"ޔަތަޝައްމަމު" (يَتَشَمَّمُ) ގެ މާނަ
ދިވެހި ބަސް ތަރައްޤީކުރެއްވުމަށްޓަކައި
މަސައްކަތްކުރައްވާ ބައެއް ފަރާތްތަކުން، "ޔަތަޝައްމަމު"
(يَتَشَمَّمُ) ގެ މާނައާމެދު ބަހުސްކުރައްވާތަން ފެނެ
އެވެ. އެ ލަފުޒު އިހުގެ އަދަބިއްޔާތުގައި ދިވެހި ބަހަށް
ތަރުޖަމާކުރެވިފައިވާ ގޮތާއި، މިޒަމާނުގައި ތަރުޖަމާކުރެވޭ
ގޮތާ ބެހޭ ގޮތުންނެވެ. ޢަރަބި ބަހުގެ އެފަދަ ލަފުޒުތައް
ދިރާސާކުރައްވައި، އެއިން ދިވެހި ބަހަށް އިތުރު އާރޯކަން
ގެނެސްދެއްވުމަށްޓަކަ އެވެ. އެފަދަ ފަރާތްތަކުން ދިވެހި
ބަހަށްޓަކައި ކޮށްދެއްވަމުން އެގެންދަވަނީ އަގުހުރި
ޚިދުމަތްތަކެކެވެ. އެ ކަމުގައި ބައިވެރިވެލުމުގެ
ނިޔަތުގައި މި މަޒުމޫނު ލިޔަމެވެ.
"ޔަތަފައްޢަލު"
(يَتَفَعَّلُ) ގެ ވަޒަނަށް ދާ "ޔަތަޝައްމަމު"
(يَتَشَمَّمُ) އަކީ، ގިނަ މާނަތެއް އިލްހާމުކޮށްދޭ
ލަފުޒެކެވެ. އޭގައި އެކުލެވޭ މާނަތައް ދެނެގަތުމަށްޓަކައި،
ކީރިތި ޤުރުއާނަށް ނަޒަރު ހިންގައިލަން ޖެހެ އެވެ.
"ޔަތަފައްޢަލު" (يَتَفَعَّلُ) ގެ ވަޒަނަށްދާ ކަލިމަތައް،
ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި ވާތީ އެވެ. އޭގެ
މިސާލަކީ، "ޔަތަދައްބަރު" (يَتَدَبَّرُ) އާއި،
"ޔަތަޛައްކަރު" (يَتَذَكَّرُ) ފަދަ ކަލިމަތަކެވެ. ކީރިތި
ޤުރުއާނުގައި މި ދެ ކަލިމަ، މިނޫން ގޮތަކަށް ވެސް ވެ އެވެ.
އެއީ، "ޔައްދައްބަރު" (يَدَّبَّرُ) އާއި، "ޔައްޛައްކަރު"
(يَذَّكَّرُ) އެވެ. "ޔަތަޝައްމަމު" (يَتَشَمَّمُ) ގެ
މާނައަށް އަލި އަޅުވައިލުމުގެ ކުރިން، މި ކަލިމަތަކުގެ
މައްޗަށް ނަޒަރު ހިންގައިލާނަމެވެ.
ކީރިތި
ޤުރުއާނުން ބައެއް މިސާލުތައް
"ޔަތަދައްބަރު"
(يَتَدَبَّرُ) އާއި، "ޔަތަޛައްކަރު" (يَتَذَكَّرُ) ގެ
ވަޒަނަކީ، "ޔަތަފައްޢަލު" (يَتَفَعَّلُ) އެވެ.
"ޔައްދައްބަރު" (يَدَّبَّرُ) އާއި، "ޔައްޛައްކަރު"
(يَذَّكَّرُ) ގެ ވަޒަނަކީ، "ޔައްފައްޢަލު" (يَفَّعَّلُ)
އެވެ. ތިރީގައި މިވަނީ، މި ދެ ކަލިމަ ހިމެނޭ ބައެއް
އާޔަތްތަކެވެ. ކޮންމެ އާޔަތަކަށްފަހު، ކީރިތި ޤުރުއާނުގެ
ދިވެހި ތަރުޖަމާގައިވާ އެ އާޔަތުގެ ތަރުޖަމާ އާއި، މި
މަޒުމޫނުގެ ސިޔާޤުގައި ކޮށްފައިވާ ތަރުޖަމާ ވާނެ އެވެ. މި
ތިން ބައި، (އާދެ، އާޔަތާއި އޭގެ ދެ ތަރުޖަމާ)
ވިދިވިދިގެން އެއް ތަނެއްގައި ގެނެސްފައި ވަނީ، މަޒުމޫނު
ކުރުކޮށް، ދޭހަ ފަހިކޮށް، ވަގުތު ސަލާމަތްކުރުމުގެ
މަޤުޞަދުގަ އެވެ.
(أَفَلا يَتَدَبَّرُونَ
الْقُرْآنَ أَمْ عَلَى قُلُوبٍ أَقْفَالُهَا)
މުޙައްމަދު: 24
ކީރިތި ޤުރުއާނުގެ ތަރުޖަމާގައިވާ
މާނަ: "ފަހެ، ޤުރުއާނާމެދު އެއުރެން ވިސްނައި
ފިކުރުނުކުރަނީ ހެއްޔެވެ؟ (އެއުރެންގެ) ހިތްތަކުގައި
ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟"
މި މަޒުމޫނުގެ
ސިޔާޤުގައި ކުރެވޭ މާނަ: "ފަހެ، ޤުރުއާނާމެދު އެއުރެން
ވިސްނުން ހިންގަމުން ފިކުރުކުރަމުން ނުގެންދަނީ ހެއްޔެވެ؟
(އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ
ހެއްޔެވެ؟"
(أَفَلَمْ يَدَّبَّرُوا الْقَوْلَ أَمْ
جَاءَهُم مَّا لَمْ يَأْتِ آبَاءَهُمُ الأَوَّلِينَ)
އަލްމުއުމިނޫން: 68
ކީރިތި ޤުރުއާނުގެ
ތަރުޖަމާގައިވާ މާނަ: "ފަހެ، ޤުރުއާނާމެދު އެއުރެން
ވިސްނުން ހިންގައި ފިކުރުނުކުރަނީ ހެއްޔެވެ؟ ނުވަތަ
އެއުރެންގެ އިހުގެ ކާބަފައިންގެ ގާތަށް ނާންނަ ކަމެއް
އެއުރެންގެ ގާތަށް އައީ ހެއްޔެވެ؟"
މި މަޒުމޫނުގެ
ސިޔާޤުގައި ކުރެވޭ މާނަ: "ފަހެ، ޤުރުއާނާމެދު އެއުރެން
ގިނަގިނައިން ވިސްނުން ހިންގައި ފިކުރުނުކުރަނީ ހެއްޔެވެ؟
ނުވަތަ އެއުރެންގެ އިހުގެ ކާބަފައިންގެ ގާތަށް ނާންނަ
ކަމެއް އެއުރެންގެ ގާތަށް އައީ ހެއްޔެވެ؟"
(وَلَقَدْ وَصَّلْنَا لَهُمُ الْقَوْلَ لَعَلَّهُمْ
يَتَذَكَّرُونَ)
އަލްޤަޞަޞް: 51
ކީރިތި
ޤުރުއާނުގެ ތަރުޖަމާގައިވާ މާނަ: "އަދި ހަމަކަށަވަރުން
ތިމަންރަސްކަލާނގެ ވަޙީގެ ބަސްފުޅު (އެބަހީ: ޤުރުއާން)
ވިދިވިދިގެން ބާވައިލައްވައި، އެއުރެންނާ ހަމައަށް
ގެނެސްދެއްވީމެވެ. އެއީ، އެއުރެން ހަނދުމަކުރުމަށްޓަކަ
އެވެ."
މި މަޒުމޫނުގެ ސިޔާޤުގައި ކުރެވޭ މާނަ:
"އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވަޙީގެ ބަސްފުޅު
(އެބަހީ: ޤުރުއާން) ވިދިވިދިގެން ބާވައިލައްވައި،
އެއުރެންނާ ހަމައަށް ގެނެސްދެއްވީމެވެ. އެއީ، އެއުރެން
ހަނދުމަކުރަމުން ގެންދިއުމަށްޓަކަ އެވެ."
