ކިނބިހި އެޅުން


ކިނބިހި އެޅުމަކީ، ކުއްލިއަކަށް އަނގައާއި ނޭފަތުން ވައި ބޭރުވުމެވެ. ހަށިގަނޑު މިކަންކުރަނީ، ނޭފަތް ސާފުކުރުމަށްޓަކަ އެވެ. މިއީ، ގަސްދަކާ ނުލައި ކުރާ ކަމެކެވެ. ކިނބިހި އެޅެނީ، ނޭފަތަށް ބޭރުން ވަންނަ ހިރަފުސް ފަދަ އެއްޗެއްގެ ސަބަބުންނެވެ.

ކިނބިހި އެޅޭ ކޮންމެ ފަހަރަކު، ސަތޭކަހާސް ޖަރާސީމު ބޭރުވެ އެވެ. ކިނބިހި އެޅޭއިރު، ވައި ބޭރުވާ ސްޕީޑް، ގަޑިއަކު 100 ކިލޯމީޓަރަށްވުރެ އިތުރެވެ. އެހެންކަމުން، ކިނބިހި އެޅުމަށްޓަކައި، ބޭނުންވާ ހަކަތައިގެ މިންވަރު ވަރަށް ބޮޑެވެ. އެކަމަށްޓަކައި، ހަށިގަނޑުގެ ހުރިހައި މަސައްކަތްތަކެއް ހިނދުކޮޅަކަށް ހުއްޓެ އެވެ. ސިކުންތެއްގެ ބައިކުޅަބަޔަށް، ހިތް ވެސް ހުއްޓެ އެވެ.

ކިނބިހި އަޅާއިރު، ނޭފަތާއި އަނގަމަތި ނިވާނުކޮށްފިނަމަ، އެހެން މީހުންނަށް ގެއްލުންލިބެ އެވެ. ކިނބިހި އަޅާމީހާގެ ނޭފަތާއި އަނގައިން ބޭރުވާ ޖަރާސީމުތައް ވައިތެރޭގައި ފެތުރިގެންދާތީ އެވެ.

ކިނބިހި ނާޅައި ހިފެހެއްޓުމަކީ، ނުހަނު ގެއްލުންހުރި ކަމެކެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގެ އެއްފަޅިން ވާގިނެތުމަކީ ވެސް ވެދާނެ ކަމެކެވެ. ކިނބިހި ނާޅައި ހިފަހައްޓަން އާދަކުރި، ސާދަ އަހަރުގެ އަންހެން ކުއްޖެއްގެ އެއްފަޅިން ވާގިނެތިފައިވެ އެވެ. އަދި އެކަމަކީ، ބޮލާއި ކަރުން އިދިކޮޅަށް ލޭ ފޮނުވާލާނެ ކަމެކެވެ. މިކަމުގެ ނަތީޖާއަކީ މަރެވެ.

ކިނބިހި އެޅުމަށްފަހު (الْحَمْدُ لِلَّهِ) މިހެން ކިޔައި ޙަމްދުކުރުމަކީ، ނަބަވީ ސުންނަތެކެވެ. މީހަކު ކިނބިއްސެއް އެޅުމަށްފަހު، ޙަމްދުކުރި އަޑުއިވިއްޖެނަމަ، އެމީހަކަށް ރަޙުމަތްލެއްވުމަށް އެދުމަކީ ވެސް ނަބަވީ ސުންނަތެކެވެ. (يَرْحَمُكَ اللَّهُ) އެވެ ބުނެ ރަޙުމަތް ލެއްވުމަށް އެދުނު މީހާއަށް ހެޔޮއެދުމަކީ ވެސް ނަބަވީ ސުންނަތެކެވެ. އެކަމަށްޓަކައި ކިޔާނީ (يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ) މިހެންނެވެ. މިކަންކަން މިމަގަށް ކުރުމަށް އިރުޝާދުދެއްވާފައިވާ ޙަދީޘް ރިވާކުރައްވާފައިވަނީ ބުޚާރީ އެވެ.

ކިނބިހި އަޅާއިރު، ނޭފަތާއި އަނގަމަތި ނިވާކުރުމަކީ ރަޙުމަތުގެ ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޢަމަލީ ގޮތުން އުންމަތަށް ދަސްކޮށްދެއްވާފައިވާ ކަމެކެވެ.