ބަލާޣާ (البلاغة) ނުވަތަ ރިޓޮރިކް (Rhetoric)
ބަހަވީ ނަޒަރަކުން ބަލާއިރު، ބަލާޣާ (البلاغة) ނުވަތަ
ރިޓޮރިކް (Rhetoric) އަކީ، ވާހަކަދައްކާއިރު، ނުވަތަ
ލިޔާއިރު، ލަފުޒުތައް ރަނގަޅަށް ބޭނުންކުރުމުގެ ފަންނެވެ.
އެއީ، ތަފާސްހިސާބު/ޢަދަދު/އެކިއެކި ތިގަނުތައް
(techniques) ބޭނުންކޮށްގެން،
ކާމިޔާބު/ޢަމަލީ/ފައްޢާލު/އިފެކްޓިވް ވާހަކަދެއްކުން
ނުވަތަ ލިއުން ކަމަށް ވެސް ބުނެވެއެވެ.
މައިދާނުގައި މިފަދަ ކިތަންމެ ތަޢުރީފެއް ވެއެވެ.
އެއީ، ކަލާމާއި، ފުރޭފު އުފެއްދުމުގެ ފަންނެވެ.
އެއީ، ކަލާމާއި، ފުރޭފު، މަޤުބޫލު ގޮތެއްގައި އުފެއްދުމުގެ
ފަންނެވެ.
އެއީ، ކަލާމާއި، ފުރޭފު، ރުހެވޭ ގޮތެއްގައި އީޖާދުކުރުމުގެ
ފަންނެވެ.
އިސްޠިލާޙީ މާނައިގައި، ބަލާޣާ (البلاغة) ނުވަތަ ރިޓޮރިކް
(Rhetoric) އަކީ، އެހުންތެރިންނާއި، ކިއުންތެރިންނަށް
ފުންއަސަރު ކުރުވައި، އެމީހުންގެ ރުހުމާއި މަޤުބޫލުކަން
ޙާޞިލުކޮށްދޭ ކަލާމާއި، ފުރޭފެވެ. އެ ދަސްކޮށްދޭ ޢިލްމަކީ،
ރިޓޮރިކް ޢިލްމެވެ. ނުވަތަ ބަލާޣާ ޢިލްމެވެ.
ބަލާޣާ/ރިޓޮރިކް ޢިލްމު ބޭނުންކޮށްގެން މީހުންގެ ވިސްނުން
ބަދަލުކުރެވެއެވެ. އެ ޢިލްމުގެ ބޭނުންކޮށްގެން މީހުން
ރުއްސުވެއެވެ. އެއީ، އަޖައިބެއް ފަދަ އެއްޗެކެވެ. އެއީ،
ދުލުގެ ސިޙުރު ކަމަށް ވެސް މާނަކުރެވިދާނެއެވެ.
ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރައްވާފައި ވެއެވެ.
(إِنَّ مِنَ الْبَيَانِ لَسِحْرًا)
ރިވާކުރެއްވީ: އިމާމު ބުޚާރީ (އައްތާރީޚުލް ކަބީރި).
މާނައީ، "ހަމަކަށަވަރުން، ބަސްމޮށުންތެރިކަމުގެ ތެރޭގައި
ސިޙުރުވާކަން ކަށަވަރެވެ!"
އިންސާނީ ތާރީޚުގެ އެންމެ ބޯދާ ޒަމާނުން ފެށިގެން،
ބަލާޣާ/ރިޓޮރިކް ބޭނުންކުރެވިފައި ވެއެވެ.
ތާރީޚުން އެނގެން އޮތް އެންމެ އިހުގެ ޙަޟާރަތު ކަމުގައިވާ،
މިޞްރުގެ ޤަދީމީ ޙަޟާރަތުގެ ފުރޭފުތަކުގައި
ބަލާޣާ/ރިޓޮރިކް ވެއެވެ.
އެ ޙަޟާރަތުގެ ޢުލޫމު ޔޫނާން/ގްރީކު (Greece) އަށް
ނަޤުލުވިއެވެ.
ދެން ޔޫނާނީ ޙަޟާރަތުން ރޫމީ ޙަޟާރަތަށް ނަޤުލުވިއެވެ.
ދެން ރޫމީ ޙަޟާރަތުން އޭގެ ފަހުގެ ޙަޟާރަތްތަކަށް
ނަޤުލުވިއެވެ.
