ފަންސަވީސް ނަބީބޭކަލުން


މިއީ، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ފަންސަވީސް ނަބީބޭކަލުންނާއި އެ ބޭކަލުން ދިރިއުޅުއްވި މުއްދަތު ބަޔާންކޮށްދޭ ލިޔުމެކެވެ. އާދަމުގެފާނުން ފެށިގެން ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ނިޔަލަށް މި ލިޔުމުގައި ވެއެވެ.

1. ސަލާމް ލެއްވި އާދަމުގެފާނު:

އާދަމުގެފާނަކީ، އެންމެހައި އާދަމުގެދަރިންގެ ބައްޕައެވެ.
އެކަލޭގެފާނު ދުނިޔޭގެ ބިމަށް ތިރިކުރެއްވުނީ، މިހާރުގެ އޮޅުދޫކަރައިގެ ބިމަށެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 950 އަހަރު ކަމަށާއި، 1000 އަހަރު ކަމަށް ވާރިދުވެފައި ވެއެވެ.
އެންމެ ފުރަތަމަ އެކަލޭގެފާނު ފަސްދާނުލެވުނީ، އެކަލޭގެފާނު ދުނިޔޭގެ ބިމަށް ފައިބާވަޑައިގެންނެވި ފަރުބަދައިގައި ކަމަށް ވާރިދުވެފައި ވެއެވެ. އެ ފަރުބަދަ ވަނީ އޮޅުދޫކަރައިގައެވެ.
އެކަލޭގެފާނު ފަސްދާނު ލެވުނީ، މާތްވެގެންވާ މައްކާގެ އަބޫޤުބައިސް ފަރުބަދައިގައި ކަމަށް ވެސް ވާރިދުވެފައި ވެއެވެ.
އެއަށްފަހު، ނޫޙުގެފާނު، އެކަލޭގެފާނާއި ޙައްވާގެފާނުގެ މަޤްބަރާ، ބައިތުލްމަޤްދިސަށް ބަދަލުކުރެއްވި ކަމަށް ވެސް ރިވާވެފައި ވެއެވެ.


2. ސަލާމް ލެއްވި އިދުރީސުގެފާނު:

އިދުރީސުގެފާނުގެ އަހުލުކިތާބިއްޔަ ނަންފުޅަކީ، އަޚްނޫޚުއެވެ.
އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވި ބިމަކީ، ޢިރާޤުގެ ބާބިލެވެ.
އެއަށްފަހު އެކަލޭގެފާނު މިޞްރަށް ވަޑައިގެންނެވިއެވެ.
އެކަލޭގެފާނަކީ، ޢިލްމާއި، ޙިކުމަތާއި، ފަންނުގެ ރޮނގުން ފާހަގަކޮށްލެވޭ ބޭކަލެކެވެ.
އެކަލޭގެފާނު ދުނިޔޭގެ އެތައް ތަނަކަށް ވަޑައިގެންނެވިއެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 83 އަހަރު ކަމަށާއި، 865 އަހަރު ކަމަށާއި، 1000 އަހަރު ކަމަށް ވާރިދުވެފައި ވެއެވެ. އެކަލޭގެފާނުގެ ޢުމުރުފުޅު އެކި މަޞްދަރުތަކުގައި ތަފާތުވެފައިވަނީ، އެކަލޭގެފާނު ދުނިޔޭގެ އެތައް ބަޔަކާއެކު އެކި މުއްދަތަށް ދިރިއުޅުއްވާފައިވާތީ އެވެ. އެއިން ކޮންމެ ބަޔަކު އެކަލޭގެފާނުގެ ޢުމުރުފުޅުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އެކަލޭގެފާނު އެބަޔަކާއެކު ދިރިއުޅުއްވި މުއްދަތެވެ.
އާދަމުގެފާނު އަވަހާރަވީ، އިދުރީސުގެފާނު ދުނިޔެއަށް ވަޑައިގެންނެވިތާ 208 އަހަރު ފަހުން ކަމަށް ވާރިދުވެފައި ވެއެވެ.