(فَإِمَّا
تَثْقَفَنَّهُمْ فِي الْحَرْبِ فَشَرِّدْ بِهِم مَّنْ
خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ)
އަލްއަންފާލު:
57
ކީރިތި ޤުރުއާނުގެ ތަރުޖަމާގައިވާ މާނަ: "ފަހެ،
ހަނގުރާމައިގައި ކަލޭގެފާނު އެއުރެން އަތުލައްވައިފިނަމަ،
އެއުރެންގެ ފަހުން އަންނާން ތިބި ބަޔަކު
ވަކިވަކިވެގެންދާނޭ ގޮތުން، އެއުރެންނަށް އަދަބު
ދެއްވާށެވެ! (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކަ އެވެ."
މި މަޒުމޫނުގެ ސިޔާޤުގައި ކުރެވޭ މާނަ: "ފަހެ،
ހަނގުރާމައިގައި ކަލޭގެފާނު އެއުރެން އަތުލައްވައިފިނަމަ،
އެއުރެންގެ ފަހުން އަންނާން ތިބި ބަޔަކު
ވަކިވަކިވެގެންދާނޭ ގޮތުން، އެއުރެންނަށް އަދަބު
ދެއްވާށެވެ! (އެއީ) އެއުރެން ގިނަގިނައިން
ހަނދުމަކުރުމަށްޓަކަ އެވެ."
ބަހަވީ ނަޒަރެއް
"ޔަތަޝައްމަމު" (يَتَشَمَّمُ) ގެ ޙަޤީޤީ މާނަ
އޮޅުންފިލުވުމަށްޓަކައި، މިތާނގައި ކޮށްލަންޖެހޭ ސުވާލެއް
ވެ އެވެ. ޢަރަބި ބަހުގައި، "ޔަތަފައްޢަލު" (يَتَفَعَّلُ)
ގެ ވަޒަނަށް ދާ ލަފުޒުތަކުންނާއި، "ޔައްފައްޢަލު"
(يَفَّعَّلُ) ގެ ވަޒަނަށް ދާ ލަފުޒުތަކުން ދޭހަވަނީ އެއް
މާނައެއްތޯ އެވެ؟
ޖަވާބަކީ، ނޫނެކެވެ. މި ދެ
ވަޒަނަށް ދާ ލަފުޒުތަކުން އެއް މާނައެއް ދޭހަވާނަމަ،
ކީރިތި ޤުރުއާނުގައި މި ދެ ވަޒަނަށް ދާ ކަލިމަތައް ތަފާތު
އާޔަތްތަކުގައި، ތަފާތު މަޤާމުތަކުގައި ނުވާނެ އެވެ.
މިތާނގައި ފާހަގަކޮށްލަންޖެހޭ ދެ ޙަޤީޤަތެއް ވެ އެވެ.
އެ ދެ ޙަޤީޤަތާ ނުލައި، "ޔަތަޝައްމަމު" (يَتَشَمَّمُ) ގެ
މާނަ އޮޅުން ނުފިލާނެތީ އެވެ.
ފުރަތަމަ ޙަޤީޤަތަކީ،
ކިޔާއިރު، "ޔައްފައްޢަލު" (يَفَّعَّلُ) އަށްވުރެ
"ޔަތަފައްޢަލު" (يَتَفَعَّلُ) ދިގު ކަމެވެ. "ޔައްފައްޢަލު"
(يَفَّعَّلُ) ގައި ވަނީ، ހަތަރު ބަޔެވެ. "ޔަތަފައްޢަލު"
(يَتَفَعَّلُ) ގައި ވަނީ، ފަސް ބަޔެވެ. ތަފުޞީލު ތިރީގައި
މިވަނީ އެވެ.
يَفَّعَّلُ = يَفْ + فَعْ + عَ + لُ
يَتَفَعَّلُ = يَ + تَ + فَعْ + عَ + لُ
ދެވަނަ
ޙަޤީޤަތަކީ، "ޔަތަފައްޢަލު" އަށްވުރެ "ޔައްފައްޢަލު" ގައި
އަކުރު ތަކުރާރުވުން ގިނަ ކަމެވެ. "ޔަތަފައްޢަލު"
(يَتَفَعَّلُ) ގައި ތަކުރާރުވެފައިވާ އަކުރަކީ، (ع)
"ޢައިނު" އެވެ. "ޔައްފައްޢަލު" (يَفَّعَّلُ) ގައި (ف) "ފާ"
އާއި، (ع) "ޢައިނު" ތަކުރާރުވެ އެވެ. އެހެން ޢިބާރަތަކުން
ބުނާނަމަ، "ޔަތަފައްޢަލު" (يَتَفَعَّلُ) އަށްވުރެ
"ޔައްފައްޢަލު" (يَفَّعَّلُ) ގައި ތަޝްދީދު ގިނަ އެވެ.
"ޔަތަފައްޢަލު" (يَتَفَعَّلُ) ގައި ވަނީ އެންމެ
ތަޝްދީދެކެވެ. "ޔައްފައްޢަލު" (يَفَّعَّلُ) ގައި ދެ
ތަޝްދީދު ވެ އެވެ. ޢަރަބި ބަހުގެ އުސްލޫބުން ބުނާނަމަ،
"ޔަތަފައްޢަލު" (يَتَفَعَّلُ) ގައި ވަނީ އެންމެ
ތަޟުޢީފެކެވެ. "ޔައްފައްޢަލު" (يَفَّعَّلُ) ގައި ދެ
ތަޟުޢީފު ވެ އެވެ.
ޢަރަބި ބަހުގެ ހަމަތަކުން
ބަލާއިރު، ހާމަވާ މި ދެ ޙަޤީޤަތުގެ އަލީގައި،
"ޔަތަފައްޢަލު" (يَتَفَعَّلُ) އާއި، "ޔައްފައްޢަލު"
(يَفَّعَّلُ) ގެ ތަފާތު ދެނެގަނެ، "ޔަތަޝައްމަމު"
(يَتَشَمَّمُ) މާނަކުރެވިދާނެ އެވެ.
"ޔަތަފައްޢަލު"
(يَتَفَعَّلُ) ގެ ވަޒަނަށް ދާ، ލަފުޒުގައި އަންނަނިވި
މާނަތައް އެކުލެވެ އެވެ.
1. ފިޔަވަޅަކަށްފަހު
ފިޔަވަޅެއް ކުރިއަށް ދިއުން.
2. ކަމަކަށްފަހު ކަމެއް
ކުރަމުންދިއުން.
3. ގަދައަޅައި މަސައްކަތްކުރުން.
4.
ބާރުގެ ބޭނުންކުރުން.
5. ކެތްތެރިވުމާއި،
ޙިލްމުވެރިވުން.
6. ކުރާ ކަމެއް، ބެލުންތެރިކަމާއި،
ފަރުވާތެރިކަމާއެކު ކުރަމުންދިއުން.
"ޔައްފައްޢަލު"
(يَفَّعَّلُ) ގެ ވަޒަނަށް ދާ، ލަފުޒުގައި އަންނަނިވި
މާނަތައް އެކުލެވެ އެވެ.
1. ކަމެއް ގިނަގިނައިން
ކުރުން ނުވަތަ ކަމެއް ކުރުން ގިނަކުރުން.
2. ކަމެއް
ތަކުރާރުކުރުން.
3. އާންމުކޮށް ކަމެއް ކުރުމަށް
ހަމަޖެހިފައި އޮންނަ އިން ފަހަނަޅައި ދިއުން.
މި
މާނަތަކަށް ބަލާއިރު، "ޔަތަފައްޢަލު" (يَتَفَعَّلُ) އާއި،
"ޔައްފައްޢަލު" (يَفَّعَّلُ) ގެ ތަފާތު އެބަ ހާމަވެ އެވެ.
"ޔަތަފައްޢަލު" (يَتَفَعَّلُ) ގެ ވަޒަނަށްދާ ލަފުޒު
ބޭނުންކުރެވެނީ، ގިނައިރު ދެމިހުންނަ ގޮތަށް ކުރެވޭ
ކަންކަމަށާއި، ގިނައިރު ތަފުޞީލީ ގޮތެއްގައި ކުރެވެމުންދާ
ކަންކަމަށެވެ.
