ހަތަރު ޢިލްމުވެރިއެއްގެ ވާހަކަ


މިއީ، ރައްބާނިއްޔަ ޢިލްމުވެރީންގެ ތެރެއިން ހަތަރު ބޭކަލެއްގެ ވާހަކަ އެވެ. ރައްބާނިއްޔަ ޢިލްމުވެރީންނަކީ، ކިތަންމެ ދަތި ޙާލުކޮޅެއްގައި އުޅުއްވަން ޖެހިވަޑައިގަތަސް އެހެން މީހަކަށް އެކަން އަންގަވާ ބަޔެއް ނޫނެވެ. އެބޭކަލުންގެ ޙާލުކޮޅު ނުދަންނަ މީހަކު ހީކުރާނީ، އެބޭކަލުންނަކީ މުއްސަނދީން ކަމަށެވެ.

އަލްޚަޠީބުލް ބަޣުދާދީ ރިވާކުރައްވާފައިވާ މިވާހަކައިގައި ހިމެނިވަޑައިގަންނަވާ ހަތަރު ޢިލްމުވެރިންގެ ތެރެއިން:

ފުރަތަމަ ޢިލްމުވެރިޔާގެ ނަންފުޅަކީ މުޙައްމަދެވެ. ދެވަނަ ޢިލްމުވެރިޔާގެ ނަންފުޅަކީ ވެސް މުޙައްމަދެވެ. ތިންވަނަ ޢިލްމުވެރިޔާގެ ނަންފުޅަކީ ވެސް މުޙައްމަދެވެ. ހަތަރުވަނަ ޢިލްމުވެރިޔާގެ ނަންފުޅަކީ ވެސް މުޙައްމަދެވެ.

އެއްފަހަރަކު، މި ހަތަރު ބޭކަލުން ކުރެއްވި ދަތުރު ފުޅެއްގައި އެއްތަންވެވަޑައިގަތެވެ.

ފުރަތަމަ މުޙައްމަދަކީ، މުޙައްމަދު ބްނު ޖަރީރެވެ. ދެވަނަ މުޙައްމަދަކީ، މުޙައްމަދު ބްނު އިސްޙާޤެވެ. ތިންވަނަ މުޙައްމަދަކީ، މުޙައްމަދު ބްނު ނަޞްރެވެ. ހަތަރުވަނަ މުޙައްމަދަކީ، މުޙައްމަދު ބްނު ހާރޫނެވެ.

ދަތުރު މަތީގައި މި ހަތަރު ބޭކަލުން މިޞްރުގައި މަޑުކުރެއްވި އެވެ. އޭރު އެބޭކަލުންގެ އަތްޕުޅުން ވަނީ ކާބޯތަކެތި ހުސްވެފަ އެވެ. އަދި އެއްޗެއް ބައްލަވައިގަންނަވާނެ ފައިސާއެއް ވެސް ނުމެ ނެތްމެ އެވެ.

ބަނޑުހައިހޫނުކަން އިންތިހާ ދަރަޖައަށް އިޙުސާސްކުރައްވަން ޖެހިވަޑައިގަތުމުން އެބޭކަލުން ޤުރުޢަތު ލެއްވި އެވެ. އެބޭކަލުންނަށް ކާބޯތަކެތި ލިބޭނެ ގޮތެއް މެދުވެރިކޮށްދެއްވުން އެދި، މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވާނޭ ބޭކަލަކު ހޯއްދެވުމަށްޓަކަ އެވެ. އެ ބޭކަލުން ލެއްވި ޤުރުޢަތުން ހޮވިވަޑައިގަތީ، މުޙައްމަދު ބްނު އިސްޙާޤެވެ.

އަނެއް ތިން ބޭކަލުންނަށް އެކަލޭގެފާނު ވިދާޅުވި އެވެ.
"ތިމަންކަލޭގެފާނު ވުޟޫކުރައްވައިގެން ދެރަކުޢަތް ނަމާދެއް ކުރައްވަންދެން މަޑުކުރައްވާށެވެ! އެއަށްފަހު، ދުޢާކުރައްވާނަމެވެ."

ދެން އެކަލޭގެފާނު ވުޟޫކުރައްވައިގެން ނަމާދުކުރައްވަން ހުންނަވަނިކޮށް، މީހަކު އައިސް އެބޭކަލުން ތިއްބެވި ތަނުގެ ދޮރުގައި ޓަކިޖަހައިފި އެވެ. އެއީ ކާކުތޯ ބެއްލެވިއިރު، އެމީހަކީ، މިޞްރުގެ ވެރިޔާ ފޮނުއްވި ކީސާތަކެއް ހިފައިގެން އައިސްހުރި މީހެކެވެ. އެބޭކަލުންގެ އަރިހުގައި އެމީހާ ދެންނެވި އެވެ.

