މި ޢާލަމުގެ ޡާލިމުންނަށް



1.
ޡަލާމުގެ ތެރޭން އައި ނުބައި ޡާލިމުން،
ހަލާކަށް މިތުރުވެރި ނުބައި މުޖުރިމުން.

2.
ޙަޔާތަށް އަމާންކަން ނުދޭ ދުޝްމަނުން،
ޚިޔާލާ ފިކުރު ނެތިކުރާ ޤާތިލުން.

3.
ތިތިބަގެންދަނީ ރައްޔިތުން ފިއްތަމުން،
މިތިބަ ޙާލު ބިކަ މީސްތަކުން ކަތިލަމުން.

4.
ވުޖޫދުގެ މިވާ ރީތިކަން ފޮހެލަމުން،
ނުޖޫމުގެ އުޖާލާކަމާ ކުޅެލަމުން.

5.
ހިތާމައިގެ ކަށިނަރު މިތާނގައި ދަމައި،
ހިތާމައިގެ ކުލަ މުޅިތަނަށް ފަތުރަމުން.

6.
ހިތަށް އެރި ގޮތެއް އަދު ހެދެން ހަމަ އޮތަސް،
މޮޅީ ހަމަ މޮޅީ ބުއްދި އިސްކޮށްއުޅުން.

7.
ބަހާރެއް އައިސް މާތަކެއް ފޮޅުނަކަސް،
ޚަރީފޭ ވަނީ އޭގެ ފަހުގައި އައުން.

8.
މިއަދު ހެނދުނުގައި އަލިކަމެއް ހުއްޓަކަސް،
ވަށައިގެން ދަނީ އަނދިރިކަން ފެތުރެމުން.

9.
އަޅާ ހޮނުގެ ގިނި ކަނިތަކާ ގުގުރުމުން،
ނަގާ ކޮޅިގަނޑެއް އަންނަނީ ދައްކަމުން.

10.
ނިކަން ތިބެ ދެކޭށޭ އަނގުރު އަޅި ތެރޭން،
ތިހެން ތިބެ ޒަޚަމުވާއިރުން ކަށިތަކުން.

11.
ނުދަންނަމުތަ ކަށި އިންދި މީހާ ގަޔަށް،
ހެރޭނޭ ކަމެއް ކަށި ހެދޭއިރު ވަލުން.

12.
ނިކަން ރަހަ ދެކޭށޭ އެތައް ނަފުސުތައް،
ރަޙުމުނެތި އަދަބުދީ މަރާލީ ގޮތުން.

13.
އެތައް މާތަކުން ފަރިވިހައި ފިކުރުތައް،
ހަލާކުގެ ތެރަށް އެއްލި ސުންޕާ ގޮތުން.

14.
އެތައް ލޯތަކުން ކަރުނަތައް އޮހޮރުވައި،
ބިމާއި ދަނޑުތަކަށް ފެން ލެއިން ދިން ގޮތުން.

15.
ދެމޭ ލޭގެ ސައިލުގެ ތެރަށް ޣަރަޤުވުން،
އެއީޔޭ ނިމުން އޮތް މަގީ ޡާލިމުން.

16.
އަޅާ ދަންމަޅީގައި ފަހުން ދަންޖެހުން،
އެއީޔޭ ނިމުން އޮތް މަގީ މުޖުރިމުން.


މިއީ، ފަތްތޫރައިގެ 285 ވަނަ ޢަދަދު (ޑިސެމްބަރ 2002) ގައި ޝާއިޢުކޮށްފައިވާ ޅެމެކެވެ.