އަޅުގަނޑުމެންގެ ނަޒަރު


1.
ބައްޕައީ ލޯބިވެތި ބާރެކޭ ހަހަރުވެތި،
ބައްރެކޭ ކުލުނުވެތި، ހެޔޮ އަޅާލުން ވިޔޭ!
2.
ޖީނިއަސް ބޭކަލެއް، ލާމަސީލު ރަންމުތެއް،
ފީނިޔަސް ކަނޑު ފަޅަށް، އެފަދައެއް ނެތްމެޔޭ!
3.
ހަކަތަ ހީވާގިކަން، އަބަދު ޙަޔަވިއްޔަތުން،
އެކަތަ ފަންވަރު ކަމަށް، ދައްކުވައި ދެއްވިޔޭ!
4.
ބުރަ މަސައްކަތްތަކުން ކާމިޔާބު ހޯއްދަވާ،
ވަރަ ނިކަން ގަދަކަމަށް، އަބަދު ފެނިފައިވިޔޭ!
5.
ހައިބަވެތި ތާޖިރެއް، ދުނިޔެއަށް ސާއިޙެއް،
ގައިމެ ބިޔަ ޚާދިމެއް ކަން ޔަޤީންވެސް ވިޔޭ!
6.
ހަރުދަނާ ބާރެކޭ، ދަރުމަވެރި ކަންޒެކޭ،
ކަރުހަކުރު އާރެކޭ، އަސަރު އަބަދީވިޔޭ!
7.
އުސްވަތެއް ރިވެތިވީ، ޤުދުވަތެއް މަދަދުވީ،
ޙުސްނުކަން ޗާލުވީ، ތަރިރު ކަމުގައިވިޔޭ!
8.
ނާޖިޙެއް، ނާޞިޙެއް، ފާލިޙެއް، ފާއިޒެއް،
ވާޖިދެއް، ވާރިޘުންނަށް ނަޞީބު ދެއްވިޔޭ!
9.
އާންމުކޮށް ނުއުފެދޭ، ޖައުހަރީ ޝަޚުޞެކޭ،
އެންމެ ނާދިރު ޖަވާހިރު ކަމަށް އެނގިވިޔޭ!
10.
ބުއްދިވެރި ތޫނުފިލި، ޙިލްމުވެރި ފަޚުރެކޭ،
މުއްދު ދީލަތިވި ބަރަކާތަކަށް ވެސް ވިޔޭ!
11.
ދެވަނައެއް ނެތް ނަމޫނާއެކޭ ދުނިޔެއިން،
އެވަނައެއް ޚަލްޤަކަށް، ނޫން އެހެން ނުމެވިޔޭ!
12.
ހަކިބަޔަށް ލޯފުޅާ، ހިތްޕުޅާ ހުޅުވެޔޭ،
އެކި ސަގާފަތު މޮޅަށް، ދެނެވަޑައިގެން ވިޔޭ!
13.
މާދުރަށް ހިންގަވާ ފިކުރުފުޅު ތަނަވަހޭ،
އާދެ! އިލްހާމުތައް، ލިބިވަޑައިގެން ވިޔޭ!
14.
ކިބަޔަކުން ނުމެނިވޭ، ދިއްލިދާ ހުޅުކޮޅެއް،
އަބަދު އުންމީދުތައް އާކުރެއްވުން ވިޔޭ!
15.
އެންމެ މަޤުބޫލް ޖަވާދު، އެންމެ ދީލަތި ކަރީމް،
އުންމަތަށް ލައްކަ ޚައިރާތްތަކެއް ދެއްވިޔޭ!
16.
އާދެ! ހިތްވަރުފުޅެއް ނުގުޑަޔޭ ރާޅަކުން،
މާދެރިޚުވާނުގައި ދަތުރު ކޮށްލެއްވިޔޭ!
17.
ކޮންމެ އީޖާދަކީ އާކަމެއް ކަމުގަވީ،
ކޮންމެ ކަމަކުން ނަފާ ހޯއްދަވައި ދެއްވިޔޭ!
18.
އެއް ދޮނެއްގައި އެތައް ބުޅިތަކެއް ޖައްސަވައި،
އެއް ކަމެއްގައި އެތައް ގިނަ އަމާޒު ލެއްވިޔޭ!
19.
ވާހަކައިން އިހުގެ ވާކަހަލަ އުސްޠޫރަތެއް،
ވާ ހަނދާނުގެ ރަނަށް އަދި އެ ނާދިރު ވިޔޭ!
20.
އެންމެ ތަރުޖީޙުވީ އެންމެ މޮޅު ބުއްދިޔޭ،
އެންމެނަށް އާރުކާޓީ ކަމަށް ވެސް ވިޔޭ!
21.
ބާވަތުން ހަމަ އެކެއް، ބާއިސުންނަށް ވަކިން،
ބާގައިން ދެވަނަ ނެތް، ފަރުދަކަށް ވެސް ވިޔޭ!
22.
ހިތްހިތަށް ރޫޙުދޭ ސާފު އިލްހާމެކޭ،
ބިތްބިތުން މަތިވަރަށް މަގު ކޮށައި ދެއްވިޔޭ!
23.
ހައިބަބިޔަ އެދުރެކޭ، ހާއިމޭ އެގޮވަނީ،
އައި ނަޔާ ރޯޅިތައް، އަޑު މި ފަތުރައިފިޔޭ!


މިއީ، އަލްމަރްޙޫމް ޑރ. އަޙްމަދު ދީދީގެ ބޭފުޅުންނާއި، އެ މަރްޙޫމަށް ކާފަ ވިދާޅުވާ ބައެއް ބޭފުޅުން ފާޅުކުރައްވާފައިވާ ޝުޢޫރުތަކެއްގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ ޅެމެކެވެ. މާތް ﷲ، އެ މަރްޙޫމަށް ޖަންނަތުލް ފިރުދައުސްގެ ދާއިމީ ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން!