އިހުގެ ފާރީސީ ޅެމަށް ނަޒަރެއް
އިހުގެ ފާރީސީ ޅެމަކީ، ޤާފިޔާއެއްގެ މައްޗަށް
ބިނާވެފައިވާ ޅެމެވެ. އެ ޅެންތަކުގެ އެތައް ބާވަތެއް ވި
އެވެ. އޭގެ ތެރޭގައި ހިމެނޭ އަސާސީ ހަތަރު ބާވަތަކީ:
1. ޤަޞީދާ ޅެން،
2. މަޘްނަވީ ޅެން،
3. ޣަޒަލު
ޅެން،
4. ރުބާޢީ ޅެން، އެވެ.
ޤަޞީދާ ޅެމަށް ކިޔޭ
އަނެއް ނަމަކީ، ޣިނާއިއްޔަ ޅެމެވެ. މި ބާވަތުގެ ޅެމަކީ
ދިގު އެއްޗެކެވެ. އޭގެ ޤާފިޔާ އެއްގޮތެވެ. އާންމު
ގޮތެއްގައި އޭގެ މައުޟޫޢަކީ، މަދަޙަ އެވެ. ނުވަތަ ތަޢުލީމު
ދިނުމެވެ. ނުވަތަ ދީނީ މައުޟޫޢެކެވެ.
މަޘްނަވީ
ޅެމަކީ، އޭގެ އެކި ބައިތައް އެކި ޤާފިޔާގެ މައްޗަށް
ބިނާވެފައިވާ އެއްޗެކެވެ. އާންމު ގޮތެއްގައި މިބާވަތުގެ
ޅެމަކީ، ދާސްތާނާއެކެވެ. ނުވަތަ ވާހަކައެކެވެ. ނުވަތަ
ލޯބީގެ މައުޟޫޢެކެވެ.
ޣަޒަލު ޅެމަށް،
"ޣަޒަލިއްޔާތު" އެވެ، ކިޔަ އެވެ. އަދި އެއަށް "ޣިނާއިއްޔަ
ޅެން" ނުވަތަ "ޢާޠިފީ ޅެން" ވެސް ކިޔަ އެވެ. އެއީ
ނަންގަނެވިދިޔަ ދެ ބާވަތުގެ ޅެމާ އަޅާބަލާއިރު، ވަރަށް
ކުރު އެއްޗެކެވެ. އެހެނީ، ޣަޒަލެއްގެ ދިގުމިނަކީ ހަތަރު
ބައިތާއި، ސޯޅަ ބައިދާ ދެމެދުގެ ދިގުމިނެކެވެ. ހުރިހާ
ބައިގެއްގެ ޤާފިޔާ އެއްގޮތްވާނެ އެވެ. އާންމު ގޮތެއްގައި
އޭގެ މައުޟޫޢަކީ، ޢިޝްޤާއި، ޞޫފިއްޔަތެވެ. މިބާވަތުގެ
ޣަޒަލުގެ ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ،
"ތަޚައްލުޞު" އެވެ. ތަޚައްލުޞަކީ، ޣަޒަލުގެ ފަހު
ބައިތުގައި ހިމަނާ، ޣަޒަލު ހެދި ޅެންވެރިޔާގެ ޝާޢިރީ
ނަމެވެ. ނުވަތަ އޭނާގެ ރަމްޒީ ނަމެވެ.
ރުބާޢީ
ޅެމަށް، "ރުބާޢިއްޔާތު" ގެ ނަން ދެވިފައި ވެ އެވެ. އޭގެ
ކޮންމެ ބައިތެއްގައި ވާނީ، ހަތަރު ޅެން ފޮޅުވަތެވެ. އެންމެ
މަޝްހޫރު ރުބާޢިއްޔާތަކީ، ޢުމަރު ޚައްޔާމުގެ
ރުބާޢިއްޔާތެވެ.
ފާރިސީ ޅެމަކީ، ތަރުޖަމާކުރަން
ފަސޭހަ އެއްޗެއް ނޫނެވެ. ތަރުޖަމާކުރާއިރު، އޭގެ
ޝާޢިރިއްޔަތާއި ރޫޙާނިއްޔަތު ގެއްލިގެންދާތީ އެވެ.
ޚާއްޞަކޮށް ހުޅަނގުގެ ބަސްތަކަށް ފާރިސީ ޅެން
ތަރުޖަމާކުރާއިރު، އެއިން ވަރަށް ބޮޑު ބަޔެއް އުނިވެގެންދާ
ކަމަށް ބުނެވެ އެވެ. އެހެނީ، ފާރިސީ ޅެމަކީ،
މިނިވަންކަމާއެކު އޭގައި ޞޫފީންގެ ބަހުރުވަ
ބޭނުންކުރެވިފައިވާ އެއްޗެކެވެ. އަދި ކީރިތި ޤުރުއާނާއި،
ޠާހިރު ސުންނަތާއި، އެފަދަ އެހެން މަޞްދަރުތަކުން ވެސް
އެއަށް ވަނީ ފުރާނަ އެޅުވިފަ އެވެ. ހުޅަނގުގެ
ޅެންވެރިކަމަށް ކާނާ ލިއްބައިދޭ އެފަދަ މަޞްދަރުތަކެއް
ނެތެވެ.
ފާރިސީ ޅެމުގައިވާ އެންމެ އަސަރުގަދަ
ޖަޒުބާތަކީ، އެ ބަހުގައިވާ ރިވެތި ލަޙުނާއި އޭގެ
މުސީޤިއްޔަ ރާގެވެ. ފާރިސީ ބަހުގެ ޅެންތައް އެހެން
ބަސްބަހަށް ތަރުޖަމާކުރާއިރު، އެފަދަ އެތައް މީޒާތަކެއް
ގެއްލިގެންދެ އެވެ. އެކަމުގެ ނޭދެވޭ އަސަރު ތަރުޖަމާކުރެވޭ
ޅެމަށް ކުރެ އެވެ. އަޞްލު ޅެމުގައިވާ ދިރުމާއި
ރޫޙާނިއްޔަތު، ތަރުޖަމާކުރެވޭ ޅެމުން އުނިވެގެންދާ ކަމަށް
ތަޖުރިބާކާރު މާހިރުން ވިދާޅުވެފައި ވެ އެވެ.