"ޔައްފައްޢަލު" (يَفَّعَّلُ) ގެ
ވަޒަނަށްދާ ލަފުޒު ބޭނުންކުރެވެނީ، ކަމެއް އާންމު
ގޮތެއްގައި ކުރުމަށް ހަމަޖެހިފައި އޮންނަ އިން
ފަހަނަޅައިދާ ގޮތަށް ކުރެވޭ ކަންކަމަށާއި، ޢަދަދުގެ ގޮތުން
ގިނައިން ކުރާ ކަންކަމަށެވެ.
މާނައާއި މިސާލެއް
ދެން ބަލައިލާނީ، "ޔަތަޝައްމަމު" (يَتَشَمَّمُ) ގެ
މާނަ އަށެވެ. "ޔަތަޝައްމަމު" (يَتَشَمَّمُ) ގެ ވަޒަނަކީ،
"ޔަތަފައްޢަލު" (يَتَفَعَّلُ) އެވެ. އެހެންވީމާ،
"ޔަތަޝައްމަމު" (يَتَشَمَّمُ) މާނަކުރާއިރު އޭގައި،
ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް ދިއުމާއި،
ކަމަކަށްފަހު ކަމެއް ކުރަމުންދިއުމާއި، ގަދައަޅައި
މަސައްކަތްކުރުމާއި، ބާރުގެ ބޭނުންކުރުމާއި،
ކެތްތެރިވުމާއި، ޙިލްމުވެރިވުމާއި، ކުރާ ކަމެއް
ބެލުންތެރިކަމާއި، ފަރުވާތެރިކަމާއެކު ކުރަމުންދިއުން ފަދަ
މާނަތައް ހިމަނަންޖެހެ އެވެ. މިފަދަ
މާނަތައްއެކުލެވޭނެހެން މި ލަފުޒު އެންމެ ފުރިހަމައަށް
ދިވެހި ބަހަށް ތަރުޖަމާކުރެއްވި އެއް ބޭކަލަކީ،
ފަޟީލަތުއްޝައިޚު އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނު
ކަމަށް ބުނެވެ އެވެ. އެމަނިކުފާނު މި ލަފުޒު
ތަރުޖަމާކުރައްވާފައި ވަނީ، "އައްސީރަތުލް ޙަލަބިއްޔާ"
(السيرة الحلبية) ގައިވާ އަންނަނިވި ޢިބާރާތުގެ ތަރުޖަމާގަ
އެވެ.
فجاء الأسد يتشمم وجوههم حتى ضرب عتيبة
فقتله.
وفي رواية: فضخ رأسه.
ތިރީގައި މިވަނީ،
މި ދެ ޖުމުލައިގައި ވާ ލަފުޒުތަކުގެ ތަރުޖަމާ އެވެ.
فجاء: ފަހެ، އަތުވެއްޖެ
الأسد: ސިންގާ
يتشمم:
ވަސްބަލަމުންދަނީ
وجوههم: އެމީހުންގެ މޫނުތައް
حتى:
ދާންދެން
ضرب: ޖަހައިފި
عتيبة: ޢުތައިބާ
فقتله:
ފަހެ، އޭނާ މަރާލައިފި
و: އަދި
في: ގައި
رواية:
ރިވާއެއް
فضخ: ފަޅާލައިފި
رأسه: އޭނާގެ ބޯ
މި
މާނަތަކުގެ މައްޗަށް ބިނާކޮށް، ނަންގަނެވިދިޔަ ދެ ޖުމުލަ،
މިދަންނަވާ ގޮތަށް މާނަކުރެވިދާނެ އެވެ.
"ފަހެ،
ސިންގާއެއް އައިސް އެމީހުންގެ މޫނުތަކުގައި ވަކިވަކިން
ވަސްބަލަމުން ވަސްބަލަމުން ގޮސް ޢުތައިބާ ފެނުމުން އޭނާގެ
ގައިގައި ޖެހިޖެހީނުން އޭނާ މަރާލައިފި އެވެ. އެހެން
ރިވާޔަތެއްގައި ވަނީ، އެ ސިންގާ އޭނާގެ ބޯ ފަޅައިލި
ކަމަށެވެ."
