ފުރާޅުގެ ޚުޝޫޢަތްތެރިކަން


މީހަކު ގެއެއް ކުއްޔަށް ހިފައިގެން އުޅުނެވެ. އެއީ މަތިވަޑާންގަނޑު ވަރަށް ބޮޑަށް ބާވެ، ފުރާޅުން ވާރޭހިޔާނުވާ ގެއެކެވެ. އެ ގޭ ވެރިމީހާ ފުރާޅު މަރާމާތުކޮށްދޭކަށެއް ނޫޅެ އެވެ. އެކަމަކު ބަރާބަރަށް ކޮންމެ މަހަކު ކުލި އަތުލައެވެ.

ގޭ ވެރިމީހާ އެއްފަހަރަކު ކުލިބަލާ އައުމުން، ކުއްޔަށް ހިފައިގެން އުޅޭ މީހާ ބުންޏެވެ.

"މިހާރު ރޭގަނޑެއްގައި ލޮލުފިޔައެއް ވެސް ޖެހޭވަރެއް ނޫނެވެ. ވައިރޯޅިއެއް ޖެހިލައިފިނަމަ، ފުރާޅުން އިވެނީ ތުރުތުރުއަޅާ އަޑެވެ. ވާރޭފޮދެއް ވެހިލައިފިނަމަ، މުޅި ގޭތެރެ އޮންނަނީ ފެންބޮޑުވެފައެވެ."

ގޭ ވެރިމީހާ ބުންޏެވެ.

"ކަންބޮޑުވެ ހާސްނުވާށެވެ! ވައިރޯޅިއެއް ޖެހިލައިފިނަމަ ފުރާޅު ތުރުތުރުއަޅަނީ، މާތް ﷲ ގެ ޙަޟުރަތަށް ޚުޝޫޢަތްތެރިވުމަށްޓަކައެވެ. ފުރާޅުން އިވޭ އަޑަކީ، އެކަލާނގެ ޙަޟުރަތަށް ފުރާޅު ތަސްބީޙަކިޔާ އަޑެވެ. ފުރާޅުން ފައިބާ ފެނަކީ، ރަޙުމަތުގެ ވާރެޔެވެ."

ކުށްޔަށް ހިފައިގެން އުޅޭ މީހާ ބުންޏެވެ.

"ތިމަންނާ ކަންބޮޑުވަނީ، ފުރާޅު ޚުޝޫޢަތްތެރިވެ، ތަސްބީޙަކިޔައި، އަދި ފުރާޅުން ރަޙުމަތުގެ ވާރޭ އޮހޮރޭތީއެއް ނޫނެވެ! އެކަމަކު، ފުރާޅުގެ ޚުޝޫޢަތްތެރިކަން އިތުރުވަމުންގޮސް އެންމެފަހުން، ތިމަންނާއާއި ތިމަންނާގެ އަނބިދަރީން ނިދާފައިތިއްބާ، މި އެންމެންގެ ބޯމައްޗަށް ފުރާޅު ސަޖިދަކޮށްފާނެތީއެވެ!!!"