ރަނގަޅަށް ނިދުމާބެހޭ ބައެއް އިރުޝާދު


އަރާމުކޮށް ރަނގަޅަށް ނިދަން ބޭނުންނަމަ، ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، ނިދާ އެނދު ބަހައްޓަންޖެހޭ ރަނގަޅު ފަރާތަށް ބެހެއްޓުމެވެ. މިކަމާބެހޭ ގޮތުން ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި، ނިދާ އެނދު ބަހައްޓަންވާނީ، އެނދުގެ ދިގުފަރާތް އުތުރުން ދެކުނަށް ސީދާވާނެހެންނެވެ. މިނޫން ގޮތަކަށް ބަހައްޓައިފިނަމަ، ނިދާފައި އޮންނަ މީހާއަށް ދުނިޔޭގެ މެގްނެޓިކް ފީލްޑުން ނޭދެވޭ އަސަރު ކުރާނެ އެވެ. މިކަމުގެ ނަތީޖާއަކީ، (ނިދިން ހޭލާއިރު) އޭނާގެ ނަފުސުގައި ހުންނަންޖެހޭ ފުރިހަމަކަން އުނިވުމެވެ.

ނިދާ އެނދެކޭ އެއްފަދައިން ނިދާ ކޮޓަރި ވެސް ބަހައްޓަންޖެހޭ ރަނގަޅު ފަރާތެއް ވެ އެވެ. އެއީ، ރޭގަނޑު ނިދާގަޑި ޖެހޭއިރު ކޮޓަރީގެ ހޫނުކަން ކެނޑިފައިވާނެ ފަރާތެވެ. ދިވެހިރާއްޖެއަށް ބަލާއިރު، ނިދާކޮޓަރިތައް ހަދަންޖެހޭ ރަނގަޅު ފަރާތަކީ، ޢިމާރާތުގެ އިރުމަތީ ފަރާތެވެ. އިރުއަރައިގެން އަންނައިރު ނިދާ ކޮޓަރިތަކަށް ލިބޭ ހޫނުކަން، އިރުމެދުން ފިލީއްސުރެ އެ ކޮޓަރިތަކުން ދާނީ ކެނޑެމުންނެވެ. ރޭގަނޑު ނިދާގަޑި ޖެހޭއިރު ނިދާކޮޓަރިތަކުގެ ހޫނުކަން ވާނީ އެކަށީގެންވާ ވަރަށް ދަށްވެފަ އެވެ. މިއާ ޚިލާފަށް ޢިމާރާތުގެ ހުޅަނގު ފަރާތުގައި ހުންނަ ނިދާ ކޮޓަރިތަކަށް ހޫނުވާން ފަށާނީ އިރުމެދުން ފިލުމުންނެވެ. އެކޮޓަރިތަކުން ހޫނުކަން ފިލަމުންދާނީ ނިދާ ގަޑީގަ އެވެ. އެ ކޮޓަރިތަކުން ބޭރުވާ ހޫނުގެ ސަބަބުން ނިދުމަށް ނޭދެވޭ އަސަރުކުރާނެ އެވެ.

ކޮންމެ ދުވަހަކު ނިދަންޖެހޭ ވަގުތުގައި ނިދުމާއި، ނިދަންޖެހޭ މިންވަރަށް ނިދުމަކީ ވެސް ނުހަނު ބޭނުންތެރި ކަމެކެވެ. ރޭގަނޑު ހޭލާ ހުރުމާއި ދުވާލު ނިދުމަކީ، އިންސާނާ ހަމައިން ނެއްޓިގެންދިއުމުގެ ފުރުޞަތު މާބޮޑަށް އިތުރުކޮށްދޭ ކަމެކެވެ. ރޭގަނޑު ހަތަރުދަމު ހޭލާ ހުންނަ މީހާގެ ހަށިގަނޑުގެ ޙާލަތު ދުވާލު ހުންނާނީ، ލޭގެ 100 މިލިލީޓަރުގައި 0.8 މިލިގްރާމު އަލްކަހޯލް ހިމެނިފައިވާ މީހެއްގެ ހަށިގަނޑުގެ ޙާލަތުގަ އެވެ.

ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި، ރޭގަނޑު އެންމެ 4 ގަޑިއިރު ނިދާ މީހުންނަށް ދުވާލު އޮޅިގެން ވަރަށްގިނަ ކަންތައްތައް ނުބައިކޮށް ކުރެވެ އެވެ. އެއީ އެމީހުންގެ ހަށިގަނޑަށް ވެރިވެފައިވާ ޙާލަތުގެ ސަބަބުން ވާ ކަމެކެވެ. އެމީހުންގެ ހަށިގަނޑު ހުންނާނީ، ލޭގެ 100 މިލިލީޓަރުގައި 0.5 މިލިގްރާމު އަލްކަހޯލް ހިމެނިފައިވާ މީހެއްގެ ހަށިގަނޑުގެ ޙާލަތުގަ އެވެ. އެހެންވީމާ، ރޭގަނޑު ނިދާ މީހުން ވެސް ފުރިހަމައަށް ނިދުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން އެބައެނގެ އެވެ.

ރޭގަނޑުގެ ނިދަންވާ ވަރަށް ނުނިދޭ މައިގަނޑު އެއް ސަބަބަކީ، ރޭގަނޑު ކޮންމެވެސް ކަމެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ. އިސްލާމީ ސަގާފަތުގެ ނަޒަރުން ބަލާއިރު، އެންމެ މޮޅުއިތުރު ގޮތަކީ، ރޭގަނޑު 11 ޖަހާއިރު ނިދުމެވެ. އަދި ފަތިހު ހޭލައި ފަތިސް ނަމާދު ކުރުމެވެ. ގޭގައި ފަތިސް ނަމާދު ކުރުމަށްވުރެ ޞިއްޙަތަށް ރަނގަޅީ، މިސްކިތުގައި ފަތިސްނަމާދު ކުރުމެވެ. މިކަމުގެ ސަބަބަކީ، މިސްކިތަށް ދާ މީހާއަށް ފަތިހުގެ ތާޒާ ޖައްވަށް ނޭވާލުމުގެ ފުރުޞަތު ލިބޭކަމެވެ. ގޭގައި ފަތިސްނަމާދުކުރާ މީހާ ވެސް ބެލްކަންޏަށް ނިކުމެ، ފަތިހުގެ ޖައްވުގައި ކީރިތި ޤުރުއާން ކިޔަވަން ނުވަތަ ޒިކުރުކުރަން ހުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެކަމުގެ ސަބަބުން އޭނާއަށް ވެސް ފަތިހުގެ ތާޒާ ޖައްވުގައި ލައްވާފައިވާ ބަރަކާތް ކޮންމެވެސް މިންވަރަކަށް ޙާޞިލުވާނެތީ އެވެ.

ރޭގަނޑު ދަންވަންދެން ހޭލާ ތިބުމާއި، ދުވާލު އިރުއަރަންދެން ނިދާފައި ތިބުމަކީ، އިސްލާމީ ސަގާފަތުގައިވާ ކަމެއް ނޫނެވެ. އެއީ، ހުޅަނގުގެ ކާފަރު ފަރަންޖީންގެ ކަޑަ ސަގާފަތުގައިވާ ވިޔާނުދާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އެއީ، ޝައިޠާނާ އެމީހުންނަށް ޒީނަތްތެރިކޮށްދީފައިވާ ނަރަކަވަންތަ ކަމެކެވެ. އެހެންކަމުން، ރޭގަނޑު އަވަހަށް ނިދުމާއި، ފަތިހު ހޭލުމަށް މުސްލިމުން ތަބާވާންޖެހެ އެވެ. އިސްލާމީ މުޖުތަމަޢުގައި އިސްލާމީ ސަގާފަތުގެ މަލަތައް ދެމެހެއްޓުމަށްޓަކަ އެވެ. އަދި މާތް ﷲ ގެ ރުހިވޮޑިގަތުމާއި، ދެދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލުކުރުމަށްޓަކަ އެވެ.