ވަގުހިޔަޅު


އެއްދުވަހަކު ހަވީރު ވަގުހިޔަޅަކަށް ބަގީޗާއެއް ފެނުނެވެ. އެ ބަގީޗާއަކީ، މީހަކު ރަނގަޅަށް ބަލަހައްޓާ ބަގީޗާއެކެވެ. އޭނާ އެ ބަގީޗާގައިވާ ގަސްގަހާގެއްސަށް ރަނގަޅަށް ފެންދީގެން ހައްދައެވެ. މަރުވާ ގޮފިތައް ކަނޑައި، ހެދޭ ކުރިތައް ހެއްދުމަށްޓަކައި ގަސްކާނާ އަޅައެވެ. ނުހަނު ފަރުވާތެރިކަމާއެކު، އޭނާ އެ ގަސްތައް ހައްދާތީ، އެ ގަސްގަހާގެހީގައި ވަނީ، އަބަދުމެ މޭވާ އަޅައި ދޮންވެ ފައްކާވެފައެވެ. އެ މޭވާތައް ފެނުމުން، ވަގުހިޔަޅު ކުޅު ދިޔާވެ، އެ މޭވާތައް ވަގަށް ކާހިތްވިއެވެ.

ދެން އެ ބަގީޗާއަށް ވަދެވޭނެ ގޮތެއް ފެނޭތޯ ހޯދިއެވެ. އޭރު ބަގީޗާގެ ދޮރު ވަނީ ތަޅުލާފައެވެ. ބަގީޗާގެ ވަށައިގެން ހަދާފައިވާ ދަގަނޑު ފުޅަފުގެ އުސްކަމުން އޭގެ މަތިން ފުންމައެއްވެސް ނުލެވުނެވެ. ބަގީޗާއަށް ވަދެވޭނެ ތަނެއް ފެނޭތޯ، އެތައް އިރެއް ވަންދެން ވަގުހިޔަޅު ހޯދިއެވެ. އެންމެ ފަހުން އެސޮރަށް ވަދެވޭވަރުގެ ވަރަށް ކުޑަކުޑަ އާނގައެއް ފެނުނެވެ. އެއީ، ފުޅަފުގެ ތިރިއާ ބިމާ ދެމެދުގައި ހެދިފައިވާ ހުސް ޖާގައެކެވެ. އެސޮރަށް އެ ޖާގައިން ބަގީޗާގެ ތެރެއަށް ދެމިގަނެވުނީ ހަމަ ކިރިޔަކިރިޔާއެވެ.

ބަގީޗާއަށް ވަނުމަށްފަހު، ގަސްގަހާގެހީގައިވާ މޭވާތައް ހައްދެއްނެތި ވަގުހިޔަޅު ކާންފެށިއެވެ. އިރުގަނޑެއްވަންދެން އެކަންކުރިއިރު، އެސޮރުގެ ބަނޑު ވަނީ އިންތިހާ ދަރަޖައަށް ފުފިފައެވެ. ދެން ބަނޑަށް އެއްޗެއް ލެވޭނެ ޖާގައެއް ނެތްކަން ކަށަވަރުވުމުން، ބަގީޗާއިން ނިކުންނަން އުޅުނެވެ. އެހެނަސް އޭރު މާބޮޑަށް ބަނޑު ފުފިފައިވާތީ، އެސޮރު ވަންތަނުން ނުނިކުމެވުނެވެ.

ވަގުހިޔަޅު ބަގީޗާއިން ނިކުމެވޭތޯ މަސައްކަތްކުރަނިކޮށް، ބަގީޗާގެ ވެރިމީހާ އަންނަތަން ފެނުނެވެ. ދެން މަރުވެފައިވާ ކަމަށް ހެދިގެން އެތާނގައި އޮށޯވެގެން އޮތެވެ. ބަގީޗާގެ ވެރިމީހާ އައިސް ބަގީޗާއަށް ވަދެ ބެލިއިރު، އެތައް ގަސްތަކެއް ވަނީ ހަލާކުކޮށްލާފައެވެ. އެ ގަސްތަކުގައިވާ މޭވާތައް ވެސް ވަނީ ކައި ހުސްކޮށްލާފައެވެ. އެހެންކަމުން، ބަގީޗާގެ ތެރެއަށް ކޮންމެވެސް ނުރައްކާތެރި ޖަނަވާރެއް ވަދެއްޖެކަން އޭނާއަށް އެނގުނެވެ. އެފަދަ އެއްޗެއް ބަގީޗާގެ ތެރެއިން ފެނޭތޯ އޭނާ ހޯދަމުންދަނިކޮށް، ވަގުހިޔަޅު، މަރުވެފައި ކަމަށް ހެދިގެން އޮއްވާ ފެނުނެވެ.

