ކަނޑުގެ މުހިންމުކަން


ދިވެހި ބަހުގެ ރަދީފުގައި ކަނޑު ކަމަށް މާނަކޮށްފައިވަނީ، ފުންކަމުން އަޑި ނޭނގޭ ލޮނުގަނޑު، ނުވަތަ ފެންގަނޑެވެ. ދުނިޔޭގެ ބައެއް އެހެން ބަސްބަހުގައި، ކަނޑަކީ، ލޮނުފެން ޖަމާވެފައިވާ ބޮޑެތި އޭރިއާތަކެވެ. ލޮނުފެން އެއްވެފައިވާ ތަންތަނަށާއި، މީރުފެން އެއްވެފައިވާ ތަންތަނަށް ވެސް ބައެއް ބަސްބަހުގައި ކަނޑުގެ ނަމުން ނަންދީފައިވެއެވެ. ޖޯގުރަފީ ނަޒަރަކުން ބަލާއިރު، ދުނިޔޭގެ ބިމުގެ ސަޠުޙު މައިގަނޑު ދެބަޔަކަށް ބަހާލެވިފައިވެއެވެ. އެއީ، ބައްރާއި ބަޙުރެވެ. ބައްރަކީ، އެއްބިމަކަށް ހިކިފައިވާ ބޮޑެތި ތަންތަން ނުވަތަ އެއްގަމެވެ. ބަޙުރަކީ، ކަނޑެވެ.

ދުނިޔޭގައިވާ ކުދި ކަނޑުތަކާއި، ބިޔަ ކަނޑުތަކަކީ، އަގުނުކުރެވޭފަދަ ބޮޑެތި ޚަޒާނާތަކެކެކެވެ. ކަނޑުގައިވާ މަސްމަހާމެއްސާއި އެހެނިހެން ކާއިނާތްތަކަކީ ކާބޯތަކެތީގެ މައިގަނޑު މަޞްދަރެކެވެ. ކަނޑު އިސްޕަންޖާއި، ކަނޑުގައިވާ އެފަދަ އެހެން މަޚުލޫޤުންނަކީ، ޑަކުޓަރީ ބޭސް އުފެއްދުމަށް ބޭނުންކުރާ ވަރަށް މުހިންމު އެއްޗެކެވެ. އެއްގަމުގެ އައްސޭރިފަށާ ކައިރީގައިވާ މުރަކައިގެ ފަރުފަރަކީ ވެސް އޭގެ ފައިދާތައް ހިމަނައި ކޮޅުންނުލާވަރުގެ އެއްޗެކެވެ. އޭގެ އެންމެ މުހިންމު އެއް ފައިދާއަކީ، މާކަނޑުން ނަގާ ބިޔަ ރާޅުތަކުން އައްސޭރިފަށް ސަލާމަތްވުމެވެ.

އިންސާނުންނަށް ކަނޑުން ލިއްބައިދޭ އިޤުތިޞާދީ ފައިދާގެ މިންވަރު ފައިސާއިން ބަޔާންކުރާނަމަ، އެއީ އަހަރަކު 2.1 ޓްރިލިއަން އެމެރިކާ ޑޮލަރެވެ! ޓްރިލިއަން އަކީ، އެކެއްގެ ކަނާތްފަރާތުގައި ބާރަ ސުން ޖެހީމާ އުފެދޭ ބިޔަ ޢަދަދެވެ.

ކަނޑުގައިވާ މަސްމަހާމެއްސަކީ، އިންސާނުންގެ ކާބޯތަކެތީގެ ލިސްޓްގައި ވަރަށް މުހިންމު މަޤާމެއް ޙާޞިލުކޮށްފައިވާ އެއްޗެކެވެ. އިންސާނުންނަށް ކާބޯތަކެތިން ލިއްބައިދޭ ޕްރޮޓީންގެ 20 އިންސައްތަ ލިއްބައިދެނީ މަސްމަހާމެހިންނެވެ. ކާނާއެއްގެ އިތުރުން މަސްމަހާމެއްސަކީ، ބޭސްފަރުވާކުރުމުގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ.