މިއަދާ ހަމައަށް ވެސް، ބަލާޣާ/ރިޓޮރިކް ބޭނުންކުރެވެއެވެ.
ބަލާޣާ/ރިޓޮރިކް ގެ ތަފާތު ބާވަތްތައް ވެއެވެ. ތަފާތު
ކަންކަމުގައި އޭގެ ބޭނުންކުރެވެއެވެ. ތަފާތު
މަޤުޞަދުތަކުގައި އޭގެ ބޭނުންކުރެވެއެވެ. އެއާމެދު، ތަފާތު
ޒަމާންތަކުގައި، ތަފާތު ޚިޔާލުތައް ފާޅުކުރެވުނެވެ. ތަފާޓު
ސަގާފަތުތަކާ ގުޅޭ ގޮތަށް، ތަފާތު ޒަމާންތަކުގައި އެ
ބައްޓަންކުރެވުނެވެ. ނަމަވެސް އޭގެ އަސާސްތައް މިއަދާ
ހަމައަށް ވެސް ވާޞިލުވެފައި ވެއެވެ.
ލިޔެކިއުމުގެ ފަންނުގައި ބަލާޣާ/ރިޓޮރިކް ބޭނުންކުރާނެ
ގޮތްތައް ވެއެވެ.
ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ބަލާޣާ/ރިޓޮރިކް
ބޭނުންކުރާނެ ގޮތްތައް ވެއެވެ.
ބަލާޣާ/ރިޓޮރިކް ބޭނުންކުރެވޭ ބައެއް ކަންކަން:
1. ދީން ފެތުރުމަށް (ދާޢީން)،
2. ތަޢުލީމު ދިނުމަށް (މުދައްރިސުން/ޓީޗަރުން)،
3. ނަތީޖާ ބަޔާންކުރުމަށް/ބުރަވެވޭ ގޮތް ހާމަކުރުމަށް
(ދިރާސާތަކުގައި)،
4. ސިޔާސީ އަރުތަތައް ޙާޞިލުކުރުމަށް (ސިޔާސީ
މުޙައްނިކުން)،
5. ޕްރޮޕެގެންޑާ ފެތުރުމަށް (ސަރުކާރުން)،
6. އިޝްތިހާރުކުރުމަށް (އެކިއެކި އެއްޗެހި)،
7. ދިފާޢުކުރުމަށް (ޝަރީޢަތުގެ މަޖިލީހުގައި)،
ޖާއިޒު ގޮތުގައި އަދި ނާޖާއިޒު ގޮތުގައި ބަލާޣާ/ރިޓޮރިކް
ބޭނުންކުރެވިދާނެއެވެ. އެއީ، ދެމިޔަލީ ކަނޑިއެއްކަހަލަ
އެއްޗެކެވެ. އޭގެ ބޭނުން ހެޔޮ ގޮތުގައި ކޮށްފިނަމަ އެއީ
ރަނގަޅު އެއްޗެކެވެ. އޭގެ ބޭނުން ނަހަމަ ގޮތުގައި
ކޮށްފިނަމަ އެއީ ނުބައި އެއްޗެކެވެ.
އިސްލާމީ ސަގާފަތުގައި ބުނެވެއެވެ. "ތެދުހަދާށެވެ!
ދެންވެސް ތެދުހަދާށެވެ! ދެންވެސް ތެދުހަދާށެވެ! ތެދަކީ،
ތެދު ކަމުގައި ޤަބޫލުކުރެވިއްޖައުމަށްދާންދެނެވެ."
ޣައިރުދީނުގެ ސަގާފަތުގައި ބުނެވެއެވެ. "ދޮގުހަދާށެވެ!
ދެންވެސް ދޮގުހަދާށެވެ! ދެންވެސް ދޮގުހަދާށެވެ! ދޮގަކީ،
ތެދު ކަމުގައި ޤަބޫލުކުރެވިއްޖައުމަށްދާންދެނެވެ."
ބަލާޣާ (البلاغة) ނުވަތަ ރިޓޮރިކްސް (Rhetoric) އަކީ،
މިޞްރުގެ ޤަދީމީ ޙަޟާރަތުގައި އޮތް އެއްޗެއް ކަމުގައި
ވިޔަސް، އެ ނިސްބަތްކުރެވެނީ، ޔޫނާނީ ފިލޯސަފަރު އަރިސްޠޫ
(أَرِسْطُوطَالِيس)، އެރިސްޓޮޓްލް (Aristotle) އަށެވެ.
އޭނާ ވަނީ އެ ދިރާސާކޮށް، އެއާބެހޭ ގޮތުން ފޮތް
ލިޔެފައެވެ.
ޢަރަބި-އިސްލާމީ ސަގާފަތަށް ނަގުލުވެފައިވާ ރިޓޮރިކާ
ނުވަތަ ރިޠުރީޤާ (ريطوريقا) އަކީ، އަކީ އަރިސްޠޫ (أَرِسْطُو)
ގެ ފޮތްތަކުގެ ތެރެއިން ފޮތެކެވެ. ޢަރަބި އިސްލާމީ
ޙަޟާރުގައި އެ ފޮތަކީ، (الأورغانون) (Organon) (Ὄργανον)
އެވެ، ކިޔާ ފޮތްބައިގައި ހިމެނޭ ފޮތެކެވެ. ޔޫނާނީ ބަހުން (Organon)
(Ὄργανον) ގެ މާނަތަކުގެ ތެރޭގައި، "އިންސްޓްރޫމަންޓް،
ޓޫލް، އޯގަން" ހިމެނެއެވެ. އެނަން ދެވިފައިވާ
ފޮތްބައިގައި، މަންޠިޤު (Logic) ގެ ހަ ފޮތެއް ހިމެނެއެވެ.
އެ ފޮތްތަކަކީ:
1. (المقولات) (Categories) އާއި،
2. (العبارة) (On Interpretation) އާއި،
3. (القياس) (Prior Analytics) އާއި،
4. (البرهان) (Posterior Analytics) އާއި،
5. (الجدل) (Topics) އާއި،
6. (الأغاليط أو تفنيد السفسطة) (Sophistical Refutations)
އެވެ.
މީގެ ތެރެއިން ސޮފިއެސްޓުންނަށް ރައްދުދީފައިވާ ހަވަނަ
ފޮތުގައި، ބަލާޣާ (البلاغة) ނުވަތަ ރިޓޮރިކް (Rhetoric)
ބަޔާންވެފައި ވެއެވެ. އެއީ، އަރިސްޠޫ (أَرِسْطُو) ގެ
ރިޓޮރިކަށް ވާޞިލުކޮށްދޭ ތަޅުދަނޑި ފާލަމެއް ކަމަށް
ބުނެވެއެވެ.
މި ފޮތްތަކުގެ ތެރެއަށް ބައެއް މަޞްދަރުތަކުގައި
އިތުރުކުރެވޭ އެހެން ފޮތްތަކެއް ވެއެވެ. އެއީ:
1. އަލްޚަޠާބާ (الخطابة) ނުވަތަ ވާހަކަދެއްކުންތެރިކަމުގެ
ފަންނު: "ރީޠޫރީޤާ" (ريطوريقا).
2. އައްޝިޢުރު (الشعر) ނުވަތަ ޅެންވެރިކަމުގެ ފަންނު:
"ބޫޠީޤާ" (بويطيقا).
މަންޠިޤު (Logic) އަކީ އަރިސްޠޫގެ ޒަމާނުގައި އެނގިފައިވާ
ލަފުޒެއް ނޫނެވެ. އެއަށް އިޝާރަތްކުރުމަށް ބޭނުންކުރެވުނީ،
(الأورغانون) (Organon) (Ὄργανον) އެވެ. އޭގެ މަފުހޫމީ
މާނައަކީ، "ފިކުރީ ވަސީލަތް" (الأداة الفكرية) އެވެ.
ނަންގަނެވިދިޔަ ފޮތްތައް، ޢަރަބި އިސްލާމީ ސަގާފަތުގެ
ތެރެއަށް އައިސްފައިވަނީ، ހިޖުރީ ސަނަތުން ތިންވަނަ ޤަރުނާ
ހިސާބުގައެވެ. އިބްނުއްނަދީމު (ابن النديم) ގެ
އަލްފިހުރިސްތު (الفهرست) އެވެ، ކިޔާ ފޮތުގައި އެ ފޮތްތަކާ
ބެހޭ ގޮތުން ވެއެވެ.