ދެން މިއޮތީ ޞަލާޙުއްދީނު ކުރެއްވި
ތަރުޖަމާ ކަމަށް ބައެއް ލިއުންތެރިން ވިދާޅުވާ ތަރުޖަމާ
އެވެ.
"އިސާހިތަކު މި ތަނަށް ނިކުތް ސިންގާއެއްގެ
ބޮޑުކަމާއި ސިފަހުތުރުކަމުން ހަމަ އެކަކަށް ހިރިލާންވެސް
ނުކެރި ތިއްބާ އެކި މީހުންގެ މޫނަށް ވަކި ވަކިން ނޭވާ
އަޅަމުން ވަސްގަންނަމުން އައިސް ކުއްލިޔަކަށް އުތައިބަތުގެ
މޭފަޅައި ބޯޗިސްޗިސް ކޮށްލައިފައި ހިނގައްޖެ އެވެ."
މި ދެ ތަރުޖަމާ އަޅާބަލާއިރު ފާހަގަކުރެވޭ
ނުކުތާތަކެއް ވެ އެވެ.
1. ޞަލާޙުއްދީނުގެ
ތަރުޖަމާއަކީ، ލަފުޒީ ތަރުޖަމާއެއް ނޫނެވެ.
2. އަދި
އެއީ، ދޭހަ ތަރުޖަމާއެއް ވެސް ނޫނެވެ.
3. އެކަމަކު،
އެއީ، "ދޭހަ އިތުރު ތަރުޖަމާއެކެވެ."
އެހެނީ،
"އައްސީރަތުލް ޙަލަބިއްޔާ" (السيرة الحلبية) ގެ
ޢިބާރާތުގައި ނެތް ވާހަކަތައް ވެސް ޞަލާޙުއްދީނުގެ
ތަރުޖަމާގައި ވެ އެވެ. އެހެންކަމުން،
ތަރުޖަމާކުރެއްވުމަށްޓަކައި، ޞަލާޙުއްދީނު އިތުރު
މަޞްދަރުތައް ބެއްލެވި ކަމާއި، ތަރުޖަމާކުރައްވާފައިވަނީ،
"އައްސީރަތުލް ޙަލަބިއްޔާ" (السيرة الحلبية) ގައިވާ
ޢިބާރާތަށް ދޭހަ އިތުރުކުރައްވައިގެން ކަން އެނގެ އެވެ.
"އައްސީރަތުއް ނަބަވިއްޔާ" (السيرة النبوية) ގެ ދިވެހި
ތަރުޖަމާގެ ދޭހަ ފަހިވެ، މަޤުބޫލުކަން އިތުރުވެފައިވަނީ،
ޞަލާޙުއްދީނު، ދޭހަ އިތުރު ތަރުޖަމާއަކުން
ތަރުޖަމާކުރައްވާފައިވާތީ ކަމަށް ޤަބޫލުކުރެވެ އެވެ.
ނިންމުން
ލިޔެވިދިޔަ ފޮޅުވަތްތަކުގައި
އެވަނީ، މުޅި މައުޟޫޢަށް ހިންގާލާފައިވާ ޝާމިލު ނަޒަރެއް
ނޫނެވެ. އެހެނަސް އެއީ، "ޔަތަޝައްމަމު" (يَتَشَمَّمُ) ގެ
މާނައިން މުހިންމު ބައެއް ގެނެސްދެވޭތޯ ކޮށްފައިވާ
މަސައްކަތެކެވެ. މި ލަފުޒުގެ މާނައާމެދު ކުރެވޭ
ބަހުސްތަކުގެ ޗޭނަށް ބޮޅެއް އިތުކޮށްލުމުގެ މަޤުޞަދުގަ
އެވެ. މި މަޒުމޫނަކީ، އެ ބަހުސްތަކުގެ ކަރުހިއްކުން
ފިލުވައިދިނުމުގައި ބައިވެރިވާނެ "ފެންތަށްޓެއް" ކަމުގައި
ވެއްޖެނަމަ، މަޤުޞަދު ޙާޞިލުވީ އެވެ.