ބާކީ އޮތް ތިން ވުޟޫ


ކާފައާއެކު ޢަޞްރު ނަމާދަށް މިސްކިތަށް ދިޔަ ކުއްޖެކެވެ. މިސްކިތަށް ގޮސް ކާފަ ވުޟޫކުރިއިރު ބަލަހައްޓައިގެން ހުއްޓެވެ. ކާފަ ހީކުރީ، ދަރިފުޅު ވުޟޫކުރަން ދަސްކުރަނީ ކަމަށެވެ. ނަމަވެސް ކާފަ ވުޟޫކޮށްގެން މިސްކިތަށް އަރަން ފެށުމުން، ފަހަތުން ދަރިފުޅު މިސްކިތަން އަރަން ދިޔަ އެވެ. އެހިނދު ކާފަ އެއްސެވެ.

"ދަރިފުޅާ އެވެ! ވުޟޫކޮށްފިން ހެއްޔެވެ؟"

ދަރިފުޅު ބުންޏެވެ.

"ތިމަންނާ މިހިރީ ވަރަށް ގިނައިން ވުޟޫކޮށްގެންނެވެ!"

ކާފައަށް އަހާލެވުނެވެ.

"ކޮންއިރަކު ހެއްޔެވެ؟"

ދަރިފުޅު ޖަވާބުދިނެވެ.

"ކާފާއެވެ! ފަތިސްނަމާދަށް ވުޟޫކުރި އިރު، އަށް ފަހަރު ވުޟޫކުރީމެވެ. ފަތިސް ނަމާދުކުރީ އެއިން އެއް ވުޟޫއިންނެވެ. މެންދުރު ނަމާދުކުރުމުގެ ކުރިން ދެ ފަހަރު ވައިބޭރުވެ، ދެ ވުޟޫ ގެއްލުނެވެ. އެ ދިޔައީ ތިން ވުޟޫއެވެ. ހަތަރުވަނަ ވުޟޫއިން މެންދުރު ނަމާދުކޮށްގެން ހުއްޓައި ވަޔެއް ބޭރުވުމުން ފަސްވަނަ ވުޟޫ ގެއްލުނެވެ. އެހެންވީމާ، އަދި ބާކީ ތިން ވުޟޫ އެބައޮތެވެ!"