"ރިޠޫރީޤާ (ريطوريقا)، (Rhetoric) ގެ މާނައަކީ، އަލްޚަޠާބާ
(الخطابة) އެވެ. އެއީ އިހުގެ ފަތްފުށްތަކަކުން
ކުރެވިފައިވާ ނަކަލެކެވެ. ޢަރަބި ބަހަށް އެ ނަކަލުކުރީ
(ތަރުޖަމާކުރީ) އިސްޙާޤު (إسحاق) ކަމަށް ބުނެވެއެވެ. އަދި
އެ ނަކަލުކުރީ އިބްރާހީމު ބްނު ޢަބްދުﷲ (إبراهيم بن عبد
الله) ކަމަށް ވެސް ބުނެވެއެވެ. އެ ތަފުސީރުކުރީ އަލްފާރާބީ
އަބޫ ނަޞްރު (الفارابي أبو نصر) އެވެ. އަޙްމަދު ބްނު
އައްޠައްޔިބު (أحمد بن الطيب) ގެ އަތުލިއުމުން އެ ފޮތް
ލިޔެވިފައި ވަނިކޮށް ދުށީމެވެ. އެއީ އިހުގެ
ފަތްފުށްތަކަކުން ނަކަލުކުރެވިފައިވާ ދުއިސައްތަވަރަކަށް
ޞަފުޙާއެވެ."
އެއަށް އަލިއަޅުވާލެއްވި މުސްލިމު ފިލޯސަފަރުންގެ ތެރޭގައި
އަލްފާރާބީ (الفارابي) (339 ހ.) އާއި، އިބްނު ސީނާ (ابن
سينا) (429 ހ.) އާއި، އިބްނު ރުޝްދު (ابن رشد) (595 ހ.)
ހިމެނެއެވެ.
ބައެއް މަޞްދަރުތައް ބުނާ ގޮތުގައި، ނަންގަނެވިދިޔަ
ފޮތްތަކުގެ ތެރެއިން ފުރަތަމަ ތިންފޮތާއި، ޔޫނާނީ
ފިލޯސަފަރު (فرفوريوس) ލިޔެފައިވާ ފުރަތަފަ ފޮތުގެ
މުޤައްދިމާ (إيساغوجي) ބަހުލަވީ ބަހުން ޢަރަބި ބަހަށް
ތަރުޖަމާކުރީ، އިބްނުލްމުޤައްފަޢު (ابن المقفع) އެވެ.
އެހެން ރައުޔެއް ބުނާ ގޮތުގައި، "އޯގަނޮން" (الأورغانون) (Organon)
ގެ ފޮތްތައް ޢަރަބި ބަހަށް ތަރުޖަމާކޮށްދިނުމަށް، މިޞްރުގެ
އިސްކަންދަރިއްޔާ ގައި ރަށްވެހިވެގެން އުޅުނު ޔޫނާނީ
ޢިލްމުވެރިންގެ ކިބައިން، ޚާލިދުބްނު ޔަޒީދު ބްނު
މުޢާވިޔަތު އެދުނެވެ.
ބަޣުދާދުގެ ބައިތުލްޙިކުމާ (بيت الحكمة) ގައި
ތަރުޖަމާކުރުމުގެ ޙަރަކާތް ހިނގަމުންދިޔަ ދުވަސްވަރު،
"އޯގަނޮން" (الأورغانون) (Organon) ފޮތްބައި، ޢަރަބި
ބަހަށް ތަރުޖަމާކުރެވިފައި ވެއެވެ. އެއީ، ޚަލީފާ މައުމޫން
(المأمون) (170 ހ. (786 މ.) – 218 ހ. (833 މ.)) ގެ
ޒަމާނެވެ.
އަރިސްޠޫ (أَرِسْطُو) އެކަށައެޅި، ރިޓޮރިކް ޢިލްމުގައި (الإقناع)
ރުއްސުވުމުގެ ވަސީލަތްތަކެއް ވެއެވެ. އެއީ، މީހުންގެ
ހިތްދަމައިގަތުމަށްޓަކައި ބޭނުންކުރާ ވަސީލަތްތަކެކެވެ.
އެއީ:
1. އީތޯސް (Ethos): މިއިން ރަމްޒުކޮށްދެނީ، އަޚުލާޤާއި
ރަނގަޅު އުޞޫލުތަކެވެ.