3. ސަލާމް ލެއްވި ނޫޙުގެފާނު:

ނޫޙުގެފާނަށް، "ޝައިޚުލް މުރްސަލީން" ނުވަތަ "ނަބީބޭކަލުންގެ ޝައިޚު" ގެ ލަޤަބުފުޅު ދެވިފައި ވެއެވެ.
އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވި ބިމަކީ، މިހާރުގެ އުރުދުން (ޖޯޑްން) ގެ ބިމެވެ. ކުރިން އެ ބިން ހިމެނެނީ، ފަލަސްޠީނުގެ ބިމުގެ ތެރޭގައެވެ.
އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރޭގައި ދިރިއުޅުއްވި މުއްދަތަކީ 950 އަހަރެވެ.
އެއަށްފަހު، ޠޫފާން އަޔެވެ.
ޠޫފާނަށްފަހުގައި ވެސް އެކަލޭގެފާނު ދިރިއުޅުއްވިއެވެ.
އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ، މަސްޖިދުލްކޫފާ ހުންނަ ތަނުގައި ކަމަށާއި، "އަލްޖަބަލުލްއަޙްމަރު" އެވެ، ކިޔާ ފަރުބަދައިގައި ކަމަށް ވާރިދުވެފައި ވެއެވެ.
އެހެނަސް، ޞައްޙަކަން ބޮޑީ، މަސްޖިދުލްޙަރާމް ގައި އެކަލޭގެފާނު ފަސްދާނުލެވިފައިވާ ކަމަށް ބުނާ ރައުޔެވެ.


4. ސަލާމް ލެއްވި ހޫދުގެފާނު:

ހޫދުގެފާނުގެ އަނެއް ނަންފުޅަކީ، ޢާބިރުއެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 150 އަހަރު ކަމަށާއި، 464 އަހަރު ކަމަށް ވާރިދުވެފައި ވެއެވެ.
އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ، ޙަޟްރަމައުތުގެ އިރުމަތީ ފަރާތުގައެވެ.


5. ސަލާމް ލެއްވި ޞާލިޙުގެފާނު:

އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވި ބިމަކީ، މިހާރުގެ ލުބްނާނުގެ ބިމެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 586 އަހަރެވެ.
ބުނެވޭ ފޮތުގައި އެކަލޭގެފާނު ފަސްދާނުލެވުނީ، ޙަޟުރަމައުތުގައެވެ.
އެކަލޭގެފާނަށް އީމާންވި މީހުން އެތައް ރަށަކަށް ދިޔަކަމަށް ވާރިދުވެފައި ވެއެވެ.
އޭގެތެރޭގައި، މައްކާ އާއި، ފަލަސްޠީނާއި ޙަޟުރަމައުތު ހިމެނެއެވެ.


6. ސަލާމް ލެއްވި ލޫޠުގެފާނު:

އެކަލޭގެފާނު ދުނިޔޭގައި އުޅުއްވި މުއްދަތު، ބަޔާންވެފައެއް ނެތެވެ.
އެކަލޭގެފާނު ފަސްދާނުލެވުނު ތަނެއް ވެސް އެނގޭކަށެއް ނެތެވެ.


7. ސަލާމް ލެއްވި އިބްރާހީމުގެފާނު:

އެކަލޭގެފާނަށްފަހު، އެންމެހައި ނަބީބޭކަލުން ވަޑައިގެންނެވީ އެކަލޭގެފާނުގެ ނަސްލުންނެވެ.
އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވީ، ނޫޙުގެފާނުގެ ޒަމާނުގައި ދުނިޔެއަށް އައި ޠޫފާނަށްފަހު، 1263 އަހަރު ފަހުންނެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 175 އަހަރު ކަމަށާއި، 195 އަހަރު ކަމަށާއި، 200 އަހަރު ކަމަށް ވާރިދުވެފައި ވެއެވެ.
އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ، ފަލަސްޠީނުގައެވެ.


