ސިނގިރޭޓް ނުބޮއި ހުރެފިނަމަ ވާނީ ކިހިނެއް؟


ސިނގިރޭޓް ބުއިން ހުއްޓާލުމަކީ، ގިނަގުނަ ފައިދާތައް ލިއްބައިދޭ ކަމެކެވެ. އެންމެ ދުވަހަކު ސިނގިރޭޓް ނުބޮއި ހުއްޓަސް ލިބޭ ފައިދާ ވަރަށް ބޮޑެވެ. ދިރާސާތަކުން އެނގޭ ގޮތުގައި، ސިނގިރޭޓް ބުއިން ހުއްޓައިލުމުމުގެ ފައިދާ އިޙުސާސްކުރެވެން ފަށަނީ، 20 މިނެޓްއިރު ފަހުންނެވެ. ސިނގިރޭޓް ބުއިން މުޅިން ހުއްޓައިލުމަކީ، ޢުމުރު ދިގުވާ ކަމެކެވެ. ތިރީގައި މިވަނީ، ސިނގިރޭޓް ބުއިން ހުއްޓައިލުމުން، ވަގުތާއެކު ލިބެމުންދާ ފައިދާތައް ހިމަނާފައިވާ ލިސްޓެކެވެ.

20 މިނެޓް ފަސް:
ހިތުގެ ވިންދުޖެހުން އޭގެ ޠަބީޢީ ޙާލަތަށް ބަދަލުވެ، ލޭގެ ޕްރެޝަރ ދަށްވެގެންދާނެއެވެ.

2 ގަޑިއިރު ފަސް:
ހަށިގަނޑުގައި ނިކޮޓިން ހުރި މިންވަރު ދަށްވުމާއެކު، އިންތިހާ ދަރަޖައަށް ސިނގިރޭޓް ބޯހިތް ވާނެ އެވެ. އެއާއެކު ކަންބޮޑުވުން އިތުރުވާނެއެވެ. އަދި ވަރަށް ބޮޑަށް ބަނޑުހައިވާނެއެވެ.

8 ގަޑިއިރު ފަސް:
ހަށިގަނޑުގައި ކާބަން މޮނޮކްސައިޑް ހުންނަ މިންވަރު ދަށްވެގެންދާނެއެވެ. އަދި ހަށިގަނޑުގައި އޮކްސިޖަން ހުންނަ މިންވަރު އިތުރުވެ، އެ ހުންނަންޖެހޭ ޠަބީޢީ ޙާލަތަށް ވާޞިލުވާނެއެވެ.

24 ގަޑިއިރު (އެއްދުވަސް) ފަސް:
ހިތް ހުއްޓުމަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަވެގެންދާނެއެވެ.

48 ގަޑިއިރު ( ދެދުވަސް) ފަސް:
ކާބޯތަކެތީގެ ރަހަ އާއި ވަސްދުވުން އިޙުސާސްކުރެވޭ މިންވަރު ވާނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.

ތިންދުވަސް ފަސް:
ލޭގައިވާ ނިކޮޓިން ވާނީ މުޅިން ބޭރުވެފަ އެވެ. އަދި ނޭވާލާން ފަސޭހަވާނެއެވެ.

2 މަސް ނުވަތަ 3 މަސްދުވަހުގެ ތެރޭގައި:
ފުއްޕާމޭގެ ވަޒީފާ އަދާކުރުން 30 އިންސައްތަ އިތުރުވާނެ އެވެ. ހަށިގަނޑުގައި ލޭހިންގުން ރަނގަޅުވެ، ޙަރަކާތްތެރިވެއުޅެން ފަސޭހަވާނެއެވެ.

9 މަސްދުވަހުގެ ތެރޭގައި:
ހަށިގަނޑުގެ ހަކަތަ އިތުރުވެ، ޖިސްމާނީ ބާރު ގަދަވާނެ އެވެ. ފުއްޕާމޭ ސާފުވަމުންދާނެއެވެ. ނޭފަތް ސާފުވެ، ނޭވާލުމަށް އިތުރު ފަސޭހަކަން ލިބިގެންދާނެއެވެ.

އެއްއަހަރުދުވަހުގެ ތެރޭގައި:
ސިނގިރޭޓް ބޯ މީހުންނާ އަޅާބަލާއިރު، ހިތުގެ މައިނާރު ބެދުމުގެ ފުރުޞަތު ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދާނެއެވެ.

2 އަހަރުދުވަހުގެ ތެރޭގައި:
ހިތް ހުއްޓުމުގެ ފުރުޞަތު ދަށްވަމުންގޮސް، އޭގެ ޠަބީޢީ ޙާލަތަށް ވާޞިލުވާނެއެވެ.

5 އަހަރުދުވަހުގެ ތެރޭގައި:
ސިނގިރޭޓް ބޯ މީހުންނާ އަޅާބަލާއިރު، ފުއްޕާމެޔާއި ނޭވާހޮޅިއަށް ކެންސަރުޖެހިގެން މަރުވުމުގެ ފުރުޞަތު ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދާނެއެވެ. އަދި ސިކުނޑި ހުއްޓުމުގެ ފުރުޞަތު ވެސް ހަނިވެގެންދާނެއެވެ.

10 އަހަރުދުވަހުގެ ތެރޭގައި:
ސިނގިރޭޓް ބުއިމުގެ ސަބަބުން ކެންސަރުޖެހިފައިވާ ދިރުތަކުގެ ބަދަލުގައި، ތާޒާ އާ ދިރުތައް އުފެދޭނެއެވެ. މިކަމުގެ ނަތީޖާއަކީ، ކެންސަރު ޖެހިގެން މަރުވުމުގެ ފުރުޞަތު ކުޑަވެ، ދުވަހަކުވެސް ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހުންނާ އެއް ޙާލަތަކަށް ވާޞިލުވުމެވެ.

15 އަހަރުދުވަހުގެ ތެރޭގައި:
ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާ ކުރިމަތިފެފައިވާ ހިތުގެ މައިނާރަށް ބަލިތައް ޖެހުމުގެ ފުރުޞަތާއި ހިތް ހުއްޓުމުގެ ފުރުޞަތުތައް ނެތިދިއުމާއެކު، ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހެއްގެ ދުޅަހެޔޮކަން ޙާޞިލުވާނެއެވެ.

15 އަހަރަށްފަހު:
ދުންފަތުގެ އިސްތިޢުމާލުކުރާ މީހެއްގެ ޢުމުރުގެ ދިގުމިނާ އަޅާބަލާއިރު، މާބޮޑަށް ޢުމުރު ދިގުވާނެއެވެ. އެގޮތުން، ޢުމުރަށް 14 އަހަރު އިތުރުވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.