އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

މިއީ، ބަޙުރު އީމަޖައްލާގެ 14 ވަނަ ޢަދަދުގެ ފުރަތަމަ އިޞްދާރެވެ. މި މަޖައްލާގެ އެހެނިހެން ޢަދަދުތަކެކޭ ވެސް އެއްފަދައިން، މި ޢަދަދުގައި ވެސް ތަފާތު ލިޔުންތައް ހިމަނާފައި ވާނެއެވެ. އެހެން ޢަދަދުތަކަށް ކިޔުންތެރިން ދެއްވާފައިވާ މި ޢަދަދަށް ވެސް ދެއްވާނެ ކަމަށް އުންމީދުކުރަމެވެ.

މި ޢަދަދުގެ މަޒުމޫނުތައް އަމާޒުކޮށްފައިވާނީ، ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށެވެ. މި ޢަދަދުގައި ވާނީ، ކުރިން އެއްވެސް އެއްޗެއްގައި ޝާއިޢުކޮށްފައިނުވާ މުޅިން އާ ވާހަކަތަކެކެވެ. އެއާ ޚިލާފަށް ޅެމުގެ ބައިގައި ވާނީ، ކުރިން ޝާއިޢުކޮށްފައިވާ ޅެންތަކެކެވެ. ފޫހިފިއްލީގައި ހިމަނާފައިވާނީ، ސިކުނޑިއަށް ކަސްރަތު ލިއްބައިދޭނެ ފަދަ ފޫހިފިއްލިތަކެކެވެ.

ލިޔުމާއި ލިޔެވޭ ވަސީލަތްތައް، ޒަމާނާއެކު ބަދަލުވަމުންދެއެވެ. ހިލައިގައި ބިންވަޅުކަނޑައިގެން ލިޔުނު ޒަމާން ފާއިތުވެއްޖެއެވެ. ޖަނަވާރުގެ ހަމާއި، ކަދުރުރުކު އޮށީގައި ލިޔުނު ޒަމާންވެސް ފާއިތުވެގެން ހިނގައްޖެއެވެ. މިހާރު ހިނގަމުން މިދާ ޒަމާން މިވަނީ، ކަރުދާހާއި އީވަސީލަތްތަކާ ދެމެދުގައެވެ. ލިޔެކިއުމުގެ ވަސީލަތެއްގެ ގޮތުގައި، އެއްބަޔަކު ކަރުދާސް ބޭނުންކުރާއިރު، އަނެއް ބަޔަކު މިވަނީ އެއަށް އަލްވަދާޢުކިޔާފައެވެ. ކަރުދާހާއި، އީވަސީލަތްތަކާ ދޭތިންކުރެ ދެމިއޮންނާނީ ކޮން އެއްޗެއްކަން އެނގިގެންދާނީ ކުރިއަށް އޮތް ޒަމާނުގައެވެ.

ބަޙުރު އީމަޖައްލާ މިވަނީ، ކުރިއަށްދާ ޤާފިލާގައި ބައިވެރިވެ ކަރުދާހަށް އަލްވަދާޢުކިޔާފައެވެ. ކިޔުންތެރިންނާ ހަމައަށް މި މަޖައްލާ ހިލޭ ފޯރުކޮށްދެވުމުގެ ސިއްރަކީ މިއީއެވެ. އަދި މާޒީގައި ކުރިމަތިވި ބޮޑެތި ގޮންޖެހުންތައް ގިރާކޮށް، މި މަޖައްލާ މިއަދާ ހަމައަށް ވާޞިލުވުމުގެ ސިއްރަކީ ވެސް މިއީއެވެ.

މި މަޖައްލާގެ މި ޢަދަދުގައި ގެނެސްދީފައިވާ ލިޔުންތަކަކީ، ޢިއްޒަތްތެރި ކިޔުންތެރިންގެ އަރިހުގައި މަޤުބޫލު އެއްޗަކަށް ވާނެ ކަމަށް އުންމީދުކުރަމެވެ. އަދި ކުރިމަގުގައި މިފަދަ އިތުރު މަޢުލޫމާތު ގެނެސްދިނުމަށް ޢަޒުމު ކަނޑައަޅަމެވެ. މިކަންކަން ހިންމަވައިދެއްވުން އެދި، މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. އެކަލާނގެ މި ދުޢާ އިޖާބަކުރައްވާށިއެވެ! އާމީން!

1 ޖެނުއަރީ 2016