކަށް ބަދަލުވެފައެވެ. ޚަލީފާ މައުމޫނު، ދުނިޔޭގެ ކަންކޮޅުތަކުން އެތަނަށް ފޮތްފޮތާއި، ޢިލްމުވެރިންނާއި، މުފައްކިރުންނާއި، މުތަރުޖިމުން ޖަމާކުރެއްވިއެވެ. އެތާނގެ ރަންޒަމާނުގައި އެތާނގެ ކުތުބުޚާނާގައިވާ ހަންޖެހި ފޮތްތަކުގެ ޢަދަދު ދެ މިލިޔަނަށް އެރިއެވެ. އަދި އެތާނގައި އެންމެ މަތީ ފެންވަރުގެ ތަޢުލީމުދޭ މަރުކަޒެއް އުފެދުނެވެ. އެތަނުން ދަސްވެނިވާ ދަސްވެނިންނަށް އެކި ދަރަޖަތަކުގެ ޢިލްމީ ސަނަދުތައް ދިނެވެ.


ޢިމާރާތް

ބައިތުލްޙިކުމާގެ ޢިމާރާތަކީ، ދެ ފަންގިފިލާގެ ޢިމާރާތެކެވެ. ތިރީ ފަންގިފިލާގައި ވަނީ، ފޮތް ބަހައްޓާ މާލަންތަކާއި، ތަރުޖަމާކުރުމާއި، ފޮތް ލިޔުމާއި، ހަންޖެހުމާއި، ފޮތް ކިޔުމާއި، ދިރާސާކުރުން ފަދަ ކަންތައްތަކަށް ޚާއްޞަ މަރުކަޒުތަކެވެ. ދެވަނަ ފަންގިފިލާގައިވަނީ، ޢިލްމުވެރިންނާއި، ތަރުޖަމާނުންނާއި، ދަރިވަރުންނާއި މުވައްޒަފުން ދިރިއުޅުމަށްޓަކައި ހަދާފައިވާ ތަންތަނެވެ. އަދި އެތަނަށްދާ މީހުންނަށާއި، އެތާނގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭ މަރުކަޒެއް ވެސް ވިއެވެ.


ކުތުބުޚާނާ

ކުތުބުޚާނާގައި ފޮތްތައް ބަހައްޓާފައި ހުންނަ ބައިގެ އިތުރުން، ފޮތް ނަކަލުކުރުމަށާއި، އުފެއްދުމަށާއި، މަރާމާތުކުރުމަށް ޚާއްޞަ ބައިތައް ވިއެވެ. ތަރުޖަމާކުރުމާއި، އާ ފޮތްތައް ލިޔުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް އެތަނަށް ފޮތްތައް ހޯދުނެވެ. އިންސާނީ ތާރީޚުގައި އޭގެ ކުރިން އެފަދަ ލައިބްރަރީއެއް އުފެދިފައެއް ނުވެއެވެ.

ބައިތުލްޙިކުމާގެ ކުތުބުޚާނާގެ ފޮތް ތަރުޖަމާކުރުމާބެހޭ މަރުކަޒުގައި ކުރެވުނު މަސައްކަތަކީ، ހަމައެކަނި އެހެން ބަސްބަހުން ޢަރަބިބަހަށް ތަރުޖަމާކުރުމެއް ނޫނެވެ. ޢަރަބި ބަހުން އެހެން ބަސްބަހަށް ތަރުޖަމާކުރުން ވެސް އޮތެވެ. އާ ފޮތްތައް އެކުލަވާލުމާބެހޭ މަރުކަޒުގެ ޢިލްމުވެރިން އެތާނގައި ތިއްބަވައިގެންނާއި އެތަނުން ބޭރުގައި ފޮތްތައް އެކުލަވާލެއްވި އެވެ. ފޮތެއް އެކުލަވާލައްވައިފި ޢިލްމުވެރިޔަކަށް ދައުލަތުން ބޮޑެތި އިނާމުތައް ދެއްވިއެވެ.


ފަލަކީ މަރްޞަދު

ބައިތުލްޙިކުމާގެ މަރްޞަދު، ބަޣުދާދުގެ ޝަމާސިއްޔާގައި ބިނާކުރެއްވީ ޚަލީފާ މައުމޫނެވެ. އެތާނގައި ފަލަކީ ޢާލިމުންނާއި، ފިޒިކްސްގެ ޢާލިމުން މަސައްކަތްކުރެއްވިއެވެ. އެ ބޭފުޅުންގެ ތެރޭގައި، އަލްޚުވާރިޒްމީ އާއި، ޔަޙުޔާ ބްނު މަންޞޫރާއި، މޫސާ ބްނު ޝާކިރުގެ ތިން ދަރިކަލުން (މުޙައްމަދާއި، އަޙްމަދާއި، ޙަސަން) ހިމެނިވަޑައިގަންނަވައެވެ. އެތާނގައި ޢާލިމުން މަސައްކަތްކުރެއްވީ ޓީމްތަކެއްގެ ސިފައިގައެވެ. ތަރިތަކާއި ޕްލެނެޓްތައް ދިރާސާކުރެއްވުމުގެ އިތުރުން، އެބޭފުޅުން ކުރެއްވި އެންމެ މުހިންމު އެއްމަސައްކަތަކީ، ދުނިޔޭގެ ވަށަމިން ހޯއްދެވުމެވެ.


އިދާރާ

ބައިތުލްޙިކުމާއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްބަޔަކީ، އެތަނުގެ މައިއިދާރާއެވެ. އެ އިދާރާގެ އެންމެ އިސްވެރިޔާގެ މަޤާމުގެ ނަމަކީ، "ޞާޙިބު" އެވެ. އެ މަޤާމު ފުރުއްވި ފުރަތަމަ ބޭފުޅަކީ، ސަހުލު ބްނު ހާރޫނުލްފާރިސީ އެވެ. އޭނާއަކީ، އެޒަމާނުގެ ފުންނާބުއުސް ފިލޯސަފަރެކެވެ. އަދި ކުޅަދާނަ ތަރުޖަމާނެކެވެ. އޭނާއަށްފަހު އެ މަޤާމު ފުރުއްވި ބޭފުޅުންގެ ތެރޭގައި، އަޙްމަދު ބްނު މުޙައްމަދާއި، އަލްޙަސަނުލް އަންޠާކީ ހިމެނިވަޑައިގަންނަވައެވެ.

ބަޣުދާދުގެ ބައިތުލްޙިކުމާއަކީ، އިންސާނީ ޙަޟާރަތުގެ އެންމެ އަލިގަދަ އެއްދަންމަރެވެ. އެއީ، ޢިލްމީ ޢަޖާއިބެކެވެ. އިހުގެ އުންމަތްތަކުގެ ޢުލޫމުތައް ޖަމާކޮށް، އެ ތަރައްޤީކޮށް، އެއަށް އިތުރުކޮށް، އިންސާނިއްޔަތަށް އިތުރު އާޢުލޫމުތައް ހަދިޔާކުރި ޢިލްމީ މަރުކަޒެކެވެ. އިންސާނީ ޙަޟާރަތުގެ ވާހަކައާއެކު އެތާނގެ ޢިލްމީ ތަރިކަތަކުގެ ވާހަކަ ދެމިއޮންނާނެކަން ކަށަވަރެވެ.


ބައިތުލްޙިކުމާގެ އެތެރެ ދައްކައިދޭ ތަޞްވީރެއް


ބައިތުލްޙިކުމާގެ އެތެރޭގެ ޙަރަކާތްތައް ދައްކައިދޭ ތަޞްވީރެއް


ބައިތުލްޙިކުމާގެ ޢިމާރާތުގެ ތަޞްވީރެއް