އަލްޤަމަރުގެ ދޭހަ


1.
ސާޢަތުގެ ވަގުތު އައިސް ޖެހެނީޔޭ،
އަސްތާ! ދެފަޅި ކުރެއްވިއްޖޭމެ ޤަމަރު!!!

2.
އިޢުޖާޒުގެ އާޔާތްތައް ފެނުނީމާ ބުނެޔޭ:
ތިޔައީތާއޭ ދިގުދެމިގެންވާނެ ސިޙުރު!!!

3.
އާޔާތްތައް ދޮގުކޮށްފައި އެއުރެން،
ނަފުސުގެ ވަސްވާހާ އެ ތަބާވީޔޭ،
ހުރިހައި ކަންކަން ވެއްޖޭ،
ދުނިޔެ ނިމެން ތައްޔާރު!!!

4.
ގައިމޭ އެއުރެންނަށް އަތުވެއްޖޭ،
މާޒީގައިވީ ބިރުވެރިވި ޚަބަރު!!!

5.
ޤުރުއާނުގެ ޙިކުމަތް ވެސް މިއޮތީޔޭ،
އެހެނަސް އެއުރެން އީމާނެއް ނުވެޔޭ،
ދެއްވެވިޔަސް މި ފޮތުން އެތަކެއް އިންޒާރު!!!

6.
ލޮބުވެތިވި ޙަބީބޭ! ދޫކޮށްލައްވާށޭ!
މަޙުޝަރުގައި އެއުރެން މިންޖުކުރެއްވުން!!!
އެ ދުވަހުގައި ނޭއްސެވުމޭ އެދެނީ،
ހޯއްދެވުމަށް އެއުރެންގެ އަސަރު!!!

7.
ކަށްވަޅުތެރެއިން އެއުރެން ބޭރުވެދާނީ،
ބިރުވެތި ނަޒަރުން ބަލަމުންދާ ޙާލުގަޔޭ!!!
އަދި ވާނީ ގޮއްފުޅަނގިތަކެއް ފަދައިންނޭ،
އެއުރެން މަޙުޝަރުގައި ފެތުރޭއިރު!!!

8.
އެ ދުވަހުގައި އެއުރެން،
ހޭނެތި ދުވަމުން ގެންދާނޭ!!!
އަދި އެއުރެން ބުނަމުން ގެންދާނޭ،
މިއޮތީވާ އުނދަގޫ ދުވަހެއްތާއޭ،
އަހުރެމެނާ ކުރިމަތިވާ އެތަކެއް ބިރު!!!

9.
ނޫޙުގެފާނުގެ ޤައުމުގެ މީހުން ވެސް،
އިހުގައި ދޮގުކުރިޔޭ ބަސްފުޅުތައް،
އެ ރަސޫލާ ދޮގުކޮށް އެއުރެން ބުންޏޭ:
"ތިޔައީވާ ބޮޑު މޮޔައެއްތާއޭ"،
ދެން ޖާނުފުޅަށް ކުރިމަތިކޮށްލީމާ ބިރު!!!

10.
ހެއްދެވި ރައްބުގެ ޙަޟުރަތުގައި ދެންނެވިޔޭ:
"މި އަޅާ ބަލިވެދަނީޔޭ، ދެއްވާށޭ ނަޞްރު!!!"

11.
އުޑުގައިވާ ދޮރުތައް ހުޅުވައިލައްވައި،
އެ ދޮރުތަކުން ވާރޭ ވެއްސެވުމަށް އެދިވޮޑިގެން،
ކޮށްލެއްވީމޭ ވަރުގަދަ އެ އަމުރު!!!

12.
އަދި ބިމުގެ އެތައް ތަނަކުން ބާރަށް،
އެތަކެއް ފެން އާރު ފަޅުއްވައިލެއްވީމޭ،
އެ ދެ ފެން ބައްދަލުވެ ނިމިއްޖޭ،
ހަމަޖެއްސެވިފައި އޮތް މިންވަރު!!!

13.
ނާކޮޅުގައި ބައްރަށް އެ ނަބިއްޔާ އުފުލެއްވީމޭ،
ދަންނާށެ! މަޑޫތައް ބަނދެލާފައިވާކަން،
ގުޑުމެއް ނާރާނޭހެން މަޢުދަނުގެ ދުސުރު!!!

14.
ނާކޮޅު ފެނުގެ މަތީގައި ދިޔައީ،
ދެކެދެނެވޮޑިގެންވާ ޙާލުގަޔޭ!!!
ދޮގުކުރެވުނު އީމާންވީ މީހުންނަށް،
ކޮށްލެއްވީމޭ ނިޢުމަތުގެ ޖަޒާ މިންވަރު!!!

15.
ނާކޮޅުގެ އެ ކަންތައްތައް،
ދޫކޮށްލެއްވީމޭ އާޔަތަކަށް!!!
ފަހެ، އެބަވޭހެއްޔޭ؟
ހަނދުމަކުރާ މީހެއްގެ ޛިކުރު!!!

16.
ފަހެ، ކިހިނެއްހެއްޔޭ ވީ؟
ގަދަފަދަވި ޢަޛާބާ އިންޒާރު!!!

17.
ކީރިތި ޤުރުއާނުގެ އާޔަތްތައް،
ލުއިކޮށްދެއްވީމޭ ހަނދުމަކުރަން!!!
ފަހެ، އެބަވޭހެއްޔޭ؟
ހަނދުމަކުރާ މީހެއްގެ ޛިކުރު!!!

18.
ހޫދުގެފާނުގެ ބަސްފުޅު ވެސް،
ޤައުމުގެ މީހުން ދޮގުކުރިޔޭ،
ފަހެ، ކިހިނެއްހެއްޔޭ ވީ؟
ގަދަފަދަވި ޢަޛާބާ އިންޒާރު!!!

19.
އަޑުގަދަ ފިނިގަދަ ވައިރޯޅިން،
ވަރުގަދަ ކޯފާއެއް ލެއްވީމޭ!!!
އެއުރެންނަށް ހިތި ދުވަހެއްގައި،
އެކަމެއް ވެއްޖޭ ތަކުރާރު!!!

20.
ކަދުރުއަޅާ ދިގު ރުއްތައް ލުހެލާފައި،
ބިންމައްޗަށް އެއްލައިލާ ފަދައިން،
އެއުރެން އުކަމުން ގެންދިޔަޔޭ،
ވައިރޯޅީގައިވީ ގަދަފަދަ ބާރު!!!

21.
ފަހެ، ކިހިނެއް ހެއްޔޭ ވީ؟
ގަދަފަދަވި ޢަޛާބާ އިންޒާރު!!!

22.
ކީރިތި ޤުރުއާނުގެ އާޔަތްތައް،
ލުއިކޮށްދެއްވީމޭ، ހަނދުމަކުރަން!!!
ފަހެ، އެބަވޭހެއްޔޭ؟
ހަނދުމަކުރާ މީހެއްގެ ޛިކުރު!!!

23.
އަދި އެ ޘަމޫދުގެ އަހުލުވެރިން ވެސް،
އެއުރެންގެ ރަސޫލާ ދޮގުކޮށް އުޅުނޭ،
އަދި އެ ރަސޫލާ ދެއްވާފައިވާ އިންޒާރު!!!

24.
ފަހެ، އެއުރެން ބުންޏޭ،
"އީމާންވެ ތަބާވާންވީ އޭނާގެ ބަހަށް ހެއްޔޭ؟
އޭނާ އާއި މަމެންނާ ގައިމޭ އެއްފަދައޭ!
އޭނާ އަށް އީމާންވުމަކީ ދަންނާށޭ!
މަގުފުރެދި ބޮވެން އޮތް މޮޔަކަމުގެ ޒަހަރު!!!"

25.
"މި ޘަމޫދުގެ އެންމެންގެ ތެރޭން،
އޭނާ އަށް ހެއްޔޭ؟ އެ ރިސާލަތު ދެއްވަންވީ،
ކީއްހެއްޔޭ! އޭނާއީ ދޮގު ހެދުމަށް،
އެންމެ އަރާހުރި ކައްޛާބު އަޝިރު!!!

26.
އެއުރެންނަށް މާދަން އެނގިދާނޭ،
ކާކު ކަމީ ކައްޛާބު އަޝިރު!!!

27.
އަންހެން ޖަމަލެއް ނެރެދެއްވައި،
އެއުރެންގެ ތެރޭގައި ފިތުނައަކަށް އެ ޖަމަލު ލެއްވީމޭ!!!
ކެތްތެރިވެ ވަޑައިގެން،
ބެއްލެވުމަށް އެދެމޭ، ޞާލިޙު ފޭތާންބަރު!!!

28.
ޚަބަރު ކުރައްވާށޭ!
ބެއްސެވިފައިވާ ކަމުގައި ފެން،
އެއުރެންނަށް ދުވަހެއް،
ޖަމަލަށް ދުވަހެއް، ހަމަހަމައަށް،
އެބަޔެއްގެ ދުވަހު، އެބަޔެކެ ވާނީ ހާޒިރު!!!

29.
އެއުރެންނަށް ހެއްލުނު މިތުރާ އަށް ގޮވިޔޭ،
އޭނާ ގޮސް ޖަމަލަށް އަނިޔާކުރިޔޭ،
އަދި މަރުވަޅުގައި ޖެހިޔޭ ދިގު ޚަންޖަރު!!!

30.
ފަހެ، ކިހިނެއް ހެއްޔޭ ވީ؟
ގަދަފަދަވި ޢަޛާބާ އިންޒާރު!!!

31.
އެއުރެންނަށް ފޮނުވައިލެއްވީ،
އެންމެ އަޑެއް ކަމުގައި އަންގަވަމޭ،
ކުނޑިތައް ފަދައިން އެއުރެން ވެއްޖޭ،
ކާއިރު ބާކީކޮށްލާހެން ވާ ޖަނަވާރު!!!

32.
ކީރިތި ޤުރުއާނުގެ އާޔަތްތައް،
ލުއިކޮށްދެއްވީމޭ، ހަނދުމަކުރަން!!!
ފަހެ، އެބަވޭހެއްޔޭ؟
ހަނދުމަކުރާ މީހެއްގެ ޒިކުރު!!!

33.
ލޫޠުގެފާނުގެ ޤައުމުގެ މީހުން ވެސް،
ދޮގުކުރިޔޭ އެ ރަސޫލާ ދެއްވެވި އިންޒާރު!!!

34.
އެއުރެންނަށް ކޯފާ ލައްވައި،
ވައިރޯޅިތެރޭގައި ހިލަ ފޮނުވައިލެއްވީމޭ!!!
އެ ނަބިއްޔާ އާއި، އީމާންވީ މީހުން މިންޖުކުރެއްވީމޭ،
ރޭގަނޑު އައި ވަގުތެއްގައި ދަންވަރު!!!

35.
ލޫޠުގެފާނަށް ނިޢުމަތްތައް ދެއްވީމޭ،
އަދި އެފަދަ ޖަޒާތައް ދެއްވައިހައްދަވަމޭ،
ކުރަމުން ގެންދާނަމަ، ގައިމެ ޝުކުރު!!!

36.
ލައްވާނޭ ކޯފާއާ މެދުގައި،
ޝައްކޭ ކުރަމުން ގެންދިޔައީ!!!
އެއުރެންގެ ރަސޫލާ ދެއްވެވިޔޭ،
އަންނާނެ ޢަޛާބުގެ އިންޒާރު!!!

37.
ފާޙިޝް ޢަމަލު ކުރަން އުޅުނޭ،
އުޑުގެ މަލާއިކަތުންނާ އެކުގައި ވެސް!
އެވަގުތު ލޯތައް ކަނުކޮށްލެއްވީމޭ!!!
ފަހެ، ރަހަ ބަލަމުން ގެންދާށޭ!
ގަދަފަދަވި ޢަޛާބާ އިންޒާރު!!!

38.
ދެން އައި ދުވަހުގެ ހެނދުނަށް ދާނދެން،
ނިމުމެއް ނެތި އެ ޢަޛާބު ހިނގައިދިޔައޭ،
އެ ގޮތަށް ކޯފާ ލެއްވީމޭ ވާނޭހެން އިސްތިޤުރާރު!!!

39.
ފަހެ، ރަހަބަލަމުން ގެންދާށޭ!
ގަދަފަދަވި ޢަޛާބާ އިންޒާރު!!!

40.
ކީރިތި ޤުރުއާނުގެ އާޔަތްތައް،
ލުއިކޮށްދެއްވީމޭ، ހަނދުމަކުރަން!!!
ފަހެ، އެބަވޭހެއްޔޭ؟
ހަނދުމަކުރާ މީހެއްގެ ޛިކުރު!!!

41.
ފިރުޢައުނުގެ ގާތަށް ގައިމު ވަޑައިގެންނެވިޔޭ،
ދެ ރަސޫލަކު ދެއްވަން އިންޒާރު!!!

42.
ދެއްކެވި ހުރިހައި އާޔަތްތައް،
ފިރުޢައުނުގެ އެންމެން ދޮގުކުރިޔޭ،
ފަހެ، އެއުރެން ނެތިކޮށްލެއްވީމޭ،
ޢިއްޒަތްތެރި މުޤުތަދިރަކުހެން، ލިބިވޮޑިގެންވީ ބާރު!!!

43.
ތިޔަބައިމީހުންގެ ތެރޭގައިވާ،
ކާފިރުނާމެދު ވިސްނާށޭ!
ފާއިތުވީ މީހުންނަށްވުރެ އެއުރެން،
ވަކި ހެޔޮކަން ބޮޑު ހެއްޔޭ؟
ނޫން ނަމަ ޞުޙުފާ ފޮތްފޮތުގައި،
އެއުރެން ވީ މަތިވެރިކުރެވިފަ ހެއްޔޭ؟
އާރާ ބާރާ ދެއްވައި އަދި މާ ގަދަފަދަ ބުންވަރު!!!

44.
ނޫން ނަމަ، ކާފިރު ޢަރަބީންނޭ!
ތިޔަބައިމީހުންނީ ތިބުނާ ފަދައިން،
މާ ބައިބޯވީ ވަރުގަދަ ބާރެއް ހެއްޔޭ؟
ނުލިބި ނުދާނޭ ފަދައިން އޮތް، ނަޞްރު!!!

45.
ތިޔަ އެންމެން ބައިބައިވެ ނިމޭނޭ،
އަދި ފުރަގަސް ދީފައި ދުވެދާނޭ،
ކުރިމަތިވާއިރު ހައިޖާނުގެ ބޮޑު ބިރު!!!

46.
ސާޢަތުގެ ވަގުތު ވާނޭ،
ކުއްފާރުންނަށް މައުޢިދު ކަމުގައި!!!
އެ ދުވަސް އަދި މާ ހިތިވާނޭ،
އޭރުން ބޮޑު ކަމަކަށް ނުވެދާނޭ،
ބޮޑު ކަމަކަށް ވީ ހަނގުރާމަ ބަދުރު!!!

47.
ގައިމޭ އިޖުރާމުގެ އަހުލުވެރިން އެވަނީ،
މަގުފުރެދިފައޭ، ޙާލަތު ތެރެއަށް ވެއްޓި ސުޢުރު!!!

48.
ނަރަކަ ތެރޭ ބަންޑުން ދަމަމުން ގެންދާއިރުގައި،
ރަހަ ބަލަމުން ގެންދާށޭ! މައްސު ސަޤަރު!!!

49.
ހުރިހައި އެއްޗެއް ޚަލްޤުކުރައްވައި،
މި ވުޖޫދުތެރޭގައި ލައްވާފައި މިވަނީ،
ނިންމެވި ވަރަށޭ، ޤަދަރު ކުރައްވައި މިންވަރު!!!

50.
ކަމަކަށް އެދިވޮޑިގެން އަމުރުކުރެއްވީމާ،
އެކަމެއް ހަމަ ތަންފީޒުވެގެން އެދަނީ،
ހިންގާލެވިދާހައި އަވަހަށެ ކަޅިއެއްގެ ނަޒަރު!!!

51.
ތިޔަބައިމީހުން ފަދައިން ކާފިރުވީ،
އުއްމަތްތައް ނެއްތައިލެއްވީމޭ!!!
ފަހެ، އެބަވޭ ހެއްޔޭ؟
ހަނދުމަކުރާ މީހެއްގެ ޛިކުރު!!!

52.
އެއުރެން ކުޅަހައި ޢަމަލުތަކެއް،
ލިޔެވި ނިމިއްޖޭ ފަތްފުށުގައިމެ ޒުބުރު!!!

53.
ކުދި ބޮޑު ހުރިހައި ޢަމަލެއް ވާނޭ،
ފޮޅުވަތްތަކުގައި، ފެންނަ ފަދައިން ދަންމަރު!!!

54.
ތަޤުވާވެރިވީ މީހުން ލައްވާނީ،
ޖަންނަތުގެ ބަގީޗާތަކުގައި!!!
އެތަނު ތެރޭން ދެމެދުންދާނޭ،
ޝަރުބަތްތަކަކުންވާ ކޯރު!!!

55.
އެ ދުވަހުގައި އެއުރެން ވާނީ،
ކުޅަދުންވަންތަ މަލީކުގެ ޙަޟުރަތުގައި!!!
ތެދުވެރިވި މަޤާމެއްގައި ލައްވައި،
ދެއްވާފައި ޢިއްޒަތުގެ ޤަދަރު!!!