އާފަލު ގަސް
ޢުމުރުން ދުވަސްވެފައިވާ އާފަލުގަހެކެވެ. އެގަހުގެ
ވަށައިގެން ކުޑަކުއްޖަކު ކުޅެން އުޅުނެވެ. ކޮންމެ ދުވަހަކު
ވެސް އެކުއްޖާ އެގަހުގެ ހިޔަލުގައި ކުޅެ އެވެ. އެގަހަށް
އަރައި، ގޮފިތަކުގައި އެލިގަނެގެން އުޅެ އެވެ. އެގަހުގެ
މޭވާތައް ބިނދެގެން ކައެވެ. ކުޅިވަރުކުޅެ ވަރުބަލިވުމުން،
އެގަހުގެ ހިޔަލުގައި ނިދަ އެވެ.
އެކުއްޖާ، އާފާލު ގަސް ދެކެ ނުހަނު ލޯބިވެ އެވެ. އާފަލު
ގަސް، އެއަށްވުރެ މާބޮޑަށް އެކުއްޖާ ދެކެ ލޯބިވެ އެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައިރު، އެކުއްޖާ ވެސް
ހެދިބޮޑުވަމުން ދިޔަ އެވެ. އެއާއެކު، އާފަލު ގަހުގެ
ހިޔަލުގައި އެކުއްޖާ ކުޅެން ހޭދަކުރާ ވަގުތު މަދުވަމުން
ދިޔަ އެވެ. އެންމެފަހުން، އާފަލު ގަސް ކައިރީގައި
ކުޅެއުޅުން، އެކުއްޖާ މުޅިން ހުއްޓާލި އެވެ.
އެގޮތުގައި ދުވަސްކޮޅެއް ފާއިތުވެދިޔަ ފަހުން،
އެއްދުވަހަކު، އެކުއްޖާ އާފަލު ގަހުގެ ކައިރިއަށް ދިޔަ
އެވެ. އޭރު އެކުއްޖާ ވަނީ ކޮންމެވެސް އެއްޗެއް ނުލިބިގެން
އެކަމާމެދު ފިކުރުބޮޑުވެފައިކަން އެނގެ އެވެ.
އާފަލު ގަސް ބުންޏެވެ. "ކުޅެން އަންނާށެވެ!"
އެކުއްޖާ ބުންޏެވެ. "ގަސްދޮށުގައި ކުޅެން އުޅޭ ވަރަށްވުރެ
މިހާރު ތިމަންނާ މާ ބޮޑުވެއްޖެ އެވެ. މިހާރު ތިމަންނާ
ބޭނުންވަނީ ބާޒާރުގައި ހުންނަ ކުޅޭ އެއްޗެހި ގަނެގެން
ކުޅުމަށެވެ. ނަމަވެސް އެތަކެތި ގަންނާނެ ފައިސާއެއް
ތިމަންނާ އަތަކު ނެތެވެ."
ގަސް ބުންޏެވެ. "ތިމަންނާ އަތަކު ފައިސާއެއް ނެތެވެ.
ނަމަވެސް ތިމަންނާ އަތުގައި މޭވާތައް އެބަހުއްޓެވެ.
ގޮފިތަކުގައި މިވާ އާފަލުތައް ބިނދެގެން ގޮސް ވިއްކައިގެން
ފައިސާ ހޯދާށެވެ!"
ދެން އެކުއްޖާ ވަރަށް ބޮޑަށް އުފާ ފާޅުކޮށް، އާފަލު
ބިނދެގެން ދިޔަ އެވެ. އަދި އާފަލު ވިއްކައިގެން ލިބުނު
ފައިސާއިން ކުޅޭ އެއްޗެހި ގަތެވެ. އެއަށްފަހު، އާފަލު ގަސް
ފެންނަ ހިސާބަކަށް ނުދެ އެވެ. އެގަހުގެ މަތިން އޭނާ
ހަނދާން ނެތުނު ކަހަލަ އެވެ. އެކުއްޖާ ނުފެންނާތީ އާފަލު
ގަސް ވަރަށް ބޮޑަށް ހިތާމަކުރެ އެވެ.
އެގޮތުގައި އެތައް ދުވަހެއް ފާއިތުވެދިޔަ ފަހުން، އޭނާ
އާފަލު ގަސް ކައިރިއަށް ދިޔަ އެވެ. އޭރު އޭނާއަކީ
ކުޑަކުއްޖެއް ނޫނެވެ. އޭނާވަނީ ބޮޑު ފިރިހެނަކަށް ވެފަ
އެވެ.
