ޝަމްސުއްދީނުއް ތަބްރީޒީ
ޝަމްސުއްދީނުއް ތަބްރީޒީ (شمس الدين التبريزي) އަކީ،
ފާރިސްކަރައިގެ މަޝްހޫރު، ދީނީ ޢިލްމުވެރިއެކެވެ. ޒާހިދު
އަޅުވެރިއެކެވެ. ޞޫފީ މަޒުހަބުގެ ޝާޢިރެކެވެ. އެކަލޭގެފާނު
ނިސްބަތްކުރެވެނީ، ތަބުރީޒަށެވެ. އެކަލޭގެފާނުގެ އަޞްލު
ނަންފުޅަކީ، ޝަމްސުއްދީނެއް ނޫނެވެ. ޝަމްސުއްދީނަކީ،
އެކަލޭގެފާނުގެ ލަޤަބުފުޅެކެވެ. އަޞްލު ނަންފުޅަކީ،
މުޙައްމަދެވެ. އެކަލޭގެފާނު މަޝްހޫރުވެ ވަޑައިގެންފައިވަނީ
ޝަމްސުއްދީނުއް ތަބްރީޒީ ގެ ނަންފުޅުންނެވެ. އެކަލޭގެފާނު
ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ހިޖުރީ ސަނަތުން 582
ވަނަ އަހަރު އެވެ. އެއީ މީލާދީ ސަނަތުން 1185 ވަނަ
އަހަރެވެ. އެކަލޭގެފާނު ޝަހީދުކޮށްލެވުނީ، ބައެއް
ރިވާޔަތްތައް ބުނާ ގޮތުގައި، ހިޖުރީ ސަނަތުން 645 ވަނަ
އަހަރު އެވެ. އެއީ މީލާދީ ސަނަތުން 1248 ވަނަ އަހަރެވެ.
ޝަމްސުއްދީނުއް ތަބްރީޒީ އަކީ، ދަތުރުފަތުރު
ކުރެއްވުމަށް މަޝްހޫރު ބޭކަލެކެވެ. އޭނާ، ބަޣުދާދަށާއި،
ޤޫނިޔާ (قُونِيَة)، (Konya) އަށާއި، ދިމަޝްޤަށް
ވަޑައިގެންނެވި އެވެ. އެހެނަސް، ދިވެހިރާއްޖެއަށް
ވަޑައެއްނުގަންނަވަ އެވެ. އެކަލޭގެފާނުގެ ޞޫފީ މަޒުހަބުގެ
އުސްތާޛަކީ، ރުކުނުއްދީނުއް ސަޖާސީ (ركن الدين السجاسي)
އެވެ.
ޝަމްސުއްދީނަކީ، ފާރިސްކަރައިގެ މަޝްހޫރު
ޅެންވެރިޔާ، މައުލާނާ ޖަލާލުއްދީނުއްރޫމީ ގެ ރޫޙާނީ
(މަޢުނަވީ) އުސްތާޛެވެ. "ޢިޝްޤުގެ ސާޅީސް ޤަވާޢިދު" (قواعد
العشق الأربعون) އެވެ، ކިޔުނު ޤަވާޢިދުތައް
އެކުލަވައިލެއްވުމަށްޓަކައި، އެކަލޭގެފާނާއި،
ޖަލާލުއްދީނުއްރޫމީ، ސާޅީސް ދުވަސް ވަންދެން، ޤޫނިޔާގައި
އިޢުތިކާފަށް ތިއްބެވި އެވެ. އެއީ، އިލާހީ ޢިޝްޤުގެ
ޤަވާޢިދުތަކެކެވެ. އެ ޤަވާޢިދުތައް
އެކުލަވައިލެއްވުމަށްފަހު، ޝަމްސުއްދީނު ދިމަޝްޤަށް
ފިއްލަވައިގެން ވަޑައިގެންނެވި އެވެ. އެއަށްފަހު،
އަނެއްކާވެސް ޤޫނިޔާ އަށް އެނބުރި ވަޑައިގެންނެވި އެވެ.
އެކަލޭގެފާނު ޝަހީދުކޮށްލެވުނީ ޤޫނިޔާ (قُونِيَة)، (Konya)
ގައި ކަމަށް ބުނެވެ އެވެ. އަދި އެ ހާދިސާ ހިނގީ، ޚުވީ
(خوي)، (Khvoy) ގައި ކަމަށް ވެސް ބުނެވެ އެވެ. އެ ހާދިސާ
ހިނގި އަހަރަކީ، ހިޖުރީ ސަނަތުން 645 ކަމަށް ބައެއް
ރިވާޔަތްތަކުގައި ވެ އެވެ. ބައެއް ރިވާޔަތްތަކުގައި ވަނީ،
އެއީ، 644 ވަނަ އަހަރު ކަމަށެވެ. އެކަލޭގެފާނުގެ
ޒިޔާރަތަކީ، ބައިނަލްއަޤުވާމީ ތަރިކައެއް ކަމުގައި
ހަމަޖެއްސުމަށް ޔުނެސްކޯއަށް ހުށަހެޅިފައި ވެ އެވެ. އެ
ޒިޔާރަތް ވަނީ، އީރާނުގެ ޚުވީ ސަހަރުގަ އެވެ.