މިސާލެއްގެ ގޮތުން ހިތުގެ ބައްޔަށް ބަލާލަމާތޯއެވެ. އެއީ މިޒަމާނުގައި އާންމުވަމުންދާ ނުރައްކާތެރި ބައްޔެކެވެ. އެބައްޔަށް ވެސް ކަނޑުމަހުން ފަރުވާކުރެވެއެވެ. ކޮންމެ ދުވަހަކު 30 ގުރާމުގެ ކަނޑުމަސް ކެއުމަކީ ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. ކަނޑު މަހުން ޙާޞިލުކުރެވޭ އެތައް ފައިދާތަކެއް ވެއެވެ. އޭގެތެރޭގައި، ކިޑްނީ ވަރުގަދަކުރުމާއި، ނޭވާ ހޮޅީގެ ތަދު ފިލުވުމާއި، ޓީބީ އާއި، ފުރަމޭގެ ބަލިތަކަށް ފަރުވާކުރުން ހިމެނެއެވެ. ބޭސްފަރުވާގައި ބޭނުންކުރެވޭ އެންމެ މުހިންމު އެއް މަހަކީ، ކަޅުބިލަމަހެވެ. އެއިން ފަރުވާކުރެވޭ ކަންތައްތަކުގެ ތެރޭގައި، ހަރުފަ ވިހަލުމާއި، ކުއްތާ ދަތްއެޅުމާއި، ކަރުތެރޭން ދަވަ ފިލުވުމާއި، ބަނޑުން ވައި ހުސްކުރުން ފަދަ އެތައް ކަންކަމެއް ހިމެނެއެވެ. އަދި އިންސާނާގެ ހަށިގަނޑުގެ އެކިއެކި ބާރުތައް ވަރުގަދަ ކުރުމަށްޓަކައި ވެސް އޭގެ ބޭނުންކުރެވެއެވެ.

ކަނޑުގައިވާ މަސްމަހާމެހިން ލިއްބައިދޭ ފައިދާތަކުގެ ވާހަކަ ދައްކާއިރު، ބޮޑުމަހުގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. އޭގެ ތެލުގައި ވަރަށް މުހިންމު ދެ ވިޓަމިނެއް އެކުލެވެއެވެ. އެއީ، ވިޓަމިން އޭ އާއި، ވިޓަމިން ޑީ އެވެ. ވިޓަމިން ޑީ އަކީ، ރޭކަނުވުމާއި، ކުޑަކުދިންގެ ކަށިފީވުމާއި، ހަށިގަނޑުގެ ހަމާއި ތެތް ދުލިތައް ހަލާކުވުމާއި، ލޭގެ ޕްރެޝަރާއި، ކުޑަކުދިން ހެދިބޮޑުވުމަށް ވަރަށް މުހިންމު ވިޓަމިނެކެވެ. ވިޓަމިން އޭ ނުލިބުމުގެ ސަބަބުން ކޮންމެ އަހަރަކު ދުނިޔޭގެ އާބާދީން 250000 އާ 500000 އާ ދެ މެދުގެ ޢަދަދަކަށް މީހުން ލޯ އަނދިރިވެއެވެ.

އިންސާނުންގެ ދުޅަހެޔޮކަމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެކައްޗަކީ، އަޔޮޑިންއެވެ. އެއީ ވެސް ކަނޑުގައިވާ އިސްޕަންޖާއި، މޫދުވިނަ ފަދަ އެއްޗެހިން ނެރެވޭ މާއްދާއެކެވެ.

މިޒަމާނުގައި އިންސާނީ ޙަޟާރަތު ޤާއިމުވެފައިވަނީ، ތެލުގެ މައްޗަށެވެ. ބިމުގެ އަޑިން ނަގާ ތެލާއި ގޭހުގެ ވަރަށް ބޮޑު މިންވަރެއް ނެރެވެނީ ކަނޑުގެ ތިލަ ހިސާބުތައް ތޮރުފައިގެންނެވެ.

