ފާރާބީ: މިޔުޒިކަށް ޚިދުމަތްކުރެއްވި ޢިލްމުވެރިއެއް
ފާރާބީގެ އަޞްލު ނަމަކީ، މުޙައްމަދު ބިން މުޙައްމަދު
ބިން އުޒުލަޣު އަލްފާރާބީ އެވެ. އޭނާއަށް ޢާއްމުކޮށް
ކިޔައި އުޅުނު ނަމަކީ، އަބޫ ނަޞްރެވެ. އޭނާގެ ލަޤަބަކީ،
"ދެވަނަ މުޢައްލިމް" ވެ. މި ލަޤަބުގެ މާނައަކީ،
އަރުސްޠޫއަށްފަހު ދުނިޔެ ދުށް އެވަރުގެ ދެވަނަ
ޢިލްމުވެރިޔާއެވެ.
ފާރާބީ ދުނިޔޭގެ އަލިކަން
ދެކެވަޑައިގަތީ، ހިޖުރައިން 260 ވަނަ އަހަރުގައެވެ. އެއީ
މީލާދީން 874 ވަނަ އަހަރެވެ. އޭނާގެ އުފަންރަށަކީ،
މެދުތެރޭ އޭޝިޔާގައިވާ "ފާރާބު" ނަމަކަށް ކިއުނު ރަށެކެވެ.
އޭނާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، ހިޖުރައިން
339 ވަނަ އަހަރުގައެވެ. އެއީ މީލާދީން 950 ވަނަ އަހަރެވެ.
ފާރާބީއަކީ، މުސްލިމް ފިލޯސަފަރެކެވެ. ޙިކުމަތުގެ
ޢުލޫމްތައް އޭނާ އުނގެނިވަޑައިގަތެވެ. އޭނާއަކީ، އެއްވަނަ
ދަރަޖައިގެ މޮޅު ހިސާބުޢިލްމުވެރިއެކެވެ. ތޫނުފިލި
ބުއްދިވެރި ޙިކުމަތްތެރިއެކެވެ. ފިޒިކްސް ޢިލްމަށް އެންމެ
ފުރަތަމަ، ހުސްތަނުގެ ޖާގަ ނުވަތަ ވޮލިއުމް އިތުރުކުރެއްވީ
އޭނާއެވެ.
ފާރާބީގެ ޢުމުރުފުޅުން ސާޅީސް އަހަރުގައި
ބަޣުދާދަށް ވަޑައިގަތެވެ. އަދި މިޞްރާއި ސީރިޔާއާ
ދެމެދުގައި ދަތުރުކުރެއްވިއެވެ. އެއަށްފަހު، ދިމަޝްޤަށް
ވަޑައިގެން އަވަހާރަވެއްޖައުމަށް ދާންދެން އެރަށުގައި
ހުންނެވިއެވެ.
ފާރާބި އުނގެނިވަޑައިގެންނެވި
ޢިލްމާއި ފަންނުގެ ތެރެއިން އޭނާ އެންމެ އަރާހުންނެވި އެއް
ފަންނަކީ މިޔުޒިކެވެ. އޭނާ މިޔުޒިކު ކުޅުއްވާއިރު،
އަޑުއަހަން ތިބޭ މީހުންނަށް، ވަކި ގޮތަކަށް މިޔުޒިކުގެ
އަސަރު ފޯރުކޮށްލައްވައެވެ. އާދޭހެވެ. އޭނާ ވަކި
ރާގުތަކެއް އިއްވާލެއްވުމުން، އަޑުއަހަން ތިބޭ މީހުންގެ
ލޮލުން ކަރުނަ ހިލި އެމީހުންނަށް ރޮވިދެއެވެ. ނުވަތަ
އުފާވެގެން ގޮސް އެމީހުން ހޭން ފަށައެވެ. ނުވަތަ
ހަމަހިމޭން ވެގެން ގޮސް އެމީހުންނަށް ނިދިދެއެވެ. މިފަދަ
އަސަރުތައް، އަޑުއަހާ މީހުންނަށް އޭނާ ފޯރުކޮށްލައްވަނީ
އެއްވެސް ދަތިކަމަކާ ނުލައެވެ. އެހެންކަމުން މިޔުޒިކުގެ
މައިދާނުގައި އޭނާ މަޝްހޫރުވެފައިވަނީ، އެފަދަ ދެވަނައެއް
ނެތް ލާމަސީލު ފަންނާނެއްގެ ގޮތުގައެވެ.
ފާރާބީ
ހަމައެކަނި މިޔުޒިކު ކުޅުއްވީއެއް ނޫނެވެ. އޭގެ އިތުރުން،
އެފަންނާބެހޭ ދިރާސާތައް ކުރައްވައި، ފޮތްތައް
އެކުލަވާލެއްވިއެވެ. އޭގެ ތެރެއިން ބައެއް ފޮތްތަކަކީ:
1. ކިތާބުލް މޫސީޤާ އަލްކަބީރް (މިޔުޒިކުގެ ބޮޑު
ފޮތް).
2. އިޙުޞާއުލް އީޤާޢު.
3. ކަލާމުން
ފިންނަޤްލާ.
4. ކަލާމުން ފިލް މޫސީޤާ (މިޔުޒިކާ ބެހޭ
ވާހަކަ).
5. އިޙުޞާއުލް ޢުލޫމް. މިފޮތުގެ ބަޔެއް،
މިޔުޒިކަށް ޚާއްޞަކުރައްވާފައި ވެއެވެ.