2. ޕާތޯސް (Pathos): މިއިން ރަމްޒުކޮށްދެނީ، ޢާޠިފީ
ކަންތައްތަކެވެ.
3. ލޯގޯސް (Logos): މިއިން ރަމްޒުކޮށްދެނީ، މަންޠިޤެވެ.
އީތޯސް (Ethos):
އީތޯސް އަކީ، ވާހަކަދައްކާ ފަރާތުގެ ބާރުވެރިކަމާއި، (سلطة)
މުޢުތަބަރުކަމަށް (مصداقية) ދަމައިގަތުމުގެ ބާރެވެ.
(ނުވަތަ ޖާޒުބިއްޔަތެވެ.) އެ ބާރު ކަނޑައެޅެނީ، ވަކި
މައުޟޫޢަކަށް ވާހަކަދައްކައިގެން، މީހުން ރުއްސުވުމަށް
(ބައެއް ފަރާތްތަކުން ބޭނުންކުރާ ޣައިރު މުސްލިމު
ތަޢުބީރުން ނަމަ، ހައްލާލުމަށް) ވާހަކަދައްކާ ފަރާތް
އަހުލުވެރިވެ، އެކަމުގެ ކުޅަދާނަކަން ލިބިފައިވާ
މިންވަރުންނެވެ. އީތޯސް ޙާޞިލުކުރެވިދާނެ ބައެއް
ކަންތައްތައް ތިރީގައި މިވަނީއެވެ.
1. ވާހަކަދައްކާ ފަރާތަކީ، ވަކި ދާއިރާއެއްގައި އިސް
ޝަޚުޞިއްޔަތެއް ކަމުގައިވުން: މިސާލަކަށް
ޔުނިވަރސިޓީއެއްގެ ޕްރޮފެސަރެއް ކަމުގައިވުން، ކަމާބެހޭ
ކުންފުންޏެއްގެ ތަންފީޒީ އިސްވެރިއެއް ކަމުގައިވުން،
ނުވަތަ ކަމާބެހޭ މާހިރެއް ކަމުގައިވުން. މިސާލަކަށް،
ދިވެހި ބަހާބެހޭ ގޮތުން ސޯދުބޭ (ޢަބްދުﷲ ޞާދިޤު) ދައްކަވާ
ވާހަކަތައް މީހުން ޤަބޫލުކުރާނެއެވެ. ޅެންވެރިކަމާބެހޭ
ގޮތުން، ފަރެސް ޢާމިރު (މުޙައްމަދު ޢާމިރު) ދައްކަވާ
ވާހަކަތައް މީހުން ތެދުކުރާނެއެވެ. ވާހަކަ ލިއުމާބެހޭ
ގޮތުން ބިންމާ އިބްރާހީމް ވަޙީދު ދައްކަވާ ވާހަކަތައް
މީހުން ބަލައިގަންނާނެއެވެ.
2. ކަމުގައި ޒާތީ މަޞްލަޙަތެއް އޮތުން: މިސާލަކަށް
ކަމާބެހޭ މައުޟޫޢާ ގުޅިފައިވާ މީހެއް ކަމުގައިވުން. މާލެއާ
ހުޅުމާލެއާ ގުޅުވައިދޭ ފާލަމަކީ، މާލޭގައި ވަޒީފާ
އަދާކޮށް، ހުޅުމާލޭގައި ދިރިއުޅޭ މީހުން ބަލައިގަންނާނެ
އެއްޗެކެވެ.
3. މީހުންގެ ޖަޒުބާތާ ކުޅެލާފަދަ ޝިޢާރުތައް ބޭނުންކުރުން:
ވާހަކަދައްކާ ފަރާތަކީ، މައުޟޫޢު ރަނގަޅަށް
އޮޅުންފިލާފައިވާ މުޢުތަބަރު ފަރާތެއްކަން، އެފަދަ
ޝިޢާރުތަކުން މީހުންނަށް އަންގައިދެވިދާނެއެވެ.
މިކަމަށްޓަކައި، ދީނީ ޝިޢާރުތަކާއި، ޤައުމީ ޝިޢާރުތައް
ބޭނުންކުރެވިދާނެއެވެ.
4. ރީތި އަޚުލާޤާއި، ހެޔޮ ޢަމަލުތަކާއި، އެފަދަ މަޤުބޫލު
އަގުތަކަށް ގޮވާލުން: މީހުން ޤަބޫލުކުރާ އިޢުތިޤާދުތަކާއި،
މީހުން ތަބާވާ ސަގާފަތުގެ އިމުގެ ތެރެއިން މިކަން
ކުރެވިދާނެއެވެ. ހެޔޮލަފާ މުސްލިމުން މަކާރިމުލްއަޚުލާޤު
ޤަބޫލުކުރާނެއެވެ.
ޕާތޯސް (Pathos):
އެއީ، މީހުންގެ ޝުޢޫރުތަކާއި، ޢާޠިފިއްޔަތަށް އަމާޒުކުރެވޭ
ނިދާއެކެވެ. ޖަޒުބާތު ކައުކުވައިލާ މި ނިދާ މީހުންނާ
ދިމާއަށް އެތައް ގޮތަކަށް ފޮނުވައިލެވެއެވެ.
ޢިބާރާތަކުންނެވެ. ނުވަތަ ހިނިތުންވުމަކުންނެވެ. ނުވަތަ
ޝައުޤުވެރިކުރުވާ ހަރުދަނާ ބައްދަލުވުމަކުންނެވެ. ނުވަތަ
ކޮންމެވެސް ކަމެއްގައި ޢަދުލުވެރިކަމެއް ނެތް ކަމަށް ބުނެ
ކުރާ ދަޢުވާއަކުންނެވެ.
ޕާތޯސް އަކީ، ރަނގަޅަށް ބޭނުންކުރެވިއްޖެނަމަ، ނުހަނު
ބާރުގަދަ އެއްޗެކެވެ. އެކަމަކު، ގިނަ ވާހަކަދެއްކުންތެރިން
ހަމައެކަނި އެއަށް ބަރޯސާއެއް ނުވެއެވެ.
ޕާތޯސްގައި މީހުންގެ އެކިއެކި ޖަޒުބާތުތައް
ކައްކުވައިލެވެއެވެ. މީހުންގެ ހިތުގައި ލޯބީގެ ޝުޢޫރުތައް
ހިންގުވައިލެވެއެވެ. އެފަދަ ކަންކަމުގެ ތެރޭގައި، ރައްބާނީ
ލޯބި، ދީނީ ލޯބި، ޤައުމީ ލޯބި ކައްކުވައިލެވެއެވެ. އަދި
ވަކި ކަމެއް ޙާޞިލުކުރުމަށްޓަކައި އުފެދޭ މުހުތާދާއި
އެދުންވެރިކަން ވެސް ހިންގުވައިލެވެއެވެ. މުޚާޠަބުކުރެވޭ
ފަރާތުގެ އިޙުސާސްތަކާއި، އެމީހުންގެ މުހުތާދުތަކާއި،
އެމީހުންގެ ޤަބޫލުކުރުންތަކާއި، އެމީހުންގެ ސަގާފަތު އެނގި
އެއަށް ރިޢާޔަތްކުރެވުނު ވަރަކަށް، ޕާތޯސްގެ އަމާޒުހިފަން
ފަސޭހަވާނެއެވެ.
ޕާތޯސް އެންމެ ބާރުގަދަ ގޮތެއްގައި ބޭނުންކުރެވޭނީ،
މުޚާޠަބުކުރާ ފަރާތާއި، މުޚާޠަބުކުރެވޭ ފަރާތް، އެއް
ގަލަކަށް އަރާހިނދުގައެވެ. އެ ދެ ފަރާތުގެ ދެމެދުގައިވާ
އަގުތަކަކީ، އެ ދެ ފަރާތް އިއްތިފާޤުވާ އަގުތަކެއް
ކަމުގައި ވާހިނދުގައެވެ.
މުޚާޠަބުކުރާ ފަރާތުން ބިރުވެރިކަމާއި، އުފާވެރިކަން
އުފެއްދުމަށް ވެސް ޕާތޯސް ބޭނުންކޮށްފާނެވެ. އެމީހުންގެ
ހިތްތަކަށް ކޮންމެވެސް ކަމެއްގެ ބިރުވެރިކަން
ވައްދައިގެން، އެމީހުން އޭނާގެ މުށުތެރެއަށް
ލުމަށްޓަކައެވެ. އެމީހުންގެ ހިތްތަކަށް އުފާވެރިކަން
ވައްދައިގެން އެމީހުން ކޮންޓްރޯލްކުރުމަށް ބޭނުންވާ
ޙާލަތުގައި، ކޮންމެވެސް ޚިޔާލީ މަޝްރޫޢެއް
ހުށަހަޅާފާނެއެވެ. އެއީ، އެމީހުން އުންމީދުކުރާ މަޝްރޫޢެއް
ކަމުގައި ވާތީއެވެ. އެގޮތުން އެމީހުންނަށް ހުވަފެން
ދައްކައިދީގެން، އެމީހުން އެދޭ ގޮތަށް އެމީހުންގެ
މުސްތަޤުބަލު ކުރަހައިދީފާނެއެވެ.
