މޮބައިލް ފޯނުން ލިބޭ ބައެއް ގެއްލުން


މޮބައިލް ފޯނުން ގެއްލުން ނުލިބޭކަން ސާބިތުކޮށްދިނުމަށްޓަކައި ދިރާސާތައް ކުރުމަށް، 28 މިލިޔަން ޑޮލަރު ހޭދަކުރެވިފައިވެއެވެ. ނަމަވެސް އެ ދިރާސާތަކަކުން ނެރެން ބޭނުންވި ނަތީޖާއެއް ނުނެރެވުނެވެ. އެއިން ކަށަވަރުވީ މޮބައިލް ފޯނުން ލިބޭ ގެއްލުންތަކެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް ބޮޑެތި ގެއްލުންތައް ލިބޭކަމެވެ.

މާބަނޑު ދުވަސްވަރު ނުވަތަ ދެއަހަރު ނުފުރޭ ކުޑަކުދިންގެ ކައިރީގައި މޮބައިލް ފޯނު ބޭނުންކުރުމުން، އެކުދިންގެ ސިކުނޑީގެ ބްލަޑް ބްރައިން ބެރިއަރ (Blood-Brain Barrier) ހަލާކުވެއެވެ. އެއީ، ޖަރާސީމާއި، ވިހަ މާއްދާތަކާއި، ގެއްލުންހުރި ބޭސްތައް ސިކުނޑިއަށް ވާސިލުވުން މަނާކުރާ ދިފާޢީ ފާރެވެ.

އީ-އެމް ރޭޑިއޭޝަން ނުވަތަ އިލެކްޓްރޯމެގްނެޓިކް ބާނިތަކުގެ ސަބަބުން، ބަނޑުގައި އޮންނަ ކުޑަދަރިފުޅުގެ ހަށިގަނޑުގައި އައިބު އުފެދޭކަންވަނީ، ޔޫރަޕްގައި ކުރެވިފައިވާ ދިރާސާތަކަކުން ސާބިވެފައެވެ. އެ ބާނިތަކުން، ޑީއެންއޭ އަށާއި ސިކުނޑީގެ ހަކަތައަށް ނޭދެވޭ އަސަރުކުރެއެވެ.

އީ-އެމް ރޭޑިއޭޝަންގެ ނުރައްކާތެރިކަމަކީ، އެއިން ލިބޭ ގެއްލުން ވަގުތުން ނުފެންނަ ކަމެވެ. އެއިން ލިބޭ ގެއްލުންތައް ފެންނަން ފަށަނީ އޭގެ އަސަރުކުރާތާ ދިގު މުއްދަތެއް ފަހުންނެވެ. އެހެންކަމުން، އެއީ މޮބައިލް ފޯނު ބޭނުންކުރުމުން ލިބުނު ގެއްލުމެއް ކަމަކަށް މީހަކަށް ހީވެސް ނުކުރެވިދާނެއެވެ. ގިނައިން މޮބައިލްފޯނު ބޭނުންކުރި ވަރަކަށް، އީ-އެމް ރޭޑިއޭޝަނަށް ހުށަހެޅޭ މިންވަރު އިތުރުވާނެއެވެ. އަދި އެއިން ކުރާ އަސަރު އިތުރުވެ، ލިބޭ ގެއްލުން ބޮޑުވާނެއެވެ.

އީ-އެމް ރޭޑިއޭޝަން ބޭރުވަނީ ހަމައެކަނި މޯބައިލް ފޯނަކުން ނޫނެވެ. އަޅުގަނޑުމެންނާ އެކުގައިވާ ޓީވީއާއި، ކޮމްޕިއުޓަރ ފަދަ ތަކެތިން ވެސް އެ ރޭޑިއޭޝަން ބޭރުވެއެވެ. އެތަކެތި ބޭނުންކުރާއިރު އިސްރާފު ނުކުރުމަށް ސަމާލުވާންޖެހެނީ އެހެންވެގެންނެވެ.

ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅުގައި ފާޅުވި ބަލިހާލަތްތައް ފެށިފައިވަނީ، އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. މީގެ މާނައަކީ، އީ-އެމް ރޭޑިއޭޝަނުން ލިބެން ފަށާ ގެއްލުންތައް ފާޅުވާން ފަށަނީ ވިއްސަކަށް އަހަރު ފަހުންނެވެ. އީ-އެމް ރޭޑިއޭޝަނުން ތިމާވެށި ކިލަނބުވުމަކީ، ނުރައްކާތެރި ކިލަނބުވުމެއް ކަމަށް ތަޞްނީފުކުރެވިފައިވެއެވެ.