އާފަލު ގަސް ބުންޏެވެ. "ކުޅެން އަންނާށެވެ!"
އޭނާ ބުންޏެވެ. "ތިމަންނާއަކީ، މިހާރު ގަސްދޮށުގައި
ކުޅޭވަރުގެ ކުޑަކުއްޖެއް ނޫނެވެ. މިހާރު ތިމަންނާއަކީ،
ބޮޑު ފިރިހެނެކެވެ. އަނތްބަކާއި ދަރީން ބަލަން ޖެހިފައިވާ
މަސްއޫލުވެރިއެކެވެ. އަނބިދަރީން ދިރިއުޅުމަށްޓަކައި
ގެއެއް އަޅަން އެބަޖެހެ އެވެ. މިކަމުގައި ތިމަންނާއަށް
އެހީތެރިވެދީފާނަން ހެއްޔެވެ؟"
އާފަލު ގަސް ބުންޏެވެ. "ތިމަންގެ ގޮފިތައް ކަނޑައިގެން
ގޮސް އެއިން ގެއެއް އަޅާށެވެ!"
ދެން އޭނާ އާފަލު ގަހުގެ ގޮފިތައް ކަނޑައިގެން ގޮސް އެއިން
ގެއެއް އެޅި އެވެ. އެކަމަށްޓަކައި އާފަލު ގަސް އުފާކުރި
އެވެ. އެގަހުގެ ގޮފިތަކުން އޭނާއާއި އޭނާގެ އަނބި
ދަރީންނަށް އުފާ ފާގަތިކަން ޙާޞިލްވީތީ އެވެ. ނަމަވެސް
އެއަށްފަހު، އެގަސް ފެންނަ ހިސާބަކަށް އޭނާ ނުދެ އެވެ.
އެކަމާހެދި އަނެއްކާ ވެސް، ކޮންމެ ދުވަހަކު ގަސް
ހިތާމަކުރަމުން ގެންދިޔަ އެވެ.
އެގޮތުގައި އެތައް ދުވަހެއް ފާއިތުވެފައި ވަނިކޮށް،
އަނެއްކާވެސް އޭނާ އާފަލު ގަސް ކައިރިއަށް ދިޔަ އެވެ. އެއީ
ވަރަށް ހޫނުގަދަ ދުވަހެކެވެ. އޭނާ ފެނުމުން އާފަލު ގަސް
ކުރަމުން ގެންދިޔަ ހުރިހައި ހިތާމައެއް މުޅިން
ފިލައިގެންދިޔަ އެވެ.
އާފަލު ގަސް ބުންޏެވެ. "ކުޅެން އަންނާށެވެ!"
އޭނާ ބުންޏެވެ. "މިހާރު ތިމަންނާގެ ދަރީން ބޮޑެތިވެ،
އެކުދިން ދިރިއުޅުމަށްޓަކައި އެކި ރަށްރަށުގައި
ވަޒަންވެރިވެއްޖެ އެވެ. މިހެންވެ، އެކުދިންގެ ގާތަށް
ގޮސްއުޅުމަށްޓަކައި ދަތުރުކުރާނޭ އުޅަނދެއް އެބަ ބޭނުންވެ
އެވެ."
އާފަލު ގަސް ބުންޏެވެ. "ތިމަންގަހުގެ ގަސްގަނޑު
ކަނޑައިގެން އެއިން އުޅަނދެއް ބަނދެގެން، އެކުދިންގެ
ގާތަށް ގޮސްއުޅޭށެވެ!"
ދެން އޭނާ އެ ގަސް ކަނޑައިގެން، އެއިން އުޅަނދެއް ބަނދެ،
އެ އުޅަނދުގައި ދަތުރުކުރި އެވެ. އެގޮތުގައި އެތައް
އަހަރެއް ފާއިތުވެދިޔަފަހުން، އޭނާ އަނެއްކާ ވެސް އާފަލު
ގަސް ކައިރިއަށް ދިޔަ އެވެ. އޭރު އެގަހުގެ މޫތައް ފިޔަވައި
އެހެން ހުރިހައި އެއްޗެއް ވަނީ މުޅިން ބީވެފަ އެވެ.
އެ މޫތައް ބުންޏެވެ. "މިއަދު ތިބާއަށް ދޭނެ އެއްޗެއް
ތިމަންނާ އަތަކު ނެތެވެ. މިއަދަކު އެންމެ އާފަލެއް ވެސް
ނެތެވެ."