ބައެއް ޙާލަތުތަކުގައި ނުވަތަ ގިނަ ޙާލަތުތަކުގައި،
ބަޔެއްގެ ހިތަށް ކަމެއް ވަންނަނީ، އެމީހުންގެ އިޙުސާސާއި،
ޖަޒުބާތުގެ ދޮރުތަކުން އެކަމެއް ވެއްދީމައެވެ. ލޮލަށްފެނި
އަތުން ހިފެން ހުންނަ ހެކިތަކުގެ އަލީގައި އެކަމެއް
ދެއްކިޔަސް ޤަބޫލެއް ނުކުރެވެއެވެ. އެހެނަސް އިޙްސާސާއި
ޖަޒުބާތުގެ މަގުތަކުން ކުރިއަށް ގޮސްފިނަމަ،
ޤަބޫލުކުރުވަން ފަސޭހަވެދެއެވެ. މިހެންވެ، ޕާތޯސް
ބޭނުންކުރެވެއެވެ.
ހިތުގެއަޑިން ޤަބޫލުކުރުވުމާއި، ރުއްސުވުގެ، ތިން
މާތަދުބީރެއް ނުވަތަ ތިން މަތަތަދުބީރެއް (Strategy)
މުޙައްޤިޤުން ހުށަހަޅާފައި ވެއެވެ. އެއީ:
1. ނަފުސީ ޙަރަކާތުގެ މާތަދުބީރު.
2. ސަގަމާޢީ (ސަގާފީ-އިޖުތިމާޢީ) މާތަދުބީރު.
3. މާނަ އުފެއްދެމުގެ މާތަދުބީރު.
ލޯގޯސް (Logos):
ލޯގޯސް ބިނާވެފައިވަނީ، މަންޠިޤުގެ މައްޗަށެވެ. ލޯގޯސް
(Logos) އައިސްފައިވަނީ، ލޮޖިކް (Logic) މި ލަފުޒުންނެވެ.
އާންމު ގޮތެއްގައި ލޯގޯސް ބޭނުންކުރެވެނީ، ވާހަކަދައްކާ
މައުޟޫޢަށް ބާރުލިއްބައިދޭ ޙަޤީޤަތްތަކާއި، ޢަދަދުތައް
ބަޔާންކުރުމަށެވެ. ލޯގޯސް އަކީ، އީތޯސް އަށް އެހީތެރިވެދޭ
ބަހާއެކެވެ. އެހެނީ، މަޢުލޫމާތު މުއްސަނދިވުމަކީ،
މުޚާޠަބުކުރާ ފަރާތުގެ ތަޢުލީމުޔާފުތާކަން
ތަނަވަސްކަމުގައި، މުޚާޠަބުކުރެވޭ ފަރާތުން ޤަބޫލުކުރާނެ
ކަމެކެވެ. މިތާނގައި ފާހަގަކޮށްލަންޖެހޭ މުހިންމު
ނުކުތާއެއް ވެއެވެ. އެއީ، މަޢުލޫމާތުގެ މުއްސަނދިކަމަކީ،
މުޚާޠަބުކުރެވޭ ފަރާތުގެ ކިބައިގައި ޝައްކާއި ވަސްވާސް
އުފައްދާ އެއްޗެއް ކަމުގައި ނެހެދުމެވެ. ނުސީދާ މަގަކުން
ދެވިއްޖެނަމަ، ލޯގޯސް އަކީ، މުޚާޠަބުކުރެވޭ ފަރާތް
ވާވައްދާލާނެ އެއްޗެކެވެ. މި ނުކުތާއާމެދު ވަރަށް ބޮޑަށް
ސަމާލުވާންޖެހެއެވެ.