ސްވިޑްންގެ ލުންޑް ޔުނިވަރސިޓީގެ އިސްވެރިއަކު ވިދާޅުވަނީ، މޮބައިލް ފޯނުން ލިބޭ ގެއްލުންތައް ބެލުމަށްޓަކައި މުސްތަޤުބަލަށް އިންތިޒާރުކުރުމުގެ މާނައެއް ނެތްކަމަށެވެ. އެހެނީ، މިހާރުވެސްދަނީ، އެއިން ލިބޭ ގެއްލުންތައް ފެންނަމުންނެވެ. ސިކުނޑީގެ ކެންސަރަކީ، ޢުމުރުން 15 އަހަރު ނުފުރޭ ކުދިން މަރުވާ ދެވަނަ ސަބަބުކަމަށް ސްވިޑްންގައި ވެއްޖެއެވެ. އަދި އެއީ ޢުމުރުން 43 އަހަރުން ދަށުގެ މީހުން ވެސް މަރުވާ ދެވަނަ ސަބަބެވެ. އޭނާ ވިދާޅުވަނީ، "ތިބާގެ ކަންފަތުގައި މޮބައިލް ފޯނެއް ޖައްސައިގެން ހުރެ ގިނައިރުވަންދެން ވާހަކަދައްކައިފިނަމަ، ތިބާގެ ސިކުނޑި އެބޭއްވުނީ މައިކްރޯވޭވް އުނދުނެއްގެ ތެރޭގައެވެ. އެކަމުގެ ސަބަބުން ތިބާއަށް ނޭނގި ތިބާގެ ސިކުނޑީގެ ދިރުތައް (ސެލްތައް) ލަސްލަހުން ކެކެމުންދާނެއެވެ."

އޮސްޓްރޭލިއާގައި މީހުން މަރުވާ ފުރަތަމަ ސަބަބަކީ، ސިކުނޑީގެ ކެންސަރެވެ. އެމީހުންގެ ސިކުނޑިއަށް ކެންސަރު ޖެހެނީ ގިނައިރު މޮބައިލް ފޯނުން ވާހަކަ ދެއްކުމުން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެހެނީ އެ ކެންސަރުޖެހެނީ، އީ-އެމް ރޭޑިއޭޝަނުންނެވެ. މިފަހަކަށް އައިސް، އޮސްޓްރޭލިއާގައި ކުޑަކުދިންގެ ސިކުނޑީގެ ކެންސަރުވަނީ، 21 އިންސައްތަ އިތުރުވެފައެވެ. މިކަމާ ގުޅިފައިވަނީ، މޮބައިލް ފޯނެވެ. އެއިން ބޭރުވާ އީ-އެމް ރޭޑިއޭޝަނެވެ. ކުޑަކުދިން މޮބައިލް ފޯނު ބޭނުންނުކުރުމަށް ބެލެނިވެރިން ނަސޭހަތްތެރިވެއެވެ. ނަމަވެސް ތަޖުރިބާ މަދު ޅަކުދިން އެ ނަސޭހަތުގައި ނުހިފައެވެ.

2004 ވަނަ އަހަރު، ސްޕެއިންގެ ސައިންޓިސްޓުން ކުރެއްވި ދިރާސާއަކުން އާދަޔާ ޚިލާފު ޙަޤީޤަތެއް ހާމަވިއެވެ. އެދިރާސާއިން އެނގުނު ގޮތުގައި، ދެ މިނިޓްއިރު ވަންދެން މޮބައިލް ފޯނުން ވާހަކަދައްކައިފިނަމަ، އޭގެ އަސަރު އެއްގަޑިއިރު ވަންދެން ސިކުނޑީގައި ފިލައިގެން ނުގޮސް ހުރެއެވެ.

މާބަނޑު އަންހެނުން މޯބައިލް ފޯނު ބޭނުންކުރުމުން ބޭބީއަށް ގެއްލުންވެއެވެ. އަދި އުމުރުގެ ފުރަތަމަ މަސްތަކުގައި ބޭބީއާ ކައިރީގައި މޮބައިލް ފޯނު ބޭނުންކުރުމަކީ ވެސް ބޭބީއަށް ގެއްލުވާ ކަމެކެވެ. އެކަމުގެ ސަބަބުން ދަރިފުޅަށް އޯޓިޒަމް ބަލި ޖެހެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ކޮންމެ 500 ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ވަނީ އެބަލި ޖެހިފައެވެ. ކުޑަކުދިންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ވެސް އެއިން ނޭދެވޭ އަސަރުކުރެ އެވެ. އަދި ޓީން-އޭޖް ކުދިންގެ އަނގައަށް ކެންސަރު ވެސް ޖެހެއެވެ. ޚާއްޞަކޮށް ދަތްތަކުގައި ނަރުގަނޑު އަޅުވައިގެން އުޅޭ ކުދިންނަށް ލިބޭ ގެއްލުންތައް ބޮޑެވެ.

