ކަރާގެ ބައެއް ފައިދާތައް


ކަރައާއި، ކަރާ ތޮށީގައި ގިނަގުނަ ފައިދާތައް ވެ އެވެ. މިޒަމާނުގެ ހޯދުންތަކުން އެނގޭ ގޮތުގައި، ކަރައިން ލިބޭ ޞިއްޙީ ފައިދާތައް ހިމަނައި ކޮޅުންނުލާހައި ގިނަ އެވެ. ޚާއްޞަކޮށް ގޮހޮރަށާއި ކިޑްނީގެ ސަލާމަތްތެރިކަމަށް ކަރައަކީ މުހިންމު އެއްޗެކެވެ.

މިޒަމާނުގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި، ކަރައަކީ، ހަމައެކަނި ކަރުހިއްކުން ފިލުވައިދޭ އެއްޗެއް ނޫނެވެ. އޭގެ އިތުރުން، ހަން ތެތްކޮށް، ހަށިގަނޑު ތާޒާކޮށްދެ އެވެ. އެއީ މަޢިދާއާއި ގޮހޮރުގެ އެތެރެ އޮމާންކޮށްދޭ އެއްޗެކެވެ. ހަޖަމުކުރުމަށް އެހީތެރިވެދޭ މާއްދާއެއް ވެސް އޭގައި ވެ އެވެ. އަދި ލޭ ވަރުގަދަކޮށް، ކިޑްނީގެ ހިލަތައް މުގުރާލާ ބާރެއް ވެސް އޭގައި ވެ އެވެ. އަދި ހަކަތަ އުފެއްދުން ހީވާގިކޮށްދޭ އަރަގެއް ވެސް އޭގައި ވެ އެވެ.

މިޒަމާނުގެ ތަޙުލީލުތަކުން އެނގިފައިވާ ގޮތުގައި، ހަމުގެ ބަލިތައް މަތަކުރާ މާއްދާތަކެއް ކަރާގައިވެ އެވެ. ކަރާ އޮށަކީ، ލޭގެ ޕްރެޝަރު މައްޗަށްދާ ބައްޔަށް ފަރުވާއެކެވެ. ކަރާވެލުގެ މުލަކީ، ޒަޚަމްވާ ތަންތަނުން ލޭ މަނާކުރުމަށް ބޭނުންކުރެވިދާނެ ބޭހެކެވެ.

ކާބޯތަކެއްޗާބެހޭ މާހިރުން ވިދާޅުވަނީ، ކަރައަކީ، ފައިދާހުރި ގިނަގުނަ އުންސުރުތައް މަތީ ދަރަޖައަކަށް އެކުލެވިފައިވާ މޭވާއެއް ކަމަށެވެ. މުޅި ދުވަހު، އިންސާނަކަށް ބޭނުންވާ ވަރަށް އޭގައި ފެނާއި، ވިޓަމިނާއި، މަޢުދަން ހިމެނެ އެވެ. ޚާއްޞަކޮށް ހޫނުގަދަ ދުވަސްތަކުގައި އޭގެ ބޭނުންތެރިކަން ބޮޑެވެ. އެހެންކަމުން، އެއީ އެތައް ތަރުކާރީއަކާއި އެއްގަމު މަހުން ނޫނީ ނުލިބޭނެ މާއްދާތަކާއި އުންސުރުތައް ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ.

ކަރައާބެހޭ ހޯދުންތައް ހޯދާ މާހިރުން ވިދާޅުވާ ގޮތުގައި، ކަރާގެ ބަރުދަނުގެ 92 އިންސައްތައަކީ، ފެނެވެ. އަދި އޭގައި ކޮންމެވެސް ވަރަކަށް، ލޮނދި މާއްދާއާއި، ތެޔޮ ހިމެނެ އެވެ. އޭގައިވާ ހަކުރުގެ ނިސްބަތް 8 އިން ސައްތައަށް އަރަ އެވެ. ނަމަވެސް މި ނިސްބަތް އެކި މޫސުމުގައި ތަފާތެވެ. ވިޓަމިން އޭ އާއި، ވިޓަމިން ސީ ވެސް މެދުމިންވަރަކަށް އޭގައި ހިމެނެ އެވެ. އޭގައިވާ ބޭސްވެރިކަމުގެ ބަޔާ އަޅާބަލާއިރު، ކާނާގެ ބައި ކުޑަ އެވެ.

ކަރާއިން ގިނަގުނަ ބަލިތަކަށް ފަރުވާ ލިބެ އެވެ. ބަނޑު ހިކުމާއި، ހަމުން ދިލަނެގުން ލުއިކޮށްދެ އެވެ. ކުޑަގެފިލިކުރުމަށް އެހީތެރިވެދީ ލޭ ސާފުކޮށްދެ އެވެ. ކިޑްނީގެ ބަލިތަކަށާއި ފުރަގަސްފަރާތު ބަލިކަމަށް ވެސް އެއިން ފަރުވާ ލިބެ އެވެ.

ކާނާއެއްގެ ގޮތުން ބަލާއިރު، ކަރާއަކީ، ޖެހިލުމެއްނެތި ބަނޑުފުރެންދެން ކެވިދާނެ އެއްޗެކެވެ. ގިނައިން ކަރާ ކެޔަސް، ފަލަވެދާނެ ކަމުގެ ބިރެއް ނެތަތީ އެވެ.