އެހިނދު ބަގީޗާގެ ވެރިމީހާ ބުންޏެވެ.

"މަކަރުވެރި ހިޔަޅު މިއޮތީ، ބަނޑުފުރެންދެން ކައިގެން، މަރުވެފައި ކަމަށް ހެދިގެންތާއެވެ! އުދައްޔެއް ހިފައިގެން އައިސް، ތިތާނގައި ވަޅުގަނޑެއް ކޮނެ، ވަޅުލުން ނޫން ސަޒާއެއް ނުދޭނަމެވެ."

މިހެން ބުނެ، އޭނާ އުދައްޔެއް ބަލާ ދިޔަ ވަގުތު، ހިޔަޅު ތެދުވެގެންގޮސް، ބަގީޗާގެ ގަސްތަކުގެ ތެރެއަށް ވަދެ ފިލައިފިއެވެ. ބަގީޗާގެ ވެރިމީހާ އެނބުރި އައިއިރު، އެތާކު ހިޔަޅެއް ނެތެވެ.

އެދުވަހު އިރުއޮއްސި އަނދިރިވުމުން، ހިޔަޅު އޮތީ އެއްވެސް އެއްޗެއް ނުކައި، ބަނޑުހައިކަންމަތީގައެވެ. ބަގީޗާ ބަލަހައްޓާމީހާ ބަގީޗާއިން ބޭރަށް ދާ ދަނޑިވަޅެއްގެ ބަލަބަލައެވެ. އެފަދަ ދަނޑިވަޅެއްގައި ނޫނީ، ސަލާމަތުން ބަގީޗާއިން ނުނިކުމެވޭނެތީއެވެ. ހިޔަޅު ރޭ ހަތަރުދަމު، ނުކައި، ނުނިދައި، އެ އިންތިޒާރުގައި އޮއްވާ، ފަތިސް ނަމާދަށް ބަންގިގޮވިއަޑު އިވިއްޖެއެވެ. ދެން ބަގީޗާބަލަހައްޓާ މީހާ ފަތިސް ނަމާދަށް، މިސްކިތަށް ދިއުމަށްޓަކައި ބަގީޗާއިން ބޭރަށް ދިޔައެވެ. އޭރު ހިޔަޅު ވަނީ، ރޭ ހަތަރުދަމު އެއްޗެއް ނުކައި އޮތުމުގެ ސަބަބުން ބަނޑު ހިނދިފައެވެ. ދެން އެސޮރު ބަގީޗާއަށް ވަންތަނުން، އަވަސްއަވަހަށް ބޭރަށް ނިކުތެވެ.

ބަގީޗާއާ ދުރަށް ދަމުން ހިޔަޅު ބުންޏެވެ.

"ނުހަނު ރީތި ބަގީޗާއެކެވެ. މޭވާތައް ނުހަނު ފޮންޏެވެ. ފެން ވެސް އެހައި މީރެވެ. ބަނޑުހައިވެފައިވާ ޙާލުގައި ވަދެ، ބަނޑު ފުރާލެވުނީ ހިނދުކޮޅަކަށެވެ. ކާން ބޭނުންވި ވަރަކަށް ނުކެވުނެވެ. ކިއެއްހެއްޔެވެ. ދިރިއޮއްވާ ވަޅުނުލެވުނީ ވެސް ހަމަ ކިރިޔާއެވެ. ނިކުންނަން މިޖެހުނީ، މާބޮޑަށް ބަނޑުހައިވެފައިވާ ޙާލުގައެވެ. ތިމަން ކަހަލަ އެހެން ވަގުން ވެސް އުޅޭނީ ހަމަ މިކަހަލަ ޙާލެއްގައިތާއެވެ!"