ބުއްދިއެއް ނެތް ޓީޗަރު


މާތް ﷲ ވޮޑިގެންވާ ކަމާމެދު އިންކާރުކުރާ ޓީޗަރަކު، އޭނާގެ ދަރިވަރުންނަށް ފިލާވަޅެއް ޝަރަޙަކޮށްދެމުން ގެންދިޔައެވެ. އެކަމުގެ ތެރޭގައި އޭނާ ބޭނުންވީ، މާތް ﷲ ވޮޑިގެން ނުވާކަން ދަރިވަރުންނަށް ވިސްނުވައިދިނުމަށެވެ. އެކަމަށް މަގުފަހިކުރުމުގެ ގޮތުން، ކްލާހުގައި އިން ނަގާކިޔާ ކުއްޖަކާ އޭނާ ވާހަކަދައްކަމުން ގެންދިޔައެވެ.

ޓީޗަރު: "ސަމީރާއެވެ! ސްކޫލްގެ ގޯތިތެރޭގައި ހެދިފައިވާ ރީތި ވިނަތައް އެބަ ފެނޭހެއްޔެވެ؟"
ސަމީރާ: "އާދޭހެވެ. އަޅުގަނޑަށް އެ ވިނަތައް އެބަ ފެނެއެވެ."

ޓީޗަރު: "އެތާނގައި ހެދިފައިވާ ގަސްގަހާގެހި އެބަ ފެނޭހެއްޔެވެ؟"
ސަމީރާ: "އާދޭހެވެ. އަޅުގަނޑަށް އެ ގަސްތައް ވެސް އެބަ ފެނެއެވެ."

ޓީޗަރު: "އުޑުގައިވާ ވިލާތައް އެބަ ފެނޭ ހެއްޔެވެ؟"
ސަމީރާ: "އާދޭހެވެ! ވިލާތައް ވެސް އެބަ ފެނެއެވެ."

ޓީޗަރު: "ކްލާހުން ބޭރަށް ނުކުމެ އުޑުމަތިން ފެންނަ އެއްޗެހިތައް ބަލާލާފައި އަންނާށެވެ!"

ދެން ސަމީރާ ކްލާހުން ނިކުމެ އުޑުމަތިން ފެންނަ އެއްޗެހިތައް ހޯދައިބެލިއެވެ. އެއަށްފަހު، ކްލާއަށް އެނބުރި ދިޔައެވެ.

ޓީޗަރު: "ސަމީރާއެވެ! އުޑުން ފެނުނީ ކޮންކޮން އެއްޗިއްސެއް ހެއްޔެވެ؟"

ސަމީރާއަށް އުޑުން ފެނުނު އެއްޗެހި ކިޔައިދިނުމުން ޓީޗަރު ސުވާލުކުރިއެވެ.

"ތިބާ އަށް، އުޑުގެ އެއްވެސް ތަނަކުން މާތް ﷲ ފެނުނު ހެއްޔެވެ؟"

ހިތްހަނުޖެހުމާއެކު ސަމީރާ ބުންޏެވެ. "ތިޔަކަހަލަ ސުވާލުތައް ކުރައްވަނީ ކީއްވެތޯއެވެ؟ މި ކްލާހުގެ ދަރިވަރުންނަކީ، މާތް ﷲ އަށް އީމާންވާ މުސްލިމު ކުދިބަޔެކެވެ."

ޓީޗަރު: "މި ވުޖޫދުން ނުފެންނަ އެއްޗެއް، މި ވުޖޫދުގައި ވާކަމަށް އީމާންވުމަކީ، ކިހާ ބޮޑު މޮޔަ ކަމެއް ހެއްޔެވެ؟"

ޓީޗަރު މިހެން ބުނުމުން އެހެން ކުއްޖަކު އަތް އުފުލާލިއެވެ. ވާހަކަދެއްކުމުގެ ހުއްދަ އޭނާ އަށް ޓީޗަރު ދެއްވުމުން އޭނާ ބުންޏެވެ.

"ސަމީރާއެވެ! މިހުންނެތި ޓީޗަރު ސަމީރާއަށް އެބަ ފެނޭ ހެއްޔެވެ؟"

ސަމީރާ: "އާނއެކެވެ. އަހަރެންނަށް ޓީޗަރު އެބަ ފެނެއެވެ."

ދަރިވަރު: "މި ޓީޗަރުގެ ބުއްދި ސަމީރާއަށް އެބަ ފެނޭ ހެއްޔެވެ؟"
ސަމީރާ: "ނޫނެކެވެ. އަހަރެންނަކަށް އޭނާގެ ބުއްދިއެއް ނުފެނެއެވެ."

ދަރިވަރު: "ހުރިހާ އެކުވެރިންނޭވެ! އަހަރެމެންނަކަށް މި ޓީޗަރުގެ ބުއްދިއެއް ނުފެނެއެވެ. މި ޓީޗަރު ވިސްނައި ފިކުރުކުރާ މިންގަނޑުން ބަލާއިރު، މީނާ އަކީ، ބުއްދިއެއް ނެތް ޓީޗަރެކެވެ!"