8. ސަލާމް ލެއްވި އިސްމާޢީލުގެފާނު:

އެކަލޭގެފާނަށް "އައްޛަބީޙު" ގެ ލަޤަބުފުޅު ދެވިފައި ވެއެވެ.
އެކަލޭގެފާނު ދިރިއުޅުއްވީ، މާތްވެގެންވާ މައްކާގައެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 120 އަހަރު ކަމަށާއި، 137 އަހަރު ކަމަށާއި، 143 އަހަރު ކަމަށް ވާރިދުވެފައި ވެއެވެ.
އެކަލޭގެފާނާއި، އެކަލޭގެފާނުގެ މަންމާފުޅު ފަސްދާނުލެވިފައިވަނީ، މަސްޖިދުލްޙަރާމުގައި، މީޒާބުކޮޅާއި ޙިޖުރާ ދެމެދުގައެވެ.


9. ސަލާމް ލެއްވި އިސްޙާޤުގެފާނު:

އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 120 އަހަރު ކަމަށާއި، 178 އަހަރު ކަމަށާއި، 180 އަހަރު ކަމަށް ވާރިދުވެފައި ވެއެވެ.
އެކަލޭގެފާނު ދިރިއުޅުއްވީ، ފަލަސްޠީނުގައެވެ.
އެކަލޭގެފާނު ފަސްދާނުލެވުނީ، ފަލަސްޠީނުގައެވެ.


10. ސަލާމް ލެއްވި ޔަޢުޤޫބުގެފާނު:

އެކަލޭގެފާނުގެ އަނެއް ނަންފުޅަކީ، "އިސްރާއީލު" އެވެ.
އެކަލޭގެފާނު ދިރިއުޅުއްވީ ފަލަސްޠީނުގަ އެވެ. އެއަށްފަހު، މިޞްރަށް ވަޑައިގެންނެވިއެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 129 އަހަރު ކަމަށާއި، 147 އަހަރު ކަމަށް ވާރިދުވެފައި ވެއެވެ.
އެކަލޭގެފާނު އަވަހާރަވީ، މިޞްރުގައެވެ.
އެކަލޭގެފާނު ފަސްދާނުލެވުނީ، ފަލަސްޠީނުގައެވެ.


11. ސަލާމް ލެއްވި ޔޫސުފުގެފާނު:

އެކަލޭގެފާނަށް "އައްޞިއްދީޤު" ގެ ލަޤަބުފުޅު ދެވިފައި ވެއެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 110 އަހަރެވެ.
އެކަލޭގެފާނު އަވަހާރަވީ، މިޞްރުގައެވެ.
އެއަށްފަހު، އެކަލޭގެފާނުގެ މަޤްބަރާ، މޫސާގެފާނުގެ ޒަމާނުގައި ޝާމުކަރައަށް ބަދަލުކުރެވުނެވެ.


12. ސަލާމް ލެއްވި ޝުޢައިބުގެފާނު:

އެކަލޭގެފާނު ދުނިޔޭގައި އުޅުއްވި މުއްދަތު ބަޔާންވެފައެއް ނެތެވެ.
އެކަލޭގެފާނު ދުނިޔޭގައި އުޅުއްވި މުއްދަތަކީ، ޔޫސުފުގެފާނާއި މޫސާގެފާނާ ދެމެދުގައިވާ ޒަމާނެވެ.


13. ސަލާމް ލެއްވި އައްޔޫބުގެފާނު:

އެކަލޭގެފާނަކީ، ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 93 އަހަރެވެ.
އެކަލޭގެފާނު ފަސްދާނުލެވުނީ، ޝާމުކަރައިގައެވެ.
އެކަލޭގެފާނުގެ މަޤްބަރާ ވަނީ، ދިމަޝްޤުގެ ކައިރީގައި ކަމަށް ބުނެވެއެވެ.


14. ސަލާމް ލެއްވި ޛުލްކިފުލިގެފާނު:

އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވީ، މިޞްރުގެ ބިމުން ކަމަށް ބަޔާންވެފައި ވެއެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 75 އަހަރެވެ.
އެކަލޭގެފާނު އަވަހާރަވީ މިޞްރުގެ ސައިނާގެ ބިމުގައި ކަމަށް ބުނެވެއެވެ.
އަދި އެކަލޭގެފާނު ފަސްދާނުލެވުނީ، ޝާމުކަރައިގެ ބިމުގައި ކަމަށް ވެސް ބުނެވެއެވެ.


15. ސަލާމް ލެއްވި ޔޫނުސުގެފާނު:

އެކަލޭގެފާނު ދުނިޔޭގައި އުޅުއްވި މުއްދަތު ބަޔާންވެފައެއް ނެތެވެ.
އެކަލޭގެފާނު ފަސްދާނުލެވުނު ތަނެއް ވެސް އެނގޭކަށެއް ނެތެވެ.


16. ސަލާމް ލެއްވި މޫސާގެފާނު:

އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވީ، މިޞްރުގެ ބިމުގައެވެ.
އެކަލޭގެފާނަށް، "ކަލީމުﷲ" ގެ ލަޤަބުފުޅު ދެއްވިފައި ވެއެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 120 އަހަރެވެ.
އެކަލޭގެފާނު އަވަހާރަވީ، މިޞްރުގެ ސައިނާގެ ބިމުގައެވެ.
އެކަލޭގެފާނު ފަސްދާނުލެވުނީ، އެ ބިމުގައެވެ.
އެކަލޭގެފާނު އަވަހާރަވީ، އެކަލޭގެފާނުގެ އަޚު، ހާރޫނުގެފާނު އަވަހާރަވިތާ އެގާރަ މަސްދުވަސް ފަހުންނެވެ.


17. ސަލާމް ލެއްވި ހާރޫނުގެފާނު:

އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވީ، މިޞްރުގެ ބިމުގައެވެ.
އެކަލޭގެފާނަކީ، މޫސާގެފާނުގެ އަޚެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 122 އަހަރެވެ.
އެކަލޭގެފާނު ފަސްދާނުލެވުނީ، މިޞްރުގެ ސައިނާގެ ބިމުގައެވެ.


18. ސަލާމް ލެއްވި އިލްޔާސުގެފާނު:

އެކަލޭގެފާނު ދުނިޔޭގައި އުޅުއްވި މުއްދަތު ބަޔާންވެފައެއް ނެތެވެ.
އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވީ، ފަލަސްޠީނުގެ ބިމުގައެވެ.
އެކަލޭގެފާނުގެ މަޤްބަރާ ވަނީ، ލުބްނާނުގައި ކަމަށް ބުނެވެއެވެ.


19. ސަލާމް ލެއްވި އަލްޔަސަޢުގެފާނު:

އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވީ ޝާމުކަރައިގައެވެ.
އެކަލޭގެފާނު ދުނިޔޭގައި އުޅުއްވި މުއްދަތު ބަޔާންވެފައެއް ނެތެވެ.
އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް އުރެދުމުން، އެކަލޭގެފާނު ވަޑައިގެންނެވި ތަނެއް ވެސް އެނގޭކަށެއް ނެތެވެ.


20. ސަލާމް ލެއްވި ދާވޫދުގެފާނު:

އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 100 އަހަރެވެ.
އެކަލޭގެފާނު ރަސްކަންކުރެއްވި މުއްދަތަކީ، 40 އަހަރެވެ.


21. ސަލާމް ލެއްވި ސުލައިމާނުގެފާނު:

އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 52 އަހަރު ކަމަށާއި، 53 އަހަރު ކަމަށް ވާރިދުވެފައި ވެއެވެ.
އެކަލޭގެފާނުގެ ބައްޕާފުޅު ދާވޫދުގެފާނުގެ ކިބައިން، ވާރުތައިން ރަސްކަން ލިބިވަޑައިގަތީ އެކަލޭގެފާނުގެ ޢުމުރުފުޅުން 12 އަހަރުގައެވެ.
އެކަލޭގެފާނު ރަސްކަންކުރެއްވި މުއްދަތަކީ، 40 އަހަރެވެ.


