މުސްލިމުންގެ ތަހުޒީބު


ތަހުޒީބުގެ މާނަ

ތަހުޒީބުގެ ދިވެހި މާނަތަކުގެ ތެރޭގައި، ރަނގަޅު ރީތި ގޮތްތަކާއި، ޒަމާނާ އެއްގޮތަށް ބަދަލުވުމާއި، ޒީނަތްތެރިވުމާއި، ތައްޔާރުވުން ހިމެނެ އެވެ. ތަހުޒީބުގެ އަޞްލަކީ، ޢަރަބި ބަހުގެ تَهْذِيبُ އެވެ. މި ލަފުޒުގެ ޢަރަބި މާނަތަކުގެ ތެރޭގައި، ތަރުބިޔަތުކުރުމާއި، އިޞްލާޙުކުރުމާއި، އައިބު ފިލުވުމާއި، ރީތިކުރުމާއި، އަޚުލާޤު ދަސްކޮށްދިނުމާއި، ބޭކާރުބައި އުނިކުރުން ހިމެނެއެވެ. މި މާނަތަކުން އެނގޭ ގޮތުގައި، ތަހުޒީބަކީ، ކުރިއެރުމެކެވެ. އެއީ، ތަރައްޤީއާ ގުޅި ލާމެހިފައިވާ ކަމެކެވެ. މަދަނިއްޔަތާ އެމުނިއެކުލެވިފައިވާ ކަމެކެވެ.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވަނީ، ތަރައްޤީ އާއި ތަހުޒީބަށް ގޮވާލައްވާފައެވެ. ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވި ކަލިމަ ކަމުގައިވާ اقْرَأْ އިން ވެސް މިކަން އެނގެއެވެ. އެ ކަލިމައިގެ އާންމު މާނައަކީ، "ކިޔަވާށެވެ!" ނުވަތަ "ކިޔާށެވެ!" ކިޔެވުމާއި ކިޔުމަކީ، ތަޢުލީމު ލިބުމާއި، އޮޅުންފިލުމާއި، ދެނެގަތުމުގެ މަގެވެ. އެއާ ނުލައި ތަރައްޤީ އާއި ތަހުޒީބު ޙާޞިލެއް ނުކުރެވޭނެއެވެ.


ތަޢުލީމާއި ތަރުބިއްޔަތު

މުސްލިމުން ތަޢުލީމާއި ތަރުބިއްޔަތަށް ވަރަށް ބޮޑު އިސްކަމެއް ދިނެވެ. އެއާ ނުލައި ތަރައްޤީ އާއި ތަހުޒީބު ޙާޞިލުނުކުރެވޭނެތީއެވެ. ދީނީ ޢިލްމުތައް ކިޔަވާދޭންފެށި ފުރަތަމަ މަދްރަސާއަކީ މިސްކިތެވެ. އެއަށްފަހު ރަސްމީ ސިފައެއްގައި ތަޢުލީމުދޭނެ މުއައްސަސާތައް އުފެދުނެވެ. ފަހުން އެ މުއައްސަސާތައް ޔުނިވަރސިޓީތަކަށް ބަދަލުވެގެންދިޔައެވެ.

އިސްލާމީ ދުނިޔޭގައި ވަނީ ހިޖުރައިން 120 (737 މ.) ވަނަ އަހަރު ޔުނިވަރސިޓީގެ ބިންގާ އެޅިފައެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ޔުނިވަރސިޓީތަކަކީ އިސްލާމީ ޔުނިވަރސިޓީތަކެވެ. އޭގެތެރޭގައި، ޖާމިޢަތުއްޒައިތޫނާ އާއި، ޖާމިޢަތުލްޤަރަވިއްޔީން އާއި ޖާމިޢަތުލްއަޒުހަރު ފަދަ ޔުނިވަރސިޓީތައް ހިމެނެއެވެ.

މިހާރު ޔުނިވަރސިޓީތަކުން ދޭ ބެޗެލަރސް ޑިގްރީ އަކީ ވެސް އިސްލާމީ ޙަޟާރަތުގެ އުފެއްދުމެކެވެ. އޭގެ އަޞްލަކީ، بِحَقِّ الرِّوَايَة އެވެ. އެހެނީ، ލެޓިންބަހުގެ Baccalaureatus ގެ އަޞްލަކީ، ޢަރަބި ބަހުގެ بِحَقِّ الرِّوَايَة އެވެ. މީލާދީ ސަނަތުން 1147 ވަނަ އަހަރުގެ "ބިޙައްޤިއްރިވާޔާ" ސަނަދެއް މިހާރުވެސް ކެމްބްރިޖް ޔުނިވަރސިޓީގައި ރައްކާކުރެވިފައިވާ ކަމަށް ބައެއް އިސްލާމީ މަޞްދަރުތަކުގައި ވެއެވެ.