މޮބައިލް ފޯނުން ލިބޭ ގެއްލުންތަކުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް އެއާމެދު އެކަށީގެންވާ ސަމާލުކަމެއް މިހާރަކު ނުދެވޭނެއެވެ. މޮބައިލް ފޯނު ބޭނުންކުރާނެ ގޮތުގެ ގަވާއިދުތަކެއް ވެސް މިހާރަކު ނެހެދޭނެއެވެ. ނަމަވެސް މިވާހަކަތައް ދެއްކުމުގެ ބޭނުމަކީ، ބެލެނިވެރިންނާއި ކުޑަ ކުދިން ހޭލުންތެރިކުރުވުމެވެ. މޮބައިލް ފޯނުން ލިބޭ ގެއްލުންތައް ކުޑަ ކުދިންނަށް ބުނެދިނުމެވެ. މިގޮތުގެ މަތިން ކުދިން އެއާ ދުރުހެލިވޭތޯއެވެ. ބޮޑެތި މީހުން ވެސް މޮބައިލް ފޯނު ބޭނުންކުރަން ވާނީ، ބަލައިގެންނެވެ. ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޮޑެތި މީހުން ވެސް އޭގެ ބޭނުންކުރުން ރަނގަޅެއް ނޫނެވެ.


ބައެއް އިރުޝާދުތައް

1. ކޮންމެހެން ބޭނުންކުރަން ޖެހިގެން ނޫނީ މޮބައިލް ފޯނު ބޭނުންނުކުރާށެވެ! ސަމާސާކުރުމަށާއި މަޖާ ވާހަކަ ދެއްކުމަށް މޮބައިލް ފޯނު ބޭނުންނުކުރާށެވެ! ގިނައިރު ވާހަކަ ދައްކަން ޖެހިއްޖެނަމަ، އާދައިގެ ފޯނެއް ބޭނުންކުރާށެވެ!

2. މޮބައިލް ފޯނުން ދެ މިނިޓަށްވުރެ ގިނައިރު ވާހަކަ ނުދައްކާށެވެ!

3. ފަޓުލޫނުގެ ޖީބުގައި، ނުވަތަ ގަމީހުގެ ޖީބުގައި ނުވަތަ ލައިގެން ހުންނަ އެހެން ހެދުމެއްގެ ޖީބުގައި ވެސް މޮބައިލް ފޯނު ނުބާއްވާށެވެ!

4. އުނގުގައި އަޅާފައިވާ ކަމަރުގައި މޮބައިލް ފޯނު ނުބާއްވާށެވެ! އަދި މަޢުދަނު ހިމެނޭ އުރައެއްގައި ވެސް ނުބާއްވާށެވެ!

5. މޮބައިލް ފޯނުން ވާހަކަދައްކާއިރު، ބޮލާ ނުވަތަ ހަށިގަނޑާ ދުރުގައި ފޯނު ބާއްވައިގެން، ހެޑްފޯނު ބޭނުންކޮށްގެން ވާހަކަ ދައްކާށެވެ!

6. އެސްއެމްއެސް ބޭނުންކުރެވިދާނެ ހާލަތްތަކުގައި ވާހަކަ ނުދައްކައި، އެސްއެމްއެސް ބޭނުންކުރާށެވެ!

7. ލިފްޓާއި ކާރުތެރެ ފަދަ ބަންދުވެފައިވާ ތަންތަނުގައިހުރެ މޮބައިލް ފޯނުން ވާހަކަނުދައްކާށެވެ! އެފަދަ ތަންތަނުގައިހުރެ މޮބައިލް ފޯނު ބޭނުންކުރާއިރު، އެއިން ބޭރުވާ ރޭޑިއޭޝަން ވަރުގަދަވެ، ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު އިތުރުވާނެއެވެ.

8. ނަންގަނެވިދިޔަ ސަބަބަށްޓަކައި، ރޭންޖު ދަށްއިރު މޮބައިލްފޯނު ބޭނުންނުކުރާށެވެ!

9. މޮބައިލް ފޯނެއް ގަތުމަށްފަހު އޭގެ ކެޓަލޮގުން (SAR) ބަލާށެވެ. މޮބައިލް ފޯނުން ހަށިގަނޑަށް އަސަރުކުރާނެ ރޭޑިއޭޝަންގެ މިންވަރު އެއިން އެނގޭނެއެވެ. އެމިންވަރު ދަށްވިވަރަކަށް ރަނގަޅުވާނެއެވެ.

10. ނިދާއިރު ކައިރީގައި މޮބައިލް ފޯނު ނުބާއްވާށެވެ! ބާލީހުގެ ދަށުގައިވެސް ނުބާއްވާށެވެ! ނިދާފައި އޮންނައިރު އެއިން ބޭރުވާ ރޭޑިއޭޝަނުގެ ސަބަބުން ސިކުނޑިއަށް ނޭދެވޭ އަސަރުތައް ކުރާނެއެވެ. ރަނގަޅަކަށް ނުވެސް ނިދޭނެއެވެ. ބޮލުގައި ރިއްސުމާއި ހަނދާން ނެތުން ފަދަ ކަންތައްތައް ވެސް ކުރިމަތިވާނެއެވެ.


ނޯޓް:
މިއީ، 24 މާރޗް 2011 މ. ގައި ތަރުޖަމާކޮށްފައިވާ ލިޔުމެކެވެ.