ލުނބޯގެ ބައެއް ފައިދާތައް


ލުނބޮއަކީ، އިހުޒަމާނުއްސުރެ އެނގިފައިވާ އެއްޗެކެވެ. ބޭސްވެރިކަމާއި ޞިނާޢަތުގައި އޭގެ ބޭނުންކުރެވިފައިވެ އެވެ. އަދި ލުނބޯ ގަހަށް މޭވާގެ ރާނީގެ ނަމުން ނަންދެވިފައިވެ އެވެ. ބޭސްވެރިކަމުގައި ލުނބޯ ހުތަށް، ބޭސް ހުތުގެ ނަން ދެވިފައިވެ އެވެ. އޭގައި މަޢުދަނީ ލޮނާއި، ދިރޭތަކެއްޗަށް ބޭނުންވާ މުހިންމު އުންސުރުތައް ވެ އެވެ. އެފަދަ އުންސުރުތަކުގެ ތެރޭގައި، ކެލްސިއަމާއި، ދަގަނޑާއި، ފޮސްފަރަސް އާއި، މެންގަނީޒާއި، ލޮއާއި، ވިޓަމިންގެ ބާވަތްތައް ހިމެނެ އެވެ.

ތާޒާ ލުނބޯ ޖޫހަކީ ރޯގާއަށް ފަރުވާއެކެވެ. ރޯގާޖެހުމުން ވާ އުނދަގޫތައް އެއިން ފިލުވާލަދެ އެވެ. އަދި އެއީ ބެކްޓީރިއާ އާއި ވައިރަސް ގެ މަސައްކަތަށް ހުރަސްއަޅާ އެއްޗެކެވެ.

ލުނބޯއަކީ، ލޭ ސާފުކުރާ އެއްޗެކެވެ. ލޭގައިވާ ވިހަތައް އެއިން ސާފުކޮށްދެ އެވެ.

ލުނބޯއަކީ، ވައިރަސްގެ ޒަރީއާއިން ޖެހޭ ބަލިތަކުން ސަލާމަތްކޮށްދެ އެވެ.

ލުނބޯ ތޮށީގެ ވަސްދުވާ ތަނަކަށް ފަނިފަކުސަތައް ނާދެ އެވެ. އެއީ މަދިރިއާއި މެހި ފަދަ ސޫފިތައް ފައްސާލާ އެއްޗެކެވެ.

ލުނބޯ ޖޫހަކީ، ހިތުގެ ބަލި މީހުންނަށް ފައިދާހުރި އެއްޗެކެވެ. އޭގައި މަތީ ދަރަޖައަކަށް ޕޮޓޭސިއަމް އެކުލެވޭތީ އެވެ.

ލުނބޮއަކީ، އާދައިގެ ކުދި ޒަޚަމުތަކުގެ ތަދު ފިލުވައިދޭ އެއްޗެކެވެ.

އާދައިގެ ޒަޚަމުގެ މަތީގައި ލުނބޯ އެޅުމަކީ ލޭ މަނާވާ ކަމެކެވެ.

ކުޅަނދުރު ފަދަ ސޫފިތައް ކަށިޖަހާ ތަނުގައި ލުނބޯ ފަޅިކޮށްފައި އެޅުމުން ތަދު ކުޑަވެ އެވެ.

ލުނބޯ ހުތާއި، ޒައިތޫނި ތެލާ އެއްކޮށްގެން ބުއިމަކީ، ފިތުގައި އުފެދޭ ހިލަތައް ކުދިކުދިކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ލުނބޮއަކީ، މަޢިދާއިން ޖަރާސީމު ފިލުވައިދޭ އެއްޗެކެވެ.

ލުނބޮއަކީ، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ އެއްޗެކެވެ.

ލުނބޮއަކީ، އިސްތަށިގަނޑު ވަރުގަދަކޮށްދޭ އެއްޗެކެވެ.

ލުނބޮއަކީ، މަޢުނަވިއްޔާތު އިތުރުކޮށްދޭ އެއްޗެކެވެ.

އިހުޒަމާނުއްސުރެ ލުނބޮއަކީ، ބޭސްކުރުމަށާއި ރީތިވުމަށް ބޭނުންކުރާ އެއްޗެކެވެ. އަދި ނަފުސާނީ ހަމަޖެހުން ވެސް އެއިން ލިބެ އެވެ. ހަމައެކަނި އޭގެ ވަސް ބަލާލިއަސް، ހިތްހަމަޖެހި، ނަފުސާނީ ދުޅަހެޔޮކަން ލިބި، މަޢުނަވިއްޔާތު އިތުރުވެދެ އެވެ. ލުނބޮއަކީ، ހަމުގެ ފަރުވާއަށް ވެސް ބޭނުންކުރެވޭ އެއްޗެކެވެ. ލުނބޯ ބޭނުންކުރުމުން ހަމުގައިވާ ބޮޑެތި ލޯވަޅުތައް ކުދިވެ، ގައިގެ ހަން ނަލަވެދެ އެވެ. އެއީ ހަމުގައި މަރުވެފައިވާ ދިރުތައް ގިރުވާލާ އެއްޗެކެވެ.

ގައިގައި ޖަހާ ލައް ފިލުވުމަށާއި، ރޫ ފިލުވުމަށް ވެސް ލުނބޯ ބޭނުންކުރެވެ އެވެ. ހަށިގަނޑުގެ ހަމަށް ބޭނުންވާ ވިޓަމިން ސީ، މަތީ ދަރަޖައަކަށް އޭގައި އެކުލެވިފައިވެ އެވެ. ޒައިތޫނި ތެލާއި ލުބޯހުތާ އެއްކޮށްގެން އެއިން މަސާޖުކުރުމަކީ، ހަން އޮމާންވެ ރީތިވާ ކަމެކެވެ.

ނަމަވެސް ލުނބޯހުތް ބޭނުންކުރަންވާނީ ބަލައިގެން ޙިކުމަތްތެރިކަމާއެކުގަ އެވެ. އޭގެ ބޭނުންކުރަންވާނީ އިސްރާފުކުރުމެއް ނެތި، މަދުމަދުންނެވެ. ބަލައިލުމެއްނެތި އޭގެ ބޭނުންކުރަން ފަށައިފިނަމަ، ގައިގެ ހަން އަނދައި، މީހާ ކަޅުވެދާނެ އެވެ. އަދި އޭގެ ބޭނުންކުރުމަށްފަހު، އަތްވަށް ނުކުތުމަކީ، ގައިގައި ލައް ޖަހާފާނެ ކަމެކެވެ.

ލުނބޯހުތަކީ، ފިނދުކިބައާއި، ދެފައިގައިވާ ސަރުބި ވިރުވާދޭ އެއްޗެކެވެ. ހަމަށް ވާސިލުވާ ވިހަ މާއްދާތައް ވެސް އެއިން ފިލުވާލަދެ އެވެ. އަދި އެއީ، ކިޑްނީގައި ތެޔޮ ހަރުލުން ވެސް މަނާކުރާ އެއްޗެކެވެ. ލުނބޯ ޖޫސްތަށްޓަކާއެކު، ހޫނު ފެންތަށްތެއް ބޯލުމަކީ، އެތެރެހަށި ސާފުކޮށްދޭ ކަމެކެވެ.