އިސްލާމީ ޢުލޫމުތައް

ދީނީ ޢިލްމުގެ އިތުރުން ދުންޔަވީ ޢުލޫމަށް ވެސް މުސްލިމުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދިނެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ޢިލްމު ބައްސަވާފައިވަނީ، ދެ ބަޔަކަށް ކަމަށްވާތީއެވެ. އެއީ، އަދުޔާނުގެ ޢިލްމާއި އަބުދާނުގެ ޢިލްމެވެ. އަދުޔާނުގެ ޢިލްމަކީ، ދީނީ ޢިލްމެވެ. އަބުދާނުގެ ޢިލްމަކީ ދުންޔަވީ ޢުލޫމެވެ.

މުސްލިމުންގެ ތެރޭގައި ދުންޔަވީ ޢުލޫމު ފުޅާ ދާއިރާއެއްގައި ތަރައްޤީވެ ކުރިއަރަމުންދިޔައެވެ. އޭގެތެރޭގައި ހިސާބު ޢިލްމާއި، ނޫރާނީ ޢިލްމާއި، ވައިގެ ތެރޭގައި އުދުހުމާބެހޭ ޢިލްމާއި، ބޭސްވެރިކަމާއި، ޖޯގްރަފީ އާއި، ފަލަކީ ޢިލްމާއި، ފިޒިކްސް އާއި، ކެމިސްޓްރީ އާއި، އިޖުތިމާޢީ ޢިލްމު ފަދަ ޢުލޫމުތައް ހިމެނެ އެވެ. އަދި އާކިޓެކްޗަރ އާއި މިޔުޒިކް ފަދަ ޢިލްމާއި ފަންނުގެ މައްޗަށް ބިނާވެފައިވާ ޢުލޫމުތައް ވެސް ހިމެނެއެވެ.


އީޖާދުތަކާއި އާހޯދުން

މުސްލިމުން ވަރަށް ގިނަ އެއްޗެހި އަލަށް އީޖާދުކޮށްފައި ވެއެވެ. އޭގެތެރޭގައި، ދަގައްފާނު ސަމުގާ އާއި، މަންޖަނީޤާއި، އޮޕަރޭޝަންކުރާ އާލާތްތަކާއި، ވިޔަ އަކުރާއި، ސުމެއް ބޭނުންކުރާނެ ގޮތާއި، ކެމެރާގެ ތިއަރީ އާއި، އަލްޖަބްރާ އާއި، އުންސުރުތައް ވަކިކުރާނެ ގޮތްތައް ފަދަ ކިތަންމެ އީޖާދެއް ހިމެނެއެވެ. ވައިކުޑައާއި މަތިންދާބޯޓުގެ ފިޔަގަނޑުގެ ފުރަތަމަ ނަމޫނާ އުފެއްދީ ވެސް މުސްލިމުންނެވެ.

ހުޅަނގުގެ ޢާލިމުންނަށްވުރެ މާކުރިން މުސްލިމު ޢާލިމުން ހޯއްދަވާފައިވާ ވަރަށް ގިނަ ހޯދުންތައް ވެއެވެ. އޭގެތެރޭގައި ނިއުޓަންގެ ޤާނޫނުތައް ކަމަށް މަޝްހޫރުވެފައިވާ ތިން ޤާނޫނު ހިމެނެއެވެ. ދުނިޔެއާ ބެހޭ ގޮތުން ކޮޕަރނިކަސް ހޯއްދެވި ކަމަށް މަޝްހޫރުވެފައިވާ ހޯދުންތައް ވެސް ހިމެނެއެވެ. މާއްދާތަކުން ޢުންސުރުތައް ވަކިކުރާނެ ގޮތާއި، ބޭސްވެރިކަމުގެ މައިދާނުން ފާހަގަކޮށްލެވޭ ކިތަންމެ ކަމެއް ހިމެނެއެވެ.


ފަހުބަސް

މި ލިޔުމުގައި ބަޔާންކޮށްފައި މިވަނީ، ވަރަށްވެސް ކުޑަ މިންވަރެކެވެ. މި މިންވަރުން ވެސް، މުސްލިމުންނަކީ ތަހުޒީބާއި ތަރައްޤީއަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ބަޔެއްކަން އެބަ އެނގެއެވެ. މުސްލިމުންގެ މެދުގައި ތަރައްޤީއާއި ތަހުޒީބު ފެތުރިގެންދިޔައީ، އިސްލާމްދީނުގައި އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައި ވާތީއެވެ. ކުރީގެ މުސްލިމުންނެކޭ އެއްފަދައިން، މިހާރުގެ މުސްލިމުން ވެސް ތަރައްޤީއާއި ތަހުޒީބަށް މަސައްކަތްކުރަން އެބަޖެހެއެވެ. އިހުގެ ކާބަފައިންގެ ތަރިކަތައް ދަމަހައްޓައި، މާތްވެގެންވާ އިސްލާމްދީނުގައި ފުރިހަމައަށް ފައިތިލަ ސާބިތުކުރެވޭނީ އޭރުން ކަމުގައި ވާތީއެވެ.