ބުނެވޭ ގޮތުގައި، ޢުމުރުފުޅުން ދިހަ އަހަރުއްސުރެ
ޝަމްސުއްދީނަށް ހުވަފެންފުޅުތަކެއް ފެނިވަޑައިގަންނަވަމުން
ދިޔަ އެވެ. އެ ހުވަފެންފުޅުތަކުގެ ވާހަކަ، އެކަލޭގެފާނުގެ
ބައްޕާފުޅު، އަލްއިމާމު ޢަލާއުއްދީނުގެ އަރިހުގައި
ދެންނެވި އެވެ. އެހެނަސް، ބައްޕާފުޅު، އެ
ހުވަފެންފުޅުތަކެއް ޤަބޫލުފުޅެއް ނުކުރެއްވި އެވެ.
ބޮޑުފުޅުވުމުން، ގޮދޮރު ދޫކުރައްވައި، ޝަމްސުއްދީނު
ދަތުރުކުރައްވަން ފެށްޓެވި އެވެ. އެކަލޭގެފާނު ކުރެއްވި
ދަތުރުފުޅުތައް ގިނަކަމުން، ދެ ރެޔަކު އެއްތަނެއްގައި
އެކަލޭގެފާނު އަވަހާފުޅު ނުލައްޕަވާނެ ކަމަށް މީހުން
ބުނެއުޅުނެވެ. ފައިސާ ހޯއްދެވުމަށްޓަކައި، އެކަލޭގެފާނު
ކުރެއްވި މަސައްކަތްޕުޅަކީ، ހުވަފެން
ތަޢުބީރުކުރެއްވުމާއި، އަތް ބެއްލެވުމެވެ. އެކަލޭގެފާނަށް
ފެނިވަޑައިގަންނަވާ ހުވަފެންފުޅުތަކެއްގެ ސަބަބުން، ބައެއް
މީހުން އެކަލޭގެފާނަށް ވަނަންފުޅެއް ދިނެވެ. އެއީ،
"މަޖުނޫނު" (މޮޔަމީހާ) އެވެ. އޭރު އެކަލޭގެފާނު
ވިދާޅުވަމުންގެންދެވީ، އެ ހުވަފެންފުޅުތަކުގައި
އެކަލޭގެފާނު، މާތް ﷲ އާއި، މަލާއިކަތް ބޭކަލުންނާ
ވާހަކަފުޅު ދައްކަވާ ކަމަށެވެ.
ޝަމްސުއްދީނުއް
ތަބްރީޒީ އާއި، މައުލާނާ ޖަލާލުއްދީނުއް ރޫމީ އާ ދެ
ބޭކަލުންގެ ދެމެދުގައި ބަދަހި ގުޅުމެއް އުފެދުނެވެ. އެ
ގުޅުމުގެ ސަބަބުން، ޖަލާލުއްދީނުއް ރޫމީ ގެ ޙަޔާތްޕުޅަށް
ވަރަށް ބޮޑު ބަދަލެއް އަޔެވެ. އެހެނީ، އާދައިގެ ދީނީ
ޢިލްމުވެރިއެއްގެ ގޮތުގައި އުޅުއްވި ޖަލާލުއްދީނުއް ރޫމީ،
އަސަރުގަދަ ޝާޢިރަކަށް ބަދަލުވެގެން ދިޔަ އެވެ. އަދި، ޞޫފީ
މަޒުހަބުގައި ސާބިތުވެ ހުންނަވައި، ލޯބިވެތިކަމަށް
ގޮވައިލެއްވި ބޭކަލަކަށް ވެސް ބަދަލުވެގެން ދިޔަ އެވެ.
އެހެނަސް، އެ ދެ ބޭކަލުންގެ ދެމެދުގައި އުފެދުނު
ރަޙުމަތްތެރިކަމުގެ ގުޅުން ކުޑަވަމުންގޮސް، ތިން އަހަރު
ވީއިރު އެ ގުޅުން ވަނީ، މުޅިން ކެނޑިފަ އެވެ.
ޝަމްސުއްދީނުއް ތަބްރީޒީގެ ޤާތިލުން ކަމަށް، ބައެއް
ރިވާޔަތްތަކުގައި ވަނީ، ޖަލާލުއްދީނުއް ރޫމީ ގެ
ދަރިވަރުންނެވެ. އެމީހުން އެކަންކުރި ސަބަބު ކަމަށް
ބުނެވެނީ، ޝަމްސުއްދީނާއި ޖަލާލުއްދީނާ ދެމެދުގައި
އުފެދުނު ރަޙުމަތްތެރިކަމުގެ ގުޅުމާމެދު އެމީހުން
ޙަސަދަވެރިވުން ކަމަށެވެ.
މާތް ﷲ، ޝަމްސުއްދީނުއް
ތަބްރީޒީ އަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް
މިންވަރުކުރައްވާށި އެވެ! އާމީން!