"ތިޔަބޭކަލުންގެ ތެރެއިން މުޙައްމަދު ބްނު ނަޞްރު ކޮބައިތޯ އެވެ؟"
އެބޭކަލުން، އެކަލޭގެފާނު މިހުންނެވީއޭ ވިދާޅުވުމުން، އެމީހާ ފަންސާސް ދީނާރުގެ ކީސާއެއް އެކަލޭގެފާނުގެ އަތްޕުޅަށް އަރުވާފައި ދެންނެވި އެވެ.
"ތިޔަބޭކަލުންގެ ތެރެއިން މުޙައްމަދު ބްނު ޖަރީރު ކޮބައިތޯ އެވެ؟"
އެބޭކަލުން، އެކަލޭގެފާނު މިހުންނެވީއޭ ވިދާޅުވުމުން، އެމީހާ ފަންސާސް ދީނާރުގެ ކީސާއެއް އެކަލޭގެފާނުގެ އަތްޕުޅަށް އަރުވާފައި ދެންނެވި އެވެ.
"ތިޔަބޭކަލުންގެ ތެރެއިން މުޙައްމަދު ބްނު ހާރޫނު ކޮބައިތޯ އެވެ؟"
އެބޭކަލުން، އެކަލޭގެފާނަކީ މިހުންނެވީއޭ ވިދާޅުވުމުން، އެމީހާ ފަންސާސް ދީނާރުގެ ކީސާއެއް އެކަލޭގެފާނުގެ އަތްޕުޅަށް އަރުވާފައި ދެންނެވި އެވެ.
"ތިޔަބޭކަލުންގެ ތެރެއިން މުޙައްމަދު ބްނު އިސްޙާޤު ކޮބައިތޯ އެވެ؟"
އެބޭކަލުން ވިދާޅުވި އެވެ.
"ނަމާދުކުރައްވަން އެހުންނެވީ އެވެ."

ދެން އެކަލޭގެފާނު ނަމާދުކުރައްވައި ސަލާމްދެއްވުމުން، އެމީހާ، އެކަލޭގެފާނުގެ އަތްޕުޅަށް ވެސް ފަންސާސް ދީނާރުގެ ކީސާއެއް އެރުވި އެވެ.

އެއަށްފަހު އެބޭކަލުންނަށް ދެންނެވި އެވެ.
"މިޞްރުގެ ވެރިޔާ އިއްޔެ ވިދާޅުވި އެވެ. މުޙައްމަދުގެ ނަމުން ނަންދެވިފައިވާ ޢިލްމުވެރިން ބަނޑުހައިހޫނުކަމުގައި އުޅުއްވާތީ ތިމަންމަނިކުފާނަށް ހުވަފެންފުޅެއް ފެނިވަޑައިގެންފި އެވެ. އަވަހަށް އެބޭކަލުންގެ އަރިހަށް މި ކީސާތައް ގެންގޮސްދޭށެވެ! މި ކީސާތަކުގައިވާ ފައިސާ ހުސްވެއްޖެނަމަ، ތިޔަ ބޭކަލުން އެމަނިކުފާނަށް ޚަބަރުކުރެއްވުމަށް ދެންނެވުމަށް ވެސް ވިދާޅުވި އެވެ. އޭރުން އެމަނިކުފާނު ތިޔަބޭކަލުންނަށް އަދިވެސް ދެއްވާނެ ކަމަށް ހުވާކުރެއްވި އެވެ."

މިވާހަކަ ކިޔައިއުޅެނީ، ރައްބާނިއްޔަ ޢިލްމުވެރިންގެ ދުޢާ އިޖާބަކުރައްވާ ގޮތް ބަޔާންކޮށްދީ، އެކަމަށް މިސާލުޖެހުމުގެ ގޮތުންނެވެ.

މި ވާހަކައިގައި ނަންގަނެވުނު ހަތަރު ޢިލްމުވެރިންގެ ކުރު ތަޢާރުފެއް ތިރީގައި މިވަނީ އެވެ.


1. މުޙައްމަދު ބްނު ޖަރީރު:
މިކަލޭގެފާނަކީ، ކީރިތި ޤުރުއާނުގެ ތަފުސީރާއި ތާރީޚު ލިއުއްވި މަޝްހޫރު ޢިލްމުވެރިޔާ، އައްޠަބަރީ އެވެ. މިކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ، މުޙައްމަދު ބްނު ޖަރީރުއްޠަބަރީ އެވެ. މަޝްހޫރު ނަންފުޅަކީ، އިބްނު ޖަރީރެވެ.


2. މުޙައްމަދު ބްނު އިސްޙާޤު:
މިކަލޭގެފާނަކީ، "ޞަޙީޙު އިބްނު ޚުޒައިމާ" ލިއުއްވި ޢިލްމުވެރިޔާ އެވެ. ފުރިހަމަ ނަންފުޅަކީ، މުޙައްމަދު ބްނު އިސްޙާޤު ބްނު ޚުޒައިމާ އެވެ. ކިތާބުއް ތައުޙީދަކީ ވެސް މިކަލޭގެފާނު ލިއުއްވި ފޮތެކެވެ.


3. މުޙައްމަދު ބްނު ނަޞްރު:
މިކަލޭގެފާނަކީ، "ތަޢުޡީމު ޤަދުރިއްޞަލާތި" އެވެ، ކިއުނު ފޮތް ލިއުއްވި ޢިލްމުވެރިޔާ އެވެ. މިކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ، މުޙައްމަދު ބްނު ނަޞްރުލް މަރްވަޒީ އެވެ. ރޭއަޅުކަންކުރުމާ ބެހޭ ގޮތުން ވެސް މިކަލޭގެފާނު ފޮތެއް ލިއުއްވި އެވެ.


4. މުޙައްމަދު ބްނު ހާރޫނު:
މިކަލޭގެފާނަކީ، "މުސްނަދުއްރުވަޔާނީ" ލިއުއްވި ޢިލްމުވެރިޔާ އެވެ. މިކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ، މުޙައްމަދު ބްނު ހާރޫނުއް ރުވަޔާނީ އެވެ.


މަޞްދަރު: ޞައިދުލް ފަވާއިދި