ޗާޓު ވަނީ ކުރެހިފައި


1.
ފުރިހަމަތަނެއްހެން ހީވެދާއިރު ޢާލަމުން،
އެތަކެއް ތަފާތުތަކެއް ލޮލަށް ފެނިދާކަމީ،
ﷲ ލެއްވެވި ލާމަސީލުވި ސުންނަތޭ.

2.
ކުދި ރާޅުތައް މެނުވީ ނުވާނަމަ ކަނޑުމަތީ،
މި ޙަޔާތުގައި ރާސްތާ ހުރަސްކޮށް އުޅުމަކީ،
އުނދަގޫ ކަމެއް ކަމުގައި ނުވާނޭ ގައިމުވެސް.

3.
ގަހުގައި އެވާ ކުދި ގޮފިތަކަށް ގަސްތެއް ނެތޭ،
ހެލިލާއިރުގަ، ޖެހުމުން އެއަށް ވައިރޯޅިތައް،
ޙަރަކާތްކުރާހެން ރާޅުތައް ފެންގަނޑުމަތީ.

4.
މުޅި ކައުނުގައި ރަސްކަންކުރާ މީ ސުންނަތޭ،
ފޮޅެމުން އެދާހައި މާތަކެއް ވެސް އަންގަނީ،
އަދި ކާއިނާތްތައް ހެކިވެޔޭ މިކަމާ މެދަށް.

5.
ދަތުރެއް ކުރާއިރު ފައްސިޔަށް މާކަނޑު މަތީ،
އޮޅިގެން ވިޔަސް ނުމެ ހީކުރާށޭ ތިޔަދަނީ،
ހުރި ބާރަކުން ކަމުގައި ތިމާ ލިބި ޖާނުގައި.

6.
މި ޙަޤީޤަތާ މެދުގައި ބޮޑާވާހައި ކަތުން،
މި ޙަޔާތުގައި ނިމިގެން ހިނގައިދެޔެ ދާ ފަދައިން،
ކުދި ފަތްތަކެއް ވައިރޯޅިޔާއެކު އުދުހިގެން.

7.
ތިޔަހެން ކުރަން އުޅުނަސް ހިތަށް އެރިހައި ކަމެއް،
ނުމެ ވާނެޔޭ އެއްވެސް ކަމެއް ނެތް ލިޔެވިފައި،
ބަލަ! ސާހިބާއޭ! ޗާޓުވީ ނިމި ކުރެހިފައި.


މިއީ، 02 ޑިސެމްބަރ 2008 ގައި، ފަންވަތުގައި ޝާއިޢުކޮށްފައިވާ ޅެމެކެވެ. ޝާޢިޢުކުރެވުނު ޞަފުޙާއަށް ވާޞިލުކޮށްދޭ ލިންކަކީ:
http://ww.fanvai.info/dhivehi/vazanbahuruva/116-2008-12-02-16-10-44
އެވެ.