ރޯދައިގެ ހަތް ފައިދާ



ބައްޔެއް ފަސޭހަ ނުވެދާނެހެން ހީވާ ހިސާބަށް ދިއުމުން ޑަކުޓަރުން ބޭނުންކުރާ އެންމެ މޮޅު ވަސީލަތަކީ، ހިލޭ ލިބޭ ކަށަވަރު ބޭހެވެ. އެއީ ރޯދަ އެވެ! ރޯދައިގެ ފައިދާތަކުގެ ތެރޭގައި، ބަލިތަކަށް ޝިފާ ލިބުން ހިމެނޭކަން މިޒަމާނުގެ ހޯދުންތަކުން ވަނީ އެނގިފަ އެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިޒަމާނުގެ ހޮސްޕިޓަލްތަކުގައި ވެސް ރޯދައިގެ ފަރުވާ ދެވެ އެވެ. ތިރީގައި މިވަނީ ރޯދައިން ލިބޭ ހަތް ފައިދާ އެވެ.

1. ޢަމަލީ ތަޖުރިބާއިން އެނގިފައިވާ ގޮތުގައި، ރޯދައަކީ ކެންސަރުގެ ފަރުވާއެކެވެ. ރޯދަހިފުމަކީ، ކެންސަރު ދިރުތައް (ސެލްތައް) އިތުރަށް ހެދިބޮޑުވުން ހުއްޓުވާލާ ކަމެކެވެ. މިކަން އެނގިފައިވަނީ ކެންސަރު ޖެހިފައިވާ އެތައް ބަޔެއްގެ މައްޗަށް ކުރެވުނު ދިރާސާތަކަކުންނެވެ. ހަށިގަނޑުގައި ސަލާމަތުން ހުންނަ ދިރުތައް، ކެންސަރު ދިރުތަކަށް ބަދަލުވިޔަ ނުދިނުމަށްޓަކައި ރޯދަހިފުމަށް ޑަކުޓަރުން ނަސޭހަތްތެރިވެ އެވެ. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ރޯދައިގެއަޅުކަންކުރާ މީހުންގެ ތެރޭގައި ކެންސަރު ޖެހިފައިވާ މީހުން މަދުކަން ފާހަގަކުރެވިފައިވެ އެވެ.

2. ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއެރުމާ ގުޅިގެން ތަފާތު ބާވަތަބާވަތުގެ ކިލަނބުވުންތައް ވަނީ އުފެދިފަ އެވެ. ވިހަ މާއްދާތަކުން ތިމާވެށި ކިލަނބުވެ އެވެ. އަދި އަޑާއި އަލިން ވެސް ތިމާވެށި ކިލަނބުވެ އެވެ. އޭގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހަތައް، އެއްވެސް ގެއްލުމެއްނެތި ހަށިގަނޑުން ބޭރުކޮށްލަން އޮތް ވަސީލަތަކީ، ރޯދަ އެވެ. މިކަން ސައިންޓިސްޓުންގެ ހޯދުންތަކުން ވަނީ ކަށަވަރުވެފަ އެވެ. ދުވަސްކޮޅެއް ވަންދެން ރޯދަހިފުމަކީ، ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުވެގެންދާ ކަމެކެވެ. މީހެއްގެ ހަށިގަނޑުގެ ކޮންމެ ދިރެއްގައިވާ ވިހަތައް ދޮވެ ސާފުކުރުމަކީ، އޮޕަރޭޝަންކުރަން އެންމެ މޮޅު ޑަކުޓަރުންނަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ރޯދައަކީ، ދިރުތަކުގައިވާ ވިހަތައް، އެއިން ބޭރުކޮށްދޭ އަޅުކަމެކެވެ.

3. ކަންބޮޑުވުމާއި ހިތްދަތިކަން ކުރިމަތިކުރުވާ ތަފާތު ސަބަބުތައް މިޒަމާނުގައި ވަނީ އާންމުވެފަ އެވެ. އެފަދަ ސަބަބުތައް ކުރިމަތިވެފައިވާ މީހުންނަށް ފަރުވާކުރުމަށްޓަކައި ކޮންމެ އަހަރަކު އެމެރިކާއިން އެތައް ބިލިއަން ޑޮލަރެއް ހޭދަކުރެ އެވެ. ނަމަވެސް އެދޭވޭ ނަތީޖާއައް ނުލިބެ އެވެ. އިޖުތިމާޢީ މައްސަލަތަކާއި، ނަފުސާނީ ބަލިތަކަށް އޮތް އެންމެ މޮޅު ފަރުވާއަކީ، ރޯދަ ކަމަށް، މިޒަމާނުގެ ތަފާތު ތަޚައްޞުޞްތަކުގެ ޢާލިމުންނާއި ސައިންޓިސްޓުން ވިދާޅުވެ އެވެ.

