މަރުން ޙައްޖާޖު ސަލާމަތްކުރި މީހާ


ޙައްޖާޖު ބްނު ޔޫސުފަކީ، ހަރުކަށިކަމާއި އަނިޔާވެރިކަމަށް މަޝްހޫރު ވެރިއެކެވެ. މިހެންވެ އޭނާގެ ޒަމާނުގައި ގިނަ ބަޔަކު އޭނާއަށް ނަފުރަތުކުރިއެވެ. އެއްދުވަހަކު އޭނާ ފާރިސީ ކަނޑުއޮޅީގައި މޫދަށް އެރިވަޑައިގެން އޮންނަވަނިކޮށް، ފުން ތަނަކަށް ގެނބިވަޑައިގެން ނުރައްކާތެރި ޙާލަތެއް މެދުވެރިވިއެވެ. އެތަން ފެނުމު މީހަކު ގޮސް އޭނާ ނަގައި، އެއްގަމަށް އަރުވައި ސަލާމަތްކުރި އެވެ. އެހިނދު އެމީހާއަށް ވިދާޅުވިއެވެ.

"ތިބާ ބޭނުން ކޮންމެ ކަމެއް ތިމަންނާގެ ކިބައިން އެދޭށެވެ! ކޮށްދެއްވާނަމެވެ."

އެމީހާ ބުންޏެވެ.

"ތިޔައީ ކާކުހެއްޔެވެ؟ ތިޔައީ ތިމަންނާ އެދޭ ކޮންމެ ކަމެއް ކޮދެވޭނެވަރުގެ މީހެއް ހެއްޔެވެ؟"

އޭނާ ވިދާޅުވިއެވެ.

"ތިމަންނާއަކީ، ޙައްޖާޖު ބްނު ޔޫސުފެވެ."

އެމީހާ ބުންޏެވެ.

"ޙައްޖާޖު މަރުން ސަލާމަތްކުރީ ތިމަންނާކަން އެއްވެސް މީހެއްގެ ގާތުގައި ވިދާޅުނުވާށެވެ! މިނޫން ކަމަކަށް ނޭދެމެވެ."