22. ސަލާމް ލެއްވި ޒަކަރިއްޔާގެފާނު:

އެކަލޭގެފާނު ދިރިއުޅުއްވީ ފަލަސްޠީނުގައެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 120 އަހަރު ކަމަށާއި، 150 އަހަރު ކަމަށާއި، 207 އަހަރު ކަމަށް ވާރިދުވެފައި ވެއެވެ.
އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ނިމުނީ، ބަޔަކު އެކަލޭގެފާނުގެ ހަށިކޮޅު ބޮޑު ކީހުން ކީހައިލުމުންނެވެ.
އެމީހުންނަކީ، އެކަލޭގެފާނު ދަރިކަލުން ޔަޙުޔާގެފާނު ޝަހީދުކުރި ފާޖިރުންނެވެ.


23. ސަލާމް ލެއްވި ޔަޙުޔާގެފާނު:

އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވީ ފަލަސްޠީނުގެ ބިމުގައެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 30 އަހަރެވެ.
އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވީ، ޢީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވި އަހަރުގައި ކަމަށް ބަޔާންވެފައި ވެއެވެ.
އެކަލޭގެފާނު އަވަހާރަކޮށްލެވުނީ، މިޙުރާބުކޮޅުގައި އަޅުކަންކުރައްވަން ހުންނަވަނިކޮށެވެ.
އެއީ، ފާޖިރު އަންހެނެއްގެ އެދުމުގެމަތިން، ޒާލިމު ރަސްކަލަކު ކުރި ކަމެކެވެ.
އެކަލޭގެފާނުގެ އިސްތަށިފުޅު ފަސްދާނުލެވިފައިވަނީ، ދިމަޝްޤުގެ "އަލްޖާމިޢުލްއަމަވީ" މިސްކިތުގައި ކަމަށް ބުނެވެއެވެ.


24. ސަލާމް ލެއްވި ޢީސާގެފާނު:

އެކަލޭގެފާނު ދިރިއުޅުއްވީ ފަލަސްޠީނުގައެވެ.
އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 33 އަހަރެވެ.
އެކަލޭގެފާނު ރަސޫލުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވީ 3 އަހަރުގެ މުއްދަތަށެވެ.
އެއަށްފަހު، މާތް ﷲ، އެކަލޭގެފާނު އުފުއްލެވީއެވެ.
އެކަލާނގެ އެކަލޭގެފާނު އުފުއްލެވީ ޢުމުރުފުޅުން 40 އަހަރުގައި ކަމަށް ވެސް ވާރިދުވެފައި ވެއެވެ.
އެކަލޭގެފާނަށްފަހު، އެކަލޭގެފާނުގެ މަންމާފުޅު، މަރްޔަމުގެފާނު 6 އަހަރު ވަންދެން ދުނިޔޭގައި އުޅުއްވިއެވެ.
އެކަމަނާގެ ޢުމުރުފުޅަކީ، 53 އަހަރެވެ.


25. ސަލާމާއި ޞަލަވާތް ލެއްވި މުޙައްމަދުގެފާނު:

އެކަލޭގެފާނަކީ، ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި އެންމެ ފަހުގެ ނަބިއްޔާއެވެ.
އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވީ، މާތްވެގެންވާ މައްކާގައެވެ.
އެއަށްފަހު، އެކަލޭގެފާނު ޔަޘްރިބަށް ހިޖުރަކުރެއްވިއެވެ.
އެކަލޭގެފާނު ހިޖުރަކުރެއްވުމުން، ޔަޘްރިބުގެ ނަން، މަދީނާގެ ނަމަށް ބަދަލުވިއެވެ.
އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވީ، ޢުމުރުފުޅުން 63 އަހަރުގައެވެ.
އެކަލޭގެފާނު ފަސްދާނުވެޑުވުނީ، މަސްޖިދުއްނަބަވީގެ އެއްފަރާތުގައިވާ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. މިހާރު އެ ކޮޓަރިކޮޅު ވަނީ، މަސްޖިދުއްނަބަވީގެ ތެރޭގައެވެ.