މީގެ
ތެރެއިން މިހާރު ފެންނަން އޮތީ، ފުރަތަމަ ފޮތެވެ. އެފޮތް
ޔޫރަޕުގެ އެކިއެކި ބަސްބަހަށް ތަރުޖަމާކުރެވިފައިވެއެވެ.
އަދި ޢަރަބި ޤައުމުތަކުގައި ވެސް އެ ފޮތަށް ވަރަށް ބޮޑު
އަހަންމިއްޔަތެއް ދެވިފައި ވެއެވެ. ޢަރަބި މިޔުޒިކާ ބެހޭ
ގިނަގުނަ މަޢުލޫމާތު އެ ފޮތުގައި ހިމަނުއްވާފައި ވާތީއެވެ.
ފާރާބީ ދެކެވަޑައިގަންނަވާ ގޮތުގައި، މިޔުޒިކަކީ
އިންސާނުންގެ ފިޠުރަތާ ގުޅިފައިވާ އެއްޗެކެވެ.
އެހެންކަމުން، އިންސާނުން އެ އުފެއްދީ، ފިޠުރަތީ ގޮތުން
އެބައިމީހުން އެއަށް ބޭނުންވާތީއެވެ. އަދި އޭގެ އަޑުތަކާއި
ރާގުތައް ގިނަވެ ތަރައްޤީވެފައިވަނީ، ޒަމާނުގެ ދުވަސްތަކާ
އެކުގައެވެ. މިއާއެކު، ވަރަށް މުހިންމު ޙަޤީޤަތެއް އޭނާ
ބަޔާންކުރައްވާފައި ވެއެވެ. "މިޔުޒިކު ކުޅޭ
އާލަތްތަކަށްވުރެ، މިޔުޒިކީ އަޑުތައް އުފެއްދުމަށް
އިންސާނާ މާކުޅަދާނައެވެ. އަދި އެ އާލަތްތަކުން އުފެއްދޭ
އަޑުތަކަށްވުރެ މާގިނަ އަޑުތައް އިއްވުމުގެ ކުޅަދާނަކަން
އިންސާނާއަށް ލިބިފައި ވެއެވެ. އެ އާލަތްތަކުގެ ދައުރަކީ،
އިންސާނީ އަޑުތައް ނަލަކޮށްދީ ޒީނަތްތެރިކުރުމެވެ."
މިޔުޒިކު ކުޅުއްވުމާއި ފޮތްތައް ލިއުއްވުމުގެ
އިތުރުން، މިޔުޒިކު ކުޅޭ ވަރަށް ގިނަ އާލަތްތައް ވެސް
ފާރާބީ އުފެއްދެވިއެވެ. އޭގެތެރެއިން އެންމެ މަޝްހޫރު
އާލަތަކީ "އަލްޤާނޫނު" ނަމަކަށް ކިއުނު އާލަތެވެ. އެއީ،
އޭގެ ވަޒީފާ އަދާކުރުމުގައްޔާއި އަދި އޭގެ ސިފައިގެ ގޮތުން
ވެސް ފަންނުގެ ޢަޖާއިބެއް ކަމަށް ލިއުންތެރިން
ބަޔާންކޮށްފައި ވެއެވެ. ކުރިއްސުރެ ބޭނުންކުރެވޭ
އާލަތްތައް ތަރައްޤީކޮށް ދެމެހެއްޓުމަށް ވެސް ފާރާބީ
މަސައްކަތް ކުރެއްވިއެވެ. އެގޮތުން، ޢޫދު ނަމަކަށް ކިޔޭ
އާލަތުން، އިތުރު ރީތި އަޑުތައް ނެރެދިނުމުގެ ޤާބިލުކަން
ހޯއްދަވައި ދެއްވިއެވެ. ބައެއް ހޯދުންތެރިން ބުނާ
ގޮތުގައި، ޢޫދަށް ފަސްވަނަ ވަތަރު އިތުރުކުރެއްވީ
ފާރާބީއެވެ. ސްޕެއިންގެ މެޑްރިޑްގައިވާ ފާރާބިގެ
ލިއުންތަކުގައި މިޔުޒިކު ކުޅޭ އާލަތްތަކުގެ 30 ފަރުމާ އޭނާ
ކުރައްސަވާފައިވެއެވެ.
ނަންގަނެވިދިޔަ އާލަތްތަކުގެ
އިތުރުން، ނަށާ އާލަތެއް ވެސް ފާރާބީ އީޖާދުކުރެއްވިއެވެ.
ލަކުޑިން ހަދާފައިވާ އަސްތަކެއް އޭގައިވެއެވެ. އަދި އެ
އާލަތް ހިންގާލުމުން އެ އަސްތައް ނަށައެވެ.
ފާރާބީ
ވަނީ މިޔުޒިކުގެ ބައިތައް ވަކިކުރައްވައި، އެއަށް
ނަންދެއްވާފަ އެވެ. އޭނާއަކީ، ޢިލްމީ ހަމަތަކެއްގެ މަތިން
މިޔުޒިކް ތަރައްޤީކުރެއްވި މުސްލިމު ޢިލްމުވެރިއެކެވެ. މި
މަޒުމޫނުގެ ބޭނުމަކީ، މިޔުޒިކުގެ އަހުލުވެރިންނާ ހަމައަށް
ފާރާބީގެ ޚަބަރު ގެނެސްދިނުމެވެ. ލިޔެވިދިޔަ
ފޮޅުވަތްތަކުން، ކޮންމެވެސް ވަރަކަށް އެކަން ޙާޞިލުވެފައި
ވާނަމަ، މަޤުޞަދު ޙާޞިލުވީ އެވެ.
މާތް ﷲ ފާރާބިގެ
ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ!
އާމީން!