އޭނާ ބުންޏެވެ. "މިއަދު އެއްޗެއް ދޭނެ ކަމެއް ނެތެވެ.
އާފަލެއް ކާލާނެ ދަތެއް ވެސް މިއަދު ތިމަންނާގެ އަނގަޔަކު
ނެތެވެ."
އާފަލު ގަހުގެ މޫތައް ބުންޏެވެ. "މިއަދު ތިބާ އަރައި
އިންނާނެ ގޮތްޕެއް ވެސް ތިމަންނާ އަތަކު ނެތެވެ."
އޭނާ ބުންޏެވެ. "ތިމަންނާއަކަށް މިއަދަކު އެއްވެސް
ތަނަކަށް ނޭރޭނެ އެވެ. ތިމަންނާ މިހާރު މިވަނީ
އަބަހައްދަވެފަ އެވެ."
އާފަލު ގަހުގެ މޫތައް ރޮއިގެންފައި ބުންޏެވެ. "ތިބާއަށް
ދޭނެ އެއްވެސް އެއްޗެއް ތިމަންނާގެ އަތުގައި ނެތަތީ
ހިތާމަކުރަމެވެ. މި މޫތައް ވެސް މިވަނީ މުޅީން ފީވެފަ
އެވެ."
އޭނާ ބުންޏެވެ. "މިއަދު ތިމަންނާ މިދުނިޔެއިން އެއްވެސް
އެއްޗެއް ބޭނުމެއް ނޫނެވެ. ތިމަންނާ މިވަނީ، މުޅިން
ވަރުބަލިވެ، އަރާމު ކުރަން އޮށޯންނާނެ ތަނަކަށް ބޭނުންވެފަ
އެވެ."
އެހިނދު މޫތައް ބުންޏެވެ. "އެހެންކަމަށްވަނީ ނަމަ، މި
މޫތައް ފެތުރިފައިވާ ބިމުން ތިބާއަށް ޖާގަ ދެމެވެ. މި
ބިމުގައިވާ މޫތަކުގެ އޯގާތެރި ތަންމަތީގައި އަރާމުކޮށްލަން
އޮށޯންނާށެވެ!"
ދެން އޭނާ، އެ މޫތައް ފެތުރިފައިވާ ބިމަށް ފައިބައި،
އެތާނގައި އޮށޯވެއްޖެ އެވެ!
<><><><><>
މިހިސާބަށް މިވާހަކަ ނިމުނީ އެވެ.
މިވާހައިން ތިޔަ ޢިއްޒަތްތެރި ކިޔުންތެރިޔާއަށް ހެޔޮ
ވިސްނުމެއް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.
މިވާހަކައިގައިވާ އޯގާވެރި އާފަލު ގަހަކީ ރަމްޒެކެވެ.
އެއިން ރަމްޒުކުރަނީ މައިންބަފައިންނަށެވެ. ޚާއްޞަކޮށް
މަންމައަށެވެ.
އާފަލު ގަސް ފަދައިން، މަންމައާއި ބައްޕަ، އެދެމީހުންގެ
ދަރީންނަށް އޯގާވެރިކަން އަދާކުރެ އެވެ. އެ ދެމީހުންނަށް،
ދަރީންގެ ފުށުން ލޯބި ނުލިބޭއިރު ވެސް، އެދެމީހުން
އިންތިހާ ދަރަޖައަށް ދަރީންދެކެ ލޯބިވެ އެވެ. މާތް ﷲ،
މައިންބަފައިންގެ ދަރަޖަ، ދަރީންގެ ކުރިމަތީގައި
އުފުއްލަވާފައިވަނީ މިފަދަ ސަބަބުތަކަށްޓަކަ އެވެ.
އެކަލާނގެ ވަޙީކުރައްވާފައިވެ އެވެ.
(وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ
وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ
الْكِبَرَ أَحَدُهُمَا أَوْ كِلاهُمَا فَلاَ تَقُل
لَّهُمَا أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً
كَرِيمًا)
އަލްއިސްރާ: 23
މާނައީ، "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން
ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް،
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވި
އެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެ
ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެ
ދެމީހުންނަށް އުފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ
ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ
ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ
ދެމީހުންނަށް ބަސްބުނާށެވެ!"
މަޞްދަރު:
http://dreamsahlam.jeeran.com/d
reams/archive/2007/3/181530.html