ކަނޑަކީ، މީރުފެނުގެ މަޞްދަރެކެވެ. ކަނޑުގައިވާ ލޮނުފެން، މީރުފެނަށް ބަދަލުކުރެވޭ އެތައް ގޮތެއް ވެއެވެ. އެއިން އެއްގޮތަކީ، ކުއްލިއަކަށް ގަނޑުކުރުމެވެ. ލޮނުފެން ކުއްލިއަކަށް ގަނޑުކޮށްލުމުން އެއިން ލޮނާއި މީރުފެން ވަކިވެއެވެ. އަނެއް ގޮތަކީ، ލޮނުފެން އާތްވަށް ބަދަލުކޮށްގެން އެއިން މީރުފެން ވަކިކުރުމެވެ.

ކަނޑުގެ ލޮނުފެނަކީ، ތައިރޮއިޑް ގޮށުގެ ބައްޔަށް ފަރުވާއެކެވެ. އެއީ، ކަނޑުގެ ލޮނުފެނުގައި މަތީ ދަރަޖައަކަށް އަޔޮޑިން އެކުލެވިފައިވާތީއެވެ. އިންސާނުންނަށް އަޔޮޑިން ލިއްބައިދޭ އެއް މަޞްދަރަކީ، ކަނޑުގެ ލޮނުފެނުން އުފެއްދޭ ލޮނެވެ. ކާބޯތަކެތި ތައްޔާރުކުރުމުގައި އޭގެ ބޭނުންކުރެވެއެވެ.

ފެތުމާއި، ފީނުމާއި، ރާޅާއެޅުން ފަދަ މޫދާއި ކަނޑުގައި ކުޅޭ ކުޅިވަރުތައް، ހަށިގަނޑުގެ ލޭ ދައުރުވުމުގެ ނިޒާމު ހީވާގިކޮށްދެއެވެ. ކަނޑުގައި ކުޅެވޭ އެފަދަ ކުޅިވަރުތަކަކީ، އިންސާނާގެ ހަށިގަނޑަށް ވަރަށް ފުރިހަމަ ކަސްރަތެއް ލިއްބައިދޭ ކުޅިވަރުތަކެކެވެ.

ދުނިޔެ ބެލެންސްކުރުމުގައި ކަނޑު އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ކަނޑު އުފެދިފައިވަނީ، ދުނިޔޭގެ ހަރު ބައިގައި ހިމެނޭ ބިޔަ އަޑިގުޑަންތަކެއްގެ ތެރޭގައެވެ. އެތަންތަނުގައިވާ ހުސްޖާގަތައް ފުރާލާފައިވަނީ، ކަނޑުތަކެވެ. އެކަމުގެ ސަބަބުން ދުނިޔެއާއި، ދުނިޔޭގެ ޖައްވުގެ ބެލެންސްވުން ހަމަހަމަ ގޮތެއްގައި ހިފެހެއްޓިފައި ވެއެވެ.

ކޮންމެ އަހަރަކު ކަނޑުގެ ބާވަތްތަކުން ވަރަށް ގިނަގުނަ ކާނާ އުފެއްދެއެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މީގެ ދިހަ އަހަރު ކުރިން (2005 ވަނަ އަހަރު) ކަނޑުގެ ބާވަތްތަކުން ދުނިޔޭގައި އުފައްދާފައިވާ ކާބޯތަކެތި، 93 މިލިއަން ޓަނަށްވުރެ އިތުރެވެ. (އެއީ، 93253346 (ނުވަދިހަ ތިން މިލިއަން، ދުއިސައްތަ ފަންސާސް ތިން ހާސް، ތިންސަތޭކަ ސާޅީސް ހަޔެއް) ޓަނެވެ.)

ދުނިޔޭގެ އެއްތަނުން އަނެއް ތަނަށް އުފުލޭ މުދަލުގެ 90 އިންސައްތަ އުފުލެނީ ކަނޑުމަގުންނެވެ. މުދާ އުފުލާ ބޯޓުފަހަރުގައި ކަނޑުމަގުން އުފުލޭ މުދަލުން ލިބޭ އިޤުތިޞާދީ ނަފާ، ކޮންމެ އަހަރަކު 2.1 ޓްރިލިއަން ޔޫއެސް ޑޮލަރަށް އަރައެވެ.

ކަނޑުން ހަކަތަ އުފެއްދުމާބެހޭ ގޮތުން ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި، ކަނޑުގެ ރާޅުތަކާއި، ކަނޑުގައިވާ އެކިއެކި އޮއިވަރުތަކާއި، ދިޔަވަރު ހިކި ދިޔަވަރު ބޮޑުވުން ފަދަ ކަންތައްތަކުން، އަހަރަކު 90 ހާސް ޓެރަވޮޓް (Terawatts) ގެ އިލެކްޓްރިކް ހަކަތަ އުފެއްދިދާނެއެވެ. އެއިން މިހާރު ދުނިޔޭގައި އުފެއްދޭ އިލެކްޓްރިކް ހަކަތައިގެ މިންވަރަކީ ގާތްގަނޑަކަށް 1 ޓެރަވޮޓެވެ. (ޓެރަވޮޓަކީ، 1000000000000 ވޮޓެވެ.) ކަނޑުން އުފެއްދޭ މިބާވަތުގެ ހަކަތަކައަކީ، ސާފު ހަކަތައެކެވެ. ތިމާވެށްޓަށް ގެންލުންލިބޭފަދަ އެއްޗެއް އެޔަކުން ނުއުފެދެއެވެ.

ކަނޑުން އުފެއްދިދާނެ އެންމެ ވަރުގަދަ އެއް ހަކަތައަކީ، ތަރިރު ހަކަތައެވެ. އެއީ ތަރިތަކާއި އިރުގައި ހަކަތަ އުފެދޭ ބީދައިން ކަނޑުހައިޑްރިޖަން (Deuterium) ބޭނުންކޮށްގެން އުފެއްދޭ ނިއުކްލިއަރ ހަކަތައެކެވެ. އެތައް ހާސް އަހަރެއް ވަންދެން އެހަކަތަ ނިމުމެއްނެތި ދުނިޔޭގައި ބޭނުންކުރެވިދާނެ ކަމަށް ދިރާސާތަކުން އެނގެއެވެ. ތަރިރު ހަކަތަ އަކީ، ނިއުކްލިއަރ ހަކަތައިގެ ބާވަތެއް ކަމުގައި ވިޔަސް، އެހަކަތަ އުފެއްދުމުގައި ތިމާވެށްޓަށް ގެއްލުމެއް ނުލިބެއެވެ. އެއީ، ތިމާވެށްޓާ ރައްޓެހި ހަކަތައެކެވެ.

ޢަސްކަރީ މައިދާނުގައި ވެސް ކަނޑުގެ މުހިންމުކަން ވަރަށް ބޮޑެވެ. ދުނިޔޭގައި ހިންގޭ ޢަސްކަރީ އޮޕަރޭޝަންތަކުގެ ބޮޑު ބަޔެއް ހިންގެނީ ކަނޑުމަގުންނެވެ.

ކަނޑުން ނެރެވޭ މާއްދާތަކުގެ ތެރޭގައި އެކިއެކި މަޢުދަންތަކާއި، ލޮނާއި، ބަރުފެން (Heavy water) ހިމެނެއެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވެސް ކަނޑަށް ދެވިފައިވާ އަހަންމިއްޔަތު ވަރަށް ބޮޑެވެ. ކަނޑާއި ކަނޑުގެ އައްސޭރިއަކީ، ފަތުރުވެރިކަމުގެ ޞިނާޢަތު ހިންގައިދޭ މައި ބަހާއެކެވެ.

ބަޔާންވެދިޔައީ، މާތް ﷲ، ކަނޑުގައި ލައްވާފައިވާ ބައެއް ފައިދާތަކެވެ. އެ ފައިދާތަކަށް ބަލާއިރު، ކަނޑުގެ މުހިންމުކަން ވަރަށް ސާފުކޮށް އެބައެނގެއެވެ. އެހެންކަމުން ކަނޑާއި ކަނޑުގައިވާ އެއްޗެހި ޙިމާޔާތްކޮށް ދެމެހެއްޓުމަކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ.