އިރުގެނިޒާމު


ތަޢާރަފެއް

އިރުގެ ނިޒާމަކީ، އިރާއި، އޭގެ ވަށައިގެން ދައުރުކުރަމުންދާ އެހެނިހެން ޖިރުމުތަކުން އެކުލެވިފައިވާ ނިޒާމެކެވެ. އޭގައިވާ ޖިރުމުތައް ބަހާލެވިފައިވަނީ، މައިގަނޑު ގޮތެއްގައި ތިން ބަޔަށެވެ. އެއީ، ގުރަހައާއި، މޭލިގުރަހައާއި، ކުދިޖިރުމެވެ. މީގެ ތެރޭގައި ހަނދުތައް ހިމެނިފައިނުވަނީ، އިރުގެ ވަށައިގެން ދައުރުކުރާ އޯބިޓް އެއަށް ލިބިފައި ނުވާތީއެވެ.

ވަރަށްގިނަ ފަލަކީ ޢާލިމުން ޤަބޫލުކުރައްވާ ގޮތުގައި، އިރުގެ ނިޒާމު (Solar system) އުފެދުނީ، ހިރަފުހާއި ގޭހުގެ މާސިންގާ ބިޔަ ވިލާގަނޑަކުންނެވެ. އެކަން ހިނގާފައިވަނީ، މީގެ 4.6 ބިލިޔަން އަހަރު ކުރިންނެވެ. އިރުގެ ނިޒާމުގައިވާ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއްޗަކީ، އިރެވެ. އެއީ ތަރިއެކެވެ. އެ ތަރި ވަނީ، އިރުގެ ނިޒާމުގެ މަރުކަޒުގައެވެ. އޭގެ ހަށިމިނަކީ، މުޅި އިރުގެ ނިޒާމުގެ 99.8 އިންސައްތައެވެ. މިދުނިޔޭގައި، ދިރޭ ތަކެތީގެ ޙަޔާތެއް ދެމިއޮތުމަށް ބޭނުންވާ، ހޫނާއި، އަލި ލިއްބައިދެނީ އިރުންނެވެ. ނަމަވެސް އެއީ މެދުމިނުގެ ތަރިއެކެވެ.


އިރުގެ ނިޒާމު ވާ ތަން

އިރުގެ ނިޒާމު ވަނީ، މިލްކީވޭ މަޑިކިލަނބުގައި، ފަޅިބުރު ބައްޓަމަށް ގުދުލާފައިވާ ދަނޑިތަކުގެ ތެރެއިން ދަނޑިއެއްގައެވެ. އެއީ ތަރިތައް މަދު ހިސާބެކެވެ. މިލްކީވޭގެ މަރުކަޒުގެ ވަށައިގެން އިރުގެ ނިޒާމު ދައުރުކުރަމުންދަނީ، އެ ދަނޑީގެ ދައުރާނަވުމާ އެއްވަރަށެވެ. އެކަމުގެ ސަބަބުން، އެހެން ތަރިއެއްގެ ނުރައްކަލަށް ދުނިޔެ ހުށަހެޅުމަކީ ނާދިރުކަމެކެވެ. އަދި އެކަމަކީ، ދުނިޔޭގައި ދިރޭތަކެތީގެ ޙަޔާތެއް ދެމިއޮތުމުގެ ބަހާއެކެވެ.

މިލްކީވޭގެ މަރުކަޒާއި އިރާ ދެމެދުގައިވަނީ، 25000 އަލިއަހަރާއި 28000 އަލިއަހަރާ ދެމެދުގެ ރާސްތާއެކެވެ. އެ މަޑިކިލަނބުގެ ތެރޭގައި އިރުގެ ނިޒާމު ދަތުރުކުރަމުންދާ ބާރުމިނަކީ، ސިކުންތަކު 220 ކިލޯމީޓަރެވެ. އެހެންކަމުން، އެ މަޑިކިލަނބުގެ މަރުކަޒުގެ ވަށައިގެން ބުރެއް ޖެހުމަށްޓަކައި، 225 އަހަރާއި 250 އަހަރާ ދެމެދުގެ މުއްދަތެއް، އިރުގެ ނިޒާމު ހޭދަކުރެއެވެ. މިލްކީވޭގެ ދިގުހުރަހުގައި ވަނީ، ގާތްގަނޑަކަށް އެއްލައްކަ އަލިއަހަރެވެ.


ގުރަހަތައް

އިރުގެ ނިޒާމުގައިވާ ގުރަހަތައް މައިގަނޑު ގޮތެއްގައި ދެބަޔަކަށް ބަހާލެވިފައި ވެއެވެ. އެއީ، އެތެރެވަރީ ގުރަހައާއި، ބޭރުމަތީ ގުރަހައެވެ. އެތެރެވަރީ ގުރަހަތަކަކީ ޢުޠާރިދާއި، ޒުހުރަތާއި، ދުނިޔެއާއި، މިއްރީޚެވެ. މި ހަތަރު ގުރަހައަށް ކިޔަނީ ހިލަގުރަހައެވެ. މި ގުރަހަތަކުގެ ބޭރުގައި ވަނީ، އެސްޓްރޮއިޑްގެ ކަމަރެކެވެ. އެއަށްވުރެ ދުރުގައިވާ ބޭރުމަތީގެ ގުރަހަތަކަކީ މުޝްތަރީއާއި، ޒުޙަލާއި، ޔުރޭނަސްއާއި، ނެޕްޗޫނެވެ. މިހަތަރު ގުރަހައަށް ކިޔަނީ ގޭސްގުރަހައެވެ. ބައެއް ގުރަހަތަކުގެ ވަށައިގެން ދައުރުކުރާ ހަނދުތައް ވެއެވެ. ދުނިޔޭގެ ވަށައިގެން ދައުރުކުރަނީ އެންމެ ހަނދެކެވެ.

ބައިނަލްއަޤުވާމީ ފަލަކީ އިއްތިޙާދު (IAU) އިން ކަނޑައަޅާފައިވާ ޝަރުޠުތަކަށް ބަލާއިރު، އިރުގެ ނިޒާމުގައިވަނީ، ނަންގަނެވިދިޔަ 8 ގުރަހައެވެ. އެ ޝަރުޠުތަކަކީ:

1. އިރުގެ ވަށައިގެން ދައުރާނަވާނެ އޯބިޓެއް ލިބިފައިވުން.
2. ބޯޅަ ބުރަށް ނުވަތަ ކުކުޅުބިސް ބުރަށް ބައްޓަންވާނެ ޖާޒުބިއްޔަތެއް އުފެދޭވަރުގެ ހަށްޓެއް ލިބިފައިވުން.
3. އޭގެ އޯބިޓުން، އަވަށްޓެރި ޖިރުމުތައް ނެއްތައިލެވޭވަރުގެ ޖާޒުބިއްޔަތެއް ލިބިފައިވުން.

ގުރަހަތަކުގެ ވަށައިގެން ދައުރުކުރާ ހަނދުތައް ވަނީ، މި ޝަރުޠުތަކުން އިސްތިސްނާ ކުރެވިފައެވެ. މި ޝަރުޠުތަކުގެ ތެރެއިން ތިންވަނަ ޝަރުޠު ހަމަނުވާ ކޮންމެ ގުރަހައަކީ، މޭލި ގުރަހައެކެވެ. އެހެންކަމުން، ކުރިން ގުރަހައެއް ކަމުގައި ބެލެވެމުންދިޔަ ޕްލޫޓޯއާއި، އެފަދަ އެހެން ގުރަހަތައް ހިމެނިފައިވަނީ، މިޝަރުޠުތަކުގެ މިންގަނޑުން ބަލާއިރު މޭލި ގުރަހަތަކުގެ ތެރޭގައެވެ.


އެހެނިހެން ޖިރުމުތައް

އެހެނިހެން ޖިރުމުތަކުގެ ތެރޭގައި ހިމެނެނީ، އެސްޓްރޮއިޑާއި، ދުންތަރިއާއި، ނެޕްޗޫންގެ އޯބިޓަށްވުރެ ދުރުގައި ދައުރުކުރަމުންދާ ގިނަ ޖިރުމުތަކެވެ. އެސްޓްރޮއިޑަކީ، ގުރަހައަށްވުރެ ކުދި، ދުންތަރިއަށްވުރެ ބޮޑު އެއްޗެކެވެ. އިރާ ކާރިއަށް އަންނަ ހިނދު، އެއިން ނިގުލެއް ފާޅުނުވެއެވެ. ދުންތަރިއަކީ، އިރުގެ ނިޒާމުގައިވާ ކުދިކުދި ޖިރުމުތަކެކެވެ. އިރާ ކައިރިއަށް އަންނަ ހިނދު އެއިން ދިގު ނިގުލެއް ފާޅުވެއެވެ. ގިނިހިލައަކީ، އިރުގެ ނިޒާމުގައިވާ ގުރަހަތަކުގެ މެދުގައި ދަތުރުކުރާ ހަރު އެއްޗެހިތަކެކެވެ. އޭގެ ކޮޑިމިން ވަނީ، ޒައްރެއްގެ މިންވަރާއި، އެސްޓްރޮއިޑާ ދެމެދުގައެވެ. މި ތަކެތީގެ އިތުރުން، އިރުގެ ނިޒާމުގެ ތެރޭގައި ހިރަފުހާއި ގޭސް ވެސް ހިމެނެއެވެ.


ފަހުބަސް

އިރުގެ ނިޒާމުގައިވާ ހުރިހާ އެއްޗެއް އިރުގެ ވަށައިގެން ދައުރުކުރަމުންދެއެވެ. އަދި މިލްކީވޭގެ މަރުކަޒުގެ ވަށައިގެން އިރުގެ ނިޒާމު ދައުރުކުރަމުންދެއެވެ. އެހުރިހާ އެއްޗެއް އެއް ޢާއިލާއެއްގެ ސިފައިގައި ގުޅިލާމެހިފައިވަނީ، ޖާޒުބިއްޔަތުގެ ނުވަތަ ގްރެވިޓީގެ ވާފަށުންނެވެ. އަޖަލު ޖެހެންދެން، އެގޮތުގެމަތީގައި އިރުގެ ނިޒާމާއި، އޭގައިވާ އެންމެހައި ޖިރުމުތަކެއް ދައުރުކުރަމުންދާނެއެވެ.

މިއީ، މިލްކީވޭގައި އިރުގެ ނިޒާމު ވާ ތަނާއި، މިލްކީވޭގެ ބޮޑުމިން ދައްކައިދޭ ތަސްވީރެކެވެ.

<><><><><>

ޖިރުމު (جِرْم): ފަޒާގައިވާ ޖިސްމެއް. މިސާލު: ތަރިއެއް، ގުރަހައެއް، ދުންތަރިއެއް.