4. މިޒަމާނުގެ އެންމެ ނުރައްކާތެރި އެއް ބައްޔަކީ، ބަރުދަން އިތުރުވެ ފަލަވުމެވެ. އެހެނީ އެކަމުގެ ސަބަނުން އިތުރު ނުރައްކާތެރި ބަލިތައް ވެސް ޖެހެ އެވެ. ހިތުގެ ބަލިތަކެވެ. ލޭ މައްޗަށް ދިއުމެވެ. ހަކުރުބައްޔެވެ. ކޮލިސްޓްރޯލް ގިނަވުމެވެ. އަދި މައިބަދައިގެ ބަލިތަކެވެ. މުޖުތަމަޢުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ވަނީ މިއިން ކޮންމެވެސް ބައްޔެއް ނުވަތަ ބަލިތަކެއް ޖެހިފަ އެވެ. މި ހުރިހާ ބަލިތަކަށް އޮތް އެންމެ މޮޅު ފަރުވާއަކި، ރޯދަ ކަމަށް ޑަކުޓަރުން ކަށަވަރުކޮށްދެ އެވެ.

5. ރޯދައަކީ ނޭދެވޭ އާދަކާދަތަކަށް ވެސް ފަރުވާލިއްބައިދޭ ކަމެކެވެ. އެފަދަ އާދަކާދަތަކުގެ މިސާލަކީ، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަސްތުވާ ހިކިތަކެއްޗާއި ދިޔާތަކެތި ބޭނުންކުރުމެވެ. ނުވަތަ ޙަރާމްކުރައްވާފައި ތަންތަނަށާއި ތަކެއްޗަށް ބެލުމެވެ. އެފަދަ ނޭދެވޭ އާދަކާދަތަކުން ސަލާމަތްވާން އޮތް އެންމެ މޮޅު ގޮތަކީ ރޯދަ ހިފުންކަން ކަމަށް ޣައިރު މުސްލިމު ޑަކުޓަރުން ވެސް ކަށަވަރުކޮށްދެ އެވެ.

6. މިޒަމާނުގައި ޒުވާނުންނާ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ކާވެނިކޮށް، ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުޅަދާނަކަން ނުލިބުމެވެ. އިސްލާމީ މުޖުތަމަޢުތަކުގައި މި މައްސަލަ ކުރިމަތިވެފައިވަނީ، އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް މީހުން ކަންތައް ނުކުރާތީ އެވެ. ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުޅަދާނަކަން ނުލިބުމުގެ ސަބަބުން ފާޙިޝް ކަންތަކަށް އަރައިގަނެވެ އެވެ. ކަމާބެހޭ މާހިރުން ބުނާ ގޮތުގައި، ފާޙިޝްކަންތަކަށް އަރައިގަތުން މަދުކުރެވޭނީ ކެއިންބުއިން މަދުކޮށްގެންނެވެ. ކެއުމާއި ބުއިން މަދުކުރުމަކީ، ޒުވާނުންގެ ކިބައިން ޝަހުވަތްތެރިކަން ކުޑަކޮށްދޭ ކަމެކެވެ. މި ތާނގައި ވެސް ރޯދައިގެ މުހިންމުކަން އެބަ ހާމަވެ އެވެ. ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވަނީ، ކާވެނިކުރުމުގެ ކުޅަދާނަކަން ލިބިފައި ނުވާ ޒުވާނުން ރޯދަހިފުމަށެވެ.

7. މިޒަމާނުގައި، ރޯދައިގެ އެހެން ފައިދާއެއްވާކަން ޔަޤީންވެފައިވެ އެވެ. އެއީ ދިރުތަކުގެ ޢުމުރު ދިގުވުމާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވުމެވެ. އެހެންކަމުން ރޯދަހިފާ މީހުންގެ ޢުމުރު ދިގުވާނެ އެވެ. އެމީހުންގެ ދުޅަހެޔޮކަން ވެސް އިތުރުވާނެ އެވެ. މިއީ، މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ރޯދަހިފާ މުއުމިނުންނަށް ރޯދައިން ލިބެމުންދާ އިތުރު ފޮނިމީރުކަމެކެވެ. ޞިއްޙަތާއި، ދުޅަހެޔޮކަމާއެކު، ޢުމުރު ދިގުވުމެވެ.

ރޯދައިގެ ފައިދާތައް ގިނަގުނަ އެވެ. އެއީ، ގުނައި ޢަދަދުކުރެވޭނެ އެއްޗެއް ނޫނެވެ. އިންސާނީ ޙަޔާތުގެ ތަފާތު މައިދާންތަކަށް ރޯދައިގެ ފައިދާތައް ވަނީ ވިހުރިފަ އެވެ. އެކަން ބަޔާންކުރައްވައި، މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތުގެ ފުރިހަމަކަމާއި، ބަލާޣާތްތެރިކަމުގެ ބޮޑުކަމާ އެވެ!

(وَأَنْ تَصُومُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ)
އަލްބަޤަރާ: 184